ގދ. ތިނަދޫ އަށް އުފަން ހަސަން ފައިހަތު ގުދުރަތުﷲ އަކީ އުމުރުން 29 އަހަރުގެ ޒުވާނެކެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރާ ފައިހަތު އަކީ ޒުވާނެއް ނަމަވެސް، މި މަގާމަށް ފައިހަތުގެ ކިބައިގައި ހުރި ތަޖުރިބާ އާއި ގާބިލްކަމަކީ އޭނާ އާއި ވާދަކުރާ އެހެން ކެންޑިޑޭޓުންވެސް ނުހަނު ޖެހިލުންވާ ކަމެކެވެ. އެކަމުގެ ސަބަބުތައް ބައިވަރެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުން 2007ވަނަ އަހަރު ސާނަވީ ތައުލީމް ހާސިލް ކުރުމަށް ފަހުގައި އިތުރަށް ކިޔެވުމަށް 2010 ވަނަ އަހަރު އޭނާ ވަނީ އަވަށްޓެރި ސްރީލަންކާ އަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ގާތްގަނޑަކަށް ތިން އަހަރު އެ ގައުމުގައި ފައިހަތު ހޭދަކުރިއިރު ބިޒްނަސް މެނޭޖްމެންޓުގެ ދާއިރާ އިން ފައިހަތު ވަނީ ތައުލީމް ހާސިލްކޮށްފައެވެ. މީގެ އިތުރުން، އިންފޮމޭޝަން ޓެކްނޮލެޖީގެ ދާއިރާ އިންވެސް އުނގެނިގެން ހުރި ފައިހަތު އަކީ ވިޔަފާރިތަކާއި މީހުން މެނޭޖް ކުރުމުގައި މުޅި އަތޮޅުންވެސް ފާހަގަ ކޮށްލެވޭ ޒުވާނެކެވެ.

މަގާމަށް އެކަށީގެންވާ ތަޖުރިބާ މާބޮޑަށްވެސް އެބަހުރި

ގދ. އަތޮޅަށް ޓީއެމްއޭ އެއާލައިނުން އޮޕަރޭޓު ކުރިއިރު އެ ކުންފުނީގައި މަސައްކަތްކޮށް، ދަތުރުފަތުރާއި އޭވިއޭޝަންގެ މުހިއްމު ތަޖުރިބާތަކެއް ދެ އަހަރު ވަންދެން ހޯދުމަށް ފަހުގައި މާލޭގެ ދި ކްލިނިކްގައި މާކެޓިންގ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކޮށް، މީހުންނާއި ގުޅިގެން އުޅުމުގެ ގިނަ ތަޖުރިބާތަކެއް ފައިހަތި ވަނީ ހޯދާފައެވެ. އެއަށްފަހު ދެ އަހަރުގެ މުއްދަތަށް ގދ. ތިނަދޫ ޒޯން ސްޓޭޑިއަމްގެ އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު "އޮލިމްޕިކް ޕްރޮޖެކްޓް"ގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ނޭޕާލުގައި އަހަރެއް ވަންދެން ވެސް މަސައްކަތް ކޮށްފައެވެ. އެއަށްފަހު 2019 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ވެސް ފައިހަތު އަކީ އެތްލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ގދ. ރީޖަނަން އައްޔަން ކޮށްފައިވާ ހެޑް ކޯޗުގެ މަގާމު ފުރަމުން ގެންދާ ފަރާތްކަން ފާހަގަކޮށްލެވެއެވެ. ފައިހަތު މި ހުރިހާ މަސައްކަތްތަކެއްވެސް ކޮށްފައި ވަނީ އެތްލެޓިކްސް ކުރިއަށް ގެންދަމުންނެވެ. އިނގިރޭސިވިލާތާއި ނޭޕާލް ފަދަ ގައުމުތަކަށް އެކިއެކި ސްޕޯޓިންގ އިވެންޓުތަކުގަ އާއި ވޯކްޝޮޕްތަކުގައި ބައިވެރިވެ، މައުލޫމާތުގެ ހަޒާނާ އެކި ގޮތްގޮތުން މުއްސަނދި ކުރަމުންނެވެ. މިކަންކަމުން ފައިހަތު އަކީ ތަޖުރިބާ ހުރުމުގެ އިތުރުން، ވަގުތު މެނޭޖު ކުރަން އެނގޭ ފަރާތެއްކަން ފާހަގަވެއެވެ.

ފައިހަތު އޭނާގެ ސަޕޯޓަރުންނާއި އެކު އެކި ރަށްރަށުން

މީހުންނާއި ގުޅޭ، ގާބިލް ލީޑަރެއް

ތިނަދޫ އަށް އުފަންވި ނަމަވެސް، ފައިހަތުގެ މަންމަ އަކީ ގދ. ފަރެސްމާތޮޑާ މީހެކެވެ. ފައިހަތުގެ ޒުވާން އުމުރުން ބައެއް އެރަށުގައި ހޭދަ ކޮށްފައިވާއިރު، އަތޮޅުގައި އޮންނަ 9 ރަށުގައިވެސް ފައިހަތު އާއި އެއްކޮށް ތައުލީމް ހާސިލްކުރި އޭނާގެ ރަހުމަތްތެރިން އެބަ ތިއްބެވެ. ގދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެއް ފަހަރަށް ވުރެން ގިނައިން ގޮސްފައިވާއިރު، އޭނާގެ ގާބިލްކަމާއި ތަޖުރިބާ ފެނި ކޮންމެ ރަށަކަށްވެސް އޭނާ ޒިޔާރާތް ކުރާ ދެވަނަ ފަހަރު ފައިހަތު އަށް އޮންނަ ތާއީދު ވަނީ ބޮޑުވެގެން ގޮސްފައެވެ. އަދި އޭނާ ޒިޔާރަތް ކުރި އެއްވެސް ރަށަކުން އެންމެ މީހަކުވެސް ރުޅިވެރިކަމާއި އެކު ވާހަކަ ދައްކާފައި ނުވާކަން ފާހަގަކުރަމުން ފައިހަތު ބުނީ ގދ. އަތޮޅުގެ ހުރިހާ ރަށެއްގެ ހުރިހާ ގެއަކަށްހެން ދެވިއްޖެ ކަމަށާއި ނަމަވެސް، ރަށްތަކަށް ޒިޔާރަތް ކުރިއިރު ގޭގައި މީހުން ނޫޅުމުގެ ސަބަބުން ދިމާނުވާ 5 އިންސައްތަ އެބައޮތް ކަމަށެވެ.

ގައުމަށް ރީތި ނަން ހޯދައިދޭ ދަރިއެއް

ސްކޫލުގައި ކިޔަވަން އުޅުނު އިރުން ފެށިގެން ފައިހަތު އަކީ އެތްލެޓިކްގައި ރަން ވަނަތަކެއް ހޯދަމުން އައި އެތްލީޓެކެވެ. އެތްލެޓިކްސް ގައުމީ ޓީމުގައި އެތައް އަހަރެއް ވަންދެން އުޅުނު ފައިހަތު ގައުމީ ލެވެލްގައި އެތައް ވަނަތަކެއް ހޯދިއިރު ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ "ރެޑްބުލް ކެޗް ދަ ފެރީ" ދުވުން ކާމިޔާބުކޮށް، ރެޑްބުލް އިން ރާއްޖޭގައި ސަޕޯޓު ދޭން ފެށި ފުރަތަމަ ދުވުންތެރިޔާގެ ފަހުރު އޭނާ ހޯދިއެވެ. ރާއްޖޭގެ ރެޑްބުލްގެ ފަރާތުން ގައުމީ ދިދައިގައި ދުނިޔޭގެ އެތައް މުބާރާތެއްގައި ފައިހަތު ވަނީ ބައިވެރިވެފައެވެ. މާލޭގައި ކުޑަކުދިންނަށް އެތްލެޓިކްސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ފައިހަތު ވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ތިނަދޫގައި އޭނާގެ އަމިއްލަ އެކަޑަމީ އެއް އުފައްދާފައެވެ. މިހާރު 100ށް ވުރެން ގިނަ ކުދިން ކޮންމެ ދުވަހަކުވެސް މި އެކަޑަމީގެ ދަށުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލްވަމުން އަންނައިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ އެހެން އެކަޑަމީތަކާއި ހިލާފަށް ފައިހަތު މިކަން ކުރަނީ ހިލޭ ސާބަހަށް ކަމެވެ. ކުދިންގެ އަތުން އެންމެ ބައިލޯ ލާރިއެއްވެސް ނުނަގައި އޭނާ މިކަން ކުރަމުން އަންނަނީ އަމިއްލަ ކަމެއްގެ ގޮތުގައެވެ. މިވަގުތުވެސް ފައިހަތުގެ 4 އެތުލީޓެއް ގައުމީ ޓީމުގައި ދުވަމުން އަންނައިރު، އޭނާގެ 2 އެތްލީޓަކު ވަނީ 2018ވަނަ އަހަރު ލަންކާގައި އޮތް ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖެ އަށް ލޯ މެޑަލް ހޯދައިދީފައެވެ.

ފައިހަތު އިނގިރޭސި ވިލާތުގައި ނޫސްވެރިންނަށް އިންޓަވިއު ދެނީ

"މަގާމަށް ހޮވިއްޖެނަމަ އެތްލެޓިކްސް ދޫކޮށްލަނީތަ؟"

ފައިހަތު ވާދަކުރާ މަގާމަށް އޭނާ ހޮވިއްޖެނަމަ އެތްލެޓިކްސް ދާއިރާ ދޫކޮށްލާނެތޯ ސުވާލު ކުރުމުން ފައިހަތު ބުނީ އެއީ ދުވަހަކުވެސް ކުރާނެ ކަމެއް ނޫން ކަމަށާއި ގައިގައި ވަރު ހުރިހައި ހިނދެއްގައި ޒުވާނުންނާއި ކުޑަކުދިން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑު ޗޫސް ކުރީ ކުޅިވަރުގެ ދާއިރާ އިން ކުރިއަށް ދާން. ޕްރޮފެޝަން އަކަށް ކުރީ އެކަން ގައުމީ ޓީމުގަވެސް. އެތައް އަހަރެއް ގައުމީ ޓީމު ތަމްސީލް ކޮށްފަވާނެ. މި ރޮނގުން އަޅުގަނޑު ދެކެން ބޭނުންވި އެންމެ ބޮޑު އެއް ކަންތައް އުއްމީދު ކުރި ވަރަށް ވުރެން މާ އަވަހަށް ފެނިއްޖެ. އެއީ އަޅުގަނޑު ދެ އެތްލީޓުން ބޭރުގެ މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށް، މިހާރުވެސް އެ ދެކުން ގައުމީ ޓީމުގަ ރާއްޖެ ތަމްސީލް ކުރަމުން އަންނަނީ. ކޯޗިން ދާއިރާ އެއް އަޅުގަނޑު ދުލެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ގައިގެ ވަރު ދޫވަންދެންވެސް ކުރާނަން މިކަން" ފައިހަތު މައުލޫމާތު ދިނެވެ.

ފައިހަތު ވެފައިވާ ވައުދުތަކުގެ ތެރެއިން ވައުދެއް

ވައުދުތައް

ގދ. އަތޮޅު ރައީސްކަމަށް ފައިހަތު އިންތިހާބު ކޮށްދީފިނަމަ އެ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ކޮޅަށް ޖަހާ، ބޭރުގެ ފަތުރުވެރިންނަށް ގދ.އަތޮޅު ޕްރޮމޯޓް ކޮށްދޭނެކަމުގެ ޔަގީންކަން އަރުވާއިރު، ވިޔަފާރިތަކާއި ޙިދުމަތްތައް ޑިޖިޓަލައިސްކޮށް، ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިޖިޓަލް ކޮމިއުނިޓީ އަށް ގދ. އަތޮޅު ހެދުން ހިމެނެއެގެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ އެންމެ ފުރިހަމަ ނަފާ ލިބިގަތުމަށް ރަށު ކައުންސިލްތަކުގެ ޕްލޭނާއި އެއްގޮތަށް މުޅި އަތޮޅަށް ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.

އެކި ދާއިރާތަކުން ތަފާތު ތަޖުރިބާ އާއި އިލްމު ހުރިބލީޑަރަކަށް ފައިހަތުވާއިރު އޭނާ ހޮވުމަށް އަތޮޅުގެ ގިނަ ބަޔަކު ދަނީ ސިއްރާއި ފާޅުގައިވެސް މަސައްކަތް ކުރަމުންނެވެ. އޭނާގެ ތަޖުރިބާ އާއި ލީޑާޝިޕްގެ ސަބަބުން އަތޮޅު ކައުންސިލް މެނޭޖުކުރަން ވަރަށް ފަސޭހަވެގެން ދާނެކަމަށް ބެލެވެއެވެ.