ސާއިދު
ސާއިދު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި މަސައްކަތް ކުރާ ނޫސްވެރިޔާ ސާއިދު އަހުމަދު އަކީ ކުޅިވަރު ޚަބަރުތައް ގެނެސްދިނުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ނޫސްވެރިންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ. ކުރިއަށް އޮތް ފުޓުބޯޅައިގެ އީދު ކަމަށްވާ ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕް ކަވަރު ކުރުމަށް ޕީއެސްއެމްގެ ޓީމާއެކު ސާއިދު ތައްޔާރުވަމުން ދަނިކޮށް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން މިއަދު އޭނާއަށް މިވަނީ ހީވެސް ނުކުރާ ފަދަ އިމްތިހާނަކާއި ކުރިމަތިލާން ޖެހިފައެވެ.

ގދ.ތިނަދޫއަށް އުފަން އުމުރުން 28 އަހަރުގެ ސާއިދުގެ ހަށިގަނޑުގައި މައްސަލައެއް އުޅޭކަން އެނގުނީ ފާއިތުވި ހޮނިހިރު ދުވަހުގެ ރޭ މާ ގަދައަށް ހުން އައިސް، ކުޑަކަމުދާ ތަކެތީގައި ލޭ ހުރުމުން ޑޮކްޓަރަށް ދެއްކި ހިސާބުންނެވެ.

"ވަގުތު އެހީ" އަށް މައުލޫމާތު ދެމުން ސާއިދުގެ ބޭބެ ސާލިމް އަހުމަދު ބުނީ އޭނާގެ ކޮއްކޮއަކީ 2015 ވަނަ އަހަރު ސްޓްރޯކެއް ޖެހި އެކަމަށް ފަރުވާ ހޯދާފައިވާ ޒުވާނެއް ކަމަށެވެ. ހޮނިހިރު ދުވަހުގެ ރޭ ކޮއްކޮ މާ ބޮޑަށް ބަލިވެ ޑޮކްޓަރަަށް ދެއްކުމުން ކިޑްނީގައި މައްސަލަ ހުރިކަން އެނގުނު ކަމަށް އޭނާ ކިޔައިދިނެވެ.

"ހޮނިހިރު ދުވަހު ދެއްކީމަ މި އެނގުނީ. އޭޑީކޭއިން ބުނަނީ ކިޑްނީ ފަންކްޝަންއެއް ނުކުރެއޭ. އައިޖީއެމްއެޗްގައި އިންނަ ޝިހާމަށް ދައްކާށޭ. ކިޑްނީގެ ހާއްސަ ޑޮކްޓަރެއް އިންނާނެއޭ. ޝިހާމަށް އޭގެ އަނެއް ދުވަހު މިދެއްކީ. ދެއްކީމަ ބުނީ ކިޑްނީގައި އިނީ 13 ޕަސެންޓޭ، ދެކިޑްނީގައި ވެސް." ސާލިމް ކިޔައިދިނެވެ.

ސާއިދުގެ ދެ ކިޑްނީވެސް ފެއިލް ވެެފައިވާއިރު އެކަމަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމެވެ. ކިޑްނީ ޓްރާންސްޕްލާންޓު ކުރަންދެން އޭނާއަށް ވަގުތީ ގޮތުން ދެވޭނެ ފަރުވާ އަކީ، ހަށިގަނޑުގެ ލޭ މެޝިނެއްގެ އެހީގައި ސާފު ކުރާ ޑައިލަސިސް ޓްރީޓްމެންޓެވެ.

ސާއިދު އަށް ރާއްޖޭގައި ފަރުވާ ދިނުމުގެ ބަދަލުުގައި އޭނާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމަށް އާއިލާއިން މިހާރު ވަނީ ނިންމާފައެވެ. ކުރިއަށް އޮތް އާދީއްތަ ދުވަހު އިންޑިއާއަށް ފުރާގޮތައް މިހާރު ވަނީ ޓިކެޓުވެސް ނަގާފައެވެ.

ސާއިދުގެ ފުރާނަ ސަލާމަތް ކުރަން ޓްރާންސްޕްލާންޓު އޮޕަރޭޝަން ކުރަން ޖެހިފައިވާއިރު އޭނާއަށް ކިޑްނީއެއް ހަދިޔާ ކުރަން އާއިލާއިން ތިބީ ތައްޔާރަށެވެ. އެގޮތުން އޭނާގެ އެއްބަޑަނޑު އެއްބަފާ ބޭބެއިންނާއި ކޮއްކޮއިންގެ ކިޑްނީއާއި ކްރޮސްމެޗް ދިމާވޭތޯ ޓެސްޓު ކުރަން ވަނީ ނިންމާފައެވެ.

"އަޅުގަނޑުގެ އެއްބަނޑު އެއްބަފާ އެބަތިބި ކޮއްކޮ ނުލާާ ހަ މީހުން. ކޮންމެވެސް އެކަކު އިރާދަކުރެއްވިއްޔާ ދިމާވާނެ ކަމަށް މިބަލަނީ." ސާލިމް ބުންޏެވެ.

ސާލިމް ބުނީ މިހާތަނަށް އާއިލާގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުން މާލީ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އަދި އާސަންދައިން ވެސް އެހީތެރިކަން ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ކިޔައިދިނެވެ.

ސާއިދުގެ ބަލިހާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ އޭނާގެ ބޭބެ ސާލިމްގެ ފޯން ނަމްބަރު 9151056 އަށް ގުޅުއްވައިގެން މައުލޫމާތު ހޯއްދެވޭނެއެވެ. ސާއިދުއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ޑޮލަރު އެކައުންޓް 7713225362101 އަށް ނުވަތަ ބީއެމްއެލް ރުފިޔާ އެކައުންޓް 7703225362101 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

މާތް ﷲ ސާއިދުއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާންދޭވެ!

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޫސްގަނޑު

    ސާއިދުއަށް އަވަސް ޝިފާއަކަށް އެދެން. މާތްﷲ އިރާދަުރެއްވިއްޔާ ސާއިދުގެ ކުރޮސްމެޗް އާއިލާ މެންބަރަކާއި ދިމާވެ އޮޕަރޭޝަން ކާމިޔާބުވާނެ..

  2. ޢަވަސް ސިފާ އަކައް އެދެން

  3. ޢަވަސް ޝިފާއަކައް އެދެން

  4. ސާއިދުއަށް އަވަސް ޝިފާއަކަށް އެދެން. މާތްﷲ އިރާދަުރެއްވިއްޔާ ސާއިދުގެ ކުރޮސްމެޗް އާއިލާ މެންބަރަކާއި ދިމާވެ އޮޕަރޭޝަން ކާމިޔާބުވާނެ..

  5. ސާއިދުއަށް އަވަސް ޝިފާއަކަށް އެދެން. މާތްﷲ އިރާދަުރެއްވިއްޔާ ސާއިދުގެ ކުރޮސްމެޗް އާއިލާ މެންބަރަކާއި ދިމާވެ އޮޕަރޭޝަން ކާމިޔާބުވާނެ..

  6. ޥަރަށް ގާތް ރަހްމަތްތެރިއެެއް..އަވސް ޝިފާއަކަށް އެދެން