އެދުވަހު ގެއިން ނިކުތީ ޤައުމީ ކުތުބުޚާނާއަށް ދިއުމަށެވެ. ދިޔަ މަގުމަތީގައި ފެނުނީ ވަރަށް ވެސް ހިތާމަވެރި މަންޒަރެކެވެ.

އެންބުލައިންސްއެއް ސައިރެން އަޅާފައި އޮވެ އާދެއެވެ. މަޖީދީ މަގާއި މާވެޔޮމަގުގެ ޖަންގްޝަން ޕޮއިންޓް ކަމުން ބޮޑެތި ލޮރީތަކާއި ގިނަ އަދަދެއްގެ ސައިކަލާއި ކާރު މަގުގައި އޮތެވެ. އޭރު މަގު އޮތީ ބޮލޮކް ނުވެއެވެ. އެންބިއުލެންސް ވަރަށް ބާރު ސުޕީޑެއްގައި އައިސް މާވެޔޮމަގާއި ހަމަވަނީއެވެ. އެވަގުތު އެންބިއުލެންސް އިން ގޮވާމީހަކު ގޮވާލި އަޑު އިވުނެވެ. "އަޅުގަނޑުމެންނަށް ތަން ދައްކަވާ"

ގިނަ އަދަދެއްގެ ސައިކަލުތަކެއް މަގުގެ އެއްފަރާތައް ކެހިލިއެވެ. އަދި ކާރުތައްވެސް ޕޭވްމަންޓް މައްޗަށް އެއްފުރޮޅު އަރުވާލާ އެންބުލައިންސްދާނެ މަގު ދެއްކިއެވެ. އެހެންނަމަވެސް އެތަނުން ގޯސްހެދީ އެކަކެވެ. ޕުރައިވެޓް ކާރެއްގައި އައި މީހަކު އެންބިއުލެންސަށްވުރެ ކުރިއަރައިގެން ދާން މަސައްކަތް ކުރީއެވެ. އެހާހިސާބުން މުޅި މަގު ބުލޮކްވިއެވެ.

ދައްކަން މިއުޅެނީ ވަރަށްވެސް "ސިމްޕަލް" ވާހަކަ އެކެވެ. ގިނަ ބަޔަކު ކުރަމުންދާ އެހެންނަމަވެސް އެންމެންވެސް ކުރަން ޖެހިފައިވާ ކަމެއްގެ ވާހަކައެވެ. އެންބިއުލެންސްއަށް ތަންދިނުމުގެ ވާހަކައެވެ.

އެންބިއުލެންސްގައި ދަނީ ބަލިހާލު ބޮޑުމީހެކެވެ. ގިނަ ފަހަރަށް ދަނީ ކޮންމެވެސް ކަހަލަ އެކްސިޑެންޓެއްގައި ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ މީހެކެވެ. މިފަދަ މީހަކަށް އެންމެ ސިކުންތަކީ ވެސް ވަރަށް މުހިންމު އެއްޗެކެވެ. އޭނާގެ މަރާ ދިރިހުރުމުގެ ދެމެދަށް އެސިކުންތު ވެސް "ކައުންޓް" ކުރާނެވެ. ތިމާ ކިތަންމެ އަވަހަށް ތާކަށް ދާންޖެހުނަސް ނުވަތަ އޮފީހަށްދާން ގަޑިޖެހުނަސް، މީހެއްގެ ފުރާނައަކީ މިކަމަށްވުރެ މާ އަގުބޮޑު ކަމެކެވެ.

ތިމާ އެގޮތަށް ކަންކުރީ އެއީ ތިމާއާއި ގުޅުމެއް އޮތްމީހަކަށް ނުވާތީ ހެއްޔެވެ. ނޫނީ އެންބުލައިންސްގައި މަރާ ހަނގުރާމަ ކުރަމުން އެދަނީ ތިމާގެ މަންމަ ކަމުގައިވީނަމަވެސް، ތިމާ ކަންކުރާނީ އެފަދައިން ހެއްޔެވެ. މިއަދު ތިމާ ތިހުރީ ގަދަވެ، ސަލާމަތުންނެވެ. މާދަމާ ތިބާއަށް ހަމަ އެ އެންބިއުލެންސްގައި ދަތުރު ކުރަންޖެހިދާނެކަން ދަންނާށެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާބެހޭ ޤާނޫނު ބުނާގޮތުން އިމަޖެންސީ ބަރުގޮނު އަޅާފައި ދާ އެންބިއުލާންސް އެއްކޮޅަށް ދުއްވާ މަގުގެ އިދިކޮޅަށާއި ޓްރެފިކް ބައްތިއަށް މަޑުނުކޮށް ދުއްވިދާނެއެވެ. އަދި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށްވެސް ދުއްވިދާނެއެވެ. އިމަޖެންސީ ބަރުގޮނު އަޅާފައި ދާ އެންބިއުލާންސް ފަސޭހަކަމާއިއެކު ދެވޭނެ ގޮތަށް މަގުގައި ދުއްވާ އެހެން ވެހިކަލްތަކުން ޖާގަދޭންވާނެއެވެ. އިމަޖެންސީ ބަރުގޮނު އަޅާފައި ދާ އެންބިއުލާންސަށް ހުރަސް އެޅުމަކީ މަނާކަމެއް ކަމަށް ވެސް އެޤާނޫނު ބުނެއެވެ.

ޤާނޫނީ ނަޒަރަކުން އަދި އިންސާނިއްޔަތުކަމުގެ ނަޒަރަކުން ވިސްނާފައި ވެސް އެންބިއުލާންސަށް ތަންދައްކަން އެބަޖެހެއެވެ. އެރީތި އަޙްލާޤު އަޅުގަނޑުމެން އެންމެން ވެސް ދަސްކުރަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންބެ

    އާންމުގޮތެއްގަ ޕްރައިވެޓް ކާރު ދުއްވާ ގިނަމީހުންނަކީ ވަރަށް ގޮތްކުޑަބައެއް. ބިލަބޮންގް ސްކޫލު ކައިރިވެސް ބްލޮކް ކުރަނީ ޕްރައިވެޓް ދެތިން ކާރުގެ ސަބަބުން.

  2. Shai

    ޢަސްލު ޕްރައިވެޓް ކާރެއް ލިބެނިކޮށް ދެން އެމީހަކަށް ހީވަނީ މި އުޅެވެނީ އާސްމާނުގައޭ..އެހެން ބަޔަކަށް ބަލަާލުމެއް ނެތް