ގަދަކަމުން ބަދުއަޚްލާޤީ އަމަލުހިންގުމާއި ފޮށުމުގެ މައްސަލަތަކަކީ ދިވެހި ރާއްޖޭގައި އެއްއިރަކު މަދު ކަމެއްކަމަކު، މިހާރު އިތުރުވަމުން އަންނަ ކަމެކެވެ. ކޮންމެ ފަހަރަކުވެސް މިފަދަ މައްސަލައެއް ފެންމަތިވާއިރު، ގިނަ ދިވެހިން ބުނާ އެއް ވާހަކައެއް އޮވެއެވެ. "ގޭގަ އޮތްނަމަ ތިހެންނުވީސް"، އެހެންނަމަވެސް، އުފެދޭ ސުވާލަކީ ގޭގައި އޮތުމަކީ މިކަމަށް އޮތް އެންމެ ސަޅި ހައްލު ހެއްޔެވެ؟ ސަޅި ކަނޑާފައި، އެއީ އެކަމަށް އޮތް ހައްލެއްތޯވެސް ސުވާލުކޮށްލަމެވެ.

ފޮށުމަކީ ކުރާކަމަކަށް ނުވާތީ މިއީ ކީއްވެގެން ކުރާމެއްތޯ މަގުމަތީގައި ލާޗާރުބިޗާރައަށް އުޅެމުން ދިޔަ މީހަކާ ސުވާލުކޮށްލީމެވެ. އަދި ގަޔަށް އަރައި ނުގަންނާށެވެ. މަގުމަތީގައި އެމީހަކު ހުރުމުން، އެމީހަކަށް "ޖަޖް" ކުރަނީކީ ނޫނެވެ. އެމީހާގެ ގޮތް ރަގަނޅަށް ދަންނާތީ ހަމަ ބުނެލީއެވެ.

"ފޮށެނީ އަސްލު މައެ އެއްނޫން. ދެން ޗިކުން ފައިފެންނަ ވަރުގެ އެއްޗެހި ލާގެން ދަންޔާ ބެލޭނެދޯ. ހަމަ ފިރިހެންވަންތަކަން ފުރިއަރަނީ. އަނެއްކާ ދަމުން އެދޭ ސެކްސީ ސުމައިލްއެއް. ދެން ނަންބަރު ނާހާ ހުރެވޭތަ؟" ބުނާނެ ހަމަ އެކަށްޗެއްވެސް ނޭންގުނެވެ. އެއީ ދިވެހި ބައެއް ޒުވާނުންގެ ވިސްނުން ކަމެއް ކުރިއަކުން ވިސްނިފައެއްނެތެވެ.

ކޮންމެއަކަސް އެމީހަކު އެބުނި ވާހަކައަށް ފުންކޮށް ވިސްނާލަމާ ހިގާށެވެ. ފުރަތަމަ އެބުނީ ލައިގެންދާ ހެދުމުގެ ވާހަކައެވެ. އެއްވެސް ހާލެއްގައި މީހަކު ހެދުން ލާންޖެހޭނީ އެހެންމީހުން އޭނާމެދު ވިސްނާފާނެ ގޮތަކަށް ކަމެއް ޤަބޫލު ނުކުރަމެވެ. އަދި އެމީހެއްގެ ވާހަކައިގައި ބުނީ އަންހެން ކުދިން ހެދުން އަޅާގޮތުގެ ވާހަކައެވެ. އަދި "ފިރިހެން ވަންތަކަން" އުތުރި އަރާ ވާހަކައެވެ. އަންހެނުންނަށް މި ޤާނޫނުހިނގާނަމަ، އަންހުންގެ ތެރޭގައި ފިރިހެނުން ފެނި، "އަންހެން ވަންތަކަން" ބަންޑުންވާނެ ކަނބަލުން އުޅޭނެތާއެވެ. މިހެންކަމުން، ފިރިހެނުންވެސް ހެދުން އަޅަންވާނީ ބަލާގެންނެވެ. ދެން ބުނީ "ސުމައިލް" ދޭ ވާހަކައެވެ. އިންސާނުންގެ މިޒާޖު ހުންނަ ގޮތުން، މީހަކާ ދިމާޔަށް ހީލުމަކީ އެމީހަކާ ހިތާވި ކަމުގެ "ސިގުނަލް" އެއްކަމެއް ޤަބޫލެއްނުކުރެވެއެވެ.

ފުލުހުންގެ ތަފާސް ހިސާބު ތަކުން މިދިޔަ އަހަރު އެކަނިވެސްވަނީ ޖިންސީ ފުރައްސާރަ ކުރުމުގެ 416 މައްސަލައެއް ހުށައަޅާފައެވެ. މިއީ ދިވެހި ރާއްޖޭގެ އާބާދީއާއި އަޅާބަލާއިރު ބޮޑު ނިސްބަތެކެވެ. ޖިންސީ ފުރައްސާރަ ކުރުން ފެށޭ ހިސާބަކީ މަގުމަތީގައި ފޮށޭފޮށުން ކަމުން، ފޮށުމަކީ އެކަމާމެދު ޤާނޫނީ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހޭކަމެއްކަން ޤަބޫލުކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފިލި

    މިރާއްޖޭގައި މީގެކުރިން އަންހެނުން ހަށިގަނޑުގެ ތިބުނާ ގުނަވަންތައް މާބޮޑަށް ހާމަވާ ހެދުން ލައިގެން އުޅުނެވެ. އެއިރުވެސް ފިރިހެނުން އުޅުނެވެ. އެކަމަކު ގަދަކަމުން ޖިންސީ ގުޅުން ހިންގާކަމުގެ އަޑެއް ނައަރައެވެ. އެއިރު ބުރުގާވެސް ނައަޅައެވެ. އަދި އަންހެންކުދިން 15 އަހަރުވަންދެން ހައެކަނި ކަނޑިކިއަދެގެންވެސް އުޅުނެވެ. މިހާރު މިކަން އެހާ އާންމުވަނީ ވިސްނުމާ ފިކުރަށް އައި ބަދަލެއްގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. ތިބުނާ ކަހަލަ ކުދިން ފެނުމުން ހިތުގައި ޝައިޠާނީ ވަސްވާސް އުފެދޭނެއެވެ. އެކަމަކު ތިމާގެ އަމިއްލަ ނަފްސަށް ގަދަރުކުރާ މީހަކަށް އަމިއްލަ ނަފްސް ކޮންޓްރޯލްކުރެވެންވާނެއެވެ. އަދި ތިމާގެ ޒަމީރު ހޭލާހުރި މީހަކު ﷲ މަތިން ހަނދާންވާމީހަކު ތިކަންކަމުން ސަލާމަތްވާނެއެވެ.

    • ދިވެއްސެއް

      ތިދެންނެވީ ވަރަށް ބޮޑު ތެދުފުޅެއް.

    • ހަމާރާ

      އެބުނާ ޒަމާނުގައި އެކަހަލަ ކަންކަން ނުހިނގައޭ. ހިނގާ ކިތައްމެ ވަރަކަށްވެސް ހިނގާފަ ހުރީ. އެއްވެސް ދިރާސާއެއް ހަދާފަ ތަ ތިބުނީ އެއްވެސް ކަމެއް ނުހިނގައޭ. އެޒަމާނުގައި އެއީ އެއްވެސް ކަމެއްކަމަށް މީހުން ނުހަދަނީ

  2. ޙުސެން

    ކާއިނާތުގެ ވެރި ރައްބު އަންގަވާފައިވާ ގޮތަށް އަންހެނުންވެސް ހެދުން އެޅުން ހުށި. ފިރިހެން ވެސް އަންހެނުންވެސް ބެލުން ތިރިކުރުމަށް އަމުރު ކުރައްވާފައިވޭ. ޒިނޭ އާއި ގާތްވެސް ނުވުމަށް އަންގަވާފައިވޭ. އެހެންކަމުން މިކަންތަކަށް ސަމާލު ވާނަމަ ތިކަންތައް ރަނގަޅުވާނެ.

  3. ޭޫއޫޕްސް

    ކޮބާ އަދި ނެތް ދޯ މިއަށް އެއްޗިހި ގޮވާފަ ފޮށުމަށް ތަރުހީބު ދީފަ ކޮމެންޓު ކުރާނެ ސިކުނޑި ނެތް ދިވެއްސެއް؟

  4. Anonymous

    ފުރަތަމަ ސުރުޚީ ކިޔާފަ މަ ހީކުރީ ގޭގަ ނުތިބެގެން ކަމަށް ފޮށެނީ.

  5. ދިވެއްސެއް

    ފިލި...ތިދެންނެވީ ހަމަ ވަރަށްބޮޑު ތެދުފުޅެއް.

    • ޢަބުފާ

      ޑޮގެއް.. ގުރުއަން އާއި ހަދިތް ދޮފުނުވާނެ