ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ލ.ގަމު ކައުންސިލް މެމްބަރަކަށް ވާދަކުރައްވާ ޔާފިޒް މުހައްމަދުއަކީ މުޅި އިންތިޚާބުގައި ވެސް ވާދަކުރައްވާ އެންމެ ޒުވާން އެއް ބޭފުޅެވެ. އޭނާ ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ޒުވާން ޚިޔާލާއި ފިކުރަށް ފުރުސަތު ހޯދައި ދިނުމުގެ އުންމީދުގައެވެ. ޔާފިޒުގެ ތައުލީމީ ހާލަތަށް ބަލާ ނަމަ އޭނާ ގްރޭޑް 10 އާ ހަމައަށް ކިޔެވީ ދަރުމަވަންތަ ސްކޫލްގައެވެ. އަދި ވިލާ ކޮލެޖުން ފައުންޑޭޝަން ލެވެލް ފުރިހަމަކުރެއްވުމަށް ފަހު ލަންކާގެ އެޑްވިންސް ޔުނިވަސިޓީ އިން ޑިގްރީ އިން ބެޗްލަ އޮފް އާޓްސް ވަނީ ހާސިލްކުރައްވާފައެވެ.

ކައުންސިލަށް ވާދަކުރައްވާއިރު ޔާފިޒްގެ އެންމެ ބޮޑު އުންމީދަކީ ގަމުގެ އެއްބައިވަންތަކަން ދަމަހައްޓާ، ވަތަނިއްޔަތު ދިރުވުމެވެ. އަދި ރަށުގައި ހުރި ތަރައްގީ އަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، ވީހާވެސް ބޮޑަށް އާންމުންގެ ޚިޔާލު ކަންކަމުގައި ހޯދުމަކީ އޭނާގެ ވައުދެކެވެ.

"އެތެރޭގެ ވާދަވެރިކަން ކުޑަކޮށް ވީހާވެސް އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ވުން އެއީ އަޅުގަނޑު ކުރާ އުންމީދެއް. ތަސައްވުރަކީ ވެސް ގަމުގެ ކުރިއެރުމުގައި ޒުވާނުން ބައިވެރި ކުރުން. ޒުވާން ތައުލީމީ މީހެއްގެ ހިޔާލާއެކު ކުރިއަށް ދިއުން އެއީ އެދޭ ކަމެއް. މީގެ އިތުރުން ގަމު ބަނދަރުގައި އެބަ ހުރި ހައްލު ކުރަން ޖެހޭ ކަންކަން. މޫދަށް އެރޭނެ ޚާއްސަ ތަނެއް ގާއިމްކޮށްދޭން މަސައްކަތް ކޮށްދޭނަން. މިހާރު ކުރި ނާރާ ހުރިކަންކަން ކުރިއަރުވާދޭން ވަރަށް މަސައްކަތް ކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލ.ގަމަކީ އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ އުޖާލާ މުސްތަގުބަލެއް އޮތް ތަނެއް ކަމަށެވެ. އަދި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް އެ ރަށަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ގެނެވިދާނެ ކަމަށާއި އެކަން ކުރެވޭނީ އާއްމުން، ޚާއްސަކޮށް ޒުވާނުންގެ އެހީއާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ލ.އަތޮޅު ގަމަކީ އުޖާލާ މުސްތަގުބަލެއް އޮތް ތަނެއް. އުންމީދަކީ ވީހާވެސް ބޮޑަށް ޒުވާނުންގެ ދައުރު ބޮޑުކޮށްގެން ކުރިއަށް ގެންދިއުން. އިގްތިސާދުވެސް ޒުވާނުންގެ އިގްތިސާދަކަށް ހަދާނަން. ވަޒީފާގެ ފުރުސަތު ހޯދައި ދޭނަން." ޔާފިޒު ވިދާޅުވިއެވެ.

މިހާރު ޕާކް ފަދަ ތަންތަން ބެލެހެއްޓޭނެ ގޮތެއް ނެތި ދޫކޮށްލާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ ޕާކުތައް ވެސް ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ހޯދާ ރަނގަޅު މިސްރާބަކަށް މަސައްކަތްތައް ބައްޓަން ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. މިހާރުގެ ޓެކްނޮލޮޖީ އާ އެއްގޮތަށް ރަށުގެ ކަންކަން ބަދަލުކޮށް، މިހާރަށް ވުރެ ބޮޑަށް ވިޔަފާރިތައް ފުޅާކުރުމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

އަދި ޒުވާނުން ދުޅަހެޔޮ ކުރުމަށް ކުޅިވަރުތަކުގައި ޒުވާނުންނަށް ބައިވެރިވެވޭ މިންވަރު އިތުރުކޮށް، ދާއިމީކޮށް ފަހިކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިޖުތިމާއީ ދުޅަހެޔޮކަން ގާއިމްކުރުމަށް ވެށި ސާފުކޮށް ބާއްވާނެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސާ، ކުނީގެ ނިޒާމް ހަރުދަނާކުރާނެ ކަމަށް ވެސް އޭނާ ވައުދުވެވަޑަައިގަތެވެ.