އެންމެވެސް ދައްކާ އެއްވާހަކަ އެއް އޮވެއެވެ. ފަރުދީ ޒިންމާގެ ވާހަކައެވެ. އެހެންނަމަވެސް ފަރުދީ ޒިންމާއަކީ ކޮބާ ހެއްޔެވެ.؟ މިއީ ކިހިނެތް އަދާ ކުރެވޭނެ ޒިންމާ އެއް ހެއްޔެވެ.؟

މުޖުތަމައުގައި ގިނަ ފާހިޝްއަމަލުތައް އިތުރު ވެއްޖެއެވެ. ރޭގަނޑު ވަގުތު ތަކުގައި ކޮޓަރީގައި ހިންގަމުންއައި ގުޅުންތައް ރޯމާދުވާލު ހާމައަށް ފެންނަގޮތަށް ކުރަމުން އަންނަ ގުޅުން ތަކަކަށް ވެއްޖެއެވެ. މިކަން މިހެން ދިމާވީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ޤަބޫލު ކުރެވެނީ ފަރުދީ ޒިންމާ އަދާ ނުކުރެވުމެވެ.

ފުރަރަށް މާލެ އެޔޮއް ތޮއްޖެހެނީ އެވެ. މިދާ "ރޭޓުން"ދާނަމަ ތޮއްޖެހުންވާނީ އިތުރެވެ. ތޮއްޖެހިފައިވާ މާލޭގައި ދެމެފިރިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފުރުސަތެއް ނުލިބެއެވެ. ގެ ކުއްޔަށް ހިފައިގެން އުޅޭއިރު އެއްބަޑު އެއްބަފާ ކޮއްކޮވެސް ނިދަނީ ހަމަ އެއް ކޮޓަރީގައެވެ. ހިތްހަމަ ޖައްސާލަން ނިކުންނަނީ ބޭރަށެވެ. ކޮންމެވެސް ފިނި މައިޒާނަކަށް އެކަހެރިވެލާށެވެ. އެހެންނަމަވެސް، ތޮއްޖެހިފައިމިވާ މާލޭގައި އެކަހެރި ވެވޭނެ ތަނެއް އޮންނާނެ ބާއެވެ. ކަންމިހެން ދިމާވުމުން ލޯބީގެ ގަޑުވަރު ބިނާކޮށްލަނީ އާމުން އެއްވާ މައިޒާނެއްގައެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އެތާންގައި ތިބިޔަސް އެކަމަކަށް ފަރުވާލެއް ނެތެވެ. ފާހިޝްއަމަލުތައް މުޖުތަމައުގެ ފޭރާމުން ޖާގަ ހޯދައެވެ.

މިދެލޯބެވެރިން ކުރާކަމެއް ކުރާތަން ބަލަން އިންނަނީ "ޓީން އޭޖް"ގެ ކުއްޖެކެވެ. އައުކަންތައް ތަޖުރިބާކޮށްލަން ބޭނުންވާ އުމުރުގެ ކުއްޖެކެވެ. އަނެއް ދުވަހު ލޯބިވެރިޔާ ގޮވާގެން ހަމަ އެއްކަލަ މައިޒާނަށް ދެއެވެ. އެކަނި އޮވެ މިދިޔަ ހަފްތާގައި ބެލި ފިލްމުގައިވެސް ކަންތައް ކުރީ ހަމައެހެންނެވެ. އަނެއްކާ އާއިލާ މީހުނާއެއްކޮށް ބެލި ހިންދީ ފިލްމުގައިވެސް އޭގެތެރެއިން ކަމެއްކޮށްފައިވެއެވެ. ކޮންމެއަކަސް ދެމީހުންވެސް އެތަނަށްގޮސް ފާހިޝްއަމަލު ހިންގައެވެ. މުޖުތަމައުގައި ފާހިޝް އަމަލު ކުރާ މީހުންގެ ނިސްބަތް އިތުރުވެއެވެ.

ދެލޯބިވެރިން މިގޮތަށް އުޅެނިކޮށް ފެނުނު ކިތައްމީހުން މިމުޖުތަމައުގައި އެބަތިބި ހެއްޔެވެ؟ އެކަމަކު އެއީ "ނަން އޮފް މައި ބިޒްނަސް" ތާއެވެ. އެހެންނެއް ނޫނެވެ. އެއީ އަހަރެންނާ ބެހޭ ކަމެކެވެ. ތިބާއާވެސް ބެހޭ ކަމެކެވެ. އެކަންކަން ރިޕޯޓް ކުރުމަކީ އަހަރެންނާއި ތިބާގެވސް ފަރުދީ ޒިންމާއެވެ. އާއްމު އިޖްތިމާއީ މިންގަޑާ ބެހޭގާނޫގެ ދަށުން މިފަދަ ކަންތައް ކުރުމަކީ މަނާކަމަކަށްވާއިރު، މިފަދަ ކަންކަން ހުއްޓުވަން ފިޔަވަޅު ތަކެއް އަޅަންޖެހެއެވެ.