ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، ބަލީގެ ނުރައްކާ ހަމަ އެކަނި ބޮޑުވެފައިވަނީ ވެރިކަން ކުރާ މާލެއަކަށް ނޫނެވެ. އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ބަލި ފެތުރި ރާއްޖޭގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. އޭގެ ތެރޭގައި އއ. މަތިވެރި ވެސް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން ބަލީގެ ނުރައްކާ ރަށްރަށަށް ނެތް ކަމުގައިވިއަސް އޭގެ ދުވަސްކޮޅެއް ފަހުން އަތޮޅު ތެރޭގައި ވެސް ބަލި ފެތުރިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. މަތިވެރިއަށް ބަލާއިރު، އެންމެ ފުރަތަމަ އެރަށުން މި ބަލީގެ އަލާމާތްތަކެއް ހުރި ދެ ބިދޭސީއަކު ފެނިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ މަހުގެ 16 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެ ފަހަރެއް މަތިން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މަތިވެރި ސުންކު ނަގާ ޓީމް - ފޮޓޯ: މަތިވެރި ހެލްތް ސެންޓަރު

އެންމެ ފަހުން މިދިޔަ މަހުގެ 21 ވަނަ ދުވަހު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، މިފަހަރަކީ އެއީ އެރަށަށް އެންމެ ނުރައްކާތެރި ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއީ މިހާތަނަށް އެރަށުން ކޮވިޑް ފެނިގެން އެންމެ ގިނަ މީހުން ފައްސިވި ފަހަރެވެ. އޭގެ ތެރޭގައި ވަކި ތަރުތީބެއް ނެތި ސުންކު ވެސް ހިމެނެއެވެ.

އޭރު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރަށު ތެރެއިން ބަލި ފެނުމާއި ގުޅިގެންނެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް އެރަށުން ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އައިސް މިހާރު ޖުމްލަ 221 މީހަކު ވަނީ މި ބައްޔަށް އެރަށުން ފައްސިވެފައެވެ. އަދި 46 ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ. އެހެން ކަމުން މަދު އާބާދީއެއް އޮންނަ އެރަށުގެ 30 އިންސައްތަ މީހުން ފައްސިވެ، 40 އިންސައްތަ ގޭބިސީއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.

ރަށުގެ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެރަށުގައި އެންމެ ފަހުން ބަލި ފެތުރެން ފަށާފައިވަނީ އިންޑިއާ ފަތުރުވެރިންގެ ސަބަބުންނެވެ. އެގޮތުން އޭރު ގިނަ އަދަދަކަށް އިންޑިއާ ފަތުރުވެރިން ރަށުގައި ތިބި ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

މަތިވެރި ހެލްތް ސެންޓަރު

މަތިވެރިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެރަށުގެ ގެސްޓްހައުސްތަކަށް ފަހަކަށް އައިސް އެންމެ ގިނައިން އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. ފަތުރުވެރިން ތަބާވާން އެޗްޕީއޭ އިން އެކުލަވާލާފައި އޮންނަ ގައިޑްލައިންތަކަށް އެމީހުން ތަބާނުވާ ކަމަށް ވެސް މަތިވެރިން ވާހަކަ ދެއްކި މީހުން ބުނެއެވެ.

"އިންޑިއާ ގިނަ މީހުން މަތިވެރިއަށް ވެސް އައިސްފައި ވަނީ މެދުއިރުމަތީގެ ގައުމުތަކަށް ދިއުމުގެ ކުރިން ކަރަންޓީން ވުމުގެ ބޭނުމުގައި. ކޮވިޑް ފެނުމާއި ހަމައަށް އެއްވެސް ވަރަކަށް ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައި އުޅެނީ. ކުރިން މާސްކް ވެސް ނާޅައި، އާއްމުންގެ ތެރެއަށް ނިކުމެ، އާއްމުން ގިނައިން ޖަމާވާ ތަންތަނަށް ގޮސް ރަށުތެރޭގައި ހަމަ އާއްމު ރައްޔިތަކު އުޅޭހެން އެމީހުން އުޅެނީ." މަތިވެރިން ވާހަކަދެއްކި މީހަކު ބުންޏެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް "ވަގުތު" އަށް ވިދާޅުވީ، ރަށުން ގިނަ އަދަދެއްގެ ބަޔަކު ފައްސިވި ނަމަވެސް، އާއްމު ހާލަތު އެހާ ގޯސް ކަމަކަށް ނުދައްކާ ކަމަށާއި އެގޮތަށް ވިދާޅުވަނީ ހިރާސްބޮޑު ބަޔަކު ނެތުމުން ކަމަށެވެ. އެހެން ނަމަވެސް މިހާރު ރަށުގައި ހުރި 80 އަހަރަކު މީހަކު ފައްސިވެގެން އޭނާ އަށް ކައިރިން ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރަށުގެ ހާލަތު އަދި ގޯސް ނުވި ނަމަވެސް، ހާލަތު ގޯސް ވެއްޖެނަމަ ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް އާތިފް ވިދާޅުވިއެވެ.

"80 ވަރަކަށް އަހަރުގެ މީހަކު ފައްސިވެގެން ފަރުވާ އެބަދޭ. އެއްވެސް ބަލި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ އެއް ނުދޭ." އާތިފް ވިދާޅުވިއެވެ.

މަތިވެރީގައި މީހެއްގެ ސުންކު ނަގަނީ - ފޮޓޯ: މަތިވެރި ހެލްތް ސެންޓަރު

އާތިފް ވިދާޅުވީ، ރަށުން ގިނަ ބަޔަކު ބައްޔަށް ފައްސިވިނަމަވެސް، ހުރިހާ އެންމެން ގޮތަކަށް ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

"ފޯކަލް ޕޮއިންޓުން މައުލޫމަތު ދީފައިވާ ގޮތުގައި ފައްސިވެގެން މިހާ ވަރަށް ދާއިރުވެސް މާ ބޮޑު ބަލި މީހުން ނެތީ ހަމަ ވެކްސިންގެ ރައްކާތެރިކަމުން ކަމަށް ވަނީ" އާތިފް ވިދާޅުވިއެވެ.

މަތިވެރިން 221 މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރެއިން 100 އަށްވުރެ ގިނަ މީހުންނަކީ ބަލީގެ އަލާމާތްތައް ހުރި މީހުން ކަމަށް އާތިފް ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުގެ ސުންކުތައް ނުނެގިގެން އުޅެނިކޮށް އިތުރު މީހުން ފައްސިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރެންޑަމް ކޮށް 250 ސުންކު ނަގަން އަންގައިގެން އެކަމެއް ނުކުރެވިގެން އުޅެނިކޮށް ހަމަ ނަގާ ވަރަށް ފައްސިވަމުން ދިޔައީ. ދެން އެހިސާބުން ކަރަންޓީނު ކުރަމުން ގޮސް މިހާރު ކަރަންޓީނު ކޮށްފައި ތިބި ގޭގޭގެ މީހުން ވެސް އަލާމާތްތައް ފެނިގެން ދެއްކީމާ ފައްސި އެބަވޭ" އާތިފް ވިދާޅުވިއެވެ.

މީގެ ކުރިން ރަށުގެ ރައްޔިތުންގެ ފަރާތުން ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތަށް އެއްބާރުލުމެއް ނުލިބުނު ނަމަވެސް، ފަހަކަށް އައިސް ހުރިހާ ރައްޔިތުން އެކަމަށް އެއްބާރުލުން ދޭ ކަމަށާއި ރަށުގެ ހާލާތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ރައްޔިތުން ވެސް ކަމާއި ބެހޭ އިދާރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބައިގެން ފަރުދީ ޒިންމާ އަދާ ކުރުމަށް އާތިފް ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ ގިނަ ރަށްރަށުން ކޮވިޑް-19ގެ ވޭދަނަތައް ފެންނަމުން އަންނައިރު، ގިނަ ބަޔަކު ފައްސިވަނީ ވެކްސިންގެ އަސަރު ނުކުރާ ވައްތަރެއްގެ ސަބަބުން ކަމަށް ވެދާނެ ކަމުގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ވައްތަރުގެ ސަބަބުން ވެކްސިންގެ މާ ބޮޑު އަސަރެއް ނުކޮށް ފަސޭހައިން ބަލި ފެތުރޭ ކަމަށް ދިރާސާތަކުން ވެސް ވަނީ ދައްކާފައެވެ.

ރާއްޖެއިން މިހާތަނަށް 29،835 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 4،978 މީހަކަށެވެ. އޭގެ ތެރެއިން ވެސް 146 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި މި ބަލި ޖެހުނު 24،775 މީހަކު ރަނގަޅުވެފައިވާއިރު، 73 މީހަކު ވަނީ ބަލި ޖެހިގެން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަހުމަދު

    އަދިވެސް އިންޑިއާ ފަތުރުވެރިން ގިނަވެގެން އަތްޖަހާނެ އެމްޑީޕީ މެމްބަރުން

  2. ސަނާ ޒަރީރު

    ކަލޯ އިންޑިޔާ މީހުން އއ. ރަސްދޫގައި ވެސް ތިބި ، ނޭގެ ކީއްވެކަމެއް އެތަނުން ޕޮސިޓިވް ނުވަނީ، ނަގާ ހުރިހާ ސާންޕަލްއެއް ނެގެޓިވް ރިސަލްޓް އަންނަ ގޮތައް ހަދާ ކިޔާ އަޑު އިވޭ ވިއްޔާ