ފ. ބިލެތްދޫ ޖަވާހިރުމާގޭ ޝަރީފް ހަސަނާއި ހައްވާ އިދުރީސަށް ލިބުނު ހަތް ދަރިންގެ ތެރެއިން އެންމެ ހަގީ މުހައްމަދު ޝަހުރީދެވެ. ޝަހުރީދު ވަނީ ވަނީ 2003 ވަނަ އަހަރުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވައިފައެވެ. ބިލެތްދޫ ސްކޫލްގެ ޕްރައިމަރީ ޓީޗަރުކަމާއި ކޮލިފައިޑް ޓީޗަރެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި 2010 އިން ފެށިގެން ކޮލިފައިޑް ލީޑިންޓީޗަރެއްގެ ގޮތުގައި އުޅުއްވިއެވެ. ޝަހުރީދަކީ ގިނަ މީހުންނާ ގުޅިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ދަރިވަރުން އިތުބާރު ކުރާ ބޭފުޅެކެވެ.

ޓީޗަރެއްގެ ގޮތުގައި އުޅުއްވުމަށްފަހު 2015 އިން ފެށިގެން ޝަހުރީދު އުޅުއްވަނީ އަމިއްލަ ވިޔަފާރި އާއި މަސައްކަތުގެ ތެރޭގައެވެ.

ޑިޕްލޮމާއިން ޕްރައިމަރީ ޓީޗިން އަދި އެޑިއުކޭޝަން ދާއިރާ އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފައިވާ ޝަހުރީދު މިފަހަރު އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވަނީ މުޅި ފ. އަތޮޅު ތަމްސީލް ކުރެއްވުމަށެވެ. އެއީ ފ. އަތޮޅުގެ ރައީސް ކަމަށެވެ.

ޝަހުރީދު ކެމްޕެއިންގައި

ޝަހުރީދު ވިދާޅުވީ ލޯކަލް ކައުންސިލަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނާ އެންމެ ކައިރިން މަސައްކަތްކޮށް ރައްޔިތުންނަށް ހިދުމަތްކޮށް ދެވިދާނެ ދާއިރާ ކަމަށެވެ. ކައުންސިލްތަކަށް މިއަދު ބޭނުން ވަނީ އެ ގާނޫނަށް އަހުލުވެރި، ރައްޔިތުންނާއި ސަރުކާރާ ގުޅިގެން އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެވޭނެ ވެރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝަހުރީދު ވިދާޅުވި ގޮތުގައި ފ. އަތޮޅަށް އޭނާ ނުކުންނެވީ އެ ނިޔަތް އޮތީމައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ފ. އަތޮޅަށް ކުރިމަތިލައްވާފައި ތިއްބެވި ތިން ކެންޑިޑޭޓުންގެ ތެރެއިން މިކަމަށް އެންމެ އެކަށީގެންވާ ފަރާތަކީ އަޅުގަނޑު. އަޅުގަނޑަކީ ސަރުކާރު ހިންގާ ފަރާތުގެ ފުރިހަމަ ތާއީދާއެކު ހުރި މީހެއް،" ޝަހުރީދު ވިދާޅުވިއެވެ.

ޝަހުރީދު ވިދާޅުވި ގޮތުގައި އެ ސަބަބާ ހުރެ ސަރުކާރުގެ ތެރެއިން ކުރެއްވެން ހުރި މަސައްކަތްތައް ހަލުވިކަމާއެކު ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. ފ. އަތޮޅު ރައްޔިތުން އޭނާ ހޮވަން ޖެހޭ ސަބަބަކީ އެއީ ކަމަށް ވެސް ޝަހުރީދު ވިދާޅުވިއެވެ.

ކައުންސިލްގެ ފަސް އަހަރުގެ ދައުރެއްގައި ފ. އަތޮޅަށް އޭނާ ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. ޝަހުރީދު ގަބޫލު ކުރައްވާ ގޮތުގައި ދައުރު ނިމުމުގެ ކުރިން އެ ހުރިހާ ކަމެއް ރައްޔިތުންނަށް ފުއްދައި ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

ފ. އަތޮޅަށް ޝަހުރީދު ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ޓޫރިޒަމަށް ހާއްސަކޮށް އަތޮޅުގެ ފަޅު ރަށްތައް ނެގުމަށް މަސައްކަތް ކުރުމާއި އެ ރަށްރަށުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އަތޮޅުގެ ކުދިން ކަމަށް ހަމަޖެއްސުމަކީ އޭނާގެ އަމާޒެކެވެ. އަދި ރަށްރަށުގެ އިޖުތިމާއީ ކަންކަމަށް ރިސޯޓުތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރުމަކީ ވެސް ޝަހުރީދުގެ ވިސްނެވުމުގައި ހުންނެވި އެއް ކަމެވެ.

ރާއްޖޭގައި މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަން ނުލިބުމެވެ. ވަކި ރަށެއް ކިޔާނެ ކަމެއް ނެތެވެ. ފ. އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ބައެއް ރައްޔިތުން ވެސް އެންމެ ބޮޑަށް ބޭނުންވަނީ ގެދޮރެވެ. ޝަހުރީދު ވެސް ހުންނެވީ ބޯހިޔާވަހިކަން ތަނަވަސްކޮށް ދެއްވުމުގެ އަޒުމުގައެވެ. ޝަހުރީދު ވިދާޅުވީ ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް އަތޮޅުގެ ރަށްރަށުގައި ހައުސިން ޔުނިޓްތައް އެޅުމަށްޓަކައި ސަރުކާރާ ގުޅިގެން ކައުންސިލުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ފ. އަތޮޅުގައި ފާނަ މަސްވެރިކަން ކުރާ މަސްވެރިންނަށް ހަމަ އަގު ލިބޭނެ ގޮތަށް ސޮސައިޓީއެއް އުފައްދައިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފ. އަތޮޅަކީ ފުދޭ ވަރަކަށް ގިނަ އިން ފާނަ މަސްވެރިކަން ކުރާ މަސްވެރިން ތިބި އަތޮޅެކެވެ.

ޝަހުރީދުގެ އެންމެ ބޮޑު އެއް ވައުދަކީ އަތޮޅު ކައުންސިލުން އިސް ނަގައިގެން އަތޮޅުގެ ދަރިވަރުންނަށް އިސްކަން ދީގެން ޑޮކްޓަރުން އުފައްދައި އެ ޑޮކްޓަރުންގެ ހިދުމަތް އަތޮޅުގެ ފަސް ރަށަށް ހަމަހަމައަށް ފޯރުކޮށްދިނުމެވެ. އަދި އަތޮޅުގެ ހުރިހާ ސްކޫލްތަކެއް ވަށާ ޖެހޭ ތައުލީމްދޭ ސްކޫލްތަކަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރެއްވުމާއި އަތޮޅު އެވޯޑު ނަމުގައި އެވޯޑެއް ދޭނެ ކަމަށް ވިދާޅުވިއެވެ.

ޝަހުރީދު ކެމްޕެއިންގައި

"ތައުލީމީ ގޮތުން އެންމެ މޮޅު ދަރިވަރު ހޮވާނަން،" ޝަހުރީދު ވިދާޅުވިއެވެ.

މީގެއިތުރުން ރަށްރަށުގައި ވަޒީފާ ނެތް އަދި އާމްދަނީ ނުލިބޭ ޒުވާނުންނަށް އަމާޒުކޮށް ވޮކޭޝަނަލް ޓްރެއިނިންގެ ދަށުން ކުރު މުއްދަތުގެ ކޯސްތަކެއް އަހަރަކު އެއް ފަހަރު އެއް ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގެ ބޭނުމަކީ ހުނަވަރު ޒުވާނުންތަކެއް އުފެއްދުން،" ޝަހުރީދު ވިދާޅުވިއެވެ.

ހަމައެއާ އެކު ފ. އަތޮޅު ކުޅިވަރު ފެސްޓިވަލް ނަމުގައި އަހަރަކު އެއްފަހަރު ކުޅިވަރު ފެސްޓިވަލެއް ބޭއްވުމަށް ވެސް އޭނާ ވަނީ ނިންމަވައިފައެވެ.

ފ. އަތޮޅުގައި ހިމެނޭ ނިލަންދޫ، ބިލެތްދޫ، ދަރަނބޫދޫ، މަގޫދޫ އަދި ފީއަލީ ރައްޔިތުންނަށް ޝަހުރީދުގެ މެސެޖަކީ މިއީއެވެ.

"ރައްޔިތުންނަށް ބުނެލާނީ ކަމަށް އެކަށީގެންވާ ގާބިލް ފަރާތްތަކަށް މި ފުރުސަތު ދެއްވުމަށް. ސަރުކާރާ ގުޅިގެން ކަންކަން ކުރުމުގެ ވިސްނުން ހުރި ލާމަރުކަޒީ ގާނޫނަށް އަހުލުވެރި ފަރާތްތަކަށް މިފަހަރު ފުރުސަތު ދިނުމަކީ މުހިންމު ކަމެއް،" ޝަހުރީދު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ރައްޔިތުން އިތުބާރު ކުރާނެ ގޮތަށް ރައްޔިތުން އެދޭ ގޮތަށް ގުޅިގެން މަޝްވަރާގެ އުސޫލުން ކަންކަން ކުރާނެ ފަރާތެއް ކަމުގައި ޔަގީންކަން އަރުވަން. އަދި ހިދުމަތް ދިނުމުގައި ހަމަހަމަ ކަމަށްލޯބި ކުރާނެ ފަރާތެއް،"

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަރީ

    ގަބޫލު ނުކުރަންޏާ ބިލެއްދޫ ރައްޔިތަކަށް ގުޅުއްވާފަ އައްސަވާ!!އެމްޑީޕީ ކުއްޖަކަށް ގުޅިޔަސް ހަގީގަތް ކިޔައިދޭނެ!!

    1
    1
    • ސަރީ

      މަކުރި ކޮމެންޓުގެ މާނަ ސަހުރީދު އާ އެއްކޮޅަށް ދޭހަވާ ބައި ތި ޕޯސްޓް ކުރީ!!ކަލޭމެން މިހާރު ގަނެލީ ދޯ

  2. ސަރީ

    ވަގުތު ނިޔުސް އެމްޑީ ޕީއަށް ވިކިފައިން ވާހަކަ ވައިރަލް ކޮއްލާނަން