ރީތި ގޮނޑުދޮށްތަކާއި ފަޅުތައް އޮންނަ ވ. އަތޮޅަކީ ރާއްޖޭގެ އެންމެ ކުޑަ އަތޮޅު ނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ އަތޮޅުގެ ރައީސް ކަމަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ޝުޖާއު އަލީގެ ވިސްނުން ހުރީ އަތޮޅަށް ލާބަ އާއި މަންފާ ހޯދައިދިނުމަށެވެ.

ޝުޖާއު ވަނީ ވ. އަތޮޅު ތައުލީމީ މަރުކަޒުން އޭލެވެލް އާ ހަމައަށް ތައުލީމް ހާސިލް ކުރައްވައިފައެވެ. އޭގެ ފަހުގައި އޭނާ ވަނީ މެލޭޝިއާގެ ސެގީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ އިން ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ މެނޭޖްމެންޓް ހާސިލް ކުރައްވއަިފައެވެ.

ޓެއިލާ ޔުނިވާސިޓީން ފުރަތަމަ ޑިގްރީ ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ކިޔަވާ ވިދާޅުވި ޝުޖާއު ވ. އަތޮޅުގެ ރައީސް ކަމަށް ކުރިމަތިލައްވައިގެން ހުންނެވީ އެ އަތޮޅަކީ ދިރިއުޅެން އެންމެ އުފާވެރި، ގިނަ ފަތުރުވެރިންނާއި ދިވެހިން ޒިޔާރަތް ކޮށްލަން ނަމޫނާއަކަށް ހެދުމުގެ އުއްމީދުގައެވެ.

އޭނާ އެކަން ކުރަން ނިންމާފައިވަނީ ކިޔެވުމުގައި ލިބިފައި ހުރި ހުނަރުގެ އަލީގައެވެ. ޝުޖާއު އަކީ މިހާރުވެސް ފެލިދޫގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ބޭފުޅެކެވެ.

ސިޔާސީ ދާއިރާ!

ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވި ޝުޖާއު އެންމެ ފުރަތަމަ ފެނިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުން ދުރުކުރަން ބޭއްވި އެއްވުމުގެ ތެރެއިންނެވެ. އޭގެ ފަހުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު ފެލިދޫ ދާއިރާ އަށް ކުރިމަތިލެއްވި އިރު، އޭނާގެ ކެމްޕޭނުގައިވެސް އެ އަތޮޅުގެ ލީޑަރެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވައިފައެވެ.

އެކަންކަމުން ދަސްވެފައިވާ ފިލާވަޅުތަކާއި ހުނަރުތަކާއި އެކީ ފުރަތަމަ ފަހަރަށް ކައުންސިލް އިންތިހާބަށް އޭނާ ކުރިމަތިލެއްވީ އަތޮޅު ހިންގަން ނުކުންނަން ޖެހޭނީ ކިޔަވައިގެން ތިބި ޒުވާނުން ކަމަށްވާތީއެވެ. ޝުޖާއު ވިދާޅުވީ، އެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަން ކުރަން ރައްޔިތުން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ލޯކަލް ޓޫރިޒަމަށް ހުވަފެންތަކެއް!

ކުޑަ އޮތަޅެއް ނަމަވެސް، ގުދުރަތީ ރީތި ކަމުން ފުރިގެންވާ މި އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާގައި އުސްމިންތަކަކަށް ދެވިދާނެ އަތޮޅެއް ކަމަށް ޝުޖާއު ގަބޫލު ކުރައްވައެވެ.

ޝުޖާއު ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ އިގްތިސާދީ ތަރައްގީ އެ އަތޮޅުގައި ކުރިއެރުވުމެވެ. އޭގެ ތެރެއިން އިޖްތިމާއީ ތަރައްގީ ވެސް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވ އަތޮޅަކީ ފަޅުތައް ބޮޑު އަތޮޅެއް. ގިނަ ވަސީލަތްތައް ހުރި އަތޮޅެއް. އެހެން ކަމުން ދަތުރުދާނެ ތަންތަނާއި ވޯޓަ ސްޕޯޓްސް ކުރި އެރުވުމަށް ގިނަ މަސައްކަތް ކުރާނަން." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އިހްތިސޯސްތެރެއަށް ވަންނަ ފަޅުތައް ޓޫރިޒަމަށް ހާއްސަ ކުރާނެ ކަމަށާއި އޭގެ ތެރޭގައި ފަރު މަސްވެރިކަމަށް ހާއްސަ ސަރަހައްދެއްވެސް އޮންނާނެ ކަމަށެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރަން ވެސް ވަކި ސަރަހައްދެއް އެ އަތޮޅުގައި އޮންނާނެ ކަމަށް ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ރައްޔިތުން އޭނާ ހޮވައިފި ނަމަ ޓޫރިޒަމްގެ މުހިންމު ސަރަހައްދަކަށް މުޅި އަތޮޅު ހަދަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެއެވެ.

ކައުންސިލަށް ލިބޭ އާމްދަނީ ރަށް ކުރިއެރުވުން!

ޝުޖާއުގެ ވާހަކަތަކުން އަތޮޅާއި މެދު ފޮނި އުއްމީދުތަކެއް ގެންގުޅެއްވާކަން އެނގެއެވެ.

ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހާ އެކީ ކޮންމެ ރަށަކަށް އިޚްތިސޯސެއް ކަނޑައެޅިގެންދެއެވެ. އެގޮތުން ވ އަތޮޅުގެ ރަށްތަކަށް އިޚްތިސޯސްތަކެއް ލިބިފައިވާއިރު، ޝުޖާއު ވިދާޅުވީ، އެފަދަ ރަށްތައް ކުއްޔަށް ދެވިދާނެ ކަމަށާއި އެގޮތަށް ކުއްޔަށް ދީގެން އަހަރަކަށް ބަލާނަމަ، ގާތްގަނޑަކަށް 12 މިލިއަނާއި 15 މިލިއަނާއި ދެމެދުގެ ރުފިޔާ ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެ ފައިސާ ބޭނުން ކުރާނީ އިޖުތިމާއީ މައްސަލަތަކާއި ބިމުގެ މައްސަލަތަކާއި ސޯޝަލް ޑިވެލޮޕްމެންޓަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ ވިސްނަން އަތޮޅު ކައުންސިލަކުން ހިންގާ އެންމެ ރަނގަޅު، އެންމެ ވަރުގަދަ އިންޓެގްރޭޓެޑް ޓޫރިޒަމް ވ އަތޮޅަށް ޕްރޮޕޯސް ކުރަން. އެކަމަށް ތައްޔާރު ކުރަން ޖެހޭ ޑޮކިއުމެންޓްސް އަޅުގަނޑުމެން މިހާރު ރެޑީ ކުރަނީ. ކެމްޕެއިން ނިމި އިލެކްޝަންސް ނިމޭ ހިސާބުން އެކަމަށް މަސައްކަތް ކުރާނަން" ޝުޖާއު ވިދާޅުވިއެވެ.

އެފަދަ ޕްލޭނަކާއި އެކީ ޝުޖާއު ވަނީ ވ. އަތޮޅަކީ މީހުން ދިރިއުޅެން އެންމެ ހިތް ފަސޭހަ، މީހުން ދަތުރު ކުރަން އެންމެ ގަޔާވާ އެއް އަތޮޅަށް ހެދުމުގެ އަޒުމުގައި ހުންނެވި ކަމަށް ވިދާޅުވެފައެވެ.. އޭނާ ވިދާޅުވީ އަތޮޅު ކުރިއަރާ ދާން ބޭނުން ނަމަ އެކަން ކަމަށް ވަކާލާތު ކުރަން ޖެހޭނެ ކަމަށެވެ.

"ކުރިން އެންމެ ރަނގަޅަކަށް އެ ޖާގައެއް ވެސް ނެތް ކައުންސިލްތަކަކަށް އޮޕަރޭޓް ކުރަން. އެކަމަކު މިހާރު ގާނޫނުތަކުން އެ ޖާގަ އެބަ ލިބޭ. އެހެން ވެއްޖެއްޔާ މިއީ އެ ދަނޑިވަޅު އެކަން ކުރަން." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ގަބޫލުކުރައްވާ ގޮތުގައި ފަތުރުވެރިކަމުގެ ފުރިހަމަ ސަރަހައްދަކަށް ވ. އަތޮޅު ވާނީ ގެސްޓްހައުސް އާއި ރިސޯޓާއި ސަފާރީ، މި ހުރިހާ ކަމެއް ވެސް އެކުވުމުންނެވެ. އެހެންކަމުން ކައުންސިލްގެ ރައީސްގެ ގޮނޑި ލިބިވަޑައިގެންފި ނަމަ ވ. އަތޮޅުގެ ޓޫރިޒަމްގެ ޕްރޮމޯޝަނަށް ހާއްސަ ބޯޑެއް އުފައްދަވަން އޭނާ ބޭނުންވެއެވެ. އޭގެ ފަހުން އެ ބޯޑުން ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ހަރަކާތްތައް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް ޕްރޮމޯޓް ކުރާއިރު، ކޮންމެ ރަށެއް ވަކިން ޕްރޮމޯޓް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.