ހއ. ބާރަށު ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އުމުރުން 36 އަހަރުގެ ޞަފްޢަތު މުހައްމަދަކީ ތަޖުރިބާ އާއި ތައުލީމީ ގޮތުން ބަލާނަމަ ގާބިލް ކެނޑިޑޭޓެކެވެ. އޭނާ އަކީ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރެއްވުމުގެ އިތުރުން އަމަލީ މައިދާނުގައި ޚިދުމަތްތެރި ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފުރަތަމަ ޞަފްޢަތުގެ ތައުލީމީ ހަޔާތަށް ނަޒަރެއް ހިންގާ ނަމަ އެ ރަށު މަކްތަބާއި ބާރަށު ސްކޫލުން ތައުލީމު ހާސިލްކުރެއްވުމަށް ފަހު އޭނާ އޯލެވެލް އާއި ހަމައަށް ކިޔަވާ ވިދާޅުވީ މާލޭ އެމްއީއެސް ސްކޫލުންނެވެ. އެއަށް ފަހު އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ އިން ޑިޕްލޮމާ ފެންވަރަށް އުނގެނިވަޑައިގަތުމުގެ އިތުރުން ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް ހާސިލްކުރައްވާފައިވެއެވެ. އޭގެ ފަހުން އޭނާ ވަނީ ޝަރުއީ ދައިރާއިން ޑިގްރީ ހާސިލް ކުރައްވައިފައެވެ.

ޞަފްޢަތުއަކީ ރަށަށް ގިނަ ޚިދުމަތްތަކެއް ކުރެއްވުމުގައި ދެމިހުންނެވި ބޭފުޅެެކެވެ. އެގޮތުން އޭނާ އަށް އެކި ދާއިރާތަކުން ލިބުނު ތަޖުރިބާތަކަކީ ކައުންސިލަށް ހޮވިވަޑައިގަންނަވައިފި ނަމަ އެތަޖުރިބާތަކުގެ އަލީގައި ކައުންސިލްގެ ހިންގުން ހަރުދަނާކުރުމަށް ބާރު އެޅޭނެ ކަންކަމެވެ. ޞަފްޢަތު އަދާކުރެއްވި ވަޒީފާތަކަށް ބަލާނަމަ ބާރަށުގައި 2006 ވަނަ އަހަރު މުދައްރިސެއްގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ. އޭގެ ފަހުން ބާރަށު ކައުންސިލް އިދާރާގެ ސެކޭޓްރީގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ. ދުވަސްކޮޅަކު އެ މަގާމުގައި ހުންނެވުމަށް ފަހު ދެން އޭނާ ބަދަލުވީ ސީނިއާ ފައިނޭންސް އޮފިސަރެއްގެ މަގާމަށެވެ.

މިއިން ކޮންމެ ކަމަކުން ވެސް ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި ކައުންސިލް އާއި ރައްޔިތުންނަށް ހިތް އެދޭ ފަދަ ރަނގަޅު ޚިދުމަތްތަކެއް ކޮށްދެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ. ޞަފްޢަތު ވިދާޅުވީ ސިޔާސީ ދައިރާ އަށް ވެސް ނުކުމެވަޑައިގަތީ އަދާކުރެއްވި ވަޒީފާތަކުން ލިބުނު ތަޖުރިބާގެ އަލީގައި އާއްމުންނަށް އެކަށީގެންވާ ފަދަ ޚިދުމަތެއް ކޮށްދެވިދާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

"ސިޔާސީ ދާއިރާ އަށް ސީދާ ގޮތެއްގައި ނުކުތީ މަޖިލިސް އިންތިޚާބާ ދިމާކޮށް. މިދާއިރާ އަށް ނުކުތީ ޚިދުމަތްކޮށްދޭން ބޭނުންވާތީ އިޚުލާސްތެރިކަމާއި އެކު" އޭނާ ވިދާޅުވިއެެވެ.

ޞަފްޢަތުް ވިދާޅުވީ އޭނާގެ މައިގަނޑު ތަސައްވުރަކީ ރަށަށް ކުރިއެރުމާއި ތަރައްގީ ހޯދައި ދިނުން ކަމަށެވެ. ޚާއްސަކޮށް ތައުލީމީ ނިޒާމް ހަރުދަނާކޮށް، ރަށުގައި ޕްރީސްކޫލްގައި ކިޔަވާ ދިނުމުގެ މަސައްކަތް އަލުން ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ގުރުއާން ކުލާހެއް ހިންގުމާއި، މަދަރުސާ އާއި ކައުންސިލާއި މެދު މިހާރަށް ވުރެ ގާތް ގުޅުމެއް އުފެއްދުން ހިމެނެއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާ ހަރުދަނާކޮށް، ޑޮކްޓަރަށް ދެއްކުމުގައި ހުރި އުނދަގޫތައް ނެތިކޮށްލަން މަސައްކަތް ކުރައްވާނެ ކަމަށާއި ރަށުގެ އިގްތިސާދު ކުރިއެރުވުމަށް ފަތުރުވެރިކަން ފުޅާކުރުމުގެ ވިސްނުން ހުރިކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ފަތުރުވެރިކަން ކުރިއެރުވުމަށް ބިން ދިނުމާއި މިހާަރަށް ވުރެ ބޮޑު ސަމާލުކަމެއް އެ ދާއިރާ އަށް ދީގެން މަސައްކަތްތައް ބައްޓަން ކުރުމަކީ އޭނާގެ ވައުދެކެވެ.