ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާ އެކު ކައުންސިލްތައް އަމިއްލަ ފައި މައްޗަށް ތެދުވެ، ކުރިއަށްދާން އިތުރު ފުރުސަތެއް ވަނީ ލިބިފައެވެ. މި ބާރުތަކުގެ ބޭނުންކޮށްގެން ބ. އަތޮޅު ރައްޔިތުންގެ ޖީބުތައް ތަނަވަސްކުރުމުގެ އަޒުމުގައި އެ އަތޮޅު ތުޅާދޫއަށް އުފަން އަހްމަދު އަފްރާހު މިފަހަރު ނިކުންނެވީ އަތޮޅު ކައުންސިލްގެ ރައީސް ކަމަށެވެ. އޭނާ އަތޮޅު ކައުންސިލަށް ވާދަކުރައްވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައެވެ.

އުމުރުން 34 އަހަރުގެ އަފްރާހަކީ ބ. އަތޮޅު ރައްޔިތުންނަށް އާ މޫނެއް ނޫނެވެ. އޭނާ މިހާރު ވެސް ގެންދަވަނީ އެ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވަމުންނެވެ.

އަހްމަދު އަފްރާހު އެމްޑީޕީގެ ޖަލްސާއެއްގައި ވާޙަކަ ދައްކަވަނީ.

ބ. އަތޮޅުގެ ފަތުރުވެރިކަން ފުޅާ ކުރުމުގެ ތަސައްވުރެއް

ފަތުުރުވެރިކަމަށް މަޝްހޫރުވެފައިވާ ބ. އަތޮޅަކީ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަތޮޅެކެވެ. ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ހިތްފަސޭހަ އަދި ޖަޒީރާ އަތޮޅެކެވެ. އަފްރާހު މިފަހަރު އަތޮޅު ރައްޔިތުން ތަމްސީލު ކުރެއްވުމަށް ނުކުންނަވަނީ ބ. އަތޮޅުގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމުގެ ވަރުގަދަ އަޒުމާއެކުއެވެ. ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ ތަސައްވުރާ އެކުއެވެ.

އެގޮތުން އަފްރާހުގެ އަމާޒަކީ ބ. އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ފަތުރުވެރިކަން ފުޅާކުރެމެވެ. ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ފެށުމަށެވެ. ކޮންމެ ފަންތިއެއްގެ ރައްޔިތަކަށް ވެސް ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަދެވޭނެ މަގު ކޮށަދިނުމެވެ. ގެސްޓް ހައުސްތަކާއެކު ގޭގޭގެ ކޮޓަރިތައްވެސް ފަތުރުވެރިކަމަށް ބޭނުން ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމެވެ. އެގޮތުން ޒުވާނުން މި ދާއިރާގައި ބާރުވެރިކުރުވުމާއި ފަހި ފުރުސަތުތައް ހޯދާދިނުމަކީ އޭނާގެ ވައުދެކެވެ.

ބ. އަތޮޅުގެ ރީތިކަމާއި ހިތްގައިމުކަމުގެ ރިޒްގުގެ ބޭނުން އެންމެ ފުރިހަމަކޮށް ހިފުމުގެ ވިސްނުމުގައި އަފްރާހު ނުކުންނަވާއިރު އޭނާއަކީ މިދާއިރާއިން ތައުލީމް ހާސިލްކުރައްވާ ބޭފުޅެކެވެ. ތައުލީމްގެ އިތުރުން ފަތުުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރު ބޭފުޅެއްވެސް މެއެވެ. އޭނާ ކިޔަވާ ވިދާޅުވީ ހޮޓަލް މެނޭޖްމެންޓްގެ ދާއިރާއިންނެވެ. ވުމާއެކު އިގްތިސޯދުގެ މައި ތަޅުތަނޑިއަކަށް ފަތުރުވެރިކަން ބޭނުންކޮށްގެން ބ. އަތޮޅުގެ ރަށްތައް ތަރައްގީ ކުރުމުގެ ހުވަފެނުގައި ކުލަޖެއްސިދާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަން ވެސް އެހެން ހަރުފަތަކަށް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ކުޑަ ރާއްޖޭގެ އިގްތިސޯދަށް ބޮޑު ލޮޅުމެއް ވަނީ އަރައިފައެވެ. އެހެންކަމުން ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުލުގައި އަފްރާހުގެ ވިސްނުން ހުރީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޔަތް ފުޅާކުރުމަށް އެ އަތޮޅުގެ ރަށެއްގައި މަސް އިންޑަސްޓިއަލް ވިލެޖެއް ގާއިމްް ކުރައްވާނެ ކަމަށް އަފްރާހް ވިދާޅުވިއެވެ. އެ ވިލެޖުގައި މަސްފެކްޓްރީއަކާއި މަސްވެރިންނަށް ބޭނުންވާނެ އެހެން ހިދުމަތްތައް ފަސޭހަކަމާއި އެކު ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމުގައި ފާހަގަކުރެއްވިއެވެ.

"މި އަތޮޅުގެ ރަށެއް މަސް އިންޑަސްޓްރިއަލް ވިލެޖެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް. އެރަށުގައި މަސް ފެކްޓްރީއާއި، އައިސް އެޅޭނެ ނިޒާމެއްގެ އިތުރުން މަސް ކިރުމާއި، މަސްވެރިންނަށް ބޭނުންވާނެ އެހެނިގެން ހިދުމަތްތަކާއި ވަސީލަތްތައް ލިބޭނެ." އަފްރާހު ވިދާޅުވިއެވެ.

އަހްމަދު އަފްރާހު --

ސިޔާސީ ދާއިރާ އަށް ވަދެވުނީ ކިހިނެއް؟

އަފްރާހް ސިޔާސީ ހަރަކާތްތަކާއި ގުޅިވަޑައިގަތީި ވަރަށް ޒުވާން އިރުއެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 21 އަހަރުގައެވެ. 2008 ވަނަ އަހަރު ވާދަވެރި ގިނަ ސިޔާސީ ޕާޓީތަކެއް ތައާރަފްވެފައި ވަނިކޮށް، އޭނާ ގުޅިވަޑައިގަތީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއިއެވެ. އެ ޕާޓީ އިހްތިޔާރު ކުރެއްވީ ފެށުނީއްސުރެވެސް އަމިއްލަ ޒަމީރު ގަބޫލު ކުރާ ފިކުރަކީ އެމްޑީޕީގެ ފަލްސަފާ ކަމުގައި ވާޓީ ކަމަށް އަފްރާހް ވިދާޅުވިއެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން އައިސް 2017 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި ވާދަކޮށް، އަފްރާހް ވަނީ ތުޅާދޫ ދާއިރާގެ ކައުންސިލް މެމްބަރުމުގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ. އަދި އެ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ.

ޒުވާނުންނަށް ފަހި ފުރުސަތުތަކެއް

އަލަށް ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް ފުރުސަތުތައް އިތުރަށް ހޯދައިދެވޭނެ ކަމަށްވެސް އަފްރާހު ވަނީ ވިދާޅުވެފައެވެ. އެގޮތުން އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް އަމާޒުކޮށް ލޯނު ސްކީމާއި އެކިއެކި ޕްރޮގްރާމްތައް ތައާރަފް ކުރުމުގެ ވިސްނުން އެބަ އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ޒުވާނުން ބާރުވެރިކުރުވާނެ ކަމަށާއި ފަހި ފުރުސަތުތައް ހޯދައި ދިނުމަށް އޭނާ ވައުދުވެވަޑައިގަތެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، ރަށު ކުންފުނިތައް އުފައްދާ، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލަށް ދޫކުރާ ފައިސާވެސް ރަށުގެ އިގްތިސާދުގައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ކައުންސިލަށް ކުރިމަތިލީ ކީއްވެ؟

އަފްރާހު އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ކުރިމަތިލައްވަނީ ފޮނި އުންމީދުތަކާ އެކުގައެވެ. ބ. އަތޮޅުގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދީ ރަށުގައި ތިބެގެން ގިނަ ހިދުމަތްތައް ހޯދުމުގެ ތަނަވަސްކަން ރައްޔިތުންނަށް ހޯދައި ދިނުމަކީ އޭނާގެ ވައުދެކެވެ. އެއްވެސް ތަފާތު ކުރުމެއް ނެތި އަތޮޅު ކައުންސިލް ލެވެލްގައި ކުރެވޭ ތަރައްގީގެ ކަންކަމުގައި ރައްޔިތުންގެ އަޑު އަހައި ރައްޔިތުންގެ މަޝްވަރާ އާއި ލަފާގެ މަތިން މަސައްކަތް ކުރެއްވުން އެއީ އޭނާގެ އަޒުމެކެވެ. އަދި ރައްޔިތުން އެދޭ ތަރައްގީ ސަރުކާރާ ގުޅިގެން ގެނެސްދެވޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. އެ މަސްއޫލިއްޔަތު އަދާ ކުރައްވަން އޭނާ ހުންނެވީ އަތުކުރި އޮޅާލައްވައިގެންނެވެ.

އަފްރާހަކީ ލާމަރުކަޒީ ނިޒާމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އަފްރާހުގެ ވާހަކަތަކުންނާއި ހުށަހަޅުއްވި ވިސްނުންތަކުން އެކަން ހާމަވެއެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ބ. އަތޮޅު ކައުންސިލް ރައީސްކަމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރެއްވޭނީ އޭނާއަށް ކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުޅާދޫ

    ތީ އަމިއްލަ އެދުން.. އަބަދު ރަސުގަ ހުންނަނި އަމިއްލަ ވިޔަފާރި ގާ.ހިނގުމެއް ނެތް. ކިހިނެއް އަތޮލު މީހުނައް މުއްސަދި ކޮނދެވޭނީ...

    1
    3
  2. އޭދަފުށީ ދާއިރާ

    ވޭތުވެދިޔަ ދައުރުގައި ކައުންސިލްގަ ހުރެ ނުކުރެވުނު މަސައްކަތެއް ދެެންވެސް ނުކުރެވޭނެ. ކައުންސިލްގެ އޮފީހަށް ބަރާބަރަށް އައިސްގެންނެއްނު ފުރަތަމަ އަތޮޅު ރައްޔިތުންނަށް ކަމެއްކޮށްދެވޭނީ. މި މެންބަރުގެ މަސައްކަތު ރޭޓަކީ ސުމެއް. ބ. އަތޮޅު ރައްޔިތުން ފަތުރުވެރި ކަމުގެ ނަފާ މިހާރުވެސް ހޯދަމުންދަނީ. ކައުންސިލް ގަ ނުހުރެ ވަގުތު ބޭކާރުނުކޮށް ދެންވެސް ތި ކިޔެވި ދާއިރާއިން އެހެން ތާކުން ވަޒީފާ ހޯދައިގެން ދިއުން ރަނގަޅުވާނީ.