އައްޑޫސިޓީ ހިތަދޫއަށް އުފަން އަބްދުﷲ ރަޝީދަކީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ހިތަދޫ ރަސްގެދަރަ ދާއިރާއަށް ކުރިމަތިލައްވާ ކެނޑިޑޭޓެކެވެ. ނަން ބުނެލުމުން އޭނާއެއީ ކާކުކަން ބައެއް ފަރާތްތަކަށް ނޭނގުނަސް ފޮޓޯއެއް ފެނިއްޖެނަމަ، އޭނާ އަކީ އެއީ ކާކު ކަމާއި ރަށަށް ކޮން ހިދުމަތެއް ކޮށްދީފައިވާ މީހެއްކަން އެނގެއެވެ.

ޢަބްދުﷲ ރަޝީދަކީ އުފަން ރަށްދެކެ ލޯބިވާ، ރަށުގެ ކުދިބޮޑު ގިނަ ރައްޔިތުންނަކީ އޭނާއާއި ގާތް ގުޅުމެއް އޮންނަ، އޭނާ ވާހަކަދައްކާ ބައެކެވެ. އޭނާ ނުދަންނަ މަގެއް، ކަނޑެއް، ފަޅެއް، ގެއެއް ހިތަދޫގައި ނުހުންނާނެކަމީ އެއީ ޝައްކެއް ނެތް ކަމެކެވެ.

ވަޒީފާ އަދާކުރާއިރު މުވައްޒަފުންނާއެކު މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ އަމިއްލަޔަށް ފެނިގެން ބައިވެރިވުމަކީ ކަންކަން ރަނގަޅަށް ކުރުމަށް ލިބިދޭ ބާރެއް ކަމަށް އޭނާ ޤަބޫލުކުރައްވައެވެ.

ކޮންމެ މީހަކަށް އިހްތިރާމް ކުރާ މީހެއް!

އަބްދުﷲ ރަޝީދުގެ އުފަން ރަށުގައި ތިބި އޭނާއަށްވުރެ ދޮށީ ކޮންމެ މީހަކީ އޭނާގެ ބޭބެއެއް ނުވަތަ ދައްތައެއް ކަމަށް ގަބޫލު ކުރާ މީހެކެވެ. ކޮންމެ މީހަކަށް އޭނާ އިހްތިރާމާއި ގަދަރު ކުރެއެވެ. އެބައެއްގެ އަގުހުރި ބަސްތަކުން އޭނާ ނަޞޭޙަތް ލިބިގަނެ އޭނާއަށްވުރެ ހަނގު ކޮންމެ ކުއްޖަކީ އޭނާ ޤަބޫލުކުރާގޮތުގަ އޭނާގެ ކޮއްކޮއެކެވެ.

މިއީ އޭނާގެ ހިތުގައި އުފެދިފައިވާ ވަތަނީ ލޯބިއެވެ. މިއީ ރަށަށްޓަކައި އޭނާގެ ހިތުގައި އޮތް ރަށްވަންތަކަމެވެ. މިއީ އޭނާއަށް ރަށަށް ހެޔޮ ބަދަލު ގެނެވޭނެ ކަމުގެ އެންމެ ވަރުގަދަ އެއް ހެއްކެވެ.

ތައުލީމީ ޖީލެއް ބިނާ ކުރުން!

އަބްދުﷲ ވިދާޅުވީ، ތަރައްގީ އަކީ ޞުލްޙަވެރި އަމާން ތަހުޒީބީ ދިރިއުޅުމެއް އުޅެވޭނެ މަގު އެތަނެއްގައި ތަނަވަސް ވުން ކަމަށާއި މިއަދު މިވަނީ ރައްޔިތުން އަމިއްލަ ގޭގައި ޖަލަށް ލެވިގެން ތިބެންޖެހިފައި ކަމަށެވެ. އެހެންކަމުން ކުށްމަދު އަމާންވެއްޓެއް ޤާއިމު ކުރުމަށް ރަށުން ދެވޭ ތަޢުލީމު އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޕޮލިޓެކްނިކާއި އަމިއްލަ ފަރުދީ މަސައްކަތްތެރިންގެ އެހީގައި ރަށުގެ ޒުވާނުން މަސައްކަތް ތަކަށް ތައްޔާރު ކުރަން ޖެހޭ ކަމަށައި ރަށުގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދާ ފުދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އޭނާގެ އަޒުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫގެ މަސައްކަތްތެރި ދިރިއުޅުން ޢިއާދަ ކުރުމަކީ ކުރަން ބޭނުންވާ މުހިއްމު ކަމެއް. ދަނޑުވެރިކަން ކިޔަވައިދީ ޒަމާނީ އާލާތް ތަކުގެ އެހީގައި މިކަމުން ނަފާހޯދޭނެ މަގުތައް ތަނަވަސްކުރަން އަޅުގަނޑު ބޭނުންވޭ."

މާލީ ތަނަވަސްކަން އިތުރު ކުރުމުގެ އުއްމީދު!

ރަށަށް ދިމާވެފައިވާ މާލީ ތަނަވަސްކަމުގެ މައްސަލަތަކަށް ބަލާއިރު، އޭނާ ވަނީ ބޮޑެތިކަންކަން ފާހަގަކޮށްފައެވެ. އެކަންކަން ހައްލު ކުރުމަށް ދުވަސްވެފައިވާ ރުއްތައް އާލާކުރުމާ ރަށުން އުފެދޭ ކުނިން އޯގަނިކް ކާނާ ތައްޔާރު ކުރުމާއި، ދިމާވާ މައްސަލަތަކަށް ވަގުތުން ޙައްލު ހޯދުމާއި ދަނޑުވެރިކަމުން އުފައްދާ ތަކެތި ހަލާކުވިޔަ ނުދީ ކުރެވޭނެ ކަންކަން ފަހިކޮށް ދިނުމަކީ ރަށުގެ މާލީ ތަނަވަސްކަން އިތުރުކުރުމަށް މިހާރުން މިހާރަށްވެސް ފެށޭނެ ކަންކަން ކަމުގައި އޭނާ ޤަބޫލު ކުރެވެއެވެ.

"އެއްޒަމާނެއްގައި މަސްފެކްޓަރީ އެއްވެސް ހުރި. ކޮންމެވެސް ކަހަލަ މަސް މާރުކޭޓެއް ވެސް ހެދި. މިހުރިހާ ކަމެއްވެދިޔައީ ހިނދުކޮޅެއްގެ ކަންކަމަށް. މިއަދު މިކަމުގެ ވަސްވެސް ނެތް. ހަމަ ނުކުރެވޭނީތޯ؟ ކުރާނެ ޤާބިލުކަން ނެތީތޯ؟ ނޫން.! އަޅުގަނޑުމެންގެ ލޮލުގަ ސިޔާސީ އަނދުން އަޅުވާލީމަ މިކަންކަން ހަނދާންނެތިދަނީ" އަބްދުﷲ ވިދާޅުވިއެވެ.

މަސައްތެރިކަން ޒާމާނީ ޓެކްނޮލޮޖީގައި ކުރުން!

"ތަޢުލީމީ ތާރީޚެއް އޮތް މިތަނުގައި ދިވެހި މަސައްކަތްތެރިކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރަން އަޅުގަނޑު ބޭނުންވޭ. މަސްހިއްކާ ކައްކަން މައިކުރޯވޭވާއި ހޮޓްއެއާރ ޑްރަޔާ އާއި ސޯލާ ޑްރައިން ފަދަ ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ މަގު ތަނަވަސް ކޮށް ދެވިއްޖެނަމަ ޒުވާނުން މި މަސައްކަތްކޮށް ތަރައްޤީ ފެންނާނެ." އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަންކަމަށް ބޭނުންވަނީ ހިތްވަރާއި ވިސްނުން ކަމަށެވެ. ސައިންސާއި އުފެއްދުންތެރިކަން ކުރިޔަށް ނެރެ އައްޑޫގެ ތަޢުލީމުގެ މިޞްރާބު މިދިމާލަށް ގެނެވޭނެ ޖާގަ އެބައޮތް ކަމަށް ވެސް އޭނާ ގަބޫލު ކުރައްވައެވެ. އެގޮތުން އެގްޒިބިޝަންތައް ބާއްވާ އެފަދަ އުފެއްދުންތެރިކަން ފެނި ތަޖުރިބާ ކުރާނެ މަގުތައް ހޯދައިދިނުމުން ކަންކަން ވާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

ގަސްއިންދަން ބޭނުންކުރާ ބޮނބި ކުނޑިއާއި ބޮނބިއާއި ކިހުޅި ، ކާށިތެލާއި ކާއްޓާއި ކާށިކިރާ އި ހުނި މިރަށަށް ބޭނުންވާ ވަރަށް އުފައްދަން ޒުވާނުންނަށް ހިތްވަރުދީގެން ކުރުމަކީ އޭނާ ވަރަށް އުއްމީދު ކުރާ ކަމެކެވެ. ރާވެރިކަން ކުރަން މާސިންގާދިގު ރުކަށް ނާރާ މިކަންކުރެވޭނެ އާޖުފާޖު ހޯދާ ދަސްކޮށް ރާވެރިކަން އާލާކޮށް ދިވެހި ރުކުގެ ބައިތަކުން ނަފާ ނެރުމަކީ އެންމެން އެއްހިތްވަރަކާއެކު ކޮށްފިނަމަ ވާނެ ކަމެއްކަން ސާބިތު ކޮށްދިނުމަށް އޭނާ ހުރީ ތައްޔާރަށެވެ. އަދި ކަންކަމުން ވަޒީފާތައް އުފެދި ތަނަވަސްކަން އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ގަބޫލު ކުރައްވައެވެ.

މުއްސަނދި ބަޔޯރިޒާވްގެ ބޭނުން ބޮޑަށް ހިފުން!

އައްޑޫގެ މުއްސަނދި ބަޔޯރިޒާވްގެ ބޭނުން މިހާރަށްވުރެ ބޮޑަށް ހިފަން އަބްދުﷲ ބޭނުންވެއެވެ. ކުޅިތަކާ، ބެއްޖާ، ޗަސްބިމާ، ދިޔޭގެ ފެންވަރުގައި ރީތިކަމަށް މަޝްހޫރު ކޯއްޓޭގެ ރީތި މުއްސަނދި ފަރު، ޤުދުރަތީ މުއްސަނދި ތަރިކަ އިން ނަފާ ހޯދަން ހުށްޓުމެއްނެތި ވަކި ޕާޓީއަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން އޭނާ ބޭނުންވެއެވެ.

ޖިސްމާނީ ދުޅަހެޔޮ މަސައްކަތް ކުރުން!

ޖިސްމާނީ ދުޅަ ހެޔޮކަމަށް މަސައްކަތް ކުރުމަކީ ވެސް އޭނާ ނުހަނުބޭނުންވާ ކަމެކެވެ.

"އަޅުގަނޑުމެންގެ ރަސްމީ ބޯޅަ ދަނޑު ބައެއްފަހަރަށް ވިނަ ކޮށާލެވޭ އަދިވެސް އޮތީ އަޅުގަނޑުމެން ކުޑައިރު އޮތްގޮތަށް ނުވަތަ އެއަށްވުރެ ނިކަމެތިކޮށް. ޓާރފް ދަނޑު އެއޮތީ އަޅުގަނޑުމެންނަށް ޙައްޤު މިންވަރަށްތޯ؟ އެއްބަޔަކު ހަދަންފަށާނެ. އަނެއްބަޔަކު އެކަން ވިޔަނުދީ އާކަމެއްގެ ހުވަފެން ދެކޭނެ. އާޚިރު ނަތީޖާއަކީ ހަދަން ފެށިތަން ވެސް ވީރާނާވުން. އާކަމެއް ވެސް ނުކުރެވުން. އައްޑޫގެ ސްޓޭޑިޔަމް އާއެކު އަޅުގަނޑުމެން އެންމެން ވެސް އުއްމީދުތަކެއް ކުރިން. ނަމަވެސް އެއްބަޔަކު ފުރާޅުގެ ޓިނުގަނޑެއް އެޅިއްޔާ އަނެއްބަޔަކު ސިޑިބަރިޔަށް އަރާތަނުގަ ދޮރެއްލީމަ އެއީ އައްޑުއަށް ޙައްޤު މިންވަރު؟ ހުރިހާ ބޯޓު ފަހަރުތައް ބަނދަރު ކުރާތަނުގަ ފަތާ ޓްރެކެއް. އެބޯޓުތަކުން އެޅޭ ނަޖިހާ ތެލުން އަޅުގަނޑުމެން ރައްޔިތުންނަށް ލިބިދާނެ ދެރަކަމަކަށް ނުވިސްނާ" އަބްދުﷲ ވިދާޅުވިއެވެ.

އެފަދަ ކަންކަން ދިމާވުމުން ރައްޔިތުންނަށް ރައްކާތެރިކަމާއި އެކީ ކުޅިވަރު ކުޅެވޭނެ ނުވަތަ ކަސްރަތު ކުރެވޭ ގޮތް ވަނީ ގެއްލިފައެވެ. އެހެން ކަމުން އޭނަގެ ވިސްނުމަކީ އަންހެނުންނާ ފިރިހެނުން، ބޮޑެތިމީހުންނާ ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ކުޅިވަރުކުޅެވޭނެ ގޮތް ހެދުމެވެ.

ފެންވަރު ރަނގަޅު ސިއްހީ ނިޒާމު ލިބޭ ސިޓީއަކަށް އައްޑޫސިޓީ ހެދުން!

އައްޑޫސިޓުގެ ސިއްޙީ ޙާލަތު ރަނގަޅު ކުރެވޭނެ ގޮތްތައް ބަލާ މިހާރަށްވުރެ ހަރުދަނާ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޢަބްދުﷲ ވިދާޅުވިއެވެ.

ޞިއްޙީ ގޮތުން ދުޅަހެޔޮ އާބާދީއެއް ބިނާ ކުރުމަށް އެންމެ ފުރަތަމަ ބަލިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ވިސްނަން ޖެހޭ ކަމަށާއި މާކެޓުގައި ހުރި ހަށިގަނޑަށް ގެއްލުން ހުރިތަކެތި ދަނެގަނެ އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“ކެންސަރާއި ހިތުގެ ބަލި ގިނަވަމުންދާއިރު އެއީ ކީއްވެތޯ ބަލާ ރައްކާތެރި ގޮތްތައް ފަހިކޮށް ދޭންޖެހޭ. އެގޮތުން ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލާ ބޭނުން ކުރާގޮތް މޮނީޓަރ ކުރުން މުހިއްމު. ޕީއީ ގަޑިތައް ނަގަން އެކަމަށް މީހުން ތަމްރީނު ކުރުމަށް މަސައްކަތްކޮށް އެކަންދާގޮތް ގާތުން ބެލޭނެ” އަބްދުﷲ ވިދާޅިވިއެވެ.

ހަމައެއާއެކު އައްޑޫގެ ޑޮކްޓަރުން ސިޓީގެ ޞިއްޙީ ތަރައްޤީގެ ކަންކަމުގައި ބައިވެރި ކުރުމާއި ޓާޝަރީ ހޮސްޕިޓަލަކުން ލިބޭނެ ޚިދުމަތްތައް ރަނގަޅުކުރަން ކައުންސިލުން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށް އޭނާ ގާތުން ބަލާ ސުވާލުކޮށް ހަދާނެ ކަމަށް އޭނާ ވިދާޅިވިއެވެ.

އާމާން ރީތި ސިޓީއަކަށް އައްޑޫސިޓީ!

"ގޮނޑުދޮށުން ކީއްވެތޯ ކަރުގޮހޮރު ފެންނަނީ؟ ކީއްވެތޯ މަސްކަނޑާ ތަނަކީ ހޭޅިފަށާ ފިނި މައިޒާންތައް ކަމުގައި ވީ؟ އެބޭފުޅުންނަށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ ގޮތަކަށް އެބޭފުޅުންގެ މަޝްވަރާއާ އެކު މި މަސައްކަތް ކުރާނެ ފެންވަރު ރަނގަޅު މާރުކޭޓެއް ހަދަންވީ” އަބްދުﷲ ވިދާޅުވިއެވެ.

މަދިރީގެ މައްސަލައަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން އެހެން ރަށްތަކުގެ މީހުންވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އެކަންކަން ޙައްލު ކުރުމަށް ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކޮށް ރަށުތެރޭގެ އެކި ހިސާބުތަކަށް ކުނިނޭޅުމަށް ކައުންސިލުން ބާރުވެރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފަޅުގޯތިތައް ސާފުކުރުމަށް ބިންވެރިން ބާރުވެރިކުރުވާ ރަށުތެރޭގެ އެކި ހިސާބުތަކުގައި ކުނިވަށިތައް ބަހައްޓާ އެކުނި ހަރުދަނާ އުޞޫލެއްގެ ދަށުން މެނޭޖު ކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި މަގުމައްޗާއި މީހުންއުޅޭ ސަރަޙައްދުތަކުގައި ހުންނަ ބޯ ގަސްތައް ކޮށާ ފަޅުކަން ކަނޑުވާލެވޭނެ ގޮތް ހަދާނެ ކަމަށެވެ. އެކަންކަން ކުރުމަށް ފަހު ޤަވާޢިދުން ފޮގްކޮށް މިކަމުގައި އެސިޓީގެ ޕަބްލިކް ހެލްތު ބާރުވެރި ކުރުވައިގެން ރީތި ސާފު ދުޅަހެޔޮ ވެށްޓެއް ރައްޔިތުންނަށް ހޯދައި ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގެ ކަށުކަމާކެމީގެ ކަންކަމާ ސަހަރާގެ ވާހަކަ ދެކެވޭތާ ލައްކަ ދުވަސް ވެއްޖެ. އިސްލާމީ ޤައުމެއް. މުސްލިމުން ދިރިއުޅޭ ރަށެއް. ނަމަވެސް މުސްލިމުން މަރުވުމުން ވަޅުލާނެ ޤަބުރުސްތާނެއް ހިނަވާނެ ޚާއްޞަ ހިނަވާގެއެއް ނެތް. މިއީ ހިތާމަހުރި ކަންކަން. އަލަށް ހޮވޭ ކައުންސިލުން އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމެއްގެ ގޮތުގައި އަޅުގަނޑު މިކަން ފާހަގަކުރަން." އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަން ފުޅާ ކުރުން!

އައްޑޫސިޓީ ގަމުގައި ހުންނަ "ގަން އިންޓަނޭޝަނަލް އެއާޕޯޓް" އަކީ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓަށް ވުރެ ކުރިން ބައިނަލްއަޤުވާމީ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރުގައި ވެސް އައްޑޫގެ ރައްޔިތުން އިހުވެސް ތިބިގޮތަށް އެތެރޭގެ އުދުހުމަށް ފުދިގެން ތިބެން ޖެހުމަކީ ވަރަށް ބޮޑު ނާއިންޞާފެއް ކަމަށެވެ.

"ދޭތެރެއަކުން ޖައްސަމުން އައި ބޯޓުތައްވެސް ހުއްޓާލީ. މިބަނދަރު މިގޮތަށް އޮވެ ރާއްޖޭގެ އެކި ހިސާބުތަކުގައި އާ ބަނދަރުތައް ހަދާ ބައިނަލް އަޤުވާމީ ބޯޓުތަކަށް ޖާގަ ދެވުމަކީ އައްޑުއާއި މެދު އިހުމާލުވުން. މިއީ ވަރަށްބޮޑަށް ރާވައިގެން ހިންގާ ޖަރީމާއެކޭ އަޅުގަނޑު ދަންނަވާހިތްވަނީ. އެހެންކަމުން މިޙައްޤު އަނބުރާ ހޯދޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަންވާނަން" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އައްޑޫގެ ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަންކަމަކީ އެއީ ގައުމީ ފެންވަރުގައި ހިންގާ ކަންކަމުގައި ވިއަސް ކައުންސިލަށް ބަސްބުނެވޭނެ ކަމަށެވެ. އަދި އެކަން އޮތް ހިސާބެއް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭނެ ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމަށް ހުޅުވެން ހުރި ދޮރުތަކަކީ ކޮބައިތޯ ބަލާ އެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، ކޮންމެ މީހަކަށް އެގޮތަށް ވާހަކަ ދެއްކިދާނެ ކަމަށާއި އެހެން ނަމަވެސް އެއީ އެކަން ހިނގަން ޖޭހޭ ގޮތް ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ އަމަލުން އިހުސާންތެރިކަމާއި ހިތްވަރާއި އެކި ކަމަށެވެ. އަދި އެ ގާބިލުކަން އޭނާގެ ގައިގައި އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިކަމަށް ކުރިމަތިލީ އެއްވެސް ކެންޑިޑޭޑަކު ބަލިކުރާކަށް ނޫން. އެއްވެސް ޕާޓީއެއް ޕްރޮމޯޓު ކުރާކަށް ވެސް ނޫން. އެކަމަކު އެކުވެރި އެއްބައިވަންތަ ބަދަހި ރައްޔިތެއް ބިނާކުރަން. ހަރުދަނާ ޒިންމާދާރު ކައުންސިލެއް އޮތުމަށް" އައްޑޫގެ ތަޢުލީމާއި ޞިއްޙަތާއި އިޖްތިމާޢީ ކަންކަން ހަރުދަނާކޮށް އެއްބައެއްވަންތަ މުޖުތަމަޢެއް ބިނާކޮށް، ސިޓީއަށް ތަރައްގީ ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.