ކޮއްޔަ ހަސަން މަނިކު 67، އާ ބެހޭ ގޮތުން ރާއްޖޭގެ މަޝްހޫރު ފިލްމީ ބަތަލާ ނިއުމާ މުހައްމަދު ސިފަ ކުރީ ބައްޕައެއްގެ ގޮތުގައެވެ. އަމިއްލަ ބައްޕަ ނިޔާވުމުން އެ ކުރާ ހިތާމަ ނިއުމާ މިއަދު އެ ކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކުރީގެ މަޝްހޫރު ފިލްމީ ތަރި ރީކޯ މޫސަ، ކޮއްޔަ ހަސަން މަނިކު ސިފަ ކުރެއްވީ ހިތްހެޔޮ، ސަކަ މިޒާޖެއް ހުންނަ މީހެއްގެ ގޮތުގައެވެ. ދިވެހި ފިލްމީ ދާއިރާގައި އެތައް ބައެއްގެ ސަމާލުކަން ލިބުނު ކޮއްޔަ ހަސަން މަނިކު ކޮވިޑް-19 ބަލީގައި ނިޔާވެގެން ދިއުން ވެގެން ދިޔައީ އެތައް ބަޔަކަށް ލިބުނު ހިތްދަތި ހަބަރަކަށެވެ.

ހެއްވާއި ރޯލްތަކުންނާއި ސީރިއަސް، ރުޅިގަދަ ރޯލްތަކުން ފެނުނު ކޮއްޔަ ހަސަނަކީ ދިވެހި ސިނަމާތަކަށް އާ މޫނެއް ނޫނެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ކޮއްޔަ ހަސަން މަނިކަކީ ގިނަ ބައެއްގެ ލޯތްބާއި ގަދަރާއި އިހްތިރާމް ހޯދާފައިވާ މީހެކެވެ. އޭނާ ވަނީ 1980 ގެ އަހަރުތަކުން ފެށިގެން ދިވެހި ފިލްމީ ދާއިރާގައި ގިނަ މަސައްތްތަކެއް ކޮށްފައެވެ. އެގޮތުން ޓީވީ ޑްރާމާތަކާއި، ފިލްމްތަކުގައި އެކި ރޯލުތަކުން ފެނިފައިވާ ކޮއްޔަ ހަސަން މަނިކަކީ އާއްމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ޝަހްސިއްޔަތެކެވެ.

އެގޮތުން 12 ވަރަކަށް ޓީވީ ޑްރާމާ ސިލްސިލާ ކުޅެފައިވާ އިރު އަމިއްލަ ޑްރާމާއެއް ވެސް އުފައްދައިގެ ކުޅެފައިވެއެވެ. ހަސަން މަނިކު ވަނީ ފީޗަ ފިލްމް ވެސް ކުޅެފައެވެ. އެގޮތުން މިހާތަނަށް 10 ވަރަކަށް ފީޗަ ފިލްމް ކުޅެފައިވާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމަކީ ދެރިޔާއެވެ.

ފޮޓޯ: ކޮއްޔަ ޙަސަން މަނިކު

ކޮއްޔަ ހަސަންގެ އެންމެ ފުރަތަމަ ފީޗަ ފިލްމަކީ "ލޯބިވެވިދާނެ" އެވެ. އެ ފިލްމްގައި އޭނާ ކުޅެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް ކަން ވެސް ކުރެއްވި ރީކޯ މޫސަގެ ގާތް ރަހްމަތްތެރިއެއްގެ ރޯލެވެ. ރީކޯ މޫސަ ފިލްމުތަކާއި ލަވަތަކުގައި މަސައްކަތް ކުރެއްވި ދުވަސްވަރުގައި ކޮއްޔަ ހަސަން މަނިކާއެކު ވަނީ ގިނަ ފިލްމުތަކެއް ކުޅުއްވައިފައެވެ.

ކޮވިޑް ބަލީގައި ނިޔާވުމާ ގުޅިގެން ރީކޯ މޫސަ "ވަގުތަށް" ވިދާޅުވީ ކޮއްޔަ ހަސަނަކީ މީހުންނާ ގުޅޭ ވަރަށް ހެޔޮ މިޖާޒެއްގެ ސަކަ މީހެއް ކަމަށެވެ.

ފިލްމީ ދާއިރާއަށް ވަދެވުމުގެ ކުރިންވެސް ކޮއްޔެ ހަސަން މަނިކަކީ ގާތް އެކުވެރިއެއްކަން ފާހަގަކުރައްވަމުން ރީކޯ މޫސަ ވިދާޅުވީ ފިލްމީ އުދަރެހަށް ނިކުތުމުގެ ކުރިން އޭނާއަކީ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށެވެ. އެގޮތުން ނިއުރޭޑިއެންޓްގައި އިސް ދައުރެއް އަދާކޮށްފައިވާއިރު، އޭރު މުޅި އެ ކްލަބް ހިފަހައްޓާފައި ވަނީ ކޮއްޔަ ހަސަން މަނިކު ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ހެންވޭރުކޮޅުގައި އޭނާއަކީ ވަރަށް މަޝްހޫރު މީހެއްކަން ފާހަގަކުރައްވަމުން ރީކޯ ވިދާޅުވީ ކޮއްޔައަކީ އިޖްތިމާއީ ކަންކަމުގައިވެސް ފާހަގަކޮށްލެވޭ މީހެއް ކަމަށެވެ.

ރީކޯ ވިދާޅުވި ގޮތުގައި އޭނާ ސިޔާސީ މައިދާނަށް ނިކުމެވުނީ ކޮއްޔެ ހަސަން މަނިކުގެ ނުހަނު ބޮޑު އެހީތެރިކަމަކާ އެކުއެވެ. އެގޮތުން ރައްޔިތުން މަޖިލީހުގައި ލ. އަތޮޅު ތަމްސީލު ކުރަން ނުކުންނެވުނީ ކޮއްޔަ ހަސަން ކެމްޕޭންގައި ވެދިން ބޮޑު އެހީތެރިކަމާ އެކުގައި ކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަކީ ލ. އަތޮޅަށްވެސް އާ މީހެއް. އަޅުގަނޑަށް ލ. އަތޮޅު ތައާރަފްކޮށްދިނީ ވެސް ކޮއްޔަ ހަސަން. ސިޔާސީ މައިދާނަށް ނިކުމެވުނީ ހަގީގަތުގައި ކޮއްޔަގެ ބުރަ މަސައްކަތުން." ރީކޯ ވިދާޅުވިއެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކެމްޕޭންގެ ހަނދާންތައް އާ ކުރައްވައި ރީކޯ ވިދާޅުވީ ކޮއްޔައަކީ ކުޅަދާާނަ ވާހަކަދެއްކުން ތެރިއެއް ކަމަށެވެ. އަދި އޭނާގެ ވާހަކަތަކުން މީހުންގެ ހިތްތައް ފަސޭހަކަމާއި އެކު ހޯދޭ ގޮތެއް ހުންނަ ކަމަށް ވިދާޅުވިއެވެ.

އޭނާ ނިޔާވުމާގުޅިގެން ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އޭރާއި މިހާރުގެ ތަރިން ދަނީ ތަޢުޒިޔާ ކިޔަމުންނެވެ.

އެގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގެ "ރާނީ" ނިއުމާ މުހައްމަދު "ވަގުތު" އަށް ބުނީ ކޮއްޔަ ހަސަނަކީ ބައްޕައެއް ކަހަލަ މީހެއް ކަމަށެވެ. އަދި އޭނާ ނިޔާވި ޙަބަރު އިވުމުން އަމިއްލަ ބައްޕަ ވަކިވެގެން ދިޔަ ޙަބަރު އިވުމުން ކުރެވޭނެ އިހްސާސް ކުރެވިގެން ދިޔަ ކަމަށް ބުންޏެވެ.

ނިއުމާ ބުނި ގޮތުގައި ހަސަނަކީ ވަރަށް އެކުވެރި އަދި އެހެން މީހުންނަށް އެހީތެރިވި މީހެކެވެ. އޭނާ ވަކިވެގެން ދިއުމަކީ ފިލްމީ އުދަރެހަށް ލިބުނު ނުހަނު ބޮޑު ފަޑު ކަމެއްކަން ފާހަގަކޮށް ނިއުމާ ބުނީ އެ ފުން ހިތާމައިގައި މުޅި ފިލްމީ އުދަރެސް ބައިވެރިވާނެ ކަމަށެވެ.

ހަސަން އާއެކު ގިނަ ފިލްމުތަކެއް ނިއުމާ ކުޅެފައިވާ އިރު، ގިނައިން އޭނާ ކުޅެފައިވަނީ ބައްޕައެއްގެ ރޯލްކަން ނިއުމާ ފާހަގަކުރިއެވެ. އަދި މިއަދު އެ ހިތާމަވެރި ޙަބަރު ލިބުމާއި އެކު އެކި ހަނދާންތައް ސިނކުޑިއަށް އަންނަ ކަމަށް ނިއުމާ ބުނީ ފެންކަޅިވެފައިވާ ހާލުގައެވެ.

"ދެން ވަރަށް ދެރަވޭ ހަމަވޭ ހަމަ. ނިއުމާގެ އަމިއްލަ ބައްޕަ މަރުވުން އެވާ ދެރަވޭ އަސްލު. ބައްޕައެއް ހަމައެއީ. ވަރަށް އެކުވެރި، ވަރަށް ހިތްހެޔޮ، ވަރަށް އެހީތެރި މީހެއް އެއީ. އޮން ސްކީރީން ވެސް އޮފް ސްކީރީން ވެސް ވަރަށް އެހީތެރި މީހެއް އެއީ. ބައިވަރު ހަނދާންތައް ވޭ. ހަސަން އާއެކު ކުރެވިފަ ހުރި ހުރިހާ މަސައްކަތެއް ހަނދާންވޭ." ނިއުމާ ބުންޏެވެ.

ފިލްމީ ތަރި ނިއުމާ މުހައްމަދު -- ސްކްރީންޝޮޓެއް

ހެއްވާ މަޖާ ގިނަ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުން އަންނަ ޑާކްރެއިން އިންވެސް ވަނީ ހަސަންއަށް ތައުޒިއްޔާ ކިޔައިފައެވެ. އެގޮތުން ޑާކްރެއިންއިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހަސަން އަކީ ކޮންމެ ރޯލެއްވެސް އަދާ ކުރެވޭނެ ގާބިލްކަން ތަރިއެއްގެ ސިފަކޮށްފައެވެ. އަދި ހަސަން ނިޔާވެގެން ދިއުމަކީ ފިލްމީ އުދަރެހަށް ލިބުނު ނުހަނު ބޮޑު ހިތާމައަކާއި ފަނޑުކަމެއް ކަމަށް ބުނެފައިވެއެވެ.

ކޮއްޔަ ހަސަން މަނިކު ފިލްމީ ދާއިރާއަށް ނުކުތީ 1980 ވަނަ އަހަރުއެވެ. ފިލްމީ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރި ކޮއްޔަ ހަސަން ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ބޮސް"، "މާފެއް ނެތް"، "އެ ބައްޕަ" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމު "ބޮސް"އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާަގާރލް 7

    ފިލްމީ ދާއިރާ އަދިި އާއްމު ދިރިއުޅުމުގައިވެސް ރިވެތި އަޙްލާގެއް ހިފަހައްޓައިގެން ދިވެހިންގެ ލޯތްބާ އިޣްތިރާމް ހޯއްދެވި ނަމޫނާ ތަރިިިއެއް. މާތްﷲ ހަސަންގެ ފާފަތައް ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާ އަދި އެއާއިިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަން. ޢާމީން

    109
  2. އަލްވަދާއު

    ”ވަކިވީ އަސަރާ މަންޒަރު، ހިތަކުން ހަމަ ނުފިލާނޭ..“ ”ވޭނާއި ރިހުން އެކުވާ... އުއްމީދު އާލާވާނޭ.. “

    63
  3. ހައިލަމް

    ފިލްމީ ދާއިރާގައި ޑައިލޮޖް ޑެލިވަރ ކޮށްދޭއިރު ވަރަށް ނޭޗުރަލް އަދި ރިއަލް ވާނެ މޮޅު އެކްޓަރެއް.

    33
  4. ދިވެހިން ރޮއްވާނުލެވޭ

    އަހަންނަކީވެސް ދިވެއްސެއް ނުރޮވޭ

    9
    9
  5. ޢަބްދުﷲ

    ކޮއްޔަ ޙަސަންމަނިވެސް ނިޔާވީއެވެ. މާތްﷲ އެ މަރްޙޫމަށް ސުވަރުގޭގެ ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށި! އޭ ލޮބުވެތީންނޭވެ. ފަހަރަކު މީހަކު ފަހަރަކު މީހަކު އަހަރެމންނާައި ވަކިވެ ދަނީއެވެ. މައިން ބަފައިންނެވެ. އަނބިދަރިންނާ ގާތްތިމާގެ މީހުންނާ އެކުވެރިންނެވެ. ދެކެފަރިތަ އެތައް މޫނު ތަކެކެވެ. މުއްސަނދިންނާއި އެކި ގިންތީގެ މީހުންނެވެ. ވީއިރު ކޮއްޔަ ޙަސަން މަނިކު ނިޔާވުމުން ހަނދާންކުރަންވީ އޭނާގެ ފިލްމީ ޙަޔާތުގެ މަތިންނެއްނޫނެވެ. ކުޅުނު މޮޅު ޑުރާމާތަކުގެ މަތިންނެއްނޫނެވެ. އެއީ އާޚިރަތަށްޓަކައި ކުރެވުނު އެއްވެސް ފައިދާކުރިކަމެއްކަމަކަށް އަހަރެންނުބުނާނަމެވެ. އޭގެ ބަދަލުގައި ދެންވެސް ޙަސަން މަނިކަށްޓަކައި ހެޔޮދުޢާކޮށްދޭށެވެ. އަދި ދުނިޔެއަކީ އެއްވެސް އަގެއްހުރި ތަނެއް ނޫންކަމާ ހަމަ މިހާރުވެސް ދުނިޔޭން ނިކުމެގެން ދާންޖެހިދާނެކަމާ އެކަމަށް ތައްޔާރުވުމުގެ ގޮތުން ދީނުގައި ކުރަން އަންގަވާފައިވާ ކަންތައް ގިނަގިނައިންކޮށް ނުކުރަން އެންގެވި ކަންކަމާ ދުރުވެ ﷲ އަށް ބުރުވެތިވެ ގިނަގިނައިން އަސްތަޣްފާރުކޮށް އުޅެމާ ހިނގާށެވެ ފިލްމު ކުޅޭ މީހުންނަކީ އެއީ މާ ޚާއްޞަ ބައެއްނޫނެވެ. އެކަމަކު މަޝްހޫރު ނޫނަސް ގިނަގިނައިން ނަމާދުކޮށް ރޯދަހިފައި ޞަދަޤާތްކޮށް އެހެން މީހުންނަށް ހެޔޮކޮށްހިތައި އާޚިތަރުގެ ބިރުވެރިކަން ހިތްމައްޗަށް ގެނެސް އުޅޭ މީހަކަށް ވަމާހިނގާށެވެ. މިވަގުތީ ފާލަމުގެ މަތިން ފައިބާއިރު ގެންދަންއޮތް މުދަލަކީ އެއީއެވެ.

    18
    2
  6. ފިލްމު

    ދެން އެމީހާގެ މަރުގެ ނަމުގެ ފިލްމެއް ހަދާލާ

    9
    6
  7. ޟޮވަ

    ޥަރަދެރަ