(ހއ. ދިއްދޫ) ހއ. އަތޮޅު ތަރައްގީ ކުރުމުގެ ގެންގުޅުއްވާ ދިއްދުއަށް އުފަން ހުސައިން ރަޝީދު ނުކުމެ ހުންނެވީ އަތޮޅުވެރިޔެއްގެ މަގާމެއް ހޯދުމަށެވެ. ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ނިންމެވީ ހުސައިނަށް ދުށް ތަނުގައި މިއީ އެ ދަނޑިވަޅު ކަމުގައި ގަބޫލު ކުރެވިގެންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ޮތުން ދިއްދޫ ދާއިރާގެ ގޮނޑިއަށް ވެސް ހުސައިން ވާދަކުރެއްވިއެވެ. އޭރު އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތަސް ނަތީޖާއާ މެދު އޭނާ ހިތްހަމަޖެހެއެވެ. ރައްޔިތުންގެ ގިނަ ބަޔަކު އިންތިހާބުގައި ތާއީދު ކުރިޔަސް، އަތޮޅުގެ ކުރިއެރުން ހޯދަން އެ ވިސްނުމުގެ ޕާޓީއަކާ ގުޅެން ޖެހޭ ކަމަށް ގަބޫލު ކުރެއްވިއެވެ.

"އަބަދުވެސް އަޅުގަނޑަކީ މި ރަށުގައި ޕާޓީ ހަރަކާތުގައި އުޅުނު މީހެއް، ޕީޕީއެމްގެ ހަރަކާތްތަކުގައި، އެހެން ވިޔަސް ކުރިން ފުރަތަމަ ގަބޫލު ކުރެވުނީ އަމިއްލަ ގޮތުން ނުކުންނަން، މިއަދު މި ގަބޫލު ކުރަނީ ޕީޕީއެމްއާ އެކީ ކުރިއަށް ހަމަ ދާން، އަތޮޅުގެ ތަރައްގީ އަންނަން އޮތީ މި ވިސްނުމުގައި ހުރީމަ،" ހުސައިން ކިޔައިދެއްވިއެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރަޝީދު - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުން

ލާމަރުކަޒީ ގާނޫނުގެ ދަށުން ގިނަ ބާރުތަކެއް މި ފަހަރު އިންތިޚާބު ކުރެވޭ އާ ކައުންސިލަށް ލިބިގެންދާ އިރު، ހުސައިން ގަބޫލު ކުރައްވާ ގޮތުގައި އެ ކައުންސިލެއްގައި ބާރުވެރިކަން ހޯދުމުގެ ވިސްނުމާއި ފިކުރު އޮތް ނަމަ، ނަތީޖާ ހާސިލް ކުރެވިދާނެއެވެ. ކައުންސިލަށް ލިބޭ އާމްދަނީން އަތޮޅުގެ ރަށްރަށުގައި ލިބިދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވިސްނުމުގައި ސަރުކާރުތަކުން އަތޮޅުގެ ރަށްތަކަށް ހުށަހަޅާފައިވާ ވައުދުތައް ވެސް ފުއްދޭނެ ކަމަށް ހުސައިން ވިދާޅުވިއެވެ. އަތޮޅުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކާއި، މިނި ކޮލެޖްއަކާއި، މަސް ބަންދުކޮށް ރައްކާކުރާނެ ކާރުޚާނާއަކާއި، ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކާއި، އާބާދީ ބޮޑެތި ރަށްތަކުގައި ރަނގަޅު ފެންވަރުގެ ފެރީ ޓާމިނަލްތައް ޤާއިމް ކުރެވިގެން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށްރަށުގެ ސިއްޚީ ނިޒާމު އަޅުގަނޑު ރަނގަޅު ކުރާނަން، ތައުލީމީ ނިޒާމުގެ ފެންވަރު މަތި ކުރެވޭނެ، ރަށްރަށުގެ ދަތުރު ފަތުރު ކުރުމުގެ ނިޒާމު އިތުރަށް ފުޅާ ކުރެވޭނެ، އޭރުން ޚިދުމަތްތައް ހޯދަން ޚިދުމަތް ހުރި ރަށްރަށަށް ދިއުމަށް ރައްޔިތުންނަށް ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރެވޭނެ." ހުސައިން ވިދާޅުވިއެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރަޝީދު - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އިހަވަންދިއްޕޮޅުގައި މަސް ކާރުޚާނާއެއް

ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ލިބިދޭ ފަސް އަހަރުގެ ދައުރުގައި ހުސައިންގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އެ އަތޮޅުގައި މުޅިން އާ ހަރުފަތަކަށް ގެންދިއުމެވެ. އެ ކަމަށްޓަކައި އިހަވަންދިއްޕޮޅު ސަރަހައްދުގައި މަހުގެ ކާރުޚާނާއެއް އުފެއްދުމަކީ ހުސައިންގެ އެންމެ ބޮޑު އަމާޒެވެ. އެކަމަކު ހުސައިން ދެކެވަޑައިގަންނަވަނީ އިހަވަންދޫގައި ގާއިމް ކުރަން މި ސަރުކާރުން ވިސްނާފައި އޮތް ގޮތާ ޚިލާފަށް، އެއަށް ވުރެ ފުޅާ ދާއިރާއެއްގައި އެ ކަން ކުރުމަށެވެ.

"އަޅުގަނޑުގެ ފަސް އަހަރުގެ ދައުރު ނިމޭ އިރު އިހަވަންދިއްޕޮޅުގައި މަސް ފެކްޓަރީއެއް ހުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް. އިހަވަންދޫގައި އެ މަސައްކަތް ކުރާނެ ޖާގަ އޮތް ކަމަކަށް ނުބެލެވޭ. އެއަށް ވުރެ ފުޅާކޮށް މަސައްކަތް ހިނގަން ޖެހޭ، އިހަވަންދޫ ކައިރި ފަޅު ރަށްރަށް އެބަ ހުރި، އެހެން ނަމަވެސް ފަހު ނިންމުން ނިންމާނީ އިހަވަންދިއްޕޮޅުގެ ރައްޔިތުންނާ މަޝްވަރާކޮށް އަތޮޅު ކައުންސިލްގެ މެންބަރުން ފާސްކުރާ ގޮތެއްގެ މަތިން،" ހުސައިން ވިދާޅުވިއެވެ.

ދިއްދޫގައި ސިނާއީ އަވަށާއި ސިނާއީ ސަރަހައްދެއް

ހއ. ދިއްދޫގެ ހުޅަނގު ބިތުގައިވާ ފަޅު އިތުރަށް ހިއްކައި އިތުރު ބިން ހޯދަން ޖެހޭ ކަމުގައި ހުސައިން ވިދާޅުވިއެވެ. އެ ބިމުގެ ދެބައިކުޅަ އެއްބައިގެ ސަރަހައްދު ސިނާއީ މަސައްކަތްތަކަށް ބޭނުން ކުރެވޭނެ ކަމުގައި ހުސައިން ގަބޫލު ކުރައްވައެވެ. އެ ސަރަހައްދުގައި ސިނާއީ ބަނދަރެއް ވެސް ގާއިމް ކުރެވޭނެ ކަމަށް ހުސައިން ވިދާޅުވިއެވެ. އެ އަމާޒަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި އެބަ އޮތް ސިނާއީ އަވަށް ތަރައްގީ ކުރުން، އޭރުން ދިއްދޫ އިން އިތުރު ބިން ވެސް ހުސްވެގެން ދާނެ، ހިތްހަމަޖެހިލައިގެން ތިބެވޭނެ ތަންތަން ވެސް ދިއްދޫގައި ގާއިމް ކުރެވޭނެ، އިތުރު ކަންކަން ވެސް ކުރިއަށް ގެންދެވޭނެ، ސިނާއީ އަވަށުން ރަނގަޅު އާމްދަނީއެއް ވެސް ކައުންސިލަށް އަންނާނެ، އަތޮޅުގެ ސިނާއީ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގޮސް ވިޔަފާރިތައް ފުޅާ ވާނެ،" ހުސައިން ވިދާޅުވިއެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ޙުސައިން ރަޝީދު - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ޓޫރިޒަމް ފުޅާކޮށް ކުޅި ޗަސްބިމުގެ ބޭނުން ހިފުން

ހުސައިން ވިދާޅުވީ ހއ. އަތޮޅުގައި ޓޫރިޒަމްގެ ވިޔަފާރި މިހާރަށް ވުރެ ފުޅާ ކުރެވޭ މިންވަރަށް ހއ. އަތޮޅުގައި ގުދުރަތީ ވަސީލަތްތައް އެބަ އޮތ ްކަމަށެވެ. މި ވިސްނުމުގައި މީގެ ކުރީގައި ވެސް ތަރައްގީގެ މަޝްރޫއުތައް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު މިހާތަނަށް ވެސް މާ ބޮޑު ކަމެއް ތަންފީޒު ވެފައި ނެތް އިރު، އެ ކަންކަން ތަންފީޒު ކުރުމުގެ ވިސްނުން އޮތް ކަމުގައި ހުސައިން ވިދާޅުވިއެވެ.

"ކުޅި ޗަސްބިން، ދޮންވެލި ގޮނޑުދޮށް، މި ގުދުރަތީ ރީތިކަން އެބަ އޮތް މި އަތޮޅު ރަށްރަށުގައި، ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، މިއިން ކޮންމެ ރަށެއްގަ ވެސް އެބަ އޮތް، މި އަތޮޅުގައި ޓޫރިޒަމް ފުޅާ ކުރެވޭނެ، ފަޅު ރަށްރަށް ވެސް އެބަ ހުރި، މި ރަށްރަށް ޓޫރިޒަމްގެ ވިޔަފާރިއަށް ހުޅުވާލައި ރިސޯޓްތައް ނެރުމުގެ ވިސްނުން އެބަ އޮތް އަޅުގަނޑުމެންގެ،" ހުސައިން ވިދާޅުވިއެވެ.

ދީނީ އިލްމު ފުޅާ ކުރުން

ހުސައިން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެންމެ ބޮޑު އަމާޒަކީ އިސްލާމް ދީނުގެ އިލްމު އަތޮޅުގައި މިހާރަށް ވުރެ ބޮޑަށް ފެތުރުމަށް މަސައްކަތް ކުރުމެވެ. ދީނީ ހޭލުންތެރިކަން އިތުރު ކުރުމެވެ. މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމެވެ. އެ ކަންކަމަކީ އެންމެ އަހައްމިއްޔަތު ކަން ދޭނެ ކަންކަމުގައި ހުސައިން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިސްކިތަށް ނުދޭ އަހަންމިއްޔަތު ކަމެއް އެހެން ތަނަކަށް ނުދޭނަން، އަޅުގަނޑުމެން ދީނީ ދަރުސްތައް އިތުރުކޮށް ދީނީ ހޭލުންތެރިކަން އިތުރު ކުރާނެ، މިސްކިތްތަކުގައި ނަމާދު ކުރާނެ އިމާމުން ތަމްރީން ކުރާނެ، އަޅުގަނޑުމެންގެ މަގްސަދަކީ ހާފިޒުން ތަމްރީން ކުރުން، އަޅުގަނޑުމެން ޚިދުމަތް ކުރަން މި ނުކުންނަކީ ގައުމާއި މާތްވެގެންވާ އިސްލާމް ދީނަށް،" ހުސައިން ވިދާޅުވިއެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ޙުސައިން ރަޝީދު - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އިދިކޮޅު ކެންޑިޑޭޓަށް ތަރައްޤީ ގެނެވޭނެ

ހުސައިން ގަބޫލު ކުރައްވާ ގޮތުގައި ތަރައްގީގެ ހަލުވި ދުވެލި ގެނެވެން އޮތީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބު ކޮށްދީގެނެވެ. ތަރައްގީގެ ހަލުވި ދުވެލި މީގެ ކުރިން ވެސް ހއ. އަތޮޅުގެ ރަށްރަށުގައި ދައްކުވައިދިނީ ޕީޕީއެމް އިންނެވެ. ތަރައްގީގެ ހަލުވި ދުވެލި އަނެއްކާ ވެސް ހުއްޓުމެއް ނުގެނެސް ކުރިއަށް ގެންދަން އޭނާއަށް ފުރުސަތު ދޭން ހއ. އަތޮޅުގެ ރައްޔިތުންގެ ކިބައިން އޭނާ އެދިވަޑައިގަންނަވައެވެ.

"އަޅުގަނޑެއް ނުހުންނާނެ ސަރުކާރުގެ ބައެއް ކައުންސިލަރުން މިއަދު ވެސް އެ ތިބި ގޮތަށް، ނަތީޖާ ލަސްވާ ނަމަ މަޑުން، ސަރުކާރުން ކުރާ މަސައްކަތަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން، އަޅުގަނޑުމެން ތިބޭނީ ސަރުކާރުގެ ދުވެލި މިއަށް ވުރެ ބާރު ކުރަން، އެ ވިސްނުމާއި ފިކުރު އެބަ އޮތް، ތަރައްގީގެ ވިސްނުން އަޅުގަނޑުމެން ތަންފީޒު ކުރާނަން،" ހުސައިން ވިދާޅުވިއެވެ.