ވެރިރަށް މާލެ ސަރަޙައްދު ނެގުމަށް ފަހު އެންމެ ބޮޑު އާބާދީއެއް އޮތް އަދި ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީ ވަށައިގެން ފެންނަނީ މުޅިން ވެސް އިހުމާލެވެ. ދަތި ހާލުގައި ދިރިއުޅެމުންދާ، އެކަށޭނަ ބޯހިޔާވަހިކަމެއް ނެތެވެ. މަގުތަކުގެ ހާލަތު ވަރަށް ގޯހެވެ. އިގްތިސާދީ ހަރާކަތްތައް ކުރިއަށް ގެންދާނެ މާހައުލެއް ނެތެވެ. މި ކަން ހައްލު ކުރަން އައްޑޫގެ ރައްޔިތުން ވަކާލާތު ކުރަމުން ގެންދަނީ ލާމަރުކަޒީ ބާރުތައް އެ ސިޓީއަށް ދޫކޮށްލުމަށެވެ. އެހެން ވިޔަސް އުއްމީދު ކުޑަވެ އައްޑޫގެ ރައްޔިތުންގެ މާޔޫސްކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

އައްޑޫގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލު އެންމެ ކައިރިން ތަޖުރިބާ ކުރެއްވި އެއް ބޭފުޅަކަށް ވާނީ އަލީ ނިޒާރެވެ. އައްޑޫ ހިތަދޫ ދެކުނު ދާއިރާ ފަސް އަހަރު ވަން ދެން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރެއްވިއެވެ. އިޖްތިމާއީ މައްސަލަ ފުނި ޖެހިފައި އޮތް އައްޑޫ އުއްމީދު ދޫކޮށްލުމުގެ ބަދަލުގައި ހައްލު ގެނެސްދޭން ނިޒާރު ނިންމެވީ ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރަކަށް ވާދަކުރައްވައި އިންތިހާބުވެގެންނެވެ.

ކަސްޓަމްސްގައި ތޭރަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ސަރުކާރު ހިދުމަތުގައި އުޅުއްވި ނިޒާރު ވިދާޅުވި ގޮތުގައި އެތައް ސަރުކާރަކުން އައްޑޫއަށް އިހުމާލުވެފައިވާ ކަން ތަޖުރިބާ ކުރަން ޖެހިފައިވާ ކަމަށެވެ. ވަށައިގެން އިޖްތިމާއީ މައްސަލަތައް އޮތުމުން އެ ކަން ހައްލު ކޮށްދޭން ފަރުދީ ޒިންމާ ނަގަން ބޭނުންވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލަށް ދެވޭ ބާރުތައް މެދުވެރިކޮށް ހައްލު ކުރެވެން އޮތް އިރު، އެކަމުގައި ބައިވެރިވާން ބޭނުންވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވިޔަފާރިތައް، އަމިއްލަ މަސައްކަތްތައް ވެސް މި އޮތީ އައްޑޫގައި، އައްޑޫގައި މިހެން އުޅޭ އިރު މި މައްސަލަ އަޅުގަނޑަށް މި ފެންނަނީ، އިހުމާލުތައް، މި ކަން ބަދަލު ކުރަން ބޭނުން، އެ ކަމުގައި އަޅުގަނޑު ބައިވެރިވާން ވަރަށް ގިނަ ރައްޔިތުން އެދެމުން ދިޔައީ، އަތޮޅުން ވަރަށް ގިނަ ރައްޔިތުންގެ މަޝްވަރާ މި ކަމުގައި ލިބި އެ ގޮތަށް އެދޭތީވެ ނުކުތީ،" މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވި ސަބަބު ހާމަ ކުރައްވަމުން ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު

އެންމެ ބޮޑު އަމާޒު؛ އައްޑޫގައި ވަޒީފާތައް އުފެއްދުން

ނިޒާރު ގަބޫލު ކުރައްވާ ގޮތުގައި އައްޑޫގައި އޮތް ގިނަ އިޖްތިމާއީ މައްސަލަތަކުގެ ޙައްލަކަށް އޮތީ އިގްތިސާދީ ދިރުން އައްޑޫ ސިޓީއަށް ގެނައުމެވެ. އައްޑޫގައި ވަޒީފާތައް އުފެއްދުމެވެ. ފަތުރުވެރިކަމުގެ ދާއިރާ އައްޑޫގައި ފުޅާ ކުރުމަށް ސަރުކާރުން މިހާރު ރާވާފައިވާ ގޮތަށް 4،000 އެނދު އިތުރަށް ގެނެވޭނެއެވެ. އެ ކަމަށްޓަކައި އައްޑު އަތޮޅުގައި ހުރި ފަޅުތަކުގައި ހަތަރު ރަށެއް ހިއްކައި ރިސޯޓެއް ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވެއެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މިއީ އައްޑު ސަރަޙައްދުގައި ވަޒީފާ އިތުރު ވުމަށް ވަރަށް ވެސް މުހިއްމު ކަމެއް، މި ރިސޯޓްތައް ތަރައްގީ ކުރެވެމުން އައްޑު ސަރަހައްދުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ، އެނގޭނެ ފަދައިން، ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ވަޒީފާ އަދާ ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައި،" ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި އިތުރު ކުރުމަށް ސިޓީ ކައުންސިލް މެދުވެރިކޮށް ޕްރޮގްރާމްތަކާއި ލޯނު ސްކީމްތައް ތައާރަފް ކުރެވިގެން ދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި އައްޑޫގައި ހުޅުވޭ ޕޮލިސް އެކަޑަމީއާ ގުޅިގެން އެ ދާއިރާއިން ކުރިއަށްދާ ޒުވާނުން ވެސް އައްޑު ސަރަހައްދަށް އައިސް އިގްތިސާދީ ދިރުމެއް އައްޑުއަށް އަންނާނެ ކަމުގައި ނިޒާރު ގަބޫލު ކުރައްވައެވެ.

އައްޑު ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު

އައްޑޫ ސިޓީއަކީ ރާއްޖޭގެ އެހެން އަތޮޅުތަކާ ވަރަށް ތަފާތު އަތޮޅެއް ކަމަށް ނިޒާރު ވިދާޅުވެއެވެ. މި ގޮތުން ރާއްޖޭގެ އެހެން އަތޮޅުތަކުގައި ފަޅު ރަށްތައް ގިނަވެފައި އޮތަސް އައްޑޫގައި ޓޫރިޒަމް އިތުރަށް ފުޅާ ކުރާނެ ފަޅު ރަށްތަކާއި ފަޅުތައް ގިނައެއް ނޫނެވެ. އެ ކަމަކު އައްޑޫގެ ގުދުރަތީ ރީތިކަމާއި ތާރީހީ ބިނާތަކަކީ ފަތުރުވެރިކަން ގެނެވޭނެ ކަންކަން ކަމުގައި ނިޒާރު ގަބޫލު ކުރައްވައެވެ.

"އެހެން ސަރަހައްދުތަކާއި ގުދުރަތީ ގޮތުން އައްޑޫ އޮންނަ ގޮތް ތަފާތު، ފަތުރުވެރިންނަށް ރާއްޖެ އާންމުކޮށް ހުށަހަޅަނީ ދޮންވެލި ގޮނޑުދޮށް ކަމުގައިވީ ނަމަވެސް އައްޑޫގައި ދޮންވެލި ގޮނޑުދޮށްތަކެއް ނެތް، އެހެންވިޔަސް އައްޑޫގެ މި ތަފާތު ކަމަކީ ހަމަ ވިއްކޭނެ ވަސީލަތެއް، ޗަކަ ބިންތަކާއި ކުޅިތަކުގެ އިތުރުން ތާރީހީ ބިނާތައް ވެސް ފަތުރުވެރިންނަށް ވިއްކޭނެ، ތަފާތު ކޮންސެޕްޓްއެއްގައި އައްޑޫ ވިއްކާނަން،" ނިޒާރު ވިދާޅުވިއެވެ.

އާމްދަނީ އިތުރުކޮށް މައްސަލަތައް ހައްލު ކުރަން ހޭދަކުރުން

ނިޒާރު ގަބޫލު ކުރައްވާ އައްޑޫއަށް ކުރިމަތިވެފައިވާ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދެން އޮތް ގޮތަކީ ފުރިހަމަ ލާމަރުކަޒީ ބާރުވެރިކަމެެވެ. މި ސަރުކާރުގައި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުން ވެސް އެންމެ ފުރިހަމަ ބާރުވެރިކަން ނުލިބޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންވިޔަސް މިހާރު ލިބިދީފައިވާ ބާރުވެރިކަމުން ވެސަ އެކަށޭނަ މަސައްކަތްތަކެއް ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވި އެއް ކަމަކީ އައްޑޫގެ ބިންތަކާއި ފަޅުތަކާއި ސިނާއީ މަސައްކަތާއި ސަރުކާރުގެ ބޭނުމަށް ނަގާ ރަށްތައް ނޫން ފަޅުރަށްތަކުގެ މިލްކުވެރިކަން ސިޓީ ކައުންސިލަށް ލިބުމެވެ. ފަތުރުވެރިކަމާއި ވިޔަފާރީގެ ބޭނުމަށް ބިންތައް ދޫކޮށްގެން ލިބޭ ކުލީގެ އާމްދަނީއިން މައްސަލަތައް ހައްލު ކުރަން ހޭދަކުރެވޭނެއެވެ.

ލިބޭ އާމްދަނީ ހޭދަކުރާނެ މައިގަނޑު އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އައްޑޫގައި ހުންނަ އެކުއަޓޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އިތުރަށް ތަރައްގީ ކުރެވުމަށް ހޭދަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫގައި ރައްކާތެރިކަން އިތުރު ކުރުމަށް ހޭދަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން އައްޑޫގައި މިހާރަށް ވުރެ އަލިގަދަ މަގު ބައްތި ހަރު ކުރާނެ ކަމަށް ވިދާޅުވިއެވެ. މަގުތަކުގައި އިތުރު ސީސީޓީވީ ކެމެރާ ހަރު ކުރުމަށް ވެސް ހޭދަ ކުރާނެ ކަމަށް ވިދާޅުވިއެވެ.

އައްޑު ސިޓީގެ މޭޔަރު ކަމަށް
ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު

"މާޔޫސް ނުވޭ، ފުރަތަމަ ދުވަހުން މަސައްކަތް ފަށާނަން"

އައްޑޫގެ ރައްޔިތުންނަށް ނިޒާރު ދޭން ބޭނުން ވަނީ މި މެސެޖެވެ؛ އައްޑޫގެ ރައްޔިތުން މާޔޫސް ނުވުމަށެވެ. އުއްމީދު ގެއްލުވަައިލުމަށެވެ. ލާމަރުކަޒީ ބާރުވެރިކަން މިހާތަނަށް ދޫކޮށްލެވިފައި އޮތް ވަރުން ސިޓީ ކައުންސިލް މެދުވެރިކޮށް މިފަހަރު ހައްލު ހޯދޭނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

އަމި ފަހަރު އޭނާއަށް އައްޑޫގެ މޭޔަރު ކަން ކުރެއްވުމަށް ފުރުސަތު ދެއްވައިފިނަމަ، ފުރަތަމަ ދުވަހުން ފެށިގެން މައްސަލަތައް ހައްލު ކުރަން ފައްޓަވާނެ ކަމުގެ ޔަގީން ދެއްވިއެވެ. އެންމެ ދުވަހެއް ވެސް ބޭކާރު ވިޔަ ނުދޭނެ ކަމާއި ފަސް އަހަރުގެ ދައުރުގެ ތެރޭ އެކަށޭނެ ނަތީޖާއެއް ނެރެދޭނެ ކަމަށް ވިދާޅުވިއެވެ.

"އައްޑޫގެ ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑު މި ހުރީ އައްޑޫގެ ރައްޔިތުން އެކީގަ ކަން، އައްޑޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ދެން އޮންނަ ސިޓީ ކައުންސިލެއްގެ ފުރަތަމަ ދުވަހުން ފެށިގެންދާނެ،" ނިޒާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެރިން

    ސުންޕާ ކަމުގެ ހެކި، ކެމްޕޭން އިވެންޓަށް ގެންދިޔަ އަސް (ސޯފީ ގެ) ފާއި ބިން ދާއިގެން ދިޔައީ. މަޖިލީސް ތެރެއިން ކަމެއް ކޮށް ނުދެވުނު މީހަކަށް މޭޔަރުކަމަށް ހޮވނަސް ކަމެއް ކޮށެއް ނުދެވޭނެ.އަމުދުން އެމްޑީޕީ ގެ ހުރެގެން ކަމެއްކޮށެއްނުދެވޭނެ.

  2. މުހައްމަދު

    5އަ ހަރު މަޖިލިސްގާ އިނދެގެން ނިޒާރުއަށް މިއަތޮޅަށް ކޮށްދެވުނު ކަމެއް ބުނެދީބަލަ.
    ދެން މޭޔަރަކަށް ހުރެގެން ކޮށްދެވޭނެކަމެއް ނެތް...
    މަނަމަ ލަދުންވެސް ރައްޔިތުން ކާރިޔަށް ވޯތްހޯދަން ނުދާނަން...