ށ.ފީވަކަށް އުފަން އަބްދުﷲ ނައީމް އަލީ އޭނާގެ ޒުވާން ހަޔާތް ޚަލާސް ކުރީ ތައުލީމީ ދާއިރާ އަށް ޚިދުމަތް ކުރުމުގައެވެ. މެދު ނުކެނޑި 22 އަހަރު އޭނާ ހޭދަކުރެއްވީ ދަރިވަރުންގެ ހަޔާތް ތައުލީމުގެ ދަންމަރުން އަލިކުރުމުގައެވެ. ގައުމުގެ މުސްތަގުބަލް ބިނާކޮށްދީ، ހަރުދަނާ ޖީލެއް ބިނާކުރުމުގައި އޭނާ، ލޮތްބާއި އެކު ކުރެއްވި މަސައްކަތް މަޑުޖައްސާލަން މަޖުބޫރުވީ ސިއްޙީ ހާލަތު ތަން ނުދިނުމުންނެވެ.

ށ.ފީވަކުގެ ރަށު ސްކޫލްގައި ނައީމް އަދާކުރައްވަމުން ގެންދެވި މުދައްރިސްކަމުގެ ވަޒީފާއިން އިސްތިޢުފާދޭން އޭނާ އަށް މަޖުބޫރުވީ، ކިޑްނީ ފެއިލްވެ ދިރިއުޅުމަށްޓަކައި ޑަައިލިސިސް އަށް ބަރޯސާވާން ޖެހުނު ހިސާބުންނެވެ. 2018 ވަނަ އަހަރު ވަޒީފާ އާއި ލޯބިވާ ރަށާއި އަލްވަދާއު ކިޔުމަށް ފަހު، މާލެ އައިސް ފާއިތުވި އަހަރެއްހާ ދުވަހު ނައީމްގެ ދިރިއުޅުން ހޭދަކުރަން ޖެހިފައި ވަނީ ޑައިލިސިސްގެ ހިޔަލުގައެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން ނައީމް އަށް ކިޑްނީގެ މައްސަލަ ދިމާވިކަން އެނގުނު ހިސާބުން ފެށިގެން އެކި ގައުމުތަކަށް ގޮސް އޭނާގެ ބައްޔަށް ކުޑަ ނަމަވެސް ލުޔެއް ލިބޭތޯ މަސައްކަތް ކުރެވުނުކަން ނައީމް ވަނީ "ވަގުތު" އަށް މައުލޫމާތު ދެމުން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ހިތާމައަކީ އޭގެއިން އެއްވެސް ދަތުރަކުން، ޑޮކްޓަރީ ބޭހަކުން ފަރުވާއެއް ނުލިިބި، ނައީމްގެ ހާލަތު ދިޔައީ ގޯހުން ގޯހަށެވެ.

"ތައިލޭންޑާއި މެލޭޝިއާ އަށް ވެސް ދެވުނު. މެލޭޝިއާ، ތައިލޭންޑުން ވެސް ޕްރޮޓީން ލީކުވުން ނުހުއްޓުވުނު. މީގެ ފެށުންވެސް އެނގޭ. އެއީ މާލޭގައި ސްކޫލްގައި ކިޔަވަން އުޅުނު އިރު ފައިގެ ބޮޑުވާ އިނގިލީގައި ރިއްސާތީ ދެއްކީމާ ބުނީ ޔޫރިކް އެސިޑް ހައި އީއޭ. ގޯޓް އާރްތްރައިޓީސް އޭ. ދެން ގޯޓަށް ފަރުވާ ކުރަމުން ގޮސް ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ފެށުނު ފަހުން މި ކިޑްނީ އަށް މައްސަލަ ދިމާވާން ފެށީ. އެއާއި ގުޅިގެން ދެވިފައި ހުންނަ ބޭހެއް ކެވިގެން ގޮސް ކިޑްނީ އަށް ގެއްލުން ވާން ފެށީ. އެ ބޭހާއި ނުލާ ނުއެއް އުޅެވުނު އޭރަކު. އެއީ ތަދު ކަނޑުވާ ބޭހެއް." އޭނާ ކިޔާދިނެވެ.

ދެ ކުދިންގެ ބައްޕައެއް ކަމަށްވާ ނައީމްގެ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ތައްޔާރުވެފައިވާއިރު އެނާ އެދެނީ ވީހާވެސް އަވަހަށް ކިޑްނީގެ އެހީތެރިކަން ލިބި ރާއްޖެއިން ބޭރާށް ފުރޭ ގޮތް ވުމެވެ.

"ރާއްޖެއިން ލިބިއްޖެއްޔާމު އިންޑިއާ އަށް ނޫނީ ލަންކާ އަށް ފުރާނީ. އެންމެ އަވަހަށް ދެވެ ތަނަކަށް. މާލީ އެހީތެރިކަމެއް ބޭނުމެއް ނުވޭ. އޯޕޮޒިޓީވް ގްރޫޕްގެ ކިޑްނީ އެއް ބޭނުމީ. ކިޑްނީއެއް ވިއްކިޔަސް ގަންނަންވެސް ކިޑްނީ އެއް ބޭނުންވޭ." އޭނާ ބުންޏެވެ.

ނައީމް އަށް ކިޑްނީގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތެއް ހުރި ނަމަ 9631415 އަށް ގުޅުއްވާ އެ މއުލޫމާތު ދެއްވުމަކީ އޭނާ އާއި އާއިލާގެ އިޚުލާސްތެރި އެދުކެވެ. މިހާރުވެސް އެދުމަތިކުރެވިފައިވާ ނައީމް ހުރީ ވީހާވެސް އަވަހަކަށް ކިޑްނީ އެއް ލިބި އޭނާ އަށް ފަރުވާ އެއް ފުރޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. މާތް ﷲ ނައީމް އަށް އަވަަސް ޝިފާއެއް މިންވަރުކުރައްވާށިއެވެ. އާމީން!


މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފެންނަ

    މިފަދަ ޙާލުގައި އުޅޭ ފަރާތްތަކަށް ސަރުކާރުން އެހީ ނުވަނީ ކީއްވެ.. އަހަންނަށް މާތްﷲ ތަނަވަސް ކަމެއް ދެއްވައިފި ނަމަ ނިކަމެތިންނަށް އެހީ ވުމަކީ އަހަރެންގެ އަބަދުވެސް ޢަޒުމެކެވެ.

    57
    • ސައިސްތާ

      މާތް ﷲ ރަހްމަތުން ވީހާވެސް އަވަހަކަށް ކިޑްނީ އެއް ލިބި އަވަސް ސިފާއެއް މިންވަރު ކުރައްވާށި.އާމީން

      70
  2. ހެޔޮއެދޭ

    މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.އާމީން.

    60
  3. ސައިސްތާ

    މާތް ﷲ ރަހްމަތުން ވީހާވެސް އަވަހަކަށް ކިޑްނީ އެއް ލިބި އަވަސް ސިފާއެއް މިންވަރު ކުރައްވާށި.އާމީން

    46
    1
  4. ހެއޮއެދޭ ޖެނުއަރީ 20, 2021 12:00

    މާތް ﷲ ރަހްމަތުން ވީހާވެސް އަވަހަކަށް ކިޑްނީ އެއް ލިބި އަވަސް ސިފާއެއް މިންވަރު ކުރައްވާށި. އާމީން

    35
    1
  5. ޒުލޭހާ

    މާތް ﷲ ރަހްމަތުން ވީހާވެސް އަވަހަކަށް ކިޑްނީ އެއް ލިބި އަވަސް ސިފާއެއް މިންވަރު ކުރައްވާށި.އާމީން

    28
  6. ައަހުމަދު

    ﷲއިރާދަފުޅާއި މިންވަރުފުޅުން ކިޑުނީއެއް ލިބި އަވަސްޝިފާއެއް މިންވަރުކުރައްވާށި. އާމީން.

    26
  7. Anonymous

    ﷲ ތިބާއަށް ރަހްމަތް ލައްވާށިއެވެ މެންދަމުގެ ވަގުތުގައި ﷲ ހަށް އެހީ އަށް އެދި ދަންނަވާށެވެ އަޖައިބު ކުރަނިވި ގޮތަކަށް ﷲ މަދަދު ފޮނުއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ