ތ. އަތޮޅުގެ "ހުންގާނާ" ހަވާލުވެވަޑައިގަތުމުގެ ފޮނި އުންމީދާއެކު ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓު ގަމަރިއްޔާ އަލީ (ގަމަރު) އަންހެން ބޭފުޅަކަށް ވިޔަސް ވަކި ދުލެއް ނުދައްވައެވެ. އެންމެ 28 ދުވަސްތެރޭގައި ތ. އަތޮޅުގެ 13 ރަށުގެ ހުރިހާ ގެއަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވިއެވެ. ރައްޔިތުންނަށް ދަތިވާ ހުރިހާ ކަމެއް އޮޅުން ފިލުއްވިއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ގަމަރު ނުކުންނެވީ ތަފާތު ދައްކައި ނަތީޖާ ނެރެދިނުމަށެވެ. ގަމަރު ހުންނެވީ އަތުކުރި އޮޅާލައްވައި ރައްޔިތުންގެ ހިދުމަތް ކުރެއްވުމަށް ތައްޔާރަށެވެ.

ތ. އަތޮޅަކީ އާބާދީ ބޮޑު އަތޮޅެކެވެ. ހަމައެކަނި އެ އަތޮޅުގައި 16،000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެއެވެ. އެކަމަކު، އަސާސީ ބައެއް ހިދުމަތްތަކުގެ ދަތިކަން އިންތިހާ އަށް އެބައޮތެވެ. ވަޒީފާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ފަތުރުވެރިކަމުގެ ސިނާއަތް އެ އަތޮޅުގައި ކުރިއަރަން ޖެހެއެވެ. ގަމަރު ހުންނެވީ އެ ހުރިހާ ކަމެއް ރައްޔިތުންނަށް ފުރިހަމަކޮށް ދެއްވުމުގެ އަޒުމުގައެވެ.

ގަމަރު، ހައުސިން މިނިސްޓަރު ޑރ.މުހައްމަދު އަސްލަމްއާ ބައްދަލުކުރައްވަނީ.

ގަމަރު ފެށުނީއްސުރެ ހުންނެވީ އެމްޑީޕީ ފިކުރުގައި!

އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ކުރީއްސުރެ ތާއީދު ކުރައްވަމުން ގެންދަވާ ގަމަރު ހިލޭ ބޭސްފަރުވާގެ ނިޒާމާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސާއި އެކަނިވެރިމައިންނަށް ދޭ އިނާޔަތް ދިނުމަށް ވަކާލާތު ކުރި އެމްޑީޕީ އަށް އޭނާގެ "ހިތް" އަބަދުވެސް އޮވެއެވެ.

ގަމަރުގެ ބައްޕަ އަހުމަދު އަލީ 83، ނިޔާވުމާ ހަމައަށް ވެސް ހުންނެވީ އެމްޑީޕީގެ ވިސްނުމުގައެވެ. ސިޔާސީ ދާއިރާ އަށް ގަމަރު ނުކުންނެވި މައިގަނޑު އެންމެ ބޮޑު އެއް ސަބަބަކަށް ގަމަރުގެ ބައްޕަ ވާނެއެވެ. ގަމަރު އަށް ހިތްވަރު ލިބިވަޑައިގަތީ ބައްޕަގެ ފުށުންނެވެ.

ގަމަރު މީހަކާ ބައްދަލު ކުރައްވަނީ.

"އަޅުގަނޑުގެ ބައްޕަ ވަރަށް ސަޕޯޓު ކުރާނެ އެމްޑީޕީ އަށް. ބައްޕަ ބުނާނެ، ދަރިފުޅާއޭ ތިމަންނަ އަށް ވަރަށް ގިނަ ވެރިކަންތައް ފެނިއްޖެއޭ. އެމްޑީޕީގެ ސިޔާސަތުތައް ތިމަންނަ އަށް ވަރަށް ކަމުދެއޭ. އަޅުގަނޑު ބައްޕަ ދެކެ ވަރަށް ލޯބިވޭ، ބައްޕަގެ ފުށުން ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ މިކަމަށް ޝައުގުވެރިވީ، ބައްފަ އަކީ ކަތީބުކަން ކުރެއްވި ފަރާތެއް، ދާއިރާ އަށް ވަދެވުނީ އެހެންވެ،" ޕްރައިމަރީ ޓީޗިން ދާއިރާ އިން ފަސްޓް ޑިގްރީ ހާސިލް ކުރައްވާފައިވާ ގަމަރު ވިދާޅުވިއެވެ.

އެމްޑީޕީއާ ދޭތެރޭގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ގަމަރު ވަނީ ރިޔާސީ އިންތިހާބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބުކޮށް ދެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައެވެ. ހާއްސަކޮށް އަތޮޅު ފެންވަރުގައި ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެއެވެ.

ގަމަރު ކެމްޕެއިންގައި

ކައުންސިލަށް ކުރިމަތިލެއްވީ ކީއްވެ؟

ގަމަރު ވިދާޅުވި ގޮތުގައި ތ. އަތޮޅުގައި ހިމެނޭ 13 ރަށުގެ ތެރެއިން ވޭމަންޑޫ ފިޔަވައި ހުރިހާ ރަށެއް އޮތީ ވަރަށް ހާލުގައެވެ. އެކަމަކު، ހަމަހަމަކަމާ އެކު ހުރިހާ ރަށަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ގަމަރު ވިދާޅުވިއެވެ. އަދި އެކަމަށް އެންމެ ރަނގަޅު ޕްލެޓްފޯމަކީ އޭނާ ވިދާޅުވި ގޮތުގައި ކައުންސިލެވެ. އަތޮޅަށް ކަމެއް ކޮށްދެވިދާނެ ތަނަކީ ވެސް ކައުންސިލް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ ވަކި ރަށަކަށް ނުބަލާ ހަމަހަމަކަމާއެކީގައި ކަންކަން ކޮށްދިނުން،" ގަމަރު ވިދާޅުވިއެވެ.

ގަމަރު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއެކު.

ތ. އަތޮޅުގައި ވޯޓުލެވޭ އާބާދީގެ އަދަދު 11،000 އަށް އަރައެވެ. ގަމަރު ވިދާޅުވީ ރަށްރަށުން ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި ވަޒީފާގެ ދަތިކަމާއި ސްކޫލްގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް ނުލިބުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަތޮޅުގައި އެންމެ ހޮސްޕިޓަލެއް އޮންނަ އިރު، އެހާ ގިނަ ހިދުމަތްތައް ނުލިބުމަކީ ގަމަރުގެ ކަންބޮޑުވުމެކެވެ. އަދި ސިއްހީ މަރުކަޒުތަކުގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ގަމަރު ކެމްޕެއިންގައި

ގަމަރު މިފަހަރު ނުކުންނެވީ އެ ހުރިހާ ކަންކަމަށް ހައްލު ހޯދައި ދެއްވުމަށެވެ.

މާލެ އާއި ބައެއް ރަށްރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލައެވެ. ތ. އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް މި މައްސަލަ ބޮޑެވެ. ހާއްސަކޮށް ވިލުފުށި، ހިރިލަންދޫ އަދި މަޑިފުށި ފާހަގަކޮށްލެވެއެވެ. ބައެއް ރަށްތަކުގައި ބިން ހިއްކާފައި ގޯތި ނުލިބި ހުރިއިރު، ގޯތި ނުހެދި އެތައް ބަޔަކު އެބަތިބިއެވެ. އެމީހުންނަށް ހައްލު ހޯދައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ގަމަރު ވިދާޅުވިއެވެ.

ތ. އަތޮޅުގައި މިވަގުތު އޮތީ އެންމެ ރިސޯޓެކެވެ. އެހެންވެ އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާ ކުރުމަކީ ވެސް އޭނާގެ ވިސްނުމެކެވެ.

ގަމަރު ތ.އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ.

"އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ އާ ބޭފުޅަކަށްވީ ނަމަވެސް އަޅުގަނޑަށް އިތުބާރު ކުރައްވާށޭ، އަތޮޅުގެ ތަރައްގީ އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން ސަރުކާރާ ގުޅިގެން. އަތޮޅު ރައްޔިތުން ތިބީ ކަންކަން ވާނެ ކަމުގެ އުންމީދުގައި. އަޅުގަނޑު ގަބޫލު ކުރަން ފުރުސަތެއް ލިބޭނެ ކަމަށް. އެމްޑީޕީގެ ކެންޑިޑޭޓެއް ހޮވައިގެން އެކަން ވާން އޮތީ،" ގަމަރު ވިދާޅުވިއެވެ.

ގަމަރު، ރައީސް ނަޝީދާއެކު.

ގަމަރު އަށް އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގެންނެވީ ޕްރައިމަރީގައި ބޮޑު ތަފާތަކުން ވޯޓު ހޯއްދަވައިގެންނެވެ. އެގޮތުން ޕްރައިމަރީގައި އެމްޑީޕީ މެމްބަރުންގެ ހާހަކަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. މި ހުރިހާ ސަބަބަކާ ހުރެ، އޭނާ އަށް ވޯޓު ދެއްވުމަށް ގަމަރު އެދިވަޑައިގަންނަވައެވެ.

"މި ކުރާ މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވަނީ ކެމްޕެއިން ޓީމު. ތ. އަތޮޅު ރައްޔިތުން އަޅުގަނޑަށް ސަޕޯޓު ކުރޭ. އަޅުގަނޑަށް ވުރެ ދެ ގުނަ މަސައްކަތް ކުރާ އެތައް ބައިވަރު ރައްޔިތުން އެބަތިބި. އެމްޑީޕީން ކޮށްދޭ މަސައްކަތް ވެސް އުފަލާއެކީގައި ފާހަގަ ކުރަން، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،" ގަމަރު ވިދާޅުވިއެވެ.