ދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ އަހުމަދު ޝާފިއުގެ އެންމެ ބޮޑު އެއް ވިސްނެވުމަކީ ދ. އަތޮޅުގެ ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ މަގު ތަނަވަސް ކުރުމެވެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް، އާދައިގެ ކަމަކަށް އެކަން ނަހައްދަވައެވެ. ރައްޔިތުންނަށް ބޭނުންތެރި ހިދުމަތަކަށް ވާ ނަމަ، އެކަމަކަށް އަބަދުވެސް އިސްކަން ދެއްވައެވެ.

ރާއްޖޭގެ ކައުންސިލްތަކުގެ ތެރެއިން ދ. އަތޮޅު ކައުންސިލަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދި އެއް ކައުންސިލެވެ. ކައުންސިލްތައް ހިންގާ ގޮތާ ގުޅޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ކޮންމެ އަހަރަކު ނެރޭ އިންޑެކްސްގައި މީގެ ކުރިން ދ. އަތޮޅު ކައުންސިލް އޮތީ ފުލުގައެވެ. ކައުންސިލަށް ލިބުނު "ހަޑި ނަމުން" އަރައިގަނެ މިއަދު އޮތީ އިންޑެކްސްގެ އެއް ވަނައިގައެވެ.

"ފާއިތުވެދިޔަ ތިން އަހަރު ދ. އަތޮޅު ކައުންސިލް ރައީސް ކަމުގައި ހުރެ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ނަތީޖާ މި ފެނުނީ. ތިން އަހަރުގެ މަސައްކަތަށް ފަހު އެންމެ ފަހުން ނެރުނު އިންޑެކްސްގައި އެ ކައުންސިލް އޮތީ އެއްވަނައިގައި،"އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވާ ޝާފިއު ވިދާޅުވިއެވެ.

ދ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިތުރު ދައުރަކަށް ޝާފިއު ކުރިމަތިލައްވަން ނިންމެވި މައިގަނޑު އެއް ސަބަބަކީ ވެސް މިއީއެވެ.

އެ ކުރިއެރުމާ އެކީގައި މުވައްޒަފުންނަށް އެތައް ތަމްރީން ޕްރޮގްރާމްތަކެއް ބާއްވައި، ކައުންސިލްގެ ހިދުމަތް ވަރަށް ބޮޑަށް އޭނާ ފުޅާކޮށްދެއްވިއެވެ. އެއް މިސާލެއްގެ ގޮތުގައި ދެއްކެވީ އޭނާގެ އެދުމަކަށް ޕްރޮފެސަރު ހަސަން އުގެއިލް އަތޮޅުގައި ހިންގެވި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަށެވެ. އޭގެ އިތުރުން އަތޮޅުގެ ހުރިހާ ޓީޗަރުންނަށް އަމާޒުކޮށް، މަހާސިންތާއެއް ބޭއްވި އިރު، ފަޔާ ސޭފްޓީ ޓްރެއިނިންތައް ވަނީ އިންތިޒާމްކޮށްފައެވެ.

އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާ އިން ޑިޕްލޮމާ ހާސިލް ކުރައްވާފައިވާ ޝާފިއު ކައުންސިލްގެ ހިދުމަތްތައް ފުޅާކުރައްވަން ވެސް އޭނާ ވަނީ، ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން، ގިނަ މަސައްކަތްތައް ކުރައްވައިފައެވެ. އެގޮތުން ދ. އަތޮޅުން ވެހިކަލްތަކުގެ އޭ ޒޯންގެ ލައިސަންސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އަތޮޅުގެ ހުރިހާ ރަށަކުން އައިޑީ ކާޑު ހެއްދޭނެ ގޮތް ހަމަޖައްސައި ދިނުން ހިމެނެއެވެ.

"ރައްޔިތުންނާ ގާތުން، ރައްޔިތުން ގަބޫލު ކުރާ ފެންވަރުގެ މިހާރު ވެސް އޮތީ އެކަން ރަނގަޅުކޮށްފައި،" ޝާފިއު ވިދާޅުވިއެވެ.

ޝާފިއުއަކީ އަބަދުވެސް އެމްޑީޕީ ފިކުރުގެ ބޭފުޅެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ހެޔޮ ނިޔަތް އޮތީ އެ ޕާޓީގައި އެކަންޏެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ތަންފީޒުކޮށްދެވޭނެ ހަމައެކަނި ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ލާމަރުކަޒީ ނިޒާމާ ދެކޮޅު އިރު، އެ ފަރާތްތަކަށް އެ ނިޒާމު ހިންގޭނެ ގޮތާ މެދުގައި ސުވާލު އުފެދޭ ކަމަށް ޝާފިއު ވިދާޅުވިއެވެ.

ރައްޔިތުންގެ ތަނެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ކައުންސިލް ފެންނާނީ ރައްޔިތުންނަށް ވޯޓުދީގެން ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުރިއަށް އޮތް ތަނުގައި ކައުންސިލްތަކުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. ޝާފިއު ވިދާޅުވީ އެ ބުރަ މަސައްކަތްތައް ކުރުން މަތީގައި ވަރުބަލިކަމެއް ނެތި ދެމިހުންނަވާނެކަމަށެވެ. އަދި ރައްޔިތުން މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނުކުރައްވާނެ ކަމަށާއި ދ. އަތޮޅުގެ ރައްޔިތުންނަށް އިހްލާސްތެރިވެ، ހެޔޮ ނިޔަތެއްގައި މަސައްކަތްކޮށް، ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައި ދެއްވާނެކަމަށް ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވި ގޮތުގައި، ދ. އަތޮޅުގެ ރައްޔިތުންނަށް ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ގިނައެވެ.