އޭޕްރީލް 15، 2020 ގެ މެންދުރު ކުރީގެ ވަގުތެއްގައި މ. ޖަރީމާގެ ހުންނަ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ. އެމްބިއުލާންސްތައް އެސަރަހައްދަށް ޖަމާވަމުން ދިޔައެވެ. އެ ގެ ހުރި ސަރަހައްދަށް އާންމުންނަށް ނުވަދެވޭ ގޮތަށް ފުލުހުން ދިޔައީ ފޯރިމަރަމުންނެވެ. އޭރު އެ ސަރަހައްދުން ދިޔަ ގިނަ މީހުންނަށް ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. އެކަމަކު، މެންދުރު ފަހު އެނގުނީ މާ ނުރައްކާތެރި ވާހަކައެވެ.

މާލެ ހިޔާ ކައިރީގައި ގާއިމްކޮށްފައި ހުރި ފްލޫ ކްލިނިކަށް އޭގެ ކުރީ ދުވަހު ދިޔަ އަންހެނަކު ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން އެ ބައްޔަށް ފައްސިވި ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިއުލާން ކުރިއެވެ. އެއީ މާލެ އިން ކޮވިޑަށް ފައްސިވި ފުރަތަމަ މީހާއެވެ. އެމްބިއުލާންސްތައް ގޮސްފައި އޮތީ، ފައްސިވި މީހާ އާއި އޭނާއާ ގާތުން ބައްދަލުވި ހުރިހާ އެންމެން ބަލައެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން، އެޗްޕީއޭ އިން އިއުލާން ކުރީ މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނި ހެދި ޓެސްޓުން ބައްޔަށް ފައްސިވެފައިވާތީ މާލެ ސިޓީ 24 ގަޑިއިރަށް ފުރަބަންދަކަށް ނިންމި ކަމެވެ. އަދި އެ އިއުލާން އައި ވަގުތުން ފެށިގެން އެއްވެސް މީހަކު ބޭރަށް ނުކުމެ އުޅުން މަނާ ކުރިއެވެ. އެ އިއުލާނާއެކު ފެނުނީ ތޮއްޖެހިފައިވާ މާލެ، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހަލަބޮލިވި ތަނެވެ. މާޔޫސްވެ ބިރުވެރިކަމުގައި ހުރެ އެންމެން ކޮޅުކޮޅަށް ދުވެ ނެގީ ގޭތެރެއަށް ކާބޯތަކެތި ވެއްދުމަށެވެ. ބޭހަށާއި ޗުއްޓީ އަށް އައި މީހުން ރަށަށް ނުފުރި މާލޭގައި ތާށިވިއެވެ.

މާލެ ފުރަބަންދުކޮށްފައި އޮތް ދުވަހެއްގައި ފުލުހުން ހަރަކާތްތެރިވަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ބަލި މީހަކު ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. މާޗު 7، 2020 ގައި ކޮވިޑަށް ފައްސިވީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި އަނބުރާ ގައުމަށް ދިޔަ ޓޫރިސްޓަކާ ގާތުން ބައްދަލުވި މީހެކެވެ. އެއާއެކު މުޅި ރިސޯޓުގައި ކޮވިޑް ފެތުރިގެން ދިޔައެވެ. ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައި އޮތުމުން އެ އިހަލާ ގުޅުން ހުރި ބަޔަކު އެއްވެސް ރަށަކުން ފެނިފައެއް ނުވެއެވެ.

ކޮވިޑް-19 އަށް އަހަރެއް ވެގެން ދިޔައިރު، އަދިވެސް ރާއްޖެ އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. ކޮވިޑް ކޮންމެ މީހަކަށް ޖެހިދާނެ ކަމުގެ ބިރު އަދިވެސް އެބައޮތެވެ. އިގްތިސާދު ހަމައަކަށް ނޭޅެއެވެ. ދަތުރުފަތުރު ކުރުމުގެ ނިޒާމު ފަހިވެފައެއް ނެތެވެ. ވަޒީފާ ގެއްލުނު ގިނަ މީހުންނަށް އަދިވެސް ވަޒީފައެއް ނުލިބެއެވެ. ކުލި ދެއްކޭނެ ގޮތެއް ނެތިގެން އެތައް ބަޔަކު މާލެ ދޫކޮށް އަމިއްލަ ރަށަށް ދާން މަޖުބޫރުވިއެވެ. ވިޔަފާރިވެރިން އިނދަ ޖެހުނެވެ.

މާލެ ފުރަބަންދުގައި އޮންނަތާ ދެ މަހެއްހާ ދުވަސް ފަހުން ޖޫން މަހުން ފެށިގެން ކޮންމެވެސް ވަރަކަށް ލުއިތައް ދޭން ފެށިއެވެ. އެކަމަކު އޭރު ވެސް ވަކި ވަގުތެއް ފަހުން ދުއްވާ އެއްޗެހި ދުއްވުމާއި ބޭރުގައި އުޅުން އޮތީ މަނާކޮށެވެ. މީހުން ބޭރަށް ނުކުމެ އުޅުން ވެސް މަނާކުރިއެވެ.

އެކަމަކު، މިހާރު ހާލަތު ތަފާތެވެ. ކޮވިޑާ އެކު ދިރިއުޅެން ވަނީ މަޖުބޫރުވެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 8:30 ގެ ފަހުން ވެހިކަލް ދުއްވުން މަނާ ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިންގަވާފައި މުލީއާގެއަށް ވަޑައިގަންނަވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖެ އިން މިހާތަނަށް 25،844 މީހުން ކޮވިޑް-19 އަށް ފައްސިވެ 67 މީހުން ވަނީ ނިޔާވެފައެވެ. މިހާތަނަށް އައިިއިރު ބަލިން ރަނގަޅުވެފައި ވަނީ 23،141 މީހުންނެވެ. މިވަގުތު ބަލި ޖެހިފައި ތިި 2،636 މީހުން ހިމެނެއެވެ. ކޮވިޑް ފެސިލިޓީތަކާއި ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައި 57 މީހުން އެބަތިބިއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވީ މި މަހުގެ އެއްވަނަ ދުވަހުއެވެ. ސައްވީސް ގަޑިއިރުގެ ތެރޭގައި 3،625 ސުންކު ޓެސްޓްކޮށްގެން 300 މީހުން ވަނީ ފައްސިވެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ވެހިކަލް ދުއްވުން މަނާ ވަގުތުގައި ޓެކްސީ ޑްވައިވަރަކު ކާރު ޕާކު ކޮށްގެން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ އޭޕްރީލް 29، 2020 ގައެވެ. ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ށ. މަރޮށި، ހުސެއިން އަބްދުﷲ، 88، ގެ އަނބިކަނބަލުން އައިމިނަތު އާދަމް، 83،އެވެ. ދެ ހަފުތާ ފަހުން ހުސެއިން އަބްދުﷲ ވެސް އަވަހާރަވީ ކޮވިޑް ބަލީގައެވެ.

ބައްޔަށް އޮތް ހަމައެކަނި އުންމީދަކީ ވެކްސިން

ދުނިޔޭގެ ހުރިހާ ރައްޔިތުން ހާސްކަމުގައި އެއް އަހަރު ހޭދަކުރުމަށް ފަހު، މިއަދު ވަނީ އުންމީދު އާވެފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ވެކްސިންތައް ކާމިޔާބުކަމާއެކީގައި ޓެސްޓްކޮށް، މިހާރު އިންސާނުން ގަޔަށް އެ ވެކްސިންތައް ދަނީ ޖަހަމުންނެވެ. ހަތަރު ލައްކައެއްހާ އާބާދީއެއް އޮންނަ ރާއްޖޭގައި ވެސް މިހާތަނަށް އައިއިރު، 273،660 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ. ދެ ވަނަ ޑޯޒް 25،369 މީހުންނަށް ދީފައިވެއެވެ.

އައިޖީއެމްއެޗުގެ ކްލިނިކަލް އެޑްވައިޒަރީ މެނޭޖުމެންޓް ޓީމުގެ މެންބަރު އަދި އެތެރެހަށީގެ ޑރ. މޫސާ މުރާދު ވިދާޅުވީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ތަފާތު ގިނަ ކަންކަން ތަޖުރިބާކުރެވިފައިވާ ކަމަށެެވެ. އެގޮތުން އެންމެން "ލޮކްޑައުން" އަކަށް ގޮސްގެން ބަލި ފެތުރުން ކޮންޓްރޯލްވި ތަން ރާއްޖެ އިން ފެނުނު ނަމަވެސް މިހާރު އެގޮތަށް ތިބެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ބައްޔާއެކުގައި އަޅުގަނޑުމެން ދިރިއުޅެން ޖެހިފައި މިވަނީ،" މުރާދު ވިދާޅުވިއެވެ.

މުރާދު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް މިހާރު މި ބަލިން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންތަކެވެ. އެހެންވެ، މި ވެކްސިންތަކުގެ ބޭނުން ހުރިހާ ރައްޔިތުން ހިފަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުރާދުގެ ވާހަކައިގައި ސިއްހީ ހިދުމަތްތެރިން އެއްވެސް ވަރުބަލި ކަމެއް ނެތި އެއް އަހަރު ދުވަހު ކުރި މަސައްކަތް ބަލައިގަންނަން ޖެހޭކަން ފާހަގަކުރެއްވިއެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހެނިހެން ހިދުމަތްތެރިން މަސައްކަތް ކުރީ ޗުއްޓީއެއް ވެސް ނުނަގާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުގައި ސިއްހީ ހިދުމަތްތެރިން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ކެތްތެރިކަމާއެކީގައި ބުރަ މަސައްކަތެއް ކުރީ. ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ވަރަށް ގިނަ ޑޮކްޓަރުންނާއި ނަރުހުން ޗުއްޓީ ނުނަގާ މުޅި އަހަރު ހޭދަކުރީ،" ސިއްހީ ހިދުމަތްތެރިންގެ މަސައްކަތަށް ތައުރީފް ކުރައްވައި މުރާދު ވިދާޅުވިއެވެ.

ދިގު ފުރަބަންދަކަށްފަހު މާލެހަލަބޮލި ވެފައި؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މާލެ ފުރަބަންދު ކުރިތާ އަހަރެއްވީ އިރު، އަދިވެސް މިތިބީ ބަންދެއްގައެވެ. މާލޭގައި މިހާރު މިތިބި ގިނަ މީހުންނަކީ މާލެއިން އެހެން އެއްވެސް ތަނަކަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންނެވެ. އެމީހުން ތިބީ ކޮންމެވެސް ދިމާލަކަށް ދާން ކެތްމަދުވެފައެވެ. އެކަމަކު، އެޗްޕީއޭ އިން އަޅާފައިވާ މަދު ފިޔަވަޅުތަކުގެ ސަބަބުން ދަތުރުފަތުރު ކުރުން ފަދަ ކަންކަމަށް ހުރަސްތަކެއް ކުރިމަތިވަނީއެވެ.

މުރާދު ވިދާޅުވި ގޮތުގައި ދިވެހިން މިއަދު އަޒުމަކަށް ހަދަންވީ ކޮވިޑް-19 ގެ ވޭދަނަތައް އަދިވެސް މަދު ކުރުމަށެވެ. ހާއްސަކޮށް މީހުން ތަންތަނަށް އެއްވެ އުޅުން މަދުކޮށް ވީހާވެސް "ބަބުލް" ކުޑަ ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ތަފާތު ތަންތަނަށް ގޮސް އެއްވެ ހަދާ ނަމަ، ނަންބަރުތައް މަދު ކުރަން އުނދަގޫ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކީގައި އަތް ދޮވުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުމަށް އަދިވެސް ފަރުވާތެރިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަމުން އަންނަ އިރު، ވެކްސިންގެ ދެ ޑޯޒަށް ފަހު ދޭނެ ލުއިތައް އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ހާމަކޮށްފައެވެ. އެޗްއީއޯސީގެ މަސައްކަތް ކުރަނީ އެ ލުއިތައް މިއަދު ހާމަކުރޭވޭތޯއެވެ. ބެލެވޭ ގޮތުގައި ދޭނެ އެއް ލުޔަކީ ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު، ކަރަންޓީނުވުމެއް ނެތި ރާއްޖޭގެ އެތެރޭގައި ދަތުރުތައް ކުރެވުމެވެ. މިއީ މާލޭގައި ބަންދުވެފައި ތިބި މީހުންނަށް ލިބޭނެ އުފާވެރި ހަބަރަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު