ހޯރަފުށީ ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ވަހީދު އާދަމަކީ މިހާރު ވެސް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ނަމޫނާ ކައުންސިލަރެކެވެ. ހަވާލުކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ފަރުވާތެރި ކަމާއެކު ނިންމުމާއި އާންމުންނާ އެކު ބާއްވާ ގާތް ރަހުމަތްތެރި ގުޅުމާއި، އޭނާގެ ހުލްގު ހެޔޮކަމާއި ހިތްހެޔޮކަމަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. އެންމެންނާ ވެސް ގުޅޭ ވަހީދަކީ ހޯރަފުއްޓަށް ތަރައްގީ އާއި ތަމައްދުން ގެނެސް، ރަށަށް ހައްގު މިންވަރު ހޯދާ ދިނުމުގެ ފޮނި އުންމީދުގައި ހުންނެވި ބޭފުޅެކެވެ.

ހއ. ހޯރަފުށި ކައުންސިލަށް ވާދަކުރައްވާ ވަހީދު؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހއ.އަތޮޅު މަދަރުސާގައި ސާނަވީ ހަޔާތް ފުރިހަމަކުރެއްވުމަށް ފަހު އޭނާގެ ޚިދުމަތް ފެނިގެން ދިޔައީ ތައުލީމު އުނގަންނައި ދިނުމުގެ ބުރަ ޒިންމާ އުފުއްލެވި ބޭފުޅެއްގެ ގޮތުގައެވެ. ދިހަ އަހަރު ދުވަހު އެ ދާއިރާގައި ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ވަހީދަކީ އިސްލާމް އާއި ގުރުއާން އުނގަންނަވައި ދެއްވުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެކެވެ. އޭގެ ފަހުން ގުރުއާން މުދައްރިސެއްގެ ގޮތުގައި އާއި އިމާމެއްގެ ގޮތުގައި އުޅުއްވިއެވެ. އުނގަންނައި ދިނުމުގައި އޭނާ ވަނީ ފަޚުރުވެރި 20 އަހަރު ހޭދަކުރައްވައިފައެވެ. އެއިން ކޮންމެ ވަޒީފާ އެއްވެސް ވަހީދު އަދާކުރެއްވީ ނުހަނު ލޯތްބާއި އިޚުލާސްތެރިކަމާ އެކުގައެވެ. ހިނިތުން މޫނަކާއި ހެޔޮ ހިތަކާއެކު އޭނާ ކުރެއްވި އިޚުލާސްތެރި މަސައްކަތުގެ ނަތީޖާ އަކީ ރަށުގެ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ދުޅަހެޔޮ ގުޅުމެއް އޮތް ބޭފުޅެއް ކަމުގައި ވުމެވެ. މީގެއިތުރުން ދީނީ މައުލޫމާތު އާއްމުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދެއްވުމަށް އޭނާ ވަނީ ރާއްޖެއިން ބޭރުން އެ ދާއިރާއިން މަތީ ތައުލީމު ވެސް ހާސިލްކުރައްވަފައެވެ.

ހއ. ހޯރަފުށި ކައުންސިލަށް ވާދަކުރައްވާ ވަހީދު؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހަޔާތުގެ ބޮޑުބައި އުނގަންނައިދީ ހޯރަފުށީގެ ތައުލީމީ ވޮށް ދިއްލުމުގައި ހޭދަކުރެއްވި ވަހީދުގެ މިސްރާބު ސިޔާސީ ދާއިރާ އަށް ބަދަލުކުރައްވާ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާތާ މިހާރު ވަނީ ހަތް ވަރަކަށް އަހަރު ވެފައެވެ. ކައުންސިލަށް ހޮވިވަޑަައިގަތުމުގެ ކުރިންވެސް އޭނާއަކީ ސިޔާސީ މައިދާނުގައި އެކި ސަފުގައި މަސައްކަތް ކުރައްވާފައިވާ ރަށް ދެކެ ލޯބިވާ، ރަށްވަންތަ ބޭފުޅެކެވެ. ކައުންސިލްގެ މެމްބަރުކަމާއި ކައުންސިލްގެ ރައީސްއެއްގެ ގޮތުގައި ލިބިވަޑައިގަތް ތަޖުރިބާގެ އަލީގައި ވަހީދު ހުންނެވީ އިތުރު ދައުރަކަށް ހޮވިވަޑައިގެން ރަށް އާ ހަރުފަތަކަށް ގެންދިއުމުގެ ފޮނި އުންމިދުގައެވެ.

އޭނާ ފާހަގަކުރައްވާ ގޮތުން ހޯރަފުއްޓަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ފޮނި މީރު ކަމަކީ މި ރަށުގެ އެއާޕޯޓެވެ. މި ސަރުކާރުން އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރަށަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެ, އެތައް ޒަމާނެއް ވަންދެން ހޯރަފުށީގެ މީހުން އުފުލަމުން އައި ވޭން ނިމުމަކަށް ގެނައި އުފާވެރި އެއާޕޯޓެއް ކަމަށް އޭނާ ސިފަކުރައްވައެވެ.

"އެގޮތުން ގައްލަންދޫ ގަދަ ކަނޑުގައި އެތައް ހާދިސާ އެއް ހިނގި. އެތައް ފުރާނައެއް މި ދުނިޔެއާ ވަކިވި ގަދަ ކަނޑުގެ ތެރޭގައި. މިއަދު އެ ގަދަ ކަނޑުގައި ކުރި ދަތުރަށް ނިމުން ގެނެސްދިނީ ހޯރަފުށީ އެއާޕޯޓް. އެއީ ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި ކުރެވުނު ކަމެއް. މިއީ އިގްތިސާދީ ގޮތުން ކުރިއަރާ ދިއުމަށް ކުރި ދަތުރެއް." އޭނާ ވިދާޅުވިއެވެ.

ހޯރަފުށި ތަރައްގީ ކުރުމަށް މިހާރު ވެސް ވަހީދު ގެންގުޅުއްވާ ގިނަ ސިޔާސަތުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއްކަމަކީ ހޯރަފުށީގެ އިހުތިސާސްގެ ތެރެގައި ހިމެނޭ ދެ ފަޅެއް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމެވެ. އެ ދެ ރިސޯޓުގެ ނަފާވެރިކަން ސީދާ ރަށަށް ހޯދާ ދިނުމަކީ ވަހީދު މި ރަށުގެ ފަތުުރުވެރިކަމާއި މެދު ދެކެވަޑައިގަންނަވާ ފޮނި އުންމީދެކެވެ. ހަމައެހެންމެ ރަށުގައި ލޯކަލް ޓުއަރިޒަމް ކުރިއަރުވާ، އެ ދާއިރާއިން ގިނަ ވަޒިފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ.

ހއ. ހޯރަފުށި އެމްޑީޕީ ފަރާތުން ކައުންސިލް އަށް ވާދަކުރާ ކެނޑިޑޭޓުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މީގެ އިތުރުން މި ރަށުގައި ހޮސްޕިޓަލެއް ގާއިމްކޮށް ސިއްހީ ނިޒާމް ހަރުދަނާކުރުމަކީ ވެސް ވަހީދުގެ ވައުދެކެވެ. ހޯރަފުށިން ލިބޭ ސިއްހީ ޚިދުމަތަކީ އަވަސް، އަދި އެހާމެ ލުއިފަސޭހަ ސިއްހީ ނިޒާމަކަށް ހެދުމަކީ ވަހީދުގެ ވައުދެކެވެ. ހޯރަފުށީގެ ދެ ކޮޅުގައި އޮތް ދެ ދަނޑުގައި ޓާފް އެޅުމާއި، ހޯރަފުށީގައި މޫދަށް އެރޭނެ ރަނގަޅު ސަރަހައްދެއް ގާއިމްކުރުމާއި، ހޯރަފުށީގެ ރަސްމީ ފާލަން އެޅުމާއި، ރަނގަޅު ފެރީ ޓާމިނަލް އެއް ގާއިމް ކުރުމަށް އޭނާ އިސްކަން ދެއްވައެވެ. އަދި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، ޕީޖީގެ ގޮތްޕެއް ހޯރަފުށީގައި ގައިމް ކުރުން ފަދަ އިތުރު މުހިންމު ވައުދުތައް ވެސް ވަހީދުގެ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ. އެފަދަ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ އިތުރު ދައުރެއް ލިބިގެން ކަމަށް ވަހީދު ގަބޫލުކުރައްވައެވެ.

ހަމައެހެންމެ ކުރިއަށް އޮތްތަނުގައި ހޯރަފުށީގައި ސީޕޯޓެއް އަޅާނެ ކަމަށް ވަހީދު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ދެ ޕޯޓު އޮތުމަކީ މަދު ބަޔަކަށް ނޫނީ ނުލިބޭނެ އުފަލެއް ކަމަށް ވަހީދު އޭނާ ވިދާޅުވިއެވެ. މިހާރު ފަހިވެފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން އެންމެ އެކަށީގެންވަނީ އެމްޑީޕީގެ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ހެޔޮ ވިސްނޭ ތަރައްގީ އެދޭ ރައްޔިތަކު ނިންމާނެ އެންމެ ރަނގަޅު ނިންމުން ކަމަށާއި، މަގާމަށް ހޮވިވަޑައިގެންފި ނަމަ ދެމިހުންނަވާނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކަމުގެ ޔަގީންކަން އޭނާ ވަނީ އަރުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒައިކް

    އިންތިޚާބު އޮތީމަ ކިތަންމެ ވަރަކަަސް މޮޅި ހުވަފެންދައްކާނެ ތި ސިޔާސީ މީހުން.. ދަންނަ ވައްތަރެއް ހުސް އެއްކަހަލަ މީހުން.. ނަސީބެއް ތަންކޮޅެއް ދީނީ ސޮރަކަށް ލާދީނީ ކުދިން ޓިކެޓެއް ދިންކަން ތި ވަރަށް ނުވާކަމެއް..

    1
    2
  2. ހޯރަފުށީ ޕީޕީއެމް ފިކުރު

    ވަހީދަކީ އިހުލާސްތެރި ހެޔޮލަފާ ވަފާތެރި ހޯރަފުއްޓައް ހެޔޮއެދޭ ދީންވެރި ދަރިއެއް.
    ކިތަންމެ ގޮތަކުން ވިއަސް ދެންތިބި ކެނޑިޑޭޓުންނައްވުރެ ވުރެ ހާސްބައި ރަނގަލު ބޭފުލެއް ކަން ރަށުގެ ރައްޔިތުން އެއްބަސްވާނެ.
    ވަހީދު ތިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި - އާމީން

    2
    2
  3. ބައުދާދު

    ހޯރަފުށީ ކޮންތާކުހުރި ސުކޫލަކުން ވަހީދު ސާނަވީ ތައުލީމު އުނގެނުނީ؟ ބޮޑު އޮޅުވާލުމެއް ތީ! ހޯރަފުށިން އޭނައަކީ މެދުމަދަރުސީ ތައުލީމާ ހަމައަށް ކިޔަވައިގެން ހުރި މީހެއް! އެއަށްފަހު ޕްރީ 8ގެ ފެންވަރު ނެތިގެން ސުކޫލުން ވަކިވަން ޖެހުނު މީހެއް! ވަހީދަކީ ހަގީގަތާ ކުރިމަތިލާން ނުކެރޭ މީހެއް. ޥަގުތުކުދިން ހޯރަފުށީގަ އުޅެއްޔާ ވަހީދު ކައިރީގަ ބުނެލަބަލަ ބޮލުގެ އިސްތަށިގަނޑު ފަންކޮށް ކޯއްޗެއް ފޮރުވަންތޯ ތަތްކޮށްފަ ތިއޮންނަނީ؟ ވަހީދުކުރެން އަހާލަބަލަ ރަށުގަ މަސްތުވާ ތަކެތީގެ ހާލަތް އޮތީ ކިހިނެއްތޯ؟ އެކަން ހައްލުކުރަން ވަހީދުގެ ދައުރުގަ ކޮންކަމެއްތޯ ކުރެވިފަ އޮތީ؟ ދެން ހޮވިއްޖާ އެކަން ހައްލުކުރަން ކޮންކަމެއް ކުރަން ޕްލޭން ކޮށްފަތޯ އޮތީ؟ ވަޙީދު ކެމްޕޭންގަ އިސްކޮށް އުޅޭ ކުދިންނާ މިކަމާ ކިހާވަރެއްގެ ގުޅުމެއް އޮވޭތޯ؟ ވަގުތުން މިސުވާލުތަކުގެ ޖަވާބު ހޯދަބަލަ!