ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ގދ.އަތޮޅު ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓް، މުހައްމަދު ހަސަން އީޕީއެސް ސްކޫލުން ތައުލީމް ހާސިލްކުރެއްވުމަށް ފަހު މާލެ އިން ރަށަށް ވަޑައިގެން އެންމެ ފުރަތަމަ އުޅުއްވީ މަސްވެރިއަކަށެވެ. އޭނާއަކީ ގިނަ ބަޔަކު ދަންނަ ކެޔޮޅެކެވެ. މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ގިނަ ދުވަހު ހޭދަކުރެއްވި މުހައްމަދު ހަސަން ވަނީ މަސްވެރިކަން އިތުރުހަރުފަތަކަށް ގެންދިޔުމަށްޓަކައި ރާއްޖެއަށް ޒަމާނީ ވަސީލަތްތައް ތައާރަފް ކުރައްވައި މަސް ދޯނިތަކުގައި އެ ވަސީލަތްތައް ބޭނުންކުރުމަށް ޕްރޮމޯޓް ކުރައްވައިފައެވެ.

ރާއްޖޭގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަސްވެރިކަން ކުރުމަށް އެންމެ ފުރަތަމަ ފެށި ކެޔޮޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ. ސަރުކާރުތަކާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާތާ 25 އަހަރުވެއްޖެއެވެ. ދޮށީގެ މަސްވެރިކަން ކުރިއެރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރައްވައި ސަރުކާރާ ގުޅިގެން ރައްޔިތުންނަށް މަސްވެރިކަމުގެ ނަފާ ހޯދައި ދިނުމަށް 33 އަހަރު ވަންދެން ކުރެއްވި މަސައްކަތުން އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވިއެވެ. ރާއްޖޭގެ ރެކޯޑެއްގެ ގޮތުން ގދ. ތިނަދޫ އަސްދާނު ދޯނީގައި 52 ޓަނަށްވުރެ ގިނައިން އެއްދުވަހެއްގައި މަސް ބޭނި އިރު، އެ ދޯނީގެ ކެޔޮޅަކަށް ހުންނެވީ ވެސް މުހައްމަދު ހަސަނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ހަސަން

މަސްވެރިންގެ ތެރެއިން ރާއްޖޭގެ މަސްވެރިޔަކަށް ފުރަތަމަ ފަހަރު، ދޮށީގެ މަސްވެރިކަމާ ގުޅޭގޮތުން ތައިލެންޑަށް ތަޖުރިބާ ދަތުރެއް ކުރައްވައި އަމަލީ ގޮތުން މަސައްކަތުގައި އުޅުމުގެ ފުރުސަތު ވެސް އޭނާ އަށް ލިބިވަޑައިގަތެވެ. ކޮރެއާ ބަޔަކާ ގުޅިގެން ތިނަދޫގައި ކަޓް ސްބުޝީ ޕްލާންޓެއް ގާއިމުކޮށްފައިވެއެވެ. ތިނަދޫގައި އޭރުގައި ކުރި އެންމެ ބޮޑު އިންވެސްޓްމަންޓްގެ އަގަކީ 1.2 މިލިއަން ޑޮލަރެވެ. ފްރެޝް ކަޓް ސޫގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި 2007 އިން ފެށިގެން 2015 ގެ ނިޔަލަށް މަސައްކަތް މަސައްކަތް ކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާގެ އިތުރުން ހައުސިން މިނިސްޓްރީގެ ދަށުން ތިނަދޫގައި ގާއިމުކޮށްފައިވާ ޕަބްލިކް ވޯކް ސާވިސް ޔުނިޓްގެ ރީޖަނަލް މެނޭޖަރުގެ މަގާމާއި ޑިރެކްޓަރުގެ މަގާމާއި ސީނިއަ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް މުހައްމަދު ހުސެއިން ފުރުއްވިއެވެ.

މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މުހައްމަދު ހަސަން މަޝްވަރާކުރައްވަނީ.

މީގެއިތުރުން ގދ. އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލު ކުރެއްވުމުގައި މުހައްމަދު ހަސަންގެ ދައުރު ބޮޑެވެ. ރަށްރަށުގެ ކައުންސިލްތަކާއި ޕަބްލިކް ވޯކްސް ގުޅިގެން ރަށްރަށުން އެދޭ ކަންކަން ފުރިހަމަކޮށް ދެއްވިއެވެ. އެގޮތުން ގދ.ވާދޫގެ މަގުތައް ހެދުމާއި އަލަށް މަގުތަށް ކޮށައި ސާފުކޮށް، އަދި ލޯކަލް ޓުވަރިޒަމް ތަރައްގީ ކުރުމަށް ބޭނުންވާ ބްލޫބޯލްސް އޭރިޔާ ސާފުކޮށް ދިނުމާއި، ބޮޑު މިސްކިތު ގޯތިތެރެއަށް ވެލިއަޅައި ލެވެލްކޮށް ގާއެތުރުމާއި، ގއ.ދެއްވަދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ރަށުގެ ގިރާ ސަރަޙައްދު ބޮޑު ހިލަ ޖަހައި ހިމާޔަތް ކުރުމާއި، ގދ.ފިޔޯރީގެ މަގު ހެދުމާއި ފިޔޯރީ ސްކޫލަށް ބޭނުންވާ އިތުރު ބިންތައް ސާފުކޮށް ކުނި އުކައި ދިނުމާއި، ގދ. ރަތަފަންދޫ ކުނިގޮޑު ސާފުކުރުމާއި ރަށުގެ ވަށައިގެން ދުއްވުމަށް މަގެއް ހެދުމާއި، އަދި އެރަށު ސްކޫލްގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސްކޫލް ގޯތިތެރެއަށް ވެލިއަޅައި ލެވެލްކުރުމުގެ އިތުރުން އެރަށުގައި ހިނގާބިގާވެ އަދި ވެހިކަލްތައް ދުއްވުމަށް ދަތިވެފައިވާ އެންމެހާ މަގެއް ހެދުމުގައި އޭނާގެ ދައުރު ބޮޑެވެ.

މި ހުރިހާ ސަބަބަކާ އެކީގައި އޭނާ މިފަހަރު ނުކުންނެވީ ގދ. އަތޮޅު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެވެ. އެއީ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށެވެ.

މުހައްމަދު ހަސަން އޭނާގެ ސަޕޯޓަރުންނާއެކު.

މުހައްމަދު ހަސަން ވިދާޅުވީ ކައުންސިލަށް ކުރިމަތިލެއްވި ސަބަބަކީ ލޯކަލް ކައުންސިލް ހިންގުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ތަންފީޒުކޮށް ސަރުކާރުގެ ސިޔާސަތުތަކާއެކު ހުވަދު އަތޮޅު ދެކުނުބުރީގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދީ، އެ އަތޮޅު ތަރައްގީ ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތީމަ ކަމަށެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ރައްޔިތުންނަކީ، މައިސަރުކާރަށް ބަރޯސާނުވެ، އަތޮޅުގައި އެކުލެވިގެންވާ ގުދުރަތީ ވަސީލަތްތަކުން ނަފާ ހޯދައިގެން ދިރިއުޅޭ ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ވުމާއި އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އިޖުތިމާއީ ގުޅުން ބަދަހި ރައްޔިތެއް ދިރިއުޅޭ އަތޮޅަކަށް ހެދުމަކީ އޭނާގެ އަމާޒެކެވެ. އަތޮޅުގެ ރަށްރަށަށް އެންމެބޮޑަށް ދަތިވެފައިވާ ކަންކަން ހައްލެއް ހޯދުމަށް އޭނާ ވަނީ ތަސައްވުރެއް އެކުލަވާލައްވައިފައެވެ.

ގދ. އަތޮޅުގައި ތަރައްގީ އަށް ގިނަ ކަންކަން!

އަތޮޅުގެ ރަށްތައް ފުރިހަމަ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ސްޕީޑް ފެރީގެ ޚިދުމަތް ގާއިމު ކުރުމާއި އަތޮޅުގެ ހުރިހާ ރަށަކުންވެސް މިހާރު ތިނަދޫގައި ބޭނުންކުރަމުންދާ ފެރީ ޓާމިނަލް ޒަމާނީ ވަސީލަތްތަކާއެކު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ބޭނުންކުރެވޭ ހިތްފަސޭހަ ތަނަކަށް ހެދުން އެއީ މުހައްމަދުގެ ވިސްނުމެކެވެ. އަދި އަހަރަކު މަދުވެގެން ތިން ފަހަރު އަތޮޅުގެ ހުރިހާ ރަށެއްގެ މަގުތަށް ހެދުމަށް އޭނާގެ ޕްލޭންގައި އެބައޮތެވެ.

މުހައްމަދު ހަސަން ކެމްޕެއިންގައި

މުހައްމަދު ހަސަން ވިދާޅުވީ ކައުންސިލްގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އަތޮޅުގައި މަސް ކޭނިންގ ފެކްޓްރީއެއް ހެދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނުތަކާއި ބޭސްތައް އަތޮޅުގެ ދަނޑުވެރިންނަށް އަތޮޅުން ލިބޭނެ ލުއިފަސޭހަގޮތް ހަމަޖައްސައިދީ ދަނޑުވެރިންނަށް ފައިދާ އާއި މަންފާ ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރަށްރަށުގެ ދަނޑުތަކަށް ދެވޭނެ ފަސޭހަ މަގުތަކެއް ހަދައި ދަނޑު ތަކަށް ބޭނުންވާ ފެނާއި ކަރަންޓްގެ ހިދުމަތް ލިބޭނެގޮތް ހެދުމަކީ ވެސް އޭނާގެ އަމާޒެކެވެ. ދައުރު ނިމުމުގެ ކުރިން އަތޮޅުގެ ދޯނި ތަކުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް މަގުފަހިކުރަން އޭނާ ބޭނުންވެއެވެ.

ކުދި ވިޔަފާރި ތަރައްގީ ކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެހީތެރިވެދިނުމަކީ ވެސް މުހައްމަދު ހުސެއިންގެ ހަނދާނުން ކައްސާލި ކަމެއް ނޫނެވެ. އެކަމަށްޓަކައި ރަށު ކައުންސިލްތަކާއި ގުޅިގެން މައިކްރޯ ކްރެޑިޓް ސްކީމެއް ތައާރަފް ކުރަން ވިސްނަވައެވެ.

މީގެއިތުރުން އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށް ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމެއް ތައާރަފް ކޮށް ރަށުގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ކުޅިވަރުގެ ތެރެއިން ލީޑަޝިޕާއި ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭން ޒުވާނުންނަށް އަމާޒުކޮށް ހާއްސަ ޕްރޮގްރާމެއް ތައާރަފްކޮށް ހެޔޮލަފާ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައުއެއް އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޖުތަމައުގެ ބައިވެރިވުމާއި އެކު ރަށުކައުންސިލްތަކުން ހިންގަން ބޭނުންވާ ކުދި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކޮށްދިނުމާއި ލާމަރުކަޒީ ނިޒާމުގެ ދަށުން މަޑަވެލި ކައުންސިލްގެ އިހްތިސާސްގައި ފަޅުރަށެއް ހިމެނިފައިނުވާތީވެ، ސަރުކާރު ސަމާލުކަމަށް އެކަންގެނެސް، އަމަލީ ގޮތުން އެކަން ހާސިލްކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަތޮޅުކައުންސިލް ހިންގުމުގައި ރައްޔަތުންގެ ބައިވެރިކަން އިތުރުކުރުމުގެ ގޮތުން، އެކިދާއިރާތައް ޝާމިލުވާގޮތަށް، ފާންނީ ގާބިލު ފާރާތްތައް ހިމެނޭ އެޑުވައިޒަރީ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީގެ ލާފާ ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުހައްމަދު ހުސެއިން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ދޭ ވޯޓަކީ މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންއެކީ އެކަތިގަނޑަކަށްވެ، މުޅި ގައުމަށާއި އަތޮޅުގެ އަދި ރަށުގެ ކުރިއެރުމާމެދު ވިސްނުމަށްފަހުދޭ ވޯޓަކަށް ހެއްދެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އަތޮޅުގެ ކުރިއެރުމުގެ އެންމެހާ ބާރެއް އޮތީ، ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަތްމަތީގައި ކަން ދެނެގަނެ، ތިޔަ ލޮބުވެތި ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި އަޅުގަނޑުމެންގެ މުސްތަގުބަލަށާއި ދަރިންނާއި ދަރިންގެ ދަރީންނަށްޓަކައި، ދެވޭ ވޯޓެއް ކަމުގައި ހައްދަވާ. އަޅުގަނޑު އެދެނީ މުޅިއަތޮޅަށް މިއަދަށްވުރެ މާ ފާގަތި ފަހި މާދަމާއެއް މިންވަރުކުރެއްވުން،" މުހައްމަދު ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙުސް ގަމާރުން

    މިޒަމާނަާް ފިޓވާ މީހަކު މިހާރު ބޭނުންވަނީ.
    ކައުންސިލަށް ބާރާއި ބަޖެޓް ލިބޭއިރު ފަރިތަކޮށް އިނގިރޭސިން ވާހަކަ ދެއްކޭ، އަދި ލިއެކިއުން ބަލައި އެއަށް ފާޑު ކިޔަން ނޭނގޭ މީހަކު ކަޑަ.
    ތިއީ މޑޕ ގެ ފެންވަރެއްނޫން.
    ކޮބާ ތައުލީމީ ޒުވާނުން.

    22
    3
  2. ދުރުމި

    ތިޔަ އެމްޑީޕީ އަށް ސަޕޯޓް ކުރާ ތިނަދޫ މީހުން ލަނޑު ނުގަނޭބާ ހިތަށްއަރާ މި ސަރުކާރަށް ތިން އަހަރު ވީއިރު ވެސް ތިނަދޫ އަށް ކުރިކަމެއް ނެތް

    24
    4
  3. ީއިފްސާނު

    ހަރުދަނާ މީހެއް. 👌👍

    14
  4. މަޑުފެހި

    މިގޮލާ ކިޔެވީ މަޖީދިއްޔާއިންތަ ނޫނީ ތިނަދޫ ފަނެ މަދަރުސާއިންތަ.

    8
    3
  5. އަދް

    ވަރައް ދެރަ ކަަމެއް، ސިޔާސީ ދާއިރާއައް މަސްވެރިއެއްގެ ނަމުގައި ވިޔަފާރީ ވެރިއެއް ކުރިމަތިލައިގެން

    5
    1
  6. ޒުވާނާ

    ފައިހަތު އިޒް ދަ ބެސްޓް

    5
    2