"ފުލުހުންގެ އިންޓެލިޖެންސާއި ސިފައިންގެ އިންޓެލިޖެންސްގެ ވާދަވެރިކަން އަބަދުވެސް ބޮޑު،" ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު، ގާނޫނީ ވަކީލް މޫސާ ސިރާޖް މި ވާހަކަތައް މިގޮތަށް ގެންނެވީ ގައުމީ ސަލާމަތީ ޚިދުމަތުގެ ދެ އިދާރާގެ އިންޓެލިޖެންސްއަށް ފާޑުކިއުންތައް އަމާޒުވާނެ ވަރުގަދަ "ބޮމުގެ ހަމަލާ" އެއް ކުރިމަތިވުމުންނެވެ.
މިއީ ފުރަތަމަ ބޮމުގެ ހަމަލާއެއް ވެސް ނޫނެވެ. ފަތުރުވެރިންތަކަކަށް އަމާޒުކޮށް 2007 ގައި ސަލްޓަން ޕާކްގައި ވެސް ބޮމެއް ގޮއްވާލިއެވެ. އެއަށް ފަހު ވެސް ނުރައްކާތެރި ހަމަލާތަކެއްގައި މަރުތަކެއް އައެވެ. މި ކަންބޮޑުވުންތައް އާންމުންގެ ތެރޭގައި އިންތިހާއަށް އޮއްވައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް އަމާޒުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެންމެ ބޮޑު ސެކިއުރިޓީއެއް ދޭން ޖެހޭ ކަމުގައި ލިސްޓުގައި އޮތް ނަޝީދަށް ހަމަލާއެއް އަންނަން އުޅޭ ކަމުގެ މައުލޫމާތެއް ނުލިބި އޮވެ، އެމަނިކުފާނުގެ ސެކިއުރިޓީ ވެސް "ބްރީޗް" ވެގެން އައީއެވެ.
މި ވަރު ވެގެން އައިއިރު ހަމަލާއެއްގެ މައުލޫމާތު ފުލުހުންނަށް ހަމަ ނުލިބެނީ ހެއްޔެވެ؟ އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރު ކަމަށް ގިނަ ބަޔަކު ބުނާ ނަޝީދުގެ ވަށައިގެންވާ ސެކިއުރިޓީ ފޫއަޅުވާލެވޭހައި ބަލިކަށިވީ ހެއްޔެވެ؟ ދެ މުއައްސަސާގެ އިންޓެލް އެހާ ބަލިކަށި ހެއްޔެވެ؟ އާންމުންގެ އެތައް ބަޔަކު ދަނީ އަދިވެސް މި ސުވާލުތައް އަމާޒު ކުރަމުންނެވެ.
ފުލުހުންގެ އިންޓެލްއާއި ސިފައިންގެ އިންޓެލް ހިއްސާ ކުރުމުގައި މައްސަލަތަކެއް
ރައީސް ނަޝީދަށް އަމާޒުވި ހަމަލާއާއެކު ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ވަކިން ބޭއްވިއެވެ. އޭގެ ފަހުގައި ސިފައިންގެ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. ދެ ބައްދަލުވުމުގައި ވެސް ނޫސްވެރިންގެ ފަރާތުން ވެސް އެންމެ ގިނައިން ސުވާލުތައް އަމާޒުވީ އިންޓެލިޖެންސްއަށް މައުލޫމާތު ނުލިބުމުގެ މައްސަލައާއި ރައީސް ނަޝީދަށް އެކަށޭނަ ރައްކާތެރި ކަމެއް ނުދެވުނު މައްސަލައަށެވެ. ދެ ފަރާތުން ވެސް ޖަވާބުތައް އައި ގޮތުން އެއް ކަމެއް ޔަގީނެވެ. ޖަވާބުތައް ތަފާތު ވުމެވެ. ޖަވާބުތައް ތަފާތު ވެގެން އައީ މައުލޫމާތު ހިއްސާ ކުރުމުގައި މައްސަލަތަކެއް އޮތުމުންނެވެ.
ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް އެއްވެސް އިރެއްގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައެއް ނެތެވެ. އަދި ފުލުހުންގެ އިންޓެލިޖެންސްގައި ފެއިލިއާއެއް އޮތް ކަން ގަބޫލު ކުރައްވައި، އެ ކަމުގައި ތަހުގީގެއް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މި ވަގުތަށް މުހިއްމު ކަމެއް ދެނީ ބޮމުގެ ހަމަލާ ތަހުގީގުކޮށް އިންސާފާ ހަމައަށް ދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހަމަލާއާ ގުޅިގެން ފުލުހުންގެ ހިދުމަތެއް އިންޓަލިޖެންސް މައުލޫމާތެއް ނުލިބޭ. މިކަން ކަން ނުހިނގަނީ ކީއްވެކަން ޕޯސްޓްމޯޓަމް ހައްދަވަން ޖެހޭ ފަރާތްތަކުން ހައްދަވާނެ. މިހާރު މަސައްކަތް މި ކުރަނީ މި ހަމަލާއާ ގުޅިގެން ފަހަތުގައި ތިބި މީހުން ހޯދުމަށް،" ހަމީދު ވިދާޅުވިއެވެ.
އެހެން ވިޔަސް ސިފައިންގެ މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވަނީ ރައީސް ނަޝީދަށް ނުރައްކާ އޮންނާނެ ކަން އަބަދުވެސް ޑިފެންސްގެ އިންޓެލްއަށް ލިބޭ ކަމަށެވެ. ރައީސް ނަޝީދަށް އެކި ޒާތުގެ އިންޒާރު އަންނަ ކަމުގެ މައުލޫމާތު ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އެ ލިބޭ މައުލޫމާތުގެ މައްޗަށް އަބަަދުވެސް އެޅެން އޮތް ފިޔަވަޅުތައް އެޅުނު ކަމުގައި ވެސް ވިދާޅުވެއެވެ. އަދި ފުލުހުންނާ ހިއްސާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ވިޔަސް ސިފައިންނާއި ފުލުހުންގެ އިސްވެރިޔާއާއި ސިފައިންގެ އިސްވެރިޔާއާ ދިން ޖަވާބު ތަފާތުވުމުން މީގައި ގޯސްތަކެއްވާ ކަމަށް ގަބޫލު ކުރެވޭނެ ޖާގަ ކިތަންމެހާ ވެސް އެބަ އޮތެވެ.
ސިފައިންގެ ހިދުމަތުގައި ވަރަށް ގިނަ ދުވަހު އުޅުއްވި ރިޓަޔަޑް ޖެނެރަލެއް ނަން ހާމަނުކުރާ ގޮތަށް ޝަރުތު ކުރައްވައި ވިދާޅުވަނީ ފުލުހުންގެ އިންޓެލިޖެންސް އިން ހާމަކުރާ މައުލޫމާތުތައް ސިފައިންގެ އިންޓެލިޖެންސްއިން ގަބޫލު ނުކުރާ މައްސަލަ ވަރަށް ބޮޑަށް އޮންނަ ކަމަށެވެ. އަދި ސިފައިންގެ އިންޓެލިޖެންސްއިން ފުލުހުންގެ އިންޓެލިޖެންސްއަށް ހާމަކުރާ މައުލޫމާތު ވެސް ގަބޫލު ނުކުރާ ފަހަރު އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ފަހަރު އާދޭ އިތުބާރުގެ މައްސަލަ، ސިފައިންގެއިން ފުލުހަށް، މިސާލަކަށް މައުލޫމާތެއް މިދިނީ، އިންޓެލްއަށް ލިބޭ މައުލޫމާތެއް، ސީންއަށް ނުގޮސް ވެސް ތިބެދާނެ އެ ދިން މައުލޫމާތު ޔަގީން ކުރަން ވެގެން، އެހެންވެގެން ހުރޭ ހަމަ ވާދަވެރިކަމެއް ޒާތެއްގަ، އޭގެ ސަބަބުން ދިމާވާނެ ދެރަ މި ފެންނަނީ،" އޭނާ ވިދާޅުވިއެވެ.
ހައްލަކީ މަރުކަޒީ އިންޓެލް އިދާރާއެއް އުފެއްދުން؟
މި ކަމަށް މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލް ސިރާޖްގެ ހުށަހެޅުއްވުމަކީ ފުލުހުންގެ އިންޓެލްއާއި ސިފައިންގެ އިންޓެލް އެއްކޮށްލުމެވެ. ސެންޓްރަލް އިންޓެލިޖެންސް އެޖެންސީއެއް އުފެއްދުމެވެ. އެއީ މިހާރު ވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަމަލުކުރަމުންދާ ގޮތެވެ. އިންޓެލިޖެންސް އާއި ތަހުގީގަށް ވަކި ޚާއްސަ އިދާރާއެއް އޮތުމެވެ. އެކަމަކު ވަކި ދައުރެއް އަދާ ކުރުމުގެ ބަދަލުގައި މިއީ ދެ އިދާރާގެ މުވައްޒަފުންގެ މަރުކަޒުވާ އިދާރާގެ ގޮތުގައި އޮވެއެވެ.
ކުރިން ވާހަކަ ދެއްކެވި ރެޓަޔާޑް ޖެނެރަލް ވެސް ވިދާޅުވީ މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފުލުހުންގެ ތެރޭގައި އިންޓެލް ޔުނިޓެއް އޮތުމާއި، ސިފައިންގެ ތެރޭގައި އިންޓެލް ޔުނިޓެއް އޮތުމުގެ އިތުރުން، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގައި ވެސް އިންޓެލިޖެންސްގެ ޔުނިޓެއް އޮވެ މައުލޫމާތު ހިއްސާ ނުކުރެވުމެވެ. މަރުކަޒީ އެއް އިދާރާއެއް ގޮތުގައި މަސައްކަތް ކުރަން ފެށުމުން މައްސަލަ ހައްލު ވާނެ ކަމަށް ވިދާޅުވިއެވެ.
"އޭރުން ނުޖެހޭނެތާ ހިއްސާ ނުކޮށް މައްސަލަ ދިމާވާކަށް، އިންޓެލް އަންނާނީ އެ އިދާރާއަށް، އޭރުން ސަލާމަތީ ހުރިހާ ޚިދުމަތަކަށް ހަމަ ވަގުތުން އިންޓެލް ލިބުނީ، ސިފައިންނަށް ވެސް، އެންސީޓީސީއަށް ވެސް، އަދި ފުލުހުންނަށް ވެސް،" އޭނާ ވިދާޅުވިއެވެ.
އެކަމަކު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ޚިޔާލު މި ކަމުގައި ތަފާތެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ އެ މެންބަރު ވިދާޅުވި ގޮތުގައި އޭނާގެ ވަޒީރު ކަމުގައި މިފަދަ މައްސަލަތައް ނެތެވެ. އަދި ސިފައިންގެއަށް ލިބޭ އިންޓެލް ޚިއްސާ ކުރާ ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަށް ލިބޭ އިންޓެލް ވެސް ޚިއްސާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވިޔަސް މައްސަލަތައް ހުރި ކަމުގައި ޤަބޫލު ކުރައްވައެވެ.
އޭނާ ގަބޫލު ކުރައްވާ ގޮތުގައި މައްސަލައަކަށް ދިމާވެފައި ވަނީ އެސަސްމަންޓްތައް ހަދައި ނުރައްކާ އޮންނަ މިންވަރު ދިރާސާ ކުރުމުގެ މަސައްކަތް ފަހަކަށް އައިސް ކުރަން ޖެހޭ ވަރަށް ނުކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި ނުރައްކާ އޮތް މިންވަރު ދިރާސާކޮށް އެސަސްމަންޓްތައް ހެދުމަކީ އަބަދުވެސް ފުލުހުން ކުރަން ޖެހޭ ކަމެކެވެ. އޭގެ މައްޗަށް ބިނާކޮށް، ގަވާއިދުން ސިފައިންގެ ސެކިއުރިޓީ ވެސް ވަރުގަދަ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އެކަށީގެންވާ ވަރަށް ވަސީލަތްތައް މޯބަލައިޒް ނުކޮށް މި އޮތީ، އެކަށޭނަ ވަރަށް މި ކަންކަން ނުބެލި ދިޔައީމަ ވީ ގޮތެއް، ފުލުހުންނާއި އެމްއެންޑީއެފްއާއި އެންސީޓީސީ ގުޅިގެން މަސައްކަތް ކުރޭ، އިތުރަށް މަސައްކަތް ކުރަން ޖެހެނީ، އެއީ އެ ލެވެލްގައި ހުރި ބޭފުޅަކަށް ނުރައްކާ އޮތް މިންވަރު ދިރާސާ ކުރުން، ގަވާއިދުން ކުރަން ވާނެ، މި ކަން ކުރަން އަނެއްކާ އިތުރު އިދާރާއެއް އުފެއްދުމުގެ ބޭނުމެއް ނެތް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ފުލުހުންގެ އިންޓެލިޖެންސް އާއި ސިފައިންގެ އިންޓެލިޖެންސް ވެސް ބަލިކަށި ވެގެން އައި ކަން ފެނެއެވެ. ދެ އިންޓެލިޖެންސްގައި އެކި ޒާތުގެ މައްސަލަތައް އެބަ ފާހަގަވެއެވެ. ހައްލުތައް އެކި ގޮތަށް ފާހަގަކުރެވެއެވެ. އެކި ޚިޔާލުތައް އެބަ ހުށަހެޅެއެވެ. ޔަގީންވާ ކަމަކީ ހެޔޮ ބަދަލެއް މި ކަމަށް ވެސް ބޭނުންވާ ކަމެވެ. ތަޖުރިބާކާރުންގެ ވިސްނުންތަކާއެކު އެ ހެޔޮ ބަދަލެއް ތަންފީޒު ކުރަން އެބަ ޖެހެއެވެ.
ޙައްލަކީ އިސްލާމްދީން، ތަފާތު އެކިއެކި ފިކުރުތަކުން ބުއްދި ތަޣައްޔަރު ނުކޮށް ހުރިހާ އެންމެން އެއްވިސްނުމަކުން އެއްއަމާޒަކަށް ވާސިލުވުމަށް މަސައްކަތްކުރަންވީ. އެގޮތަށް މަސައްކަތް ކުރެވޭނީ ހަމައެކަނި އިސްލާމީ ފިކުރުގެ އަހުލުވެރިންނަށް. ތަފާތު ފިކުރުތައް މަސްހުނިވެ ހަލާލް ހަރާމް އޮޅެންފެށީމަ މުއައްސަސާތައް ފެއިލްވަނީ.
މި ޤައުމު މިހާރު އޮތް ހާލަތުން ސިފައިންނާ ފުލުހުންނާ ވަކިން މިނިވަން އިންޓެލް ނުވަތަ ޖާސޫސީ އިދާރާއެއް ހަދަން އެބަޖެހޭ.. އެއީ އެމެރިކާގެ ސީއައިއޭ އިންޑިއާގެ ރޯވ އަދި އިޒްރޭލްގެ މޮޒާޑް ކަހަލަ އިދާރާއެއް ދެން ސީދާ އެ ލެވަލްގަ ހަރަކާތްތެރި ނުވިޔަސް މި ރާއްޖޭގެ ފެންވަރުން ކޮލިޓީ ތަމްރީނާ ތަޖުރިބާ ލިބިފައިވާ އޮފިސަރުންތަކެއް ހިމަނައިގެން ކުރިޔަށް ގެންދިއުން ވަރަށް މުހިންމު
ސުޕަރ މެޖޯރިޓީ އޮވެ، އިސްލާހަށް މަސައްކަތް ކުރާ ކަމަށް ބުނެ ހަޅޭއްލަވާ މީހުން މަޖިލީހުގަ ތިބެ، ހެއްކާއި ބެހޭ ޤާނޫނު ވުޖޫދު ނުކުރެވިގެން ތިޔަ އުޅޭ މަޖިލިސް މެމްބަރުންނާއި މެދު މާ ލަދުވެތިވުން ހައްގު. ލަދު ގަނެބަލަ. ފުލުހުންގެ ހުރިހާ މަސައްކަތެއް ހަލާކު ކުރަނީ ތިޔަ މަޖިލީހުން.
އެއްކުރިޔަސް ބުރިކުރިޔަސް ކޮށިޔަސް ދެނެއް ހައްލެއް ނުވާނެ. އެއްކުރިޔަސް ބުރިކުރިޔަސް ކޮށިޔަސް ތިބޭނީ ދިވެހިން. ކޮންމެ މީހަކަށް ފެންނާނީ އޮނަރަބްލް ޝިހާބު ވިދާޅުވި ގޮތަށް ފުޅާވެފައި ހުންނަ އަޅުގަނޑު. ފުޅާވެފައި ހުންނަ އަޅުގަނޑުގެ ގޮތް ކެނޑުނު ދުވަހަކުން ވެދާނެ. މިހާރު މިއޮތް ޖީލުގައި ފުޅާވެފައި ހުންނަ އަޅުގަނޑު ނޫން މީހަކު އަދި އަޅުގަނޑެއް ނުދެކެން. ނުވިތާކަށް ކޮންމެ މީހަކުވެސް މިހުންނަނީ ޑިގްރީއެއް ހިފައިގެން އަނެކާ ބުނާ އެއްޗެއް ގަބޫލުނުކުރާ ދަރަޖައަކަށް ގޮސް މުރައްކަބުޖާހިލަކަށް ވެގެން.
👍👍👍👍👍
ޙައްލަކީ މަތްވެގެންވާ އިސްލާދީނާ އެދީނުގެ ސިޔާސަތު މި ބިމުގައި ވަރުގަދަކުރުން
އެބުނާހެންރާއްޖެ ޓީވީ އަށް ފިލްމު ކުޅެދީފަ އެހެން ކަމެއް ނުކުރެވޭނެ. އަގެއްނެތް ސަރކަސް ގްރޫޕަކަށް ތި މނޑފ ވެއްޖެ. އަންހެނަކަށްވެސްނުވާ ފިރިހެނަކަށްނުވާ މީހުންނަށް ލީޑެއް ނުކުުރެވޭނެ.
މިސަރުކާރު އައިސް މނޑފ އާއި ފުލުހުންގެ އަގު ވެއްޔާ މޮޑެލާފި. އެކަމުގެ އަގު އަދާކުރަންވެސް ތިޖެހެނީ ތިޔަ މީހުނަށް.
ތިޔަ އެއްވެސް އިންޓެލިޖެންސަކަށް މައުލޫމާތެއް ނުލިބޭނެ އެހެން ނޫނަސް މިހާރކީ ޖިންނީން ހަބަރުގެނެސްދޭ ޒަމާޏެއްވެސްނޫން އަމުދަކުން އެހެންނޫނަސް ތިޔަ ކަމަކީ ބޮޑުވަޒީކަމުގެ ދަހިވެތިކަމުގަ ބަޔަކު ރާވައިގެން ރައްޔިތުންގެ ތާއީދު ހޯދުމަށް ހިންގި ޖަރީމާއެއް ކަމަށް ބެލެވެނީ ރާއްޖޭގައި ތިޔަކަހަލަ ޖަރީމާ ހިންގާނީ އެއްބަޔަކު އެއީ ޝައްކެއްނެތްކަމެއް ރިޔާސީ ލޯންޗް ވެސް ގޮއްވާލީނު މުލިޔާގޭ ކައިރީ އޮތް ވެހިކަލެއްގަވެސް ތިޔަކަހަލަ އެއްޗެއް ހަރުކުރީ ތިޔަކަހަލަ ޖަރީމާއެއް ހިންގުމަކަށްނު މިކަންކުރި އެންމެ މިހާރުކޮބާ؟ ހުކުމްކޮށްފަ ތިއްބާ ބަންދުގަ ތިއްބާ މިނިވަންކުރީ ކޮންބައެއްގެ ވެރިކަމުގަބާ؟؟؟؟ ސުނައިޕަރު ދޫކޮށްލީ ކޮންބައެއްގެ ވެރިކަމުގަ ބާ؟؟؟ މީހައްތަހާވެސް ސުވާލު އުފެދޭކަންކަން ދެން ކޮން އިންޓެލިޖެންސެއްތަ؟
ސިފައިންގެ ރޓޑ މީހެއްގެ ބަސް އެކަނި ގެނައީ ކީއްވެތޯ؟ މިފަދަ ކަންކަން ދިމާވާން ފެށީ އާދަމް ޟަރީފް ގެ ވަޒީރު ކަމުގައި ރައީސް ޔާމީން ގެނައި ބަދަލުގެ ސަބަބުން. އުމަރުގެ ބާރު ކަނޑުވާލާފައި ކައުންޓަރ ޓެރރިޒަމް ސެންޓަރ ސިފައިންނަށް ދިނުން. އުމަރަށް ދިނީ “ މޮނިކޮމް”. ދުނިޔޭގައި ޑިމޮކްރެޓިކް ކޮންގައުމެއްގައި ތޯ ދާޚިލީ ކަންކަން ސިފައިން ވަންނަނީ؟ ސިފައިންނަށް ކައުންޓަރ ޓެރަރިޒަމް މެންޑޭޓް ޙަވާލުކުރިފަހުން އެމަިހުންގެ އަތުން ދޫވެގެން ދެރައަިސެއްގެ ފުރާނަ ނުރައްކަލަށް މިދިޔައީ. އާމަރީގައި ހުރި ހަތިޔާރު ހުރީ ބ.ހިބަޅިދޫ ފަޅުތެޜޭގައި. ސިފައިންނަށް އަދިވެސް ހަޖަމް ނުވޭ ފުލުހުން ގެ ޚިދުމަތް އެމީހުންނާ ވަކިވުން. ފަޔަރ ސަރވިސް ވެސް ކުރިއަރާނެ ސިފައިންގެ އިން އެޚިދުމަތް ވަކިކޮަށްފިނަމަ. މިހާރުގެ ޗީފް އޮފް ޑިފެންސް ޝަމާލް ވަކި ކޮށްފައި ހުއްޓާ ، ނަލަ ހިޔާ ކައިރީގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ އާއިގުޅިގެން ޟަމާލް ވިދާޅުވެފައިވާނެ ފަޔަރ ސާވިސް ވަކިކޮށްގެން ކަމަށް އެޚިދުމަތް ތަރައްޤީ ކުރެވޭނީ . ރައްޔިތުންނަށް ހިލަން ވޭ އިނގޭތޯ؟ ބ.ޖ.ޒަކަރިއްޔާ!
އިންޓެލިޖެންސް ވަރުގަދަވެގެން ޓެރަރިސްޓް ހަމަލާ ނުދެވެނީ މިއަދު ކޮންގައުމެއްގަތޯ. މިއަދު ދުނިޔެއަށް ދިމާވެފައިވާ ޓެރަރިޒަމުގެ ނުރައްކަލަކީ އިންޓެލިޖެންސަކުން ހައްލުކޮށް ކޮންޓްރޯލް ކުރެވޭނެ ކަމެއްނޫން.
އިންޓެލް ފެއިލް ވީމަވެސް ކުއްވެރިވާނީ ނިކަމެތި ރައްޔިތުން..
ހަދާ. ބޭރު ޤައުމުތަކުގަ ހުންނަ ގޮތަށް އާ އެޖެންސީއެއް ހަދާ. ވަރަށް ފެންވަރު ރަގަޅު އޮފީހަކާ މޮޅެތި އާލާތްތަކާ އަދި އެމީހުންނަށް ނުކަތާވަރު މުސާރައެއް ރައްޔަތުންގެ ލާރިން ދީ. އެތަނަށް ލާންވާނީ ޕާޓީގެ ދެތިން އެކްޓިވިސްޓުންނާއި ސޯލިހުގެ ފަހަރިއަކާއި އަންހެނުންގެ ޅިޔަނެއް
ކަންކަމުގެ ހައްލު ކިޔާދޭން މަށާ މިލިޔުން ލިޔުނު މީހާގެ އޮތީ ކިން ހައިސިއްޔަތެއްބާ...
ޙައްލު އޮތީ 1400 އަހަރު ކުރިން ބާވާލައްވަވާ އޭގެ ނަތީޖާ ދައްކަވާފަ....ދެން އިތުރު ގޮތަކަށް ހައްލު ލިބިދާނެެ ކަމަށް ގަބޫލު ކުރާނީ މޮޔައިންދޯ...
ތިބުނާ މައްސަލައިގެ ހައްލަކަށް އެއްކޮށްލުން ވާނީ އެއީ ދެބައި އޮވެގެން ނިކުންނަ މަސައްލައަކަށް ވާނަމަ...އެހެނަސް ވެގެން މިއުޅޭ ގޮތަކީ އިހްލާސްތެރިކަން ނެތުން....އެއްކޮށްލިޔަސް ގުޅަކޮށްލިޔަސް އިހްލާސްތެރިކަމެއް ނެތި ނެރެވޭނެ އެދެވޭ ނަތީޖާއެއް ނޯންނާނެ...