ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ވަގުތު ކުޑަތަން ވެއްޖެއެވެ. މިއީ ރާއްޖޭގައި ބާއްވާ ހަތަރުވަނަ ކައުންސިލް އިންތިޚާބެވެ. ކައުންސިލް އިންތިޚާބުތައް މިހާތަނަށް ވެސް ކާމިޔާބު ކޮށްފައި އޮތީ ވާދަވެރި ސިޔާސީ ޕާޓީއަށެވެ. ވެރިކަން ކުރާ ޕާޓީއަށް މިހާތަނަށް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު ދެބަސްވެވެން ނެތް، ހާމައަށް ފެންނަން އޮތް ޙަޤީޤަތަކީ އިންތިޚާބުތަކުގައި އެންމެ ކާމިޔާބު ޕާޓީއަކީ އެމްޑީޕީ ކަމުގައެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި ތިން އިންތިޚާބު ވެސް އެމްޑީޕީއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި މިހާތަނަށް އެންމެ ގިނަ އިންތިޚާބު ކާމިޔާބު ކުރުމުގެ ރެކޯޑް ވެސް އޮތީ އެމްޑީޕީގައެވެ. ވިދިވިދިގެން ގިނަ އިންތިޚާބުތައް ކާމިޔާބު ކުރުމުގެ ރެކޯޑް ވެސް އޮތީ އެމްޑީޕީގައެވެ.

ވިދިވިދިގެން ތިން އިންތިޚާބެއް އެމްޑީޕީއިން ކާމިޔާބު ކުރިއެވެ. އެއީ 2017 ގެ ކައުންސިލް އިންތިޚާބު، 2018 ގެ ރިޔާސީ އިންތިޚާބު، 2019 ގެ މަޖިލިސް އިންތިޚާބެވެ. މިހާތަނަށް އެންމެ ގިނަ ކައުންސިލް އިންތިޚާބާއި ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ. މަޖިލިސް ތިން އިންތިޚާބުގައި ތިން ޕާޓީއަކުން ކުރި ހޯދިއިރު އެންމެ ބޮޑު އަޣުލަބިއްޔަތެއް އެއް ޕާޓީއަކަށް ހޯދި ފަހަރަކީ އެންމެ ފަހު އިންތިޚާބުގައި އެމްޑީޕީއިން ހޯދި ކާމިޔާބީއެވެ.

ތާރީޚީ ކާމިޔާބީތައް އިންތިޚާބުތަކުގައި އެމްޑީޕީއިން ހޯދަމުން އައި އިރު، މާދަމާ އެ ޕާޓީއިން ކުރިމަތިލާނީ އެންމެ ތާރީޚީ އެއް އިންތިޚާބާއެވެ. މި އިންތިޚާބު ކާމިޔާބު ކޮށްގެން އެމްޑީޕިއަށް ތާރީޚީ އިތުރު ރެކޯޑެއް މުގުރާލަން އެމްޑީޕިއަށް ފުރުސަތު އެބަ އޮތެވެ. އެއީ ކައުންސިލް އިންތިޚާބެއް ކާމިޔާބު ކުރި ފުރަތަމަ ވެރިކަން ކުރާ ޕާޓީގެ ރެކޯޑެވެ. އެކަމަކު ކާމިޔާބީއެއް ހޯދުމަށް ވުރެ ދަތި ކަމަކަށް އޮންނަ ކާމިޔާބީ ދެމެހެއްޓުން އެމްޑީޕީއަށް ހާސިލް ކުރެވޭނެ ހެއްޔެވެ؟

ހއ. ހޯރަފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ކުރީގެ ކައުންސިލް އިންތިޚާބުތަކުގެ ނަތީޖާ

ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާނެ ގޮތުގެ ޤާނޫނު އެކުލަވާލައި އެންމެ ފުރަތަމަ ކައުންސިލްތަކުގެ އިންތިޚާބެއް ބޭއްވުމީ 2011 ގައެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭއްވި އެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބެއް ނުކުރެވުނެވެ. އެމްޑީޕީއަށް އެ އިންތިޚާބުގައި ލިބުނީ 395 ގޮނޑިއެވެ. ވާދަވެރި ޑީއާރުޕީއަށް 502 ގޮނޑި ލިބުނެވެ.

ޑީއާރުޕީ ބައިބައިވެގެން އުފެއްދި ޕީޕީއެމް އިން 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިއިރު އެ ޕާޓީގެ ސަރުކާރުގައި ދެ ފަހަރެއްގެ މަތިން ކައުންސިލް އިންތިޚާބެއް ކުރިމަތިވިއެވެ. 2014 ގައި ބޭއްވި އިންތިޚާބު އެމްޑީޕީއިން ކާމިޔާބު ކުރީ 462 ގޮނޑި ލިބިގެނެވެ. ޕީޕީއެމްއަށް ލިބުނީ 275 ގޮނޑިއެވެ. 2017 ގެ އިންތިޚާބު ވެސް ބޮޑު ތަނުން އެމްޑީޕީއިން ކާމިޔާބު ކުރީ 314 ގޮނޑި ލިބިގެނެވެ. ޕީޕީއެމްއަށް ލިބުނީ 193 ގޮނޑިއެވެ.

ސަރުކާރު ޓެސްޓް ކުރުމަށް ބޭއްވޭ ދައުރު މެދު ތެރޭ އިންތިޚާބެއް

ކައުންސިލްތަކުގެ އިންތިޚާބު ސިޔާސީ ލީޑަރުން މިއަދު ސިފަ ކުރައްވަނީ މި ގޮތަށެވެ. ކޮންމެ އިންތިޚާބެއްގައި ވެސް އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ވަރުގަދައަށް ހިންގާއިރު އެ ހަރަކާތްތަކުގެ އެންމެ ޖޯޝުގައި އިސްކޮށް އުޅުއްވާ އެ ޕާޓީގެ ލީޑަރު، ރައީސް ނަޝީދު ވެސް ވަނީ މި އިންތިޚާބު އެ ޕާޓީއަށް ދަތި ވާނެ ކަމަށް ވިދާޅުވެފައެވެ.

ދައުރު މެދު ތެރޭ އިންތިޚާބެއްގެ ގޮތުގައި ސިފަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދައުރުގެ މެދު ތެރެއިން ބާއްވާ އިންތިޚާބުތަކަކީ އެއްވެސް އިރެއްގައި ވެރިކަން ކުރާ ޕާޓީއަށް ކާމިޔާބު ކުރަން ފަސޭހަ އިންތިޚާބެއް ނޫން ކަމަށެވެ. ސަރުކާރު ޓެސްޓް ކުރުމަށް ބާއްވާ އިންތިޚާބު ފަސޭހަ ނުވިޔަސް، އެމްޑީޕީއިން އެ ތާރީޚް ބަދަލު ކުރާނެ ކަމަށް ރައީސް ނަޝީދު ވަރަށް ޔަޤީންކަމާއެކު ވިދާޅުވިއެވެ.

އިންތިޚާބުތަކުގައި ހިސާބު ޖެއްސެވުމަކީ ސިޔާސީ ލީޑަރުން އާންމުކޮށް ކުރައްވާ ކަމެކެވެ. ރައީސް ނަޝީދު ވެސް ވަރަށް ގިނައިން އިންތިޚާބުތަކުގައި ހިސާބު ޖައްސަވައެވެ. މި އިންތިޚާބުގައި ވެސް އެމަނިކުފާނު ވަނީ ހިސާބެއް ޖައްސަވައިފައެވެ. ރާއްޖޭގެ ހަތަރު ސިޓީގެ މޭޔަރުގެ ގޮނޑި ހިމެނޭހެން 1،000 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެމަނިކުފާނު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ރައީސް ނަޝީދު އަދި އެމްޑީޕީއިން ޖައްސާ ހިސާބުތަކާ ހަމައަށް ވާސިލް ނުވެ ވެސް މިހާތަނަށް އެބަ އޮތެވެ. އެމްޑީޕީއިން އަމާޒުކުރި އަދަދަށް ވުރެ އިތުރަށް ގޮނޑި ލިބިގެން މިހާތަނަށް ކާމިޔާބު ކުރެވިފައި އޮތީ އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބެވެ. އެ އިންތިޚާބުގައި 55 ގޮނޑިއަށް އެމްޑީޕީއިން އަމާޒު ހިފިއިރު، 65 ގޮނޑި އެ ޕާޓީއިން ކާމިޔާބު ކުރިއެވެ.

އެމްޑީޕީއިން އަމާޒު ކުރާ ހިސާބާ ގާތަށް ވެސް މި ފަހަރުގެ އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ލިބިދާނެ ހެއްޔެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ

މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބީ ތަކުރާރު ނުވެދާނެ

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއިން ހޯދި ކާމިޔާބީ މި ފަހަރުގެ އިންތިޚާބުގައި ތަކުރާރު ވުމަކީ ދުރު ކަމެއްގެ ގޮތުގައި ބެލެވެއެވެ.

މި އަހަރުގެ ކުރީކޮޅު "ވަގުތު ހޭރިޔާ" އިން ވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި "ކައުންސިލް އިންތިޚާބުގެ ދިރާސާ" އެއް ކުރިއަށް ގެންގޮސްފައެވެ.

މި ދިރާސާއިން ފެންނަ ގޮތުގައި އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ވެސް ތިބީ މި ސަރުކާރާ މެދު މާޔޫސްވެފައެވެ. އެކަމަކު އެއިން ރައްޔިތަކު ކުރީގެ ސަރުކާރު ވެސް ބަލައިގަންނަން ބޭނުމެއް ނުވެއެވެ. އެހެންކަމުން މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް ވޯޓް ދިން ގޮތަށް އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ގިނަ ބަޔަކު ބުނެފައި އޮތެވެ.

"އަޅުގަނޑުމެން ހޮވި ސަރުކާރެއް މިއީ، އަޅުގަނޑަކީ އަބަދުވެސް އެމްޑީޕީއަށް ވޯޓް ދޭ މީހެއް، މި ސަރުކާރު ގެނައުމަށް އަޅުގަނޑު ކިތަންމެ މަސައްކަތެއް ވެސް ކުރިން، ޕާޓީގެ މަގުމަތީ ހަރަކާތްތަކުގައި ވެސް ބައިވެރިވިން، އެކަމަކު ސަރުކާރު ދީ، މަޖިލިސް ދީ، އައްޑޫގެ ގޮނޑިތައް ދީ، ކައުންސިލް ވެސް ބާރުގައި އޮވެމެ ނަތީޖާއެއް ނުފެނު، މި ގޭގެ ނަރުދަމާގެ ވަސީލަތެއް އަދިވެސް ނުލިބޭ، ލިބޭނެ ދުވަހެއް ވެސް ނޭނގެ،" އައްޑޫ އަންހެނަކު އޭނާގެ އިހްސާސްތައް ކިޔައިދެމުން ބުންޏެވެ.

އާންމު ގޮތެއްގައި އައްޑޫގެ ނަތީޖާއަކީ އެމްޑީޕީއަށް ހުރިހާ ގޮނޑިއެއް ދިނުމެވެ. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުތަކާއި މަޖިލިސް އިންތިޚާބުގައި ވެސް ލިބުނީ މި ނަތީޖާއެވެ. މި ފަހަރު އައްޑޫގެ ބައެއް ގޮނޑިތައް ވެސް އެމްޑީޕީއަށް ގެއްލިދާނެ ކަމުގައި ބެލެވުނެވެ. ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ފުރުސަތު އޮތް ކަމުގައި އައްޑޫގެ މަރަދޫފޭދޫ، އަދި ހުޅުދޫ ފަދަ ސަރަހައްދުތަކުން ފެނުނެވެ.

އެހެން ވިޔަސް އެ ދިރާސާއަކީ މިދިޔަ އަހަރުގެ ފަހުކޮޅު ކުރިއަށް ދިޔަ ދިރާސާއަކަށް ވާތީ، މިހާރު ރައްޔިތުންގެ ވިސްނުންތައް އޮވެދާނެ ގޮތެއް ޔަޤީނެއް ނޫނެވެ. މި އަހަރު ފެށިގެން އެމްޑީޕީގެ މި ސަރުކާރުން ވަނީ އައްޑޫގައި އިތުރު މަޝްރޫއުތައް ވެސް އިއުލާން ކުރަން ފަށައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ހުއްޓިގެން ދިޔަ މަޝްރޫއުތައް ފެށިގެން އައުމުން އެމްޑީޕީއަށް އަލުން ތާއީދު އިތުރު ވުމަކީ ވެސް ގާތް ކަމެކެވެ.

ފުވައްމުލައް ސިޓީގައި ވެސް "ވަގުތު ހޭރިޔާ" އިން މި ދިރާސާ ކުރިއަށް ގެންދިޔައީމެވެ. މި އަހަރުގެ ޖެނުއަރީ މަހު ތެރޭގައި ކުރިއަށް ދިޔަ އެ ސާވޭއިން ފެނުނީ ވާދަވެރިކަމެވެ. އެހެންކަމުން މި ސިޓީގެ ގޮނޑިތައް ވެސް އެމްޑީޕީއަށް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މި ގޮތުން ޕީޕީއެމްއަށް ހަތަރު ގޮނޑި އަދި އެމްޑީޕީއަށް ދެ ގޮނޑި ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ދިރާސާއިން ދެއްކިއެވެ. މިއީ ވެސް އެމްޑީޕިއަށް މި ފަހަރު ދަތި ސިޓީއެކެވެ.

"ވަގުތު ހޭރިޔާ" އިން އިންތިޚާބާ ކައިރިވެފައިވަނިކޮށް ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ ދިރާސާގައި ވެސް ފެނުނީ ބައެއް ރަށްރަށުން އެމްޑީޕީއަށް އޮތް ތާއީދު ފަނޑުވަމުން އަންނަ މަންޒަރެވެ. ތާއީދު އުތުރި އަރައި ފުޅާ ވަމުންދާ މަންޒަރު ފެނުނީ ހަމައެކަނި ހޯރަފުށިންނެވެ. މި ދިރާސާއިން ވެސް ފެނުނު ގޮތުގައި އެމްޑީޕީއަށް ލިބޭނެ ކަމަށް ލަފާ ކުރެވެނީ ހަތަރު ރަށުގެ ގޮނޑިއެވެ. ޕީޕީއެމްއަށް ހަ ރަށުގެ ގޮނޑި ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.

މި ގޮތަށް ކައުންސިލް އިންތިޚާބުގައި ވެސް ނަތީޖާ އަންނަ ނަމަ އެމްޑީޕީއަށް މި އާ ރެކޯޑް މުގުރުމަކީ ވުމަށް ވުރެ ދުރު ކަމެކެވެ.

ދެން އޮތީ އިންތިޚާބެވެ.

މާދާމާ ބާއްވާ މި އިންތިޚާބަކީ ބުރަ ބޮޑު އިންތިޚާބެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އޮވެ ކުރިއަށްދާ މި އިންތިޚާބުގައި ގައިދުރުވުމުގެ ހަމަތަކާއި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ގެންދަން ޖެހުމުގެ އިތުރުން އިންތިޚާބުގައި ވޯޓް ގުނުން ވެސް ލަސްވާނެ ކަމުގައި ބެލެވެއެވެ. ބާރުވެރި ކައުންސިލްތަކެއް އިންތިޚާބު ކުރެވޭ މި އިންތިޚާބުގައި ކޮންމެ ރައްޔިތެއްގެ ބަސް ވެސް ހިމެނިގެން އައުމަކީ މުހިއްމު ކަމެކެވެ.

ކޮންމެ ރައްޔިތަކު ވެސް އެ ރައްޔިތެއްގެ ޝުއޫރު ވޯޓުން ދެއްކުން ވަރަށް މުޙިއްމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޒިމްޒިމް

  ގޮޑިތަކުގެ 80% އެމްޑީޕީ އިން ނަގާނެ...

  5
  17
 2. ހުސެން

  ހެޔޮނުވާނެ މިރާބޯ ޕާޓީ ގަނޑައް ވޯޓު ނުދޭތި މި އެމްޑީޕީ އަކީ ލާދީނީ ފަތުރަން މަސައްކަތް ކުރާ ބައެއްް

  20
  5
 3. ާައަހުމަދު

  ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ. ކޮބާތޯ އެމްއެމްޕީރސީ ވައްކަން، ކޮބާތޯ މަރުތަކާބެހޭ ކޮމިޝަން.

  11
  2
 4. ނަސީ

  ޢެމްޑިޕީއަކީ ވެރިކަމައް ކުފޫހަމަ ނުވާބައިގަނޑެ އެހެންވީމާ ކަންތައް ކުރެވީހުން ގޮނޑިތަކައް ނެގުން މާއައުލާކަން ރަގަޅުވާ މިފަހަރު ރައްއިތުން ހޮވާނީ އެންމެ ގާބިލު މީހުން ކަން ކަށަވަރު ، އިންޑިޔާގެ މީހުންގެ އަދަވަޅައް ވެއްޓޭކަން ހަމަ އެކަކުވެސް ބޭނުމެއް ނުވާނެ

  17
  3
 5. ގައްދޫ

  އަތޮޅުވެރިޔަކަށް ކެޔޮޅު ހޮވިއްޖެއްޔާ އައްޑޫ ކުދިން މާޔޫސްވިވަރަށްވުރެ ބޮޑަށް ހުވަދޫ ކުދިން މާޔޫސްވާނެއެވެ. ބަލަން ތިބެމާ

  1
  1
 6. އަންނި

  ތިންބަލި ކޮށްލާނަށް.

  3
  4
 7. އަސްތާ

  2013 ގަ ޔާމީން ހޮވައިދިނީ ސ.ކޯޓުން ކަމަށް ބުނެވިދާނެ.

 8. ރެފްރީ

  ބަންގާޅީންނެރެގެން ކޮންސަރާތެ އް ؟؟