ހއ.އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމުގައި މިހާރު ވެސް ހުންނެވި އަލީ ޝަމީމް ޚިދުމަތަށް ނުކުންނެވީ ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވުމަށް ފަހުގައެވެ. އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް އައި އިރު އޭނާގެ ފަރާތުން ފާހަގަކުރެވެނީ އިޚުލާސްތެރިކަމާއި ހިންގުންތެރިކަމާ އެކު ކުރެއްވި މަސައްކަތެވެ. މިހާރު ޕީޕީއެމްގެ ޓިކެޓުގައި ބާރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަމުން ގެންދަވާ ޝަމީމްގެ ޚިދުމަތްތައް ފެނިގެން ދިޔަ ދާއިރާތަކަށް ބަލާއިރު އެންމެ ފުރަތަމަ އޭނާ ގައުމަށް ޚިދުމަތްކުރައްވަން ޚިޔާރު ކުރެއްވީ ގައުމީ ދިފާއީ ބާރުގައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިވަޑައިގެން އެތަނުގައި އޭނާ ކުރެއްވި މަސައްކަތީ ލޮބުވެތި ވަތަނާއި ގައުމުގެ ހައްގުގައި ކުރި ލޭފަވެތި މަސައްކަތްތަކެކެވެ. އެގޮތުން 1995 އިން 2001 ވަނަ އަހަރާ ހަމައަށް އެމްއެންޑީއެފްގައި ޚިދުމަތްކުރެއްވީ އަދާކުރައްވަން ޖެހިވަޑައިގަތް ކޮންމެ މަސައްކަތެއް އެންމެ ފުރިހަމަ ގޮތުގައެވެ.

އެއަށް ފަހު ދެން އޭނާ ފެނިގެން ދިޔައީ އިމާރާތްކުރުމުގެ ސިނާއަތުންނެވެ. އެ ސިނާއަތުގައި ދުވަސްތަކެއް ހޭދަކުރެއްވި ފަހުން 2008 ވަނަ އަހަރު ކައުންސިލުން އޭނާ އަށް ފުރުސަތު ލިބިވަޑައިގަތީ ލާމަރުކަޒީ ނިޒާމު އެކުލަވާލުމަށް ފަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު އޭނާ ކައުންސިލަށް އައްޔަން ކުރެއްވި ހިސާބުުންނެވެ.

އެ މަގާމުގައި 2010 ވަނަ އަހަރު އުޅުއްވުމަށް ފަހު ދެން އޭނާ އަދާކުރެއްވީ ހެލްތް ކޯޕަރޭޝަން މެނޭޖަރުގެ މަގާމެވެ. އެ މަގާމުގައި އޭނާ ހުންނެވުމަށް ފަހު ބަދަލުވީ ހއ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރަކަށެވެ. އެގޮތުން 2012 އާ ހަމައަށް އޭނާ ވަނީ އެ މަގާމް ފުރުއްވައިފައެވެ. އޭގެ ފަހުން ބާރަށު ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރުކަން އޭނާ އަދާކުރެއްވިއެވެ. މިހާރު އޭނާ އަކީ ހއ.އަތޮޅު ކައުންސިލްގެ ނައިބު ރައީސެވެ.

އޭނާ ކައުންސިލްގައި ހޭދަކުރެއްވި މުއްދަތުގައި އަަތޮޅުގައި އައިޑީކާޑު ހިދުމަތް ދޭން ފެށުމާއި، އެއްގަމާއި ކަނޑުގެ ލައިސެންސް ނެގުމާއި، ހއ.ގެ ރައްޔިތުންނަށް އަތޮޅުން ޕާސްޕޯޓް ހެދޭނެ މަގު ފަހިކޮށްދިނުމާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާގެ) ޚިދުމަތް ލިބޭނެ ގޮތްޕެއް ހުޅުވުން ފާހަގަކޮށްލެވެއެވެ.

ބާރަށު ކައުންސިލްގެ ރައީސް ކަމަށް އޭނާ ކުރިމަތިލެއްވީ މިފަދަ އެތައް އުންމީދަކާ އެކުގައެވެ. އެގޮތުން އިޖްތިމާއީ، އިގްތިސާދީ އަދި އެ ނޫންވެސް ގޮތްގޮތުން ބާރަށަށް ކުރިއެރުން ހޯދާ ދިނުމަކީ އޭނާގެ އުންމީދެކެވެ. ރަށާ ގުޅުން ހުރިކަންކަން ލާމަރުކަޒީ ނިޒާމަށް ފައްކާކޮށް ރަށުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަކީ ޝަމީމްގެ އުންމީދެކެވެ.

ޝަމީމް ހޮވިވަޑައިގެންފި ނަމަ ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމާއި، ހުއްޓިފައިވާ ރަށުގެ ގުރުއާން ކްލާސް ހިންގުމާއި، ބޭބީ ނާސަރީގެ ތައުލީމް އަލުން ފެއްޓެވުމަކީ އޭނގެ ތަސައްވުރުތަކުގެ ތެރެއިން އިސްކަން ދެއްވާނެ ކަމެއްކަން ޝަމީމް ފާާހަގަކުރައްވައެވެ. އޭނާ ވިދާޅުވީ ކައުންސިލް ރައީސްކަމަށް ހޮވިވަދައިގެންފި ނަމަ މޮޓޯއަކަށް ވާނީ ފަންނުވެރި، ހުނަރުވެރި، ފުދުންތެރި، އަބުރުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުން ކަމަށެވެ. ހަމައެހެންމެ އޭނާގެ ކައުންސިލަރު ކަމުގައި ބާރަށު ރައްޔިތުންނަށް ހިނިތުންވުން ގެނެސްދޭނެ ކަމަށް ވިދާޅުވިއެވެ.