ކުއްލި ވަކިވުމެކެވެ. އެންމެ ގާތް މީހުން ރޮއްވާލާފައި އެ ދިޔައީ، ހިތާމައިން ދެލޯ ފޯކޮށްލާފައެވެ. އަބަދުމެ އަބަދަށް ވަކިވެގެން ދިޔައީ މުޅި އާއިލާ އާއި އެކުވެރިން ދޫކޮށްލާފައެވެ. މިއަދު ހަވީރުގެ ވަގުތެއްގައި އެކުގައި މަސައްކަތް ކުރަމުންދިޔަ ސިފައިންގެ އިތުރު އޮފިސަރުންތަކަކާއެކު ލާންސް ކޯޕްރަލް ހުސައިން ފާރިޝް، ލ.ކައްދޫގެ އިރުމަތިފަރާތައް ސްނޯކްލިންއަށް މަސްހިފުމަށް މޫދަށް ދިޔައީ އޮފް ގަޑި ވީމައެވެ. ހަތަރު އެކުވެރިން އެކުގައި އެކަމަށް ދިޔައީ، މިފަަދަ ކަމެއް ވެދަނެ ކަމުގެ އުއްމީދުގައި ނޫންކަމުގައި ޔަގީނެވެ.

ފާރިޝް އޮއެގަނޑެއްގައި ޖެހި ދަމައިގަތީ ކަމަށް އެމްއެެންޑީއެފް އިން ދިން މައުލޫމާތުތަކުގައި ވެއެވެ. އޭނާ ސަލާމަތް ކުރަން އުޅުނު ސިފައިންގެ މީހަކުވެސް އެ ހާދިސާގައި ގެނބުނެވެ. އެހެން ނަމަވެސް އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ފާރިޝްއަކީ ލ. އަތޮޅު މާއިބަދޫ އަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާއަކީ އެ އާއިލާގެ އެންމެ ދޮށީ ކުއްޖާއެވެ. އެ އާއިލާގައި އޭނާއެކެ ފަސް ކުދިން ތިބެއެވެ. ރަހުމަތްތެރިންނާއި އާއިލާ މީހުންނަށްވެސް ވަރަށް ހެޔޮ ފާރިޝްގެ ވަކިވުން ވެގެން ދިޔައީ ގައިން ބައެއް އުނިވެގެން ދިއުން ކަހަލަ ކަމެއް ކަމަށް އޭނާގެ ގާތް ރަހުމަތްތެރިއަކު ބުންޏެވެ.

ފާރިޝްއަށް އާއްމުކޮށް ކިޔާ އުޅެނީީ "ބޭފުޅާ"!

އޭނާގެ ގާތް މީހުންނަށް އޭނާއަކީ ބޭފުޅާ އެވެ. ގިނަބަޔަކު އޭނާއަށް އެ ނަމުން މުހާތަބު ކުރެއެވެ. އެއީ ހަމަ ވަރަށް ގާތް އެކުވެރިއެއް ކަމަށް އޭނާއާ ގާތް މީހުންވެސް ބުނެއެވެ.

"އޭނާއަށް އައްމުކޮށް ކިޔާ އުޅެނީ ބޭފުޅާ، ރަށުގެ ކުޑަބޮޑު އެންމެންވެސް ކިޔަނީ އެހެން، އެސޮރު މަންމަވެސް ބައްޕަވެސް". ފާރިޝް އާއެކު ސްކޫލް ދައުރުން ފެށިގެން ގާތްކޮށް އުޅޭ އެރަށު ޒުވާނަކު ބުންޏެވެ.

ފާރިޝްގެ އެ އެކުވެރިޔާ ބުނީ، އޭނާ ގެއްލުނު ހަބަރާއެކު ގަބޫލު ކުރަންވެސް ދަތިވި ކަމަށެވެ. އެއިރު މި ޒުވާނާ ހުރީ ޑިއުޓީގައެވެ.

ފާރިޝް ގެއްލުނު ޚަބަރު ގަބޫލެއްވެސް ނުކުރެވޭ!

އެ އެކުވެރިޔާ ބުނީ، އޭނާއާ ފާރިޝްއަކީ ރަށުގައި އުޅޭއިރުވެސް އެކުގައި އުޅުނު މީހުން ކަމަށެވެ. އަދި ދެ މީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން އުފެދުނީ ސްކޫލުން ކަމަށްވެސް ބުންޏެވެ. އަދި ވަޒީފާގެ ގޮތުން ދެ މީހުން ދިމާނުވިޔަސް، އަބަދުވެސް ގުޅުން އޮންނަ ކަމަށް އެ އެކުވެރިޔާ ބުންޏެވެ.

"ސްކޫލް ދައުރުން ފެށިގެން، އެކުވެރިން، އޭނާއަކީ އެންމެ ގާތް އެއް ރަހުމަތްތެރިޔާ، އެންމެ ފަހުން އޭނާއާ ދިމާވެފައި އިންނާނީ މިދިޔަ އަހަރުގެ ފަހުކޮޅު އެއީ މާލެ އިން، ދޭން އޭގެ ފަހުން އަނެއްހެން މާބޮޑަށް ދިމާވުމެއް ނޯވޭ، އެކަމަކު ހާލު ބަލާ ހަދާ އަބަދުވެސް" އެކުވެރިޔާ ބުންޏެވެ.

އެ އެކުވެރިޔާ ބުނީ، ފާރިޝް ގެއްލުނު ހަބަރާއެކު އޭނާއަށް ލިބިގެން ދިޔައީ ޝޮކެއް ކަމަށެެވެ. އަދި އެފަދަ ކަމެއް ވެދާނެ ކަމަށް އުއްމީދުވެސް ނުކުރާ ކަމަށް ބުންޏެވެ.

"ގެއްލިގެން އެ ދިޔައީ ހަށިގަނޑުގެ އެއްބައި"

"އަހަންނަށްވެސް ފުރަތަމަ ލިބުނީ، ގެއްލުނު ހަބަރު އެއިރު ނޭނގޭ ކާކު ކަމެއްކަންވެސް، ގެއްލިގެން އުޅުނު ކަމުގެ ހަބަރު ބެލިއިރު މީނަ އެއީ، އެކަން އެނގިގެން އަވަހަށް ހަބަރުތައް ބަލަމުން ދިޔައީ، އޭނާ ނެގީ އެމްއެންޑީއެފްގެ ޑައިވަރުން ވަރަށް އަޑިން ކަމަށް މައުލޫމާތު ލިބެނީ" ފާރިޝްގެ އެހެން އެކުވެރިއަކު ބުންޏެވެ.

މީގެ ހަތް ވަރަކަށް އަހަރު ކުރިން ގާތްކަން އުފެދުނު ފާރިޝްގެ ކުއްލި މަރާއެކު މި އެކުވެރިޔާ ބުނީ، ގެއްލިގެން އެ ދިޔައީ ހަށިގަނޑުގެ އެއްބައި ކަމަށެވެ. އަދި އޭނާއަކީ ވަރަށް ގިނަކަންކަން ހިއްސާ ކުރާ އެކުވެރިކަމަށްވެސް ބުންޏެވެ.

"އޭނާގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ހިއްސާ ކުރާނެ، ލައިފްގެ ކުރިއަށް ރާވާފައި ހުންނަ ކަންކަންވެސް، އޭނާ މެރީ ކުރަންވެސް ތައްޔާރުވަމުން ދިޔައީ"

ކައިވެންޏަށް ދިޔައީ ތައްޔާރުވަމުން!

ފާރިޝްގެ ގާތް ދެ އެކުވެރިން ބުނާގޮތުގައިވެސް އޭނާ ދިޔައީ ކައިވެނި ކުރުމަށް ތައްޔާރުވަމުންނެވެ. އޭނާ އުޅުނީ ލޯބީގެ ގޮތުން ކުއްޖަކާއި ގުޅިގެންނެވެ. އެއީ ނަރުސް ކަމުގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރަމުންދާ ކުއްޖަކާއެވެ. އެ ކުއްޖާ މި އަހަރު ކިޔަވާ ނިމިގެން ކައިވެނި ކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދިޔަ ކަމަށް މައުލޫމާތުދިން އޭނާގެ އެކުވެރިން ބުނެފައި ވެއެވެ.

ފާރިޝް ސިފައިންގެ ވަޒީފާއާ ގުޅުނީ 2016 ގައި

ފާރިޝް ސިފައިންގެ ވަޒީފާއާ ގުޅިގައި ވަނީ 11 އޮކްޓޫބަރު 2016 ގައެވެ. ޕްރައިވެޓް އަކުން އޭނާއަށް މަގާމުގެ ކުރިއެރުން ލިބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ. އޭނާ މި ދުނިޔެއިން ވަކިވެގެން ދިޔައިރު، މަގާމަކީ ލާންސް ކޯޕްރަލްއެވެ. އޭނާ މަސައްކަތް ކުރަމުން ގޮސްފައި ވަނީ އެމްއެންޑީއެފް މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 ގައެވެ. އޭނާ ސިފައިންގެ ވަޒީފާގައި ހުރެ، ހަދާފައިވާ ބައެއް ތަމްރީނުތަކަށް ބަލާއިރު، 63 ވަނަ ސިފައިންގެ އަސާސީ ތަމްރީން ކޯހާއި، އެމްއެންޑީއެފް އިން ހިންގި ރެސްކިއު ސްވިމިންގ ކޯހުގެ ގޯލްޑް ލެވެލް، އެމްއެންޑީއެފް އިން ހިންގި މެރިންކޯ ބޭސިކް ކޯސް-6 އަދި ކައުންޓަރ ޓެރަރިޒަމް ކްލޯސް ކުއާޓަރ ބެޓަލް ކޯސް ހިމެނެއެވެ.

އަދި އޭނާ ނިޔާވިއިރު، ދިޔައީ، އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ލ.ކައްދޫގައި ތިން ހަފުތާގެ އަސްކަރީ ތަމްރީން ކޯހެއް ފުރިހަމަ ކުރަމުންނެވެ.

ފާރިޝް ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:40 ހާއިރު އެވެ. އޭނާ ހޯދުމުގެ މަސައްކަތްތައް ސިފައިންގެ ޑައިވަރުން ދިޔައީ ކުރަމުންނެވެ. އޭނާގެ ހަށިގަނޑު ފެނުނީ މިރޭ 20:50 ހާއިރު ކޯސްޓްގާޑު ޑައިވަރުންނަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ކަނޑުގެ 12 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ކޮންފަދަ ބޮޑު ހިތާމަވެރި ޙަބަރެއް. ފާރިޝް އަކީ ރަނގަޅު ކުއްޖެއް. މިއީ އެއްވެސް މީހަކު މާރާމާރީ ހިންގާ އެފަދަ ޢަމަލުތައް ނުހިންގަންވީ ސަބަބަކީ. މިދުނިޔެ އަކީ ކުޑަކުޑަ ހިނދު ކޮޅެއް. ބުނެއުޅެނީ މަރަކީ ތިމާމީހާ އާއި ތިމާމީހާ ގެ މައިބަދަ އަށް ވުރެވެސް ގާތް އެއްޗެކޭ. ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވަވާށި. ޢާއިލާ އަށް ކެތްތެރިކަން ދެއްވަވާށި. ފުރާނަފުޅަށް ސުވަރުގޭގެ ނިޢުމަތް ލައްވަވާށި !

    166
    1
  2. މަނިކ

    އި
    ންނާލިއްލާހި ވައިންނާއިލައިހި ރާޖިއޫން

    65
    1
  3. ހުސާނު

    ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވަވާށި. ޢާއިލާ އަށް ކެތްތެރިކަން ދެއްވަވާށި. ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވަވާށި !
    އާމީން...

    63
    1
  4. ޒާ

    ކުފުރުބަސް ނުބުނާށެ.. ގަބޫލުކިރަންވީކަމަކީ ކުއްލިއަކަށްްވެސް މަރުވެދާނެކަމެވެ.

    18
    4
  5. Anonymous

    😔😔😔😔😔

  6. ބްލަޑް

    ރެސްކިޔު ސްވިމިންގ ގެ ގޯލްޑް ލެވެލް ހަދާފަ ހުރި ބޭފުޅަކު ރިޕް ކަރަންޓް (އޮއިވަރު) ގަ ޖެހިގެން ބޭރަށް ދަމައިގަތަސް އެކަހަލަ ސިޓުއޭޝަންތަކުގަ ކަންތައްތައް ކުރަންޖެހޭނެ ގޮތް ވަރަށް ރަނގަޅަށް އެގިލައްވާނެ. މިކަހަލަ ހާދިސާ ތަކުގަ ޕޯސްޓްމޯރޓަމް އެއް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.

    7
    4
  7. ޣދ

    ލ. ކައްދޫ އިރުމަތި ފަރާތަކީ އޮޅުއޮޅުވެސް އޮ ން ނަށް ވަރަށް އޮއިވެސް އަޅާ ތަ ނެއް..މިތަ ނުގެ ފަރުތައް އުފެދިފަ އޮ ން ނަގޮތު ން ވަރަށް ނުރައްކާ ވައްތަރަކަށް އޮ ން ނަ ހިސާބެއް..ބޭފުޅާއަށް ސުވަރުގެ މި ންވަރު ކުރައްވާށިއެވެ...އާމީ ން.

  8. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ވަރަށް ބޮޑަށް ތާޢީދު. މީގައި ކޮންމެސް ނުބައެއް އެބަ އުޅޭ.