މުލަކު އަތޮޅު ނުވަތަ މ. އަތޮޅުގައި ގާތްގަނޑަކަށް 7،000 މީހުންގެ އާބާދީއެއް އޮންނަ އިރު، އެ އަތޮޅަކީ މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ އަތޮޅެކެވެ. މި އަތޮޅަށް ބޮޑެތި ތަރައްގީތަކެއް ގެނެވިދާނެ ކަމަށް އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ނިމާލް ގަބޫލުކުރައްވައެވެ. އޭނާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ގިނައެވެ. ރައްޔިތުންނާ ގުޅުން ހުރި އެތައް ވައުދެއް ހިމެނެއެވެ.

ފަޅު ރަށްތައް ގިނަ މ. އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް އޮތީ ހިތްހަމަޖެހޭ ވަރަށް ފުޅާވެފައެއް ނޫނެވެ. އެއީ ނިމާލްގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ އޭނާގެ އެންމެ ބޮޑު އެއް އަމާޒަކަށް ހެއްދެވީ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާ ކުރުމެވެ.

ނިމާލް ވަނީ ސްރީ ލަންކާގެ ޔުނިވާސިޓީ އޮފް ކެލެނިއާއިން ސޯޝަލް ވޯކް ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވައިފައެވެ. އޭގެ އިތުރުން ގައުމީ ޔުނިވާސިޓީން ދިވެހި ބަހުން ޑިޕްލޮމާ ވެސް ނެންގެވިއެވެ. މ. މުލަކު ސްކޫލްގެ ޓީޗަރުކަން ތިން އަހަރު ދުވަހު ކުރެއްވި އިރު، ރަށު އޮފީސްތަކުގެ ސޯޝަލް ސާވިސް އޮފިސަރުގެ މަގާމުގައި 2008 އިން ފެށިގެން އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވުމާ ހަމައަށް ހުންނެވިއެވެ. އެގޮތުން އެ މަގާމުގައި އޭނާ ވަނީ 13 ރަށެއްގައި ފުރުއްވައިފައެވެ.

އެމްޑީޕީގައި 15 އަހަރު ދުވަހުގެ މުއްދަތެއް ހޭދަކުރައްވާފައިވާ ނިމާލް ވަނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާގެ ނައިބު ރައީސް ކަން ދެ އަހަރު ދުވަހު، އެ ޖަމިއްޔާގެ ރައީސް ކަން ފަސް އަހަރު ދުވަހު ކުރައްވައިފައެވެ. އަދި މުލަކު މަސްވެރިންގެ ރޫހުގެ ރައީސް ކަން ފަސް އަހަރު ކުރެއްވިއެވެ.

ނިމާލްގެ ތަރައްގީ އަތޮޅުގެ ހުރިހާ ރަށަކަށް!

ނިމާލް ވިދާޅުވީ މ. އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާ ކުރުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. މ. އަތޮޅުގައި މިވަގުތު އޮތީ ދެ ރިސޯޓެވެ. އެއީ މެދުފުށި އައިލެންޑް ރިސޯޓާއި ސިނޮމަން ހަކުރާ ހުރާ މޯލްޑިވްސްއެވެ. އެކަމަކު ބާރަ ރިސޯޓެއް ތަރައްގީކުރަން މުލަކު ފަޅުން އެކި ސަރަހައްދުތައް ދީފައިވެއެވެ. ނިމާލް ވިދާޅުވީ މިވަގުތު އޮތް 10 ފަޅުރަށް ވެސް ފަތުރުވެރިކަމަށް ބޭނުން ކުރެވިދާނެ ކަމަށެވެ.

މި ހުރިހާ ވިސްނުމާއެކު ނިމާލްގެ އަމާޒަކީ މ. އަތޮޅުގައި 2،500 ޓޫރިސްޓް އެނދު ތަރައްގީ ކުރުމެވެ. އަދި އަތޮޅުގެ ޒުވާނުންނަށް 1،000 ވަޒީފާ އުފެއްދުމަކީ އޭނާގެ އަމާޒެކެވެ. މ. އަތޮޅުގައި ފަތުރުވެރިކަން ފުޅާ ކުރެވިއްޖެ ނަމަ ގިނަ ވަޒީފާތަކެއް އުފެދިގެންދާނެއެވެ. ރިސޯޓުތަކަށް މުވައްޒަފުން ހަމަޖައްސާ އިރު، މ. އަތޮޅުގެ ޒުވާނުންނަށް ފުރުސަތުތައް ހޯދައި ދޭން މަސައްކަތް ކުރާނެ ކަމާ މެދު ޝައްކެއް ނެތެވެ.

މުލަކު އަތޮޅަކީ މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަން ވެސް އޮންނަ އަތޮޅެކެވެ. ނިމާލް ވިދާޅުވީ ކައުންސިލްގެ ރައީސް ކަމަށް ހޮވިވަޑައިގެންފި ނަމަ، މަސްވެރިންނާއި ދަނޑުވެރިންނަށް ލުއި ލޯން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

ނިމާލް ވެވަޑައިގެންނެވި އިތުރު ވައުދުތަކުގެ ތެރޭގައި މުލީ ރީޖަނަލް ހޮސްޕިޓަލް ޒަމާނީ ހިދުމަތް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލު ކުރުމާއި ގޯތި ލިބި ނުހެދިފައިވާ ފަރާތްތަކަށް ގެ އެޅުމަށް ލޯން ލިބޭނެ ގޮތް ހެދުން ހިމެނެއެވެ. އަދި މ. އަތޮޅުގެ ކޮންމެ ރަށެއްގައި ޒަމާނީ ވޮލީ ކޯޓެއް އަޅައި ދިނުމަކީ ވެސް ނިމާލްގެ ވައުދެކެވެ.

ނިމާލް ވިދާޅުވީ މ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިހްލާސްތެރި، ތެދުވެރި ސަރުކާރުގެ ކެންޑިޑޭޓަކު ވޯޓު ދެއްވައިގެން ނޫނީ ރައްޔިތުން އެދޭ ފަދަ ތަރައްގީ އަތޮޅަށް އައުމުގެ ފުރުސަތު ކުޑަ ވާނެއެވެ.

އެހެންވެ، އޭނާގެ އެދުމަކީ މ. އަތޮޅުގެ ހުރިހާ ރައްޔިތުން ކެންޑިޑޭޓު ނަންބަރު ތިނެއް އިހްތިޔާރު ކުރުމަށެވެ.

"އަޅުގަނޑު ތަފާތު ދައްކާނަން،" އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އުޅުއްވާ ނިމާލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟީބަނަ

    ނިމާލަކީ ވަރަށް ހިތްހެޔޮ ހިތްތިރި އޯގާތެރި އަބަދުވެސް ކުރިމަގަށްޓަކައި ހެޔޮއުއްމީދި ވިސްނުމެއްގެ ވެރިބޭފުޅެއް

    2
    2
  2. ބޮލި މުލައް

    ރަށު އޮފީސްތަކުގައި ސޯޝަލް ސަރވިސް އޮފިސަރުން ތިއްބެވިކަން ދަންނަ ދިވެހިން އެބަތިއްބެވިތޯ؟

    4
    1