(ހއ. މޮޅަދޫ) ދިވެހިންނަކީ ފަހުރުވެރިވުން ހަައްގު ތާރީހީ މާޒީއެއްގެ ވެރި ބައެކެވެ. ކިތަންމެ ބައި މަދު ބަޔަކަށްވީ ނަމަވެސް، ދިވެހި ތާރީހުން ކުރަހާލާ ކޮންމެ ބުރަކީ ގަދީމީ ވާހަކަތަކާއި، ފްލޯކް ވާހަކަތަކުގެ އިތުރުން އާސާރީ ބަހާތަކުން ވިނަވާލެވިފައިވާ މުއްސަނދި ބަހާއެކެވެ. ދިވެހިން ދިރިއުޅުނު ދިވެހި ފަސްގަނޑުގެ ކޮންމެ ކައިވަތެއް ހެން ހެކިވަނީ ދިވެހި ކާބަފައިން މި ދިވެހި އުންމަތަށްޓަކައި ދޫކޮށްލި އަގު ބޮޑު ސަގާފަތާއި، ތަރިކަތަކުގެ ވާހަކަތަކެވެ. އެ ފަސްގަނޑުގައި މިއަދުވެސް އަޑި ނޭނގޭ އެތައް ވާހަކަތަކެއް ވަޅުޖެހިފައި ހުންނާނެކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

ބައެއް ތާރީހީ ތަންތަނާ މެދު ތުންތުންމަތިން ދެކެވެމުން އަންނަ ވާހަކަތަކަކީ އަޖައިބުކުރުވަނިވި ވާހަކަތަކެކެވެ. އިހު ދިވެހިން ގަބޫލުކޮށް ތަބާވެ އުޅުނު ކަންކަމަކީ އަންތަރީސްކުރުވާ ފަދަ ކަންތައްތަކެކެވެ. ޒިޔާރަތަށް ހުނިލުމާއި، ނަދުރު ބުނުމާއި، މަސް ފަންޑިތަ ހެދުން ފަދަ ބޯދާ އެތައް ކަމެއް ދިވެހި ތާރީހުން ހިރަފުސް ފޮޅާލުމުން ފެންނަން އެބަހުއްޓެވެ. ރަށްރަށާއި މެދު ދެކެވޭ ސަޅިބައިސާ ވާހަކަތަކަކީ ވެސް މި ބުނާ ބޯދާ ވާހަކަތަކަށް ދޫދޭވަރު ވާހަަކަތަކެއް ނޫނެވެ.

ބައެއް ރީތި ތުނޑި އޮންނަ ހިސާބުތަކުން ފަސް ބޭރު ނުކުރެވޭ ވާހަަކައާއި، ރަށުން އެކި ޒާތްޒާތުގެ ރޫހާނީ ކަންކަން ފެންނަ ނާމާން ވާހަކަތަކާއި، ރަށުން ވަކިކަހަލަ ކާއެއްޗެއް ކެއުމުން ނޫނީ ރަށުގައި ހުންނަ މާ މަަޝްހޫރު ވަޅަކުން ފެންބުއިމުން އެ ރަށަކަށް ހިތްޖެހޭ ވާހަކައަކީ ނިކަން ފަޚުރުވެރިކަމާއެކު ދިވެހިން ދައްކާ އުޅޭ ވާހަކަތަކެކެވެ. މިގޮތަށް ހއ.މޮޅަދޫގައި ހުންނަ ނިކަން ފެންމީރު ވަޅެއްގެ ވާހަކަވެސް މި ރަށު މީހުން ދައްކާ އުޅެއެވެ.

ހއ. މޮޅަދޫ ގަބުރުސްތާނުގައި ހިރިގަލުން ހަދާފައި ހުރި ފެންވަޅެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޮޅަދު އަށް ދާ ވާހަކަ އަޑު އިވުނު ހިސާބުން ފެށިގެން ކޮންމެ މީހަކު ވެސް ދައްކަނީ މިބުނާ ފެންވަޅުގެ ވާހަކައެވެ. އެ ރަށުން ދެކެފަރިތަ މީހަކު ހުއްޓަސް ދައްކަނީ ހަމަ އެ ވަޅުގެ ވާހަކައެވެ. މި ރަށު މީހުންގެ އާއްމު ބަހުރުވައިން ނަމަ " މޮޅަދޫ ބޯފެން ވަޅު"ގެ ނަމުން ނަންދީފައިވާ މި ވަޅަކީ އާދަޔާ ޚިލާފަށް ފެން މީރު ވަޅެއް ކަމަށް ބުނެ އުޅެއެވެ. ކޮންމެއަކަސް މި ވިޅާ މެދު އިވުނު ވާހަކަތައް ކިތަންމެހާވެސް ޝައުގުވެރިއެވެ.

މި ރަށުގެ އިސް ރަށްވެހިން ބުނާ ގޮތުން ނަމަ މި ވަޅުން ފެން ބުއިމަކީ ޒާތެއްގެ "ފަންޑިތަ"އެކެވެ. އެވެރިން ސިފަކުރަނީ މި ވަޅުން ފެން ބުއިމަކީ މި ރަށަށް ހިތް އެނބުރޭ ޖާދުލެއްގެ ގޮތުގައެވެ. މި ރަށުގައި ޒަމާނުއްސުރެ އެއްޖީލުން އަނެއް ޖީލަށް ވާރުތަވަމުން އައި ތޯތޯ ވާހަކަތަކުގައިވާ ގޮތުން މޮޅަދޫގެ ބައު މިސްކިތް ކައިރީގައި ހުންނަ މިވަޅުން ފެން ބޮއެފި މީހަކު މި ރަށަށް ދެވަނަ ފަހަރު ނާރާނެ ގޮތެއް އެއީ ނެތް ގޮތެކެވެ.

ހއ. މޮޅަދޫ ގަބުރުސްތާނުގައި ހިރިގަލުން ހަދާފައި ހުރި ފެންވަޅެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮންމެއަކަސް އަޑުއިވުނު ވާހަކަތަކަށް ފަހު މި ވަޅާ މެދުގައި ހިތުގައި ވެސް ވަރަށް ފުން ޝައުގުވެރިކަމެއް އުފެދިގެން އައެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން އެ ރަށަށް ކުރި ދަތުރުގައި އެ ބުނާ ފެންމީރު ވަޅުން ކޯވަރެއް ވިޔަސް ބޯން އަޅުގަނޑުވެސް ހުރީ ހިތު ނިޔަތް ގަނެގެންނެވެ. މި ދަތުރުގައި ރަށުތެރޭގެ ފާހަގަކޮށްލެވުނު އިދާރާތަކާއި، ތަންތަނާއި، ބިނާތައް ބަލަމުން ގޮސް އެ ބުނާ ފެންމީރު ވަޅާ ހިސާބަށް ވެސް ދެވިއްޖެއެވެ. ވަޅާ ހިސާބަށް ދިޔަ ވަގުތަކީ މެންދުރުގެ ރަތްއަވިދޭ ވަގުތަށް ވުމާއެކު ވަޅާ ކައިރިވަމުން ދިޔަހެން ކަރުހިއްކުން އިތުރުވިހެންވެސް ހީވިއެވެ.

މޮޅަދޫގެ ތަންތަން "ވަގުތު"ގެ ޓީމަށް ދައްކަމުން ދިޔަ އާރުކާޓީންނާއެކު އެ ވަޅު ކައިރިއަށް ކައިރިވުމާއެކު އެތަނުގައި ތިބި ދެތިން މީހުންވެގެން ވަޅުގެ މަތި ނަގައިފިއެވެ. ކަމަކު ދާކަށް ނެތެވެ. މޮޅަދޫގެ ފެންމީރު ވަޅުން ފެންބޯން ދުށް ހުވަފެންވީ ބިލާހަކަށެވެ. ވަޅު ތެރޭގައި އޮތީ ފައިދިގު މަކުނު ވާފުރާ އޭގެ ހާއްޔަކަށްވެފައެވެ. މުޅި ވަޅުތެރޭގައި އެއްވާނަކަށް ރަސްކަން ކުރަމުން ދިޔައީ އެކި ސައިޒުގެ މަކުނެވެ. ކޮންމެވެސް ވަރަކަށް ކުރަތްޕާއި އެހެން ޒާތުގެ ސޫފިތައް ދުވެ ނަގަނީއެވެ.

ހއ. މޮޅަދޫ ގަބުރުސްތާނުގައި ހިރިގަލުން ހަދާފައި ހުރި ފެންވަޅެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދާދި ފަހަކާ ޖެހެންދެން އެ ފެންވަޅު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން ކުރި އިރު އެ މަސައްކަތް ކުރީ ވަތަނީ މަސައްކަތެއްގެ ގޮތުގައެވެ. "ވަގުތު"އިން މޮޅަދޫ ކައުންސިލާއި އެރަށުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވިދާޅުވީ އެ ވަޅު ސާފުކޮށް ބެލެހެއްޓުމަށް ކުރި މަސައްކަތް ހުއްޓުނު އެއް ސަބަބަކީ މުޅި ދުނިޔެ އަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ރަށުގައި ހޭލަމޭލަވެ އުޅުނު ކުޑަވުން ކަމަށެވެ. އެ ފެންވަޅު ސާފުކުރުމުގެ މަސައްކަތް ކައުންސިލްގެ އިސްނެގުމާއެކު ކުރަމުން ދަނީ އެ ތަނަކީ ރަށުގެ ސަގާފަތް ރަމްޒުކޮށްދޭ އަސްލަކަށް ވުމާއި، އެ ތަނަކީ ކާބަފައިންގެ ހަނދާނުގެ ވައުފަތް އެތަނަކާއި ގުޅިފައިވާ ތަނަކަށް ވުމުންނެވެ.

"މިތަން ސާފުކުރަނީ އެއީ ރަށުގައި ހުރި މުހިންމު ތަނަކަށް ވުމުން. ހަމަ ފެން ވެސް ބޭނުންކުރޭ މިތަނުން ރަށަށް އަންނަ މީހުންނަށް ރަހަ ދައްކާލަން. މީހުން ބުނެ އުޅެނީ މި ވަޅަކީ ނިކަން ފެންމީރު ވަޅެކޭ." އޭނާ ބުންޏެވެ.

މި ފެންވަޅުން ފެން ބުއިމުގެ ރޯދި ނުލިބުނު ނަމަވެސް ފެންނަން އެހެރި ވަޅަކީ މޮޅަދޫގެ ޒަމާންވީ ސަގާފަތުގެ އެއް ރަމްޒެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތުދޭ ގޮތުން ނަމަ މި ވަޅަކީ އެއް ދުވަސްވަރެއްގައި އެ ރަށުގެ ރައްޔިތުން ބޭނުން ކުރި ހަމައެކަނި ވަޅެވެ. އާއްމުކޮށް ފެން ބުއިމަށާއި، ކެއްކުމަށް ވެސް ދާދި ފަހަކާ ޖެހެންދެން އެ ރަށު މީހުން ބޭނުން ކުރީ މި ވަޅުން ފެން ނަގައިގެންނެވެ. އެ ރަށުގެ ޒުވާނަކު "ވަގުތު" އަށް ކިޔައިދިން ގޮތުގައި އޭނާގެ ހަނދާނުގައި ވެސް އެ ވަޅުން ފެން ނަގައިގެން އެކި ބޭނުންތަކަށް ބޭނުންކޮށް އުޅެފައިވެއެވެ.

"ހަނދާން ހުރޭ ކައްކަން ވެސް ގެންދާނެ. އޭރު ފުރަތަމަ ވާރޭ ފެން އެހާ ބޭނުމެއް ނުކުރާނެ ކައްކާކަށް. އޭރުވެސް އަންނާނެ މީހުން. އަދި ރަށަށް މީހަކު އަޔަސް ގެންނާނެ މިތަނަށް. އެ ހަނދާން ހުރޭ." އެ ޒުވާނާ ކިޔައި ދިނެވެ.

އެ ވަޅާ ބެހޭގޮތުން ރަށުގެ ކުދި ބޮޑު އެންމެންގެ ހިތުގައި ވެސް އޮތީ ޚާއްސަ ގަދަރަކާއި ލޯތްބެއް ކަފުންވެފައެވެ. މޮޅަދޫގެ އުމުރުން ދުވަސްވީ މީހަކު ކިޔައި ދިން ގޮތުގައި ހަނދާން ހުންނަން ފެށީއްސުރެ އެ ރަށަށް އަންނަ މީހުންގެ މެދުގައި އެންމެ މަގްބޫލުތަނަކަށް ވެފައިވާ ތަނަނީ މި ފެންވަޅެވެ.

"މަންމަމެންވެސް ބުނަނީ އެ ވަޅުން ފެން ބޮއެފި މީހަކު ދެވަނަ ފަހަރު މޮޅަދޫ އަށް ނައިސް ނުހުރެވެއޭ. އެހެންވެ ރަށަށް ބީރައްޓިއްސަކު އައިސްފި ނަމަ ގެންދާނެ. އެއީ ހަމަތެދެއް. އެއީ ކިހިނެއް ވެގެން ވާކަމެއް ކަމެއް ނޭނގެ. ހަމަ ފެން މީރީ އޭ މީހުން ބުނަނީ." އޭނާ ބުންޏެވެ.

މި ބޯފެން ވަޅާ މެދު ޒީޓައިމްސްގައި ލިޔެފައިވާ ލިޔުމެއްގައި ވާގޮތުން އެ ވަޅަކީ މޮޅަދޫ ކައިރީ އޮތް ބެރިންމަދޫގެ ރައްޔިތުންވެސް ފެން ބުއިމަށް ބޭނުން ކުރި ވަޅެކެވެ. އެ މީހުން ފެން ބޭނުން ކުރީ އެ ވަޅުން ފެން ގެންގޮސްގެން ކަމާއި މި ވަޅަކީ 100 އަހަރަށް ވުރެ ގިނަ އަހަރުވީ ވަޅެއް ކަމަށް ތާރީހީ ލިޔުންތަކާ ހަވާލާދީ ޒީޓައިމްސްގައި ވަނީ ބުނެފައެވެ.

ހއ. މޮޅަދޫ ގަބުރުސްތާނު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮންމެއަކަސް މޮޅަދޫގެ ނަން މަޝްހޫރު ބޯފެންވަޅަކީ މޮޅަދޫގެ ވަޅުތަކުގެ ރަސްގެފާނުކަމާ މެދު އެއްވެސް ސުވާލެއް އަދި ޝައްކެއްވެސް ނެތެވެ. މިއީ މޮޅަދޫގެ ފަސްގަނޑުން ފެންނަން ހުރި ފާހަގަކޮށްލެވޭ ހަމައެކަނި ވަޅެއް ނޫނެވެ. މުއްސަނދި ސަގާފަތަކާއި ތާރީހެއްގެ ވެރި މޮޅަދޫގެ އުޅުންވެރިކަމާއި ހޭހަންކަން ޒަމާނުއްސުރެ ހިނގަމުން އައި ގޮތުގެ ނިޝާންތައް މި ރަށުގައި ފެންނަން ހުރީ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައި ހުރި ފެންވަޅުތަކުންނެވެ.

އޭގެ މިސާލަކަށް މި ރަށުގެ ކޮށިމަގު އަތިރިކޮޅު ފެންވަޅު ފުދެއެވެ. ތާރީހީ ފަތް ފުތްތަކުން ފެންނަ ގޮތުން ނަމަ މި ފެންވަޅަކީ ވެސް 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ގަދީމީ ފެންވަޅެކެވެ. މި ފެންވަޅު ނުހުންނަ ހަނދާނެއް ހުރި މީހަކު މިހާރު ރަށުގެ އިސް ރަށްވެހިންގެ ތެރޭގައި ނެތް އިރު ތާރީހު ދިރާސާކުރާ މަރުކަޒުން ވިދާޅުވާ ގޮތުން މި ފެންވަޅަކީ އިބްރާޙީމް ނާސިރު ވެރިކަމުގައި އޭރު މިރަށުގައި ތިބި ފައިލޭރިއާ މީހުން ވަކިކޮށް މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި ބޭތިއްބި ދުވަސްވަރު އެމީހުންވެސް ބޭނުންކުރި ފެންވަޅެކެވެ.

"ބޮޑަށް ހަނދާން ހުންނަނަނީ މީހުން ކިޔައިދޭ އަޑު. ވަރަށް ދުރުގައި ފައިލޭރިއާ ޖެހުނު މީހުން ތިބެނީ. އެ މީހުން ފެންބޯން ބޭނުން ކުރީ އެ ވަޅުކަމަށް ބުނެ އުޅެނީ. އޭރު ނޭނގެ ކިހިނެއްވާ ބައްޔެއް ކަމެއް. އެހެންވީމަ އެ މީހުން އުޅުނީ ވަކިން ބަނޑުފުރާނަ މުއްތިކޮށްގެން. ފެން ބޭނުން ކުރީ މުޅިން ވެސް އެ ވަޅުން. " އޭނާ ކިޔައިދިނެވެ.

ގޮނޑުދޮށަށް ލައްވެފައި ހުންނަ ވައްތަރުގެ ހިލަ ގަލާއި އުވައިން އަތުރާލާފައިވާ އެ ވަޅުގެ ބޯ މިނުގައި ހަތަރު އިންޗި ހުރި އިރު ވަޅުގެ ފުންމިނުގައި ފަސް ވަރަކަށް ފޫޓު ހުއްޓެވެ. ބުނެވޭ ގޮތުގައި މި ފެންވަޅަކީ މޫދަށް އެރިގެން އައިސް ފެންވެރުމަށް ވެސް އެއް ދުވަސްވަރެއްގައި ބޭނުންކޮށް އުޅުނު ވަޅެކެވެ.

ހއ. މޮޅަދޫގައި ހުރި ފެންވަޅެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ވަޅުގެ ތާރީހުގެ ފަތަށް އިތުރު ފޮޅުވަތްތަކެއް އިތުރުކޮށް ދިނީ އެ ރަށުގެ މޮޅަދޫ ފެނަކަ ބްރާންޗްގެ މެނޭޖަރު މުހައްމަދު މޫސާގެ މައުލޫމާތުގެ ހަޒާނާއިންނެވެ. އެ ރަށުގެ އިސްރަށްވެހިންނާއި ބައެއް ތާރީހު ދިރާސާ ކުރާ މީހުންގެ ވާހަކަތަކުގެ އަލީގައި އޭނާ ކިޔައި ދިން ގޮތުން މި ވަޅަކީ މިއީ އެއް ޒަމާނެއްގައި މި ރަށަށް ބަނދަރުކުރި ދަތުރުވެރިން ބޭނުންކޮށް އުޅުނު ވަޅެކެވެ. އެގޮތުން ފެން ބުއިމަށާއި، ފެންވެރުމަށް ވެސް މި ވަޅު މީހުން ބޭނުންކޮށް އުޅުނު ކަމަށް ވެއެވެ.

ހއ. މޮޅަދޫގައި ހުރި ފެންވަޅެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ބުނެވޭ ގޮތުން ނަމަ މި ވަޅަކީ އޭރު ދެކުނު މީހުން އައިސް މި ރަށުގައި ބަނދަރުކޮށް އުޅުނު އިރު ބޭނުން ކުރި ވަޅެއް. އައްޑޫ ފުވައްމުލައް ހިސާބު މީހުން ދަތުރުކުރަމުން އައިސް ބަނދަރުކުރަނީ މި ރަށުގައި. ރަށުގެ އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ތުންތުން މަތިން އައި ވާހަކަތަކުން އެކަމަށް އިއްތިފާގުވޭ. ވަށައިގެން ހިމާ ހަމައަށް ފާރުވެސް ރާނާފައި މި ހުންނަނީ. އެއީ ވަށައިގެންދާ މީހުންނަށް ނުފެންނަ ގޮތަށް ނިވާވެފައި ހުންނާނީ." އޭނާ ވިދާޅުވިއެވެ.

ދެން އޮތީ ރަށުގެ ބައު މިސްކިތު ދެ ފެންވަޅުގެ ވާހަކައެވެ. ތާރީހު ދިރާސާކުރާ މަރުކަޒުގެ ލިޔުންތަކުން ސާފުވާ ގޮތުގައި މި ދެ ފެންވަޅަކީ ކުރީގެ ހުކުރު މިސްކިތް ދޮށުގައި ހުރި ދެ ވަޅެވެ. މި ދެ ފެންވަޅަކީ ނަމާދަށް ދާ މީހުން ވުޟޫ ކުރުމަށް ފެން ނެގުމަށް ބޭނުން ކޮށްފައިވާ ދެ ފެންވަޅު ކަމަށް ވާއިރު މި ދެ ފެންވަޅު ހަދާފައިވަނީ ބިން އައިން ފޮތި ފޮތި ޖައްސައިގެން ހަތަރެސް ކަނަށް ވާގޮތަށެވެ. ވަޅަކީ ތިން މީޓަރު ތިން އިންޗި، ތިން މީޓަރު ނުވަ އިންޗީގެ ވަޅަކަށް ވާއިރު މި ވަޅަށް ވެސް 100 އެތައް އަހަރެއް ވަނީ ވެފައެވެ.

މޮޅަދޫގައި ހުރި ފެން ވަޅެއް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެންމެ ފަހުން ފާހަގަކޮށްލަން އޮތީ މި ރަށުގައި ހުރި ޚާއްސަވެވެއްގެ ވާހަކައެވެ. ބައެއް މީހުން މި ވެވަށް ކިޔަނީ ހުކުރު މިސްކިތު ވެވެވެ. އަނެއް ބަޔަކު މި ވެވަށް މިސްކިތް ދޮށު ވެވޭ ވެސް ކިޔައެވެ. ތާރީހު ދިރާސާކުރާ މަރުކަޒުން ވިދާޅުވާ ގޮތުން ރަށުގެ ހުކުރު މިސްކިތްދޮށުގައި އޮތް ވެވުގައި އޮތް ސަނަތަކީ 1201ހ. (1787-1786މ.) އެވެ. ކުރީގެ ހުކުރު މިސްކިތު ގޯތިތެރޭގައި ހަދާފައިވާ މި ވެވަށް ވެސް 100 އެތައް އަހަރެއް ވަނީ ވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެއްކަަލަ އިބުރު

    ތިޒާތުގެ ވެވެއް (ވަޅެއް) ހުރޭ އަހަރުން ރަށުގަ ވެސް. 4 ކަނުން ދެނީ 4 ރަހަ ކަމައް ބުނެ އުޅޭ އަހަރެމެން ކުޑަ އިރު. 5 ހިއްސު ސަލާމަތުން ހުރި އެކަކައް ވެސް އެވަޅުން 4 ރަހައެއް ނުދޭ. މުސްކުޅިން ވަރަށް މޮޅު ވާނެ ވާހަކަ ވިހަން.

    17
    2
    • އަލިބެއްޔާ

      މުސްކުޅިން ތެރޭގައިވެސް ދޮގު ހަދާ މީހުން ގިނަ..

      9
      3
  2. ސަލީމް

    ޒުވާން ކުދިންނޭ ތިޔާގެ ވަޅެއް ހުންނާނެ ކޮންމެ ރަށެއްގަވެސް……

    13
    2
  3. Anonymous

    މަސްތުވާއެއްޗެއް އަޅާފަ ހުރިތޯ ބަލާބަލަ... @އެޗްޕީއޭ

    12
  4. މާމިގިލީ މީހާ

    ތީ ފޭކް ވާހަކައެއް. އެކަމު މާމިގިލީ ކަނދިލި މިސްކިތު ވަޅުން ފެން ބޮއިފިޔާ، މާމިގިލިން ފައިބާ ހިތެއް ނުވާނެ. އެއީ ތެދު ވާހަކަ އެއް.

    5
    7
  5. ބުރުގާ

    ކަނޑައެޅިގެން މުންކަރާއެއް.

    10
    2
  6. ސަނީ

    ޒަމް ޒަމް ފެނައް ވުރެ ބަކަތްތެރި ފެނެއް ނުވޭ

    26
    2
  7. ހިހިހިހި

    ތިއަޢްވުރެ މާމީރު ވަޅުވަޅުން ބޮއެފަމިތިބީ

    6
    1
  8. އަދީބުންގެ ބަސް

    މި ލިޔުމުން މަޢުލޫމާތު ހޯދާފައިވާ ކަމަށް ފެނޭ. ތާރީޚީގޮތުން މިފަދަ ހޯދުންތައް ހޯދާ ލިޔުމަކީ ޤައުމިއްޔަތަށް ކުރެވޭ މުހިންމު ކަމެއް. ތާރީޚް އޮތީ ހަމައެކަނި ރާއްޖޭގައި ރަސްކަންކުރެއްވި ރަސްރަސްކަލުންގެ ނަންފުޅުތަކާ މަތިފުށްތަކާ ދަރިފަސްކޮޅެއް ނޫން. ދިވެހި ތާރީޚަކީ ވެސް ހޯދުންތެރިއެއްގެ ކުރިމަތީގައި އޮތް ތަނަވަސް މައިދާނެއް. ދިވެހި ސަޤާފަތާ އާދަކާދަވެސް ހަމަ އެފަދަ.
    ނޫސްވެރިކަމުގެ ފަންނަކީ ވެސް ލިޔުންތެރިކަމުގެ ތެރެއިން ހިމެނޭ ފަންނެއް. ނަމަވެސް އެއީ މުޅި ލިޔުންތެރިކަމެއް ނޫން. ވަގުތީ ކަމަކަށް ވާތީ. މުހިންމީ ފޮތް ލިޔުން.