(ހއ. ދިއްދޫ) ތިލަދުންމަތީ އުތުރުބުރީގެ ދަށްބިތުގައި އޮންނަ އެއަތޮޅުގެ ވެރިރަށް ކަމަށްވާ ހއ. ދިއްދޫގެ ސިޔާސީ ޗާޓު ފެންނަނީ ވަރަށްވެސް ފޯރިގަދަކޮށެވެ. އާ ފަތިހަކަށް އަލިވިލިލޭއިރު ހުންނަ ރަންރީންދޫ ކުލަކަށް ފިނިފެންމާގެ ފިޔާތޮށީ ކުލަ ދޫކުރާ މަންޒަރެއް ފެނިގެން ނުދެއެވެ. އެގޮތުން ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ، ސިޔާސީ ކަންކަމުގެ ތެރޭގައި މަސްއޫލުވެ އުޅުމެން އަންނަ އަބްދުﷲ ރަޝީދު، އަލިދުއްފަރު، ދިއްދޫ ކައުންސިލް ރައީސް ކަމަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލީ ލިބުނު ތަޖުރިބާތަކުގެ އަލީގައި ރަށަށް ހިދުމަތް ކޮށްދިނުމަށެވެ. އަދި ގިނަ ކަންކަން ހާސިލް ކުރުމުގެ އުންމީދުގައެވެ.

ސްކޫލް ދައުރުގައި ކިޔަވަން އުޅުނީއްސުރެ ސިޔާސީ ކަންކަން ގާތުން ބަލަމުން ދިޔަ އަބްދުﷲ ރަޝީދު ވަނީ އޭރުވެސް ބައެއް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އޭނާ ތައުލީމް ހާސިލް ކުރީ މާލޭގައެވެ. އަބްދުރަޝީދު މައުލޫމާތު ދިން ގޮތުގައި އޭނާއަށް ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެވުނީ 2008 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގައި ސިޔާސީ ކުލަވަރު އޭގެ ހަގީގީ މާނައިގައި ފެށިގެން އައި ހިސާބުންނެވެ. އެހެންނަމަވެސް އޭނާ ސިޔާސީ ޕާޓީއަކަށް ވަދެފައި ވަނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޕީޕީއެމް އަލަށް އުފެދުމާއި އެކު އެޕާޓީއަށެވެ.

"އަޅުގަނޑު އޭރުވެސް މިހެން ސިޔާސީ ކަންކަމުގައި ބައިވެރިވަން. ޖުމްހޫރީ މައިދާނަށް ގޮސް ބަލާ، ދެން އެކަން ވަރަށް ޝައުގުވެރިވާ ކަހަލަ ކަމަކަށް ވެއްޖެ. އެހެންވެ އޭރުއްސުރެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެވުނީ" އަބްދުﷲ ރަޝީދު ކިޔައިދިނެވެ.

ދިއްދޫގައި ބޭއްވި ރައްވެހި ޕީޕީއެމް ޖަލްސާ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ތައުލީމާއި ތަޖުރިބާ

ސާނަވީ ތައުލީމު މާލޭގައި ހުރެގެން ހާސިލްކުރުމަށްފަހު އަބްދުﷲ ރަޝީދު ވަޒީފާ އަދާކުރަން ފެއްޓެވީ ރިސޯޓު ދާއިރާގައެވެ. އެގޮތުން އެދާއިރާގައި 8 އަހަރު ވަޒީފާ އަދާކުރެއްވުމަށްފަހު ރަށަށް ވަޑައިގެން ހޮސްޕިޓަލްގެ ސީއެމްބިއުލޭންސް ދުއްވުމުގައި މަސައްކަތް ކުރަން ފެށިއެވެ. 5 އަހަރު ދުވަހު އެ ވަޒީފާ ރަށުގައި ހުރެގެން އަދާކުރަމުން ދަނިކޮށް ވަޒީފާ އިން ވަކިކުރީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ދިއްދޫ ކައުންސިލް ރައީސްކަމަށް ވާދަކުރަން ނިންމުމާއި އެކުގައިކަން އޭނާ ފާހަގަކުރިއެވެ.

ކީއްވެ އިންތިހާބަށް ކުރިމަތިލީ؟

އަބްދުއްރަޝީދު ވިދާޅުވީ އޭނާ ކައުންސިލް އިންތިހާބަށް ކުރިމަތިލީ އެއްވެސް ކުލައަކަށް ބެލުމެއް ނެތި ރަށު ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށެވެ. އެގޮތުން އަންނަ ދައުރަށް އިންތިހާބުވެއްޖެ ނަމަ އޮޑި އެހެލާ ސަރަހައްދު ތަރައްގީ ކުރާނެ ކަމަށް ބުނެފައިވެއެވެ.

"އަޅުގަނޑަށް ދިއްދޫ ކައުންސިލް ރައީސް ކަމުގެ މަގާމު ލިބެއްޖެނަމަ، އެތަން އެ މަސައްކަތްކުރާ ބަޔަކާއި ހަވާލުކޮށްގެން ދިއްދޫގެ މަސްވެރިންނަށާއި އޮޑިދޯނިފަހަރު ގެންގުޅޭ މީހުންނަށް ލުއި ފަސޭހަކަން ހޯދާދިނުމަށް މަސައްކަތް ކުރާނަން" އަބްދުﷲ ރަޝީދު މައުލޫމާތު ދިނެވެ.

އަބްދުﷲ ރަޝީދު ވަގުތަށް މައުލޫމާތު ދެނީ - ވަގުތު އިމޭޖްސް: އިމްރާހިމް ޝާބިލް

ހއ. ދިއްދޫގެ ހުޅަނގު ބިތުގައިވާ ފަޅު އިތުރަށް ހިއްކަން މި ސަރުކާރުން ނިންމާފައިވާއިރު އެއީ މުހިއްމު ކަމެއްކަން ފާހަގަކުމުން އަބްދުﷲ ރަޝީދު ވިދާޅުވީ އެ ބިމުގެ ދެބައިކުޅަ އެއްބައިގެ ސަރަހައްދު ސިނާއީ މަސައްކަތްތަކަށް ބޭނުން ކުރެވޭނެ ކަމުގައި ގަބޫލު ކުރައްވާކަމަށެވެ. އަދި އެ ސަރަހައްދުގައި ސިނާއީ ބަނދަރެއް ވެސް ގާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރަޝީދު ވަނީ ބުނެފައެވެ.

އަބްދުއްރަޝީދު ގަބޫލު ކުރާ ގޮތުގައި ތަރައްގީގެ ހަލުވި ދުވެލި ގެނެވެން އޮތީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބު ކޮށްދީގެނެވެ. އެގޮތުން ތަރައްގީގެ ހަލުވި ދުވެލި މީގެ ކުރިން ވެސް ހއ. އަތޮޅުގެ ރަށްރަށުގައި ދައްކުވައިދިނީ ޕީޕީއެމް ކަމަށާއި ސަރުކާރާއި، ރައްޔިތުން މަޖިލީހާއި، މިހާރު އޮތް ކައުންސިލްގެ މެޖޯރިޓީ ލިބެގެންވެސް އެމްޑީޕީއަށް ކުރެވުނުކަމެއް ނެތް ކަމަށް ރަޝީދު ބުނެފައިވެއެވެ.

ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތައް އަވަސްކޮށް، ދިއްދޫއަށް ތަރައްގީ ގެނެވޭނީ ސަރުކާރާއި ވާދަވެރި ފަރާތެއް، ރަށް ތަމްސީލުކުރައްވަން ގެނެސްގެން ކަމަށް އަބްދުއްރަޝީދު ގަބޫލުކުރެއެވެ. އެހެންނަމަވެސް ފިކުރު ތަފާތުވުމަކުން ދިއްދޫގެ ތަރައްގީއަށް ކުރާ އެއްވެސް ކަމަކަށް ޕީޕީއެމްގެ ކެންޑިޑޭޓުންނެއް ހުރަސް ނާޅާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަބްދުﷲ ރަޝީދު ހުންނެވީ ސަރުކާރާއި ގުޅިގެން ދިއްދޫއަށް ފާގަތި އަދި އުފާވެރި ދުވަސްތަކެއް ގެނެއުމުގެ އަޒުމުގައެވެ.

"އަޅުގަނޑެއް ނުހުންނާނެ ސަރުކާރުގެ ބައެއް ކައުންސިލަރުން މިއަދު ވެސް އެ ތިބި ގޮތަށް، ނަތީޖާ ލަސްވާ ނަމަ މަޑުން، ސަރުކާރުން ކުރާ މަސައްކަތަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން، އަޅުގަނޑުމެން ތިބޭނީ ސަރުކާރުގެ ދުވެލި މިއަށް ވުރެ ބާރު ކުރަން، އެ ވިސްނުމާއި ފިކުރު އެބަ އޮތް، ތަރައްގީގެ ވިސްނުން އަޅުގަނޑުމެން ތަންފީޒު ކުރާނަން،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ދިއްދޫގައި ބޭއްވި ޕީޕީއެމް ޖަލްސާ ކުރިޔަށް ދޔަ ވަގުތު މަތިން ނަގައިފައިވާ ފޮޓޯއެއް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ލާމަރުކަޒީ ގާނޫނުގެ ދަށުން ގިނަ ބާރުތަކެއް މި ފަހަރު އިންތިޚާބު ކުރެވޭ އާ ކައުންސިލަށް ލިބިގެންދާ އިރު، އަބްދުﷲރަޝީދު ގަބޫލު ކުރާ ގޮތުގައި އެ ކައުންސިލެއްގައި ބާރުވެރިކަން ހޯދުމުގެ ވިސްނުމާއި ފިކުރު އޮތް ނަމަ، ނަތީޖާ ހާސިލް ކުރެވިދާނެއެވެ. އެގޮތުން ކައުންސިލަށް ލިބޭ އާމްދަނީން އަތޮޅުގެ ރަށްރަށުގައި ލިބިދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޖީބުތަކަށް ތަނަވަސްކަން ގެނެސްދެވޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

މި ވިސްނުމުގައި ސަރުކާރުތަކުން އަތޮޅުގެ ރަށްތަކަށް ހުށަހަޅާފައިވާ ވައުދުތައް ވެސް ފުއްދޭނެ ކަމަށާއި، އެގޮތުން އެ އަތޮޅުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކާއި، މިނި ކޮލެޖްއަކާއި، މަސް ބަންދުކޮށް ރައްކާކުރާނެ ކާރުޚާނާއަކާއި، ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކާއި، އާބާދީ ބޮޑެތި ރަށްތަކުގައި ރަނގަޅު ފެންވަރުގެ ފެރީ ޓާމިނަލްތައް ޤާއިމް ކުރެވިގެން އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިއްދޫ ރައްޔިތުންގެ މޫނުތަކަށް ހިނުތުންވުން ގެނެސްދިނުމަށް ޕީޕީއެމްގެ ކެންޑިޑޭޓުން ހިޔާރުކުރެއްވުމަށް އޭނާ ވަނީ ރަށު ރައްޔިތުންގެ އަރިހުން އެދިފައެވެ. ރަށު ރައްޔިތުން ދެކެމުން އަންނަ ހުވަފެނުގައި ކުލައްޖައްސާ، ރައްޔިތުންނާއި ގާތުން އަބްދުﷲ ރަޝީދު މަސައްކަތް ކުރައްވާނެ ކަަމަށާއި ތަފާތު ދައްކަވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.