ލ. އަތޮޅުގެ ރައީސް ކަމަށް އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އިސްމާއިލް އަލީ ދެކެ ވަޑައިގަންނަވާ ގޮތުގައި އެ އަތޮޅު ތަރައްގީ ކުރެވޭނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރެވިގެންނެވެ. ރާއްޖޭގައި ބިމުގެ ގޮތުން އެންމެ ތަނަވަސް އަތޮޅު ތަރައްގީ ކުރުމުގެ ވިސްނުން އިސްމާއިލްގެ އެބައޮތެވެ. އެ މަގަށް ވާސިލްވުމަށްޓަކައި ބޭނުން ވަނީ ލ. އަތޮޅުގެ ހުރިހާ ރައްޔިތުންގެ ވޯޓެވެ. އޭނާ ހުންނެވީ ތަފާތު ދައްކަވަން ތައްޔާރަށެވެ.

އަތޮޅު ކައުންސިލް ރައީސް ކަމަށް ވާދަ ކުރައްވާ އިސްމާއިލް އަލީއަކީ މެދު ނުކެނޑި 27 އަހަރު ސަރުކާރަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 1994 ވަނަ އަހަރު ސަރުކާރުގައި އޭނާ ވަޒީފާ ފެށީ ތުނޑީ ސްކޫލުގެ ޕްރައިމެރީ ޓީޗަރަކަށެވެ. އޭގެ ފަހުން ލ. ހިތަދޫ ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހުފަހު ސްކޫލްގެ އެސިސްޓަންޓް ހެޑް މާސްޓަރު ކަން 1999 އިން ފެށިގެން 2006 އާ ހަމައަށް ކުރެއްވިއެވެ. އެއް އަހަރު ބ. ތުޅާދޫ ސްކޫލުގެ އެސިސްޓަންޓް ހެޑް މާސްޓަރު ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ލ. ގަމު އިހައްދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައެވެ. އިސްމާއިލް މިހާރު ހުންނެވީ އެ އަތޮޅު ގަމު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމްގައެވެ. އެތަނުގައި އޭނާ ހުންނަވާތާ މިހާރު ހަތަރު އަހަރުވެއްޖެއެވެ.

އިސްމާއިލް އަލީ ވަނީ މައި ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ހާސިލް ކުރައްވައިފައެވެ. ބެޗްލާ ޑިގްރީ އިން އާޓްސް އެންޑް ލެންގުއޭޖްގެ އިތުރުން ޓީޗިން އާއި ސްކޫލް މެނޭޖްމަންޓް ދާއިރާއިން ދެ ޑިޕްލޮމާ ވެސް އޭނާ ވަނީ ހާސިލް ކުރައްވައިފައެވެ.

މި ހުރިހާ ތަޖުރިބާއާ އެކުގައި އޭނާގެ ވިސްނުމަކީ މިހާރު ލ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ ގޮނޑިއެވެ.

އިސްމާއިލް ލ. އަތޮޅުގެ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯއްދެވީ މިހާރު ހުންނެވި އަތޮޅު ކައުންސިލް ރައީސްއާ ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބުކުރައްވައިގެންނެވެ.

އިސްމާއިލްގެ އަމާޒަކީ ނުފޫޒު ގަދަ އަތޮޅަކަށް ލ. އަތޮޅު ހެދުން

ސިޔާސީ ފޯރި އެންމެ ވަރުގަދަ އަށް ހިފި އެއް ދުވަސްވަރު ކަމަށްވާ 2008 ހިސާބުގައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިސްމާއިލް ގަބޫލު ކުރައްވާ ގޮތުގައި ލ. އަތޮޅަށް ދިމާވެފައިވާ ކަންކަން ހައްލު ކުރެވޭނީ ސަރުކާރާއެކު މަސައްކަތް ކުރެވޭނެ ކެންޑިޑޭޓުން އިންތިހާބުކޮށްގެންނެވެ. އަދި މި ސަރުކާރަކީ ކަންކަންކަމުގައި ހައްލު ހޯދައި ދެވޭނެ ސަރުކާރެއް ކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ.

އެމްޑީޕީގެ ގަމު ދާއިރާގެ ރައީސް ކަން ވެސް ކުރެއްވި އިސްމާއިލް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު ރަށްރަށުގައި ކުރަން ޖެހޭ މަސައްކަތް ހަމަހަމަ އުސޫލެއްގެ ދަށުން ހުރިހާ ރައްޔިތުންނަށް ވަރަށް ފުރިހަމައަށް ފޯރުކޮށް ދެވޭނެ ކަމަށެވެ. އެގޮތުން އެންމެ އިސް ކަމެއް ދީގެން ކުރައްވާނެ މަސައްކަތަކީ، ލ. އަތޮޅަކީ އެހެން އަތޮޅުތަކަށް ވުރެ ނުފޫޒު ގަދަ އަދި މާލެއަށް ބަރޯސާވާން ނުޖެހޭ އަތޮޅަކަށް ހެދުން ކަމަށް ވިދާޅުވިއެވެ.

އެކަމަށްޓަކައި ޕްލޭންތައް ހަދައި މުޅި އަތޮޅަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހުރިހާ ސަބަބަކާ ހުރެ އޭނާ ބޭނުން ވަނީ ރައްޔިތުންގެ ވޯޓެވެ. އަންނަ ހޮނިހިރު ދުވަހު ހުރިހާ ރައްޔިތުން "ތިލަފަތަށް" ވޯޓު އެޅުމަށް އެދިވަޑައިގަންނަވައެވެ.

ލ. އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ބައެއް ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރުމެވެ. އިސްމާއިލް ވިދާޅުވީ ކައުންސިލަށް އިންތިހާބުވެވަޑައިގެންފި ނަމަ ހަމަހަމަ ގޮތެއްގައި ހުރިހާ ރަށަކަށް ތަރައްގީގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކައުންސިލްގައި ހޭދަކުރާ ފަސް އަހަރުގެ މުއްދަތުގައި ނަމޫނާ އަތޮޅަކަށް ލ.އަތޮޅު ހަދާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ.

އެ އަމާޒަށް ވާސިލްވެވެން އޮތީ ދެ ގޮތަކަށް ކަމަށް އިސްމާއިލް ގަބޫލު ކުރައްވައެވެ. އެއް ގޮތަކީ ސަރުކާރަށް ތާއީދު ކުރާ އަދި އެމްޑީޕީގެ ސިޔާސަތުތައް ދަންނަ ކެނޑިޑޭޓަކު ހޮވުމެވެ. ދެވަނަ ގޮތަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން ވަރުގަދަ ކެނޑިޑޭޓަކު އިންތިހާބު ކުރުން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީ އަށް ލާ ވޯޓަކީ ރައްޔިތުން މާޔޫސްވާން ނުޖެހޭ ވަރުގެ ވޯޓަކަށް ހައްދަވާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަސދަސދ

    ތިއީ ޕޕމ ކެންޑިޑޭޓެއްނަމަ މާލެއަށް ބަރޯސާނުވާ ވާހަކަބުނެގެން މިހާރު ހުންނާނީ ޖަލުގައި

    4
    2
  2. އެމަންޖެ

    ކަލެޔައް ތިކަންވާނެ އެކަމް ވޯޓެއް ނުލިބޭނެ.

    3
    2