(ފުވައްމުލައް ސިޓީ) ތާރީހީ ގިނަ ތަންތަން ހުރި ޏ. ފުވައްމުލަކުން ހިމާޔަތްކޮށްފައިވާ ކޮންމެ ތަނެއްގެ ބޭރުގައި ބޯޑެއް ހަރުކޮށްފައި އެބަ ހުއްޓެވެ. އެ ބޯޑުގައި އެތަނަކީ ކޮބައިކަމާއި އެތަނުގެ މައުލޫމާތުތައް ލިޔެފައި އެބަ ހުރެއެވެ. ނަމަވެސް މި ތަންތަނަކީ ނަމެއްގައި ހިމާޔަތްކޮށްފައިވާ ތަންތަނެވެ. ތަން ސާފްކޮށް ބަލަހައްޓަން މާ ބޮޑު ކަމެއް ނުކުރެއެވެ. ފެންނަ ފެނުމަށް ތަން ވީރާނާ ވާން ދޫކޮށްލާފައި ހުރީއެވެ.

މިރަށުގެ ތާރީހުގެ ތެރެއިން ކެޑޭރެ މިސްކިތަކީ ފުވައްމުލައް ދެވަނަ ފަހަރަށް ފަޅުވުމަށްފަހު މީލާދީން 1555 ވަނަ އަހަރު އަލުން ފުވައްމުލައް އާބާދު ކުރުމަށް ލ. އަތޮޅުން ވަޑައިގަތް ބޭފުޅުންގެ ތެރޭގައި ހިމެނޭ އަލީ އަޑަފި ކަލޭގެ ބިނާ ކުރެއްވި މިސްތެކެވެ.

ފުވައްމުލަކު ކެޑޭރެ މިސްކިތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މިސްކިތަކީ ނަމާދު ކުރަން ބޭނުން ކުރާ މިސްކިތެއް ނޫނެވެ. އެކަމަކު، ކުރިން މިތަނުގައި ނަމާދުކޮށްފައިވާ ކަމަށްވެއެވެ.

ފުވައްމުލަކު ކެޑޭރެ މިސްކިތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މިދިޔަ ރޯދަ މަހުގައި މިސްކިތުގައި ނަމާދުކޮށްފައިވެއެވެ. މިހާރު ކެޑޭރި މިސްކިތް ކުރިމަތީގައި ބޮޑު މިސްކިތެއް ހަދާފައިވާ އިރު، މީގެ ހަތް ވަރަކަށް އަހަރު ކުރިން، އެތަނުގައި ހުރި ކުޑަ މިސްކިތް ބޮޑު ކުރަންވެގެން ކެޑޭރި މިސްކިތުގައި ނަމާދު ކުރިއެވެ.

މި މިސްކިތާ ގުޅޭގޮތުން މިރަށު ސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލީ ވިދާޅުވީ، މިރަށް ފަޅުވުމުން މީހުން ފުރައިގެން ދިޔައީ ލ. އަތޮޅަށް ކަމަށާއި، ލ.އަތޮޅުން ފަސް މީހަކު އެނބުރި ރަށަށް އައި ކަމަށެވެ. އަދި އެ މީހުން އައިސް ރަށުގެ ފަސް ސަރަހައްދެއްގައި މިސްކިތް ބިނާ ކުރި އިރު، ކެޑޭރި މިސްކިތަކީ މިގޮތަށް ބިނާ ކުރެވުނު މިސްކިތެެވެ.

ފުވައްމުލަކު ކެޑޭރެ މިސްކިތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެމީހުން އައިސް ފަސް ސަރަހައްދެއްގައި މިސްކިތް ބިނާކުރެއްވި އިރު، މިއީ 1555 އާއި 1550 އާ ދެމެދު ބިނާ ކުރެއްވި މިސްކިތެއް، އެ މިސްކިތްތައް ހުއްޓާ ބައެއް މިސްކިތްތައް ރަށްވެރިކަމުގެ ދުވަސްވަރު، މިސްކިތްތައް އެއްހިސާބެއްގައި ގިނަވެގެން ކަމަށް ބުނެ ބައެއް މިސްކިތްތައް ނަގާލީ، އެ މިސްކިތްތަކުގެ ތެރެއިން މިހާރު މި ހުރީ މި މިސްކިތް އެކަނި،" މުހައްމަދު އަލީ ވިދާޅުވިއެވެ.

މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، އޭނާގެ އުމުރުން ޅަ އިރު މަތިއެތި މިސްކިތެއް ފެންނަން ހުއްޓެވެ. އަދި ސްޓޭޑިއަމް ކައިރީގައި ވަރަށް ރީތި މިސްކިތެއް ހުރިކަންވެސް ފާހަގަކުރެއްވިއެވެ.

ކެޑޭރި މިސްކިތް ކުރިން ހުންނަނީ ފަނުންނެވެ. މާބޮޑަށް އަޅާނުލެވި ގޮސް، އެ މިސްކިތުގައި ކުރިން ހުރި މަތިވަޑާން ހަލާކުވީއެވެ.

"އެ ގޮސްގެން ފަހުން އެ ޑިޒައިނަށް ފަހުން ހަދާފައި ހުރި ފްރޭމްގަނޑެއް އެ މަތިވަޑާމަކީ، އެއީ ހައިވަރަކުން ހަދާފައި ހުރި މަތިވަޑާމެއް، އެހެން ހުއްޓާ ފަހުން ކައުންސިލް އައިސްގެން ބަދަލު ކުރީ، މިހާރުވެސް އެ ހުރީ އެތަނުގައި ފުރާޅު ގޮސްފައި". މުހައްމަދު އަލީ ވިދާޅުވިއެވެ.

މި މިސްކިތަށް ބަލާއިރު، މިއީ އާނުކަނޑައިގެން ނުވަތަ ވެލިގަލުން ބިނާ ކޮށްފައިވާ މިސްތެކެވެ. އަދި މިސްކިތުގައި ވިޔެފައިވާ ފަންވެސް ބޭނުން ކޮށްފައި ވެއެވެ. އަދި ޓިނުން މިސްކިތް ހިޔާކޮށްފައިވާއިރު، މިސްކިތުގެ އެތެރެއަށް ފެން ވާންނާތީ ވިޔެފައި ހުންނަ ފަން ޖަހާފައި ހުއްޓެވެ. އަދި ބިންމަތީގައި ތަޅުން އަޅާފައި ވެއެވެ. އަދި ނަމާދު ކުރުމަށްޓަކައި ތަރުފާލު އަޅާފައި ހުއްޓެވެ. އެރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި، އެ މިސްކިތް އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ އޮށް ވެލި އަޅައިގެންނެވެ. އަދި ނަމާދު ކުރުމަށް ކުނާ ވެސް އެޅިއެވެ.

މި މިސްކިތް ހުންނަ ސަރަހައްދުގައި ވަށައިގެން ފާރު ރާނާފައިވާއިރު، މިސްކިތުގެ އެތެރޭގައި ވެވެއް ހުރި ތަނެއް ހުއްޓެވެ. މިހާރު އެތަން ފެންނަން ނެތް ކަމުގައިވިޔަސް، މިހާރު އެ މިސްކިތުގެ ވަޅު ބަހައްޓާފައި ހުރީ އެ ސަރަހައްދުގައެވެ.

ކެޑޭރި މިސްކިތުގެ ގޯތި ތެރޭގައި 40 ހާފިޒުންގެ މަހާނަ ހުންނަ ކަމަށް ވެއެވެ. އެއީ އެއް އާއިލާއެއްގެ 40 މީހުން ކަމަށްވެސް މިރަށު މީހުން ބުނެ އުޅެއެވެ.

ފުވައްމުލަކު ކެޑޭރެ މިސްކިތުގައި ވަޅުލިކަމަށް ބުނާ ހާފިޒުންގެ މަހާނަތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެ އިތުރުން، ރާއްޖޭގެ އަތޮޅެއްގެ ވެރިކަން ކުރި ދޮންސިއްތީބު އާއި އޭނާގެ ފިރިމީހާ ކެލަ ތަކުރު މަހާނަވެސް ހުންނަނީ މި މިސްކިތުގެ ގޯތި ތެރޭގައެވެ. އަދި އިތުރު ބައެއް މީހުންގެ މަހާނަތައްވެސް މި މިސްކިތުގައި ހުރެއެވެ.

ފުވައްމުލަކު ކެޑޭރެ މިސްކިތުގައި ހުރި ބައެއްމަހާނަތައް-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.