ނ.ހޮޅުދޫއަށް އުފަން އަޙްމަދު ފާރިޝް، 32 އަކީ ހޮޅުދޫ ރައްޔިތުންނަށް އައު ނަމަކަށް ނުވާނެއެވެ. ސަބަބުތައް ބައިވަރެވެ. ރަށުގައި އިޖުތިމަޢީ މަސައްކަތެއް ރޭވިގެންކުރާ ނަމަ އޭނާ ފެންނާނެއެވެ. ކުޅިވަރު މުބާރާތެއް ނޫނީ ކުޅިވަރު ޓީމެއް ތައްޔާރުކުރާނަމަ އެންމެ އިސްމީހެއް ގޮތުގައި އޭނާ ހަރަކާތްތެރިވާނެއެވެ. ރައްޔިތުންގެ ކަމެއް ދަމެއް ބޮޑުވެގެން އެހީތެރިކަމަށް ގޮވާލާއިރު ރައްޔިތުންނާ އެންމެ ގާތުން އެކަކަށް އޭނާ މަސައްކަތްކުރާނެއެވެ. މިއީ އަޙްމަދު ފާރިޝް ސިފަކޮށްލަދެވޭނެ އެންމެ ތިލަމިނެވެ.

ފާރިޝްގެ ތަޢާރަފު:

ނ.ހޮޅުދޫ މޭނާސްކޫލުން އޯލެވެލް އަށް ކިޔަވާ ވިދާޅުވި ފާރިޝް މަދަރުސީ ތަޢުލީމު ނިންމާލީ ފަޚުރުވެރި އަދި އެހާމެ އަދަބުވެރި ދަރިވަރެއްގެ ގޮތުގައެވެ. ސުކޫލް ދައުރުގެ ފޮނި ކާމިޔާބީތަކާއި ރަން ވަނަތައް މިކަމުގެ ހެއްކަކަށް ފުދެއެވެ.

ސުކޫލް ދައުރުގެ ކިޔެވުން ނިމުނުކަމުގައިވިޔަސް މަތީ ތަޢުލީމް ހާސިލުކޮށް މުޖުތަމަޢުގެ ޤަދަރުވެރި މީހަކަށްވުން އެއީ ފާރިޝް އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އެހުވަފެނުގައި މިއަދު އޭނާ ދަނީ ކުލަޖައްސަމުންނެވެ. 2019 ވަނަ އަހަރު މައި ކޮލެޖް އިން ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލުކުރައްވާފައިވާއިރު، ދިރިއުޅުމުގެ ގިނަ ޒިންމާތަކާއި އެކުވެސް މިއަދު އޭނާއަކީ މައިކޮލެޖް އިން ބެޗްލަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝާން ކޯސް ފުރިހަމަ ކުރަމުންދާ ދަރިވަރެއްވެސް މެއެވެ. ހިންގުމުގެ ދާއިރާގެ ތެރެއިން ލިބުނު ފަހި ފުރުޞަތެއްގެ ބޭނުން ހިފާ މެނޭޖްމަންޓް ކެޕޭސިޓީ ފޯރ ހެލްތް އޮފިޝަލްސް ކޯސް ޗައިނާއިން ޙާސިލްކޮށްފައިވާކަމީ ހިންގުމުގެ ދާއިރާއިން އައު ކަންކަމެއް ދަސްވިކަމެއްކަމުގައި އޭނާ ދެކިލައްވައެވެ. މީގެ އިތުރުން ކުޅިވަރު އުގެނުމަށާއި އުގަންނައި ދިނުމަށް އޭނާގެ ހިތުގައިވާ ބޮޑު ޝައުގުވެރިކަމާއިއެކު އޭޝިއަން ފުޓްބޯލް ކޮންފެޑްރޭޝާން (އޭއެފްސީ) އިން ކުރިއަށް ގެންދިޔަ ފުޓްބޯލް ސީ ލައިސަންސް ކޯޗިންގ ކޯސް ވަނީ ފުރިހަމަކުރައްވާފައެވެ.

މަސައްކަތު ތަޖުރިބާގެ ގޮތުން ބަލާއިރު އަޙްމަދު ފާރިޝް އަކީ ފަތުވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 7 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އެދާއިރާއަށް ފަރިތަ ބޭފުޅެކެވެ. އަމިއްލަ ވިޔާފާރީގެ ތެރޭގައި 10 އަހަރު ހޭދަކުރައްވާފައިވާއިރު ވިޔަފާރީގެ އެތައްކުރިއެރުންތަކެއް އޭނާގެ މޭސްތިރިކަމުގެ ދަށުގައި ހޯދާފައިވާކަން ފާހަކޮށްލެވެއެވެ. 2019 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރެއްވި ފަރާތެއްގެ ގޮތުގައި ނ.ހޮޅުދޫ ޞިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސާރވިސަސްގެ މަޤާމާއި ހަވާލުވެލައްވައި އެމަރުކަޒު ހިންގުމުގެ މަޞްއޫލިއްޔާތު އޭނާއަންނީ އަދާކުރަމުންނެވެ. ޞިއްޚީ މަރުކަޒު ހިންގުމުގައި މިވޭދުވެދާ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އެމަރުކަޒުގެ ހިންގުމަށް ގެންނަވާފައިވާ ހަރުދަނާ ބަދަލުތަކާއި ޚިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމުގައި އަދި އުމްރާނީ ކުރިއެރުން ގެނައުމުގައި ކުރައްވާފައިވާ މަސައްކަތްތަކީ ފެންނަންހުރި އަގުހުރި ޚިދުމަތްތަކެވެ.

ލޯކަލް ކައުންސިލަށް ކުރިމަތިލީ ކީއްވެ؟

ޒުވާން ހަޔާތުގެ ބޮޑުބައެއް ފާރިޝް ހޭދަކުރެއްވީ ސިޔާސީ މަސައްކަތުގައެވެ. ސިޔާސީ ޕާޓީތައް ވުޖޫދުވެ ހިނގައިގަންނަން ފެށި ދުވަސްވަރަކީ ފާރީޝްގެ އެންމެ ޒުވާން ޖޯޝް ހުރި ދުވަސްވަރެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު އޭރުދުއް ބިޔަބޮޑު ބަދަލުގެ ތެރެއިން ސިޔާސީ ކަންކަމަށް ހިތް ޖެހި ސިޔާސީ މަސައްކަތުގެ ތެރޭގައި އުޅެވެން ފަށާފައިވަނީ އެކަމަށް ހިތުގައި ހުރި ޝައުގުގެ ބޮޑުކަމުންނެވެ. މިނިވަން ފިކުރާއި މިނިވަން ހިޔާލަށް ޖާގަ ދެވިގެން އޭރު ދިވެހިރާއްޖޭގެ ބޭއްވުނު ވެރިކަން ކުރާނެ ނިޒާމު ކަނޑައެޅުމުގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ވާގިވެރިއެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެވިއެވެ. އޭރު ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންގެ ވިސްނުމާއި ފިކުރާއި ޚިޔާލާތު ހުރި ގޮތުން ގިނަ ގޮންޖެހުންތަކާއި ތަކްލީފްތަކާއި މަލާމާތާއި އާޑަ ފުރައްސާރަ ރައްދުވިޔަސް، އެކަންކަމުގެ ހިތިކަމާއި ގިތިކަންދަނެމެވެސް، ޕާޓީގެ ލޯތްބާއި ފިކުރުގައި އޭނާ ސާބިތުކަމާއިއެކު ދެމި ހުންނެވިއެވެ.

އެދުވަހުގެ އެއުނދަގޫ ހާލާތު، ޖެހެމުންދިޔަ އޮޔާއި ވަޔާއިއެކު މާޒީއަށް ދޫކުރުމަށް ފަހު މިއަދު ފާރިޝްއަކީ ސިޔާސީ މައިދާނުގައި ކާމިޔާބު އެތައް މަސައްކަތްތަކެއްކޮށް ނަތިޖާ ނެރެދީފައިވާ ސިޔާސީ މުފައްކިރެކެވެ. އައު ޤާނޫން އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބްގައި އެމް.ޑީ.ޕީ އިން ވާދަކުރި ރައީސް މުޙައްމަދު ނަޝީދުގެ ނ.ހޮޅުދޫގެ ފޯކަލް ޕޮއިންޓަކީ އޭނާއެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އަދާ ހަމައަށް ވެސް އެމް.ޑީ.ޕީ ނ.ހޮޅުދޫ ގޮފީގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ ހުދު ފާރިޝްއެވެ. 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނ.ހޮޅުދޫ ކެމްޕެއިން މެނޭޖަރަކީވެސް ހަމަ އަޙްމަދު ފާރީޝްއެވެ. މީގެ އިތުރުން އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުން މަޖްލިސް އިންތިޚާބުގައި ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ އިންތިޚާބު ކާމިޔާބުކުރެއްވި ޔޫނުސް ޢަލީގެ ކެމްޕެއިން މެނޭޖަރަކީވެސް ފާރިޝްއެވެ.

ސިޔާސީ ގޮތުން ބަޔާންވެދިޔަ ގިނަ ކާމިޔާބީތަކާއި ހޯއްދަވާފައިވާ ތަޖުރިބާތަކުގެ އަލީގައި އަދި ސިޔާސީ މައިދާނުގެ ކުރިއެރުމާއި ކާމިޔަބަށް އެދި ހިތުގައި ކަނޑައެޅި ގަދަ އަޒުމަކީ ލޯކަލް ކައުންސިލް އިންތިޚާބަށް އަޙްމަދު ފާރިޝް ކުރިމަތިލީ ސަބަބެވެ. ފާރިޝްގެ މިހުރިހާ ތަޖުރިބާއަކާއި ޢިލްމަކާއި ޙިލްމެއް ގޮސް ގުޅެނީ ރައްޔިތުންނާއި ރަށުގެ ތަރައްޤީއާއެވެ. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ރަށުގެ ކަންކަން ބައްޓަންކޮށް ތަރުތީބުކުރުމުގެ ސިޔާސަތުތަށް ތަންފީޒުކުރުމަށް ފުރުޞަތެއް ފަހިވެފައި އޮތުމަކީ އޭނާކުރާ އުންމީދެކެވެ.

"ހޮޅުދޫ ރައްޔިތުންނަށް އުންމީދީ އެތައްކަމެއް" ފާރިޝްގެ ތަސައްވަރެއް!

ހޮޅުދޫގެ ލޮބުވެތި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުޞަތަކަށް އެދި ފާރިޝް ނިކުމެ ހުންނެވީ ތަޞައްވަރަކާއެކުއެވެ. އޭނާ އާއި ޓީމުގެ އެންމެހާ މެންބަރުގެ ހިތުގައި ލޯބިވާ ވަތަނާއި ދޭތެރޭ ކުރަހާލެވިފައިވާ ތަސްވީރު ކުލަ ކުރުމަށް ބޭނުންވާނެ އެންމެހާ ކަންކަންވަނީ ކަޅާއި ހުދުން ލިޔެވިފައެވެ. އެއީ ކުރެވޭނެ ކަންކަންތޯ އާއި ކޮށްދެވޭނެ ކަންތައްތައްތޯ އާއި އެކަންކަމަށް ސަރުކާރުގެ ތެރެއިންނާއި ދާއިރާގެ މަޖްލިސް މެންބަރު މެދުވެރިކޮށް ހޯދޭނެ އަލިމަގަކީ ކޮބާތޯ ބަލާ ތަރުތީބުކުރެވި ވަނީ ކުރެވިފައެވެ. މިހާރު ފާރިޝްގެ ހުރިހާވެސް އަމާޒަކީ އެކަންކަން ހޮޅުދޫ ރައްޔިތުންނަށް ފަހިކޮށްދީ ތަންފީޒުކޮށްދިނުމެވެ. މިކަމަށް ބޭނުންވަނީ ލޮބުވެތި ރައްޔިތުންގެ ތާއިދާއި އިތުބާރެވެ. ޔަގީންކަމާއި ނުގުޑާނެ ފަދަ ގަދަ ހިތްވަރެވެ.

ދީނީ ގޮތުން ހޭލުންތެރި ރައްޔިތެއް ދިރިއުޅޭ ހޮޅުދޫގައި ޒަމާނީ މިސްކިތަކާއި އިސްލާމިކް ލައިބްރަރީއެއް ޤާއިމްކުރުމަކީ ފާރިޝްގެ ސިޔާސަތެކެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ހަގީގީ ސިފައަށް ރުޖޫއަވުމަށް ރަށުގައި ތިބެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގޭނެ އިންތިޒާމް ފަހިކޮށްދޭނެއެވެ. ހައްލު ނުވެ ޒަމާންތަކެއް ދިގުލާދިޔަ ހޮޅުދޫ މަގުތަކުގައި ފެން ހެދޭ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައި ވާއިރު ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުގެތެރެއިން ތަންފީޒުކުރާނެކަމެކެވެ. ހޮޅުދޫގެ ފަޚުރުކަމުގައިވާ ތަޢުލީމީ ބިނާ މޭނާސްކޫލްގެ ދެއިމާރާތެއްގައި ހިންގުމުގައި ހުރި ދަތިތައް ނައްތާލާ މޭނާސްކޫލް އެއް ކެމްޕަސް އަކަށް ބަދަލުކުރުމަކީ ސިޔާސަތުގެ ތެރެއިން މުހިންމު ބައެކެވެ. ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަށްޓަކައި ނ.ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތެއްގެ މަސައްކަތަކީ ފާރިޝް ނުހަނު އިސްކަމެއް ދޭނެ މަސައްކަތެކެވެ. ވިޔަފާރިތަކަށް ކުލީ ބިން ދޫކުރުމާއި، ލޯކަލް ޓޫރިޒަމާއި ދަނޑުބިމަށް ހޮޅުމީދޫ ހުޅުވާލުމާއި ކުޅިވަރާއި ޞިއްޙަތު ޕްރޮގްރާމްތައް ރާވީ ހިންގުންފަދަ މުހިންމު އެތައްކަމެއް ފާރީޝްގެ ސިޔާސަތުތަކުގެ ތެރޭގައިވަނީ ކަނޑައަޅާއި ރައްޔިތުންނާއި ހަމައަށް ގެނެސްދީފައެވެ.

ފާރިޝްގެ ބަސް:

ފާރިޝްގެ އިހުބަހާއި ފަހުބަހަކީވެސް އެއްވާހަކައެވެ. އެއީ ރަށުތަރައްޤީގެ ކަންކަން ކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތުގެ ވާހަކައެވެ. ރައްޔިތުންގެ ފުރިހަމަ ތާއިދާއާއި އިތުބާރާއިއެކު އުފެދިފައިމިވާ އަދުގެ ސަރުކާރުގެ އެންމެހާ ސިޔާސަތުތައް ރަނުން ރަނަށް ތަންފީޒުކޮށް ސަރުކާރުގެ ތެރެއިން ކުރަންޖެހޭ އެންމެހާ ކަންކަން ފަހިވެ ފުރިހަމަވުމަށްޓަކައި ފާރިޝްއާއި އޭނާގެ ޓީމުން ކުރަންޖެހޭ ނުހަނު ގިނަ މަސައްކަތްތައް ސަރުކާރުގެ ވުޒާރާތަކާއި ދާއިރާގެ މަޖްލިސް މެންބަރާއި ގުޅިގެން ކުރަންޖެހިފައި އެބަހުރިކަމަށް ފާރީޝް ފާހަގަކުރެއްވިއެވެ.

ހަޤީޤީ ލާމަރުކަޒީ ބާރަކަށް އެދި ދިވެހިން ފަށާފައިމިވާ ފަހި ދަތުރުގެ މިސްރާބު ހުރީ އަލިވިލެން މިދާ މާއުފާވެރި ހިތްގައިމު ފަތިހަށްކަން އޭނާ ފާހަގަކުރެއްވިއެވެ. ފާރިޝް ފާހަގަކުރެއްވި ގޮތުގައި ހޮޅުދޫގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްޤީ ގެންނާނީ އޯގާތެރިކަމާއިއެކު މުޅި ރައްޔިތުންގެ ބައިވެރިވުން އޮވެގެން ނިންމާ ނިންމުންތަކާއި އެކު ހަމައެންމެ ފަރުދެއްގެވެސް ހައްޤަކަށް އުނިކަމެއް ނާންނެ ފަދައަކުން ހަމަހަމަކަމާއިއެކުއެވެ.
އެޕްރީލް 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް 2020 ގައި ނ.ހޮޅުދޫ ކައުންސިލްގެ ރައީސްކަމަށް އަޙްމަދު ފާރިޝް، ކެނޑިޑޭޓް ނަންބަރ 4 އަކަށް ވޯޓްދެއްވާ!