ކޮންމެ އީދަކީ އަހަރެމެން ދިވެހީން ވަރަށް ކުލަގަދަކޮށް ފާހަގަކުރާ މުނާސަބާތެކެވެ. އެއީ ފެންކުޅި ކުޅުމުގައި އާއި ކުލަ ޖެހުމުގައި މަގުތައް މަތީ ދެކޮޅުން ދެކޮޅަށް ދުވެ އުޅޭ ދުވަހެކެވެ. އީދު ސަލާން ގަލާމް ކުރަމުން އެއް ގެއިން އަނެއް ގެއަށް ސައިބޯން ގޮސްއުޅެއެވެ. ކޯޑި ނެގުމާއި، މާލި ހެދުމާއި، ބޮޑުމަސް ދުއްވުމުގެ އިތުރުންވެސް ގިނަ ސަގާފީ ކުޅިވަރުތައް އެ ދުވަހު ކުޅެ އުޅެއެވެ. ކޮންމެއަކަސް މިއީ އުފާވެރިކަމާއި އުޖާލާކަން މޫނުތަކަށް ގެނެސްދޭ ދުވަހެކެވެ. ނަމަވެސް މި އަހަރުގެ ފިތުރު އީދު ބައްދަލު މިވީ ބޯ ވިލާތަކުން ރާއްޖޭގެ އުދަރެސް ބަނަ ކޮށްފައި ވަނިކޮށެވެ. ކުލަ ޖަހަން ދުވި މަގުތައް މިއަދު އެއޮތީ ފަޅަށެވެ. ރަށު ތެރެ ހީވަނީ ނާމާން ސަހަރެއްހެންނެވެ. ރައްޔިތުން ތިބީ ގެތަކުގެ ދޮރުތައް ތަންޑު އަޅުވައިގެން ބިރުވެރިކަމެއްގެ ތެރޭގައެވެ.

މިއަދު ގައުމު މިވަނީ ބިރުވެރި ހާލަތެގައެވެ. ނުރައްކާތެރި ބަލިމަޑުކަމެއް ހަލުވިކަމާއެކު ފެތުރެމުން ދާ ދަނޑިވަޅުގައި ގައުމުގެ ސިޔާސީ މަޝްރަހުވެސް މިވަނީ ހަލަބޮލިވެފައެވެ. ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގައި ޝާމިލްވާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ވަގުތު ކުޑަތަންވެފައި ވަނިކޮށް ދައުލަތުގެ ދެވަނަ ބާރަށް ނިރުބަވެރި ހަމަލާއަށް އަމާޒުވެގެން ދިޔައެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު މި ހަމަލާއިން ސަލާމަތްވީ ހަމަ ކިރިއަ ކިރިޔާއެވެ.

.

ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދަނީ- ފޮޓޯ-- މީސްމީޑިޔާ

މި ހާދިސާއާއެކު ރާއްޖޭގެ އުދަރެސް އިތުރަށް ކަޅުވެގެން ދިޔައެވެ. ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ބަލުމަޑުކަމާ ގުޅިގެން ވެރިވެފައިވާ ބިރުވެރިކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. މި މައްސަލަ ރާއްޖޭގެ ތަހުގީގީ އިދާރާތަކުން ހަލުވި ކަމާއެކު ބަލަން ފެށިއެވެ. އަދި ތިން ދުވަސް ތެރޭގައި މި ނިރުބަވެރި ހަމަލާގެ ފަހަތުގައިވާ ތިން މީހެއް ހައްޔަރުކުރެވުނެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި އެ ހަމަލާ ދިން މީހާވެސް ހިމެނުނެވެ. ހިތާމައަކީ މި ވަތަނަށް ނޭވާލި ދަރިންތަކެއް، ދިވެހިންގެ ލެއިން މި ފަސްގަނޑު ތެންމާލަން މަސައްކަތް ކުރާތީއެވެ. ނިރުބަވެރި އައިއެސް ޖަމާއަތަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ވިއުގަ ބޮޑުވަމުން އަންނާތީއެވެ. އަދި ދައުލަތުގެ މިއައްސަސާތަކުގައި މި ފިކުރަށް ވާގިވެރިވާ މީހުން ތިބީތީއެވެ.

މި ހަމަލާގައި ޝާމިލްވި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީ ނަމަވެސް އިތުރު ހައިރާންކަމެއް ލިބިގެން ދިޔައީ އީދުދުވަހުގެ ތަހުނިޔާ ކިޔުމަށް ގައުމުގެ ވަލިއްޔުލްއަމްރު ދެއްވި ހިތާބުގައި ވިދާޅުވި ވާހަކަފުޅަކުންނެވެ. އެބަސްކޮޅަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ.

"މިއީ ހަމައެކަނި، މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެބަޔަކު ވެސް އިރާދަކުރެއްވިއްޔާ އިންސާފުގެ ކުރިމައްޗަށް ގެންނާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. --- ފޮޓޯ: ރައީސް އޮފީސް

މިހާ ހިސާބުން ރައްޔިތުން އުފައްދަންފެށި ސުވާލަކީ އެ ހަމަލާ ރޭވި މީހުން ތިބީ ކޮންތަނަކުތޯ؟ އަދި އެމީހުން ދައުލަތުގެ ބެލުމުގެ ދަށަަށް ގެނެވިފައިނުވާއިރު އެފަދަ ދެވަނަ ހަމަލާއެއް އަމާޒުވެގެން ދާނީ ކާކަށް ކޮން ވަގުުތެއްގައިތޯ؟ ގައުމުގެ ދިފާއީ ބާރުތަކުން މިކަމަށް ތިބީ ފާރަވެރިވެތޯ؟ އަދި މިހާރު އެ ބަޔަކު ރާވަމުން ދަނީ ކާކުގެ ފުރާނަ ދުއްވާލަންތޯ؟ މިފަދަ އެތައް ސުވާލެއް އެތައް ބަޔަކު އުފައްދަމުން ދިޔައެވެ.

މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު (ސީޕީ) މުހައްމަދު ހަމީދު ވަނީ ޓެރަރިސްޓް އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު މުޖްތަމައުގެ ތެރެއަށް ދޫވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. މި ހުރިހާ ވާހަކަތަކެއް އެއްކޮށްލުމުން ގައުމުގެ ފަސް މަންޒަރު ސިފަވަމުން ދަނީ ވަރަށް ވެސް ބިރުވެރިކޮށެވެ.

ކޮންމެއަކަސް މިއީ ރާއްޖޭގައި ރައީސަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައަކީ ވެސް މިފަދަ ހާދިސާ އެކެވެ. ފަސް އަހަރުވީއިރު، އެކަމަށް ޒިންމާވާނެ އެއްވެސް މީހަކު ނެތެވެ. ބްލޮގަރ ޔާމީން ރަޝީދު އާއި ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތަކަށް މަރާލިއެވެ. އެ ކަމަށްވެސް ޒިންމާވާނެ މީހަކު ނެތެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲ އަދިވެސް ނުފެނެއެވެ. މިފަދަ އެތައް ކަމެއް ތާރީހުގެ ތެރެއިން ހިނގާފައިވެއެވެ.

"ފިނިފެންމާ" ގޮއްވާލި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ފޮޓޯއެއް
"ފިނިފެންމާ" ގޮއްވާލި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ފޮޓޯއެއް

އެހެންކަމުން ހަގީގަތަކީ ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ މީހުން އެކި ގޮތްގޮތުން މުޖްތަމައުގެ ތެރެއަށް ދޫވެގެން އުޅެނީ މިއަދު ނުވަތަ އިއްޔެއަކު ނޫން ކަމެވެ. އަދި މި ނުރައްކާތެރިކަން އެނގެ ތިބެ މިކަމަށް ދައުލަތުގެ އިދާރާއިން ފަރުވާލެއް ނުބެހެއްޓި ކަމަކީ މިފަދަ އިތުރު ހާދިސާއެއް ހިނގުމަށް މެދުވެރިވި އެއް ސަބަބެވެ. މުޖްތަމައުއަށް ނުރައްކާތެރި ބަޔަކު ދޫވެފައިވާ ކަން އެނގެ ތިބެ އެމީހުންނަށް ފާރަވެރި ނުވެވުމުންނެވެ.

ދިވެހިންނަކީ ހަގީގަތުގައިވެސް ވަރަށް އަވަހަށް ހަނދާން ނެތޭ ބަޔެކެވެ. މި ބިރުވެރިކަން އިސާހިތަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިލާ ގޮސްފާނެއެވެ. ނަމަވެސް ފަހުން ލިބޭ ނަތީޖާ ހިތިވާނެއެވެ. އެކަމުގެ ހިތި މި ނުރައްކާތެރި ބަލިމަޑުކަމުގެ ތެރޭގައި ގައުމު ވަނިކޮށް ދިވެހީން ތަޖުރިބާ ކޮށްފިއެވެ. ބަލިމަޑުކަން ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައި ވަނިކޮށް ބަލީގެ ނުރައްކާތެރިކަމުގެ މަތިން ހަނދާންނެތި، ސަލާމަތީ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލެވުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަކުން ކޮންޓްރޯލް ކުރެވޭތާ މާ ގިނަ ދުވަހެއް ނުވަނީސް ބަލީގެ އިތުރު ރާޅެއް އެރުމެވެ. މިހާރު މިވަނީ ބަލީގެ ހަތަރު ވަނަ ރާޅު އަރާފައެވެ.

ކުރިން އެންމެ ގިނައިން ފައްސިވާ ދުވަސްތަކުގައިވެސް ނާރާ ވަރަށް މިހާރު މީހުން ދަނީ ބައްޔަށް ހުށަހެޅެމުންނެވެ. އަދި މި ބަލިމަޑުކަމުގައި ނިޔާވާ މީހުން އަންނަނީ އިތުރުވަމުންނެވެ. އާބާދީގެ ނިސްބަތުން މި ސަރަހައްދުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމަކަށް ރާއްޖެ މިވަނީ ވެފައެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މީހަކަށް ފަރުވާ ދެނީ - ފޮޓޯ: ޕީއެސްއެމް
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މީހަކަށް ފަރުވާ ދެނީ - ފޮޓޯ: ޕީއެސްއެމް

އީދުގެ އުފާވެރި މުނާސަބާތު ބައްދަލު ކުރިއިރު ގައުމުގެ މިވަނީ މިލާމޯޅިވެފައެވެ. ރައްޔިިތުން ތިބީ މިއަދު މާޔޫސްވެފައެވެ. އެއީ މިފަދަ އުފާވެރި މުނާސަބަތެއް ބައްދަލުކުރި އިރު ގެތަކުގައި ތާށިވެފައި ތިބެން ޖެހުމުންނެވެ. އެހެން ކަމުން ވަގުތު ފާއިތުނުވަނީސް މާޒީގެ ސަފްހާތަކުން އިބްރަތް ހާސިލް ކުރަމާ ހެއްޔެވެ. ދެ ފަހަރަށް އެ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމާ ހެއްޔެވެ. ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކޮންމެ މީހެއްގެެވެސް ފަރުދީ ޒިންމާ އަދާ ކުރައްވަން ހިންގަވާށެވެ. އަދި މުޖްތަމައަށް ދޫވެފައި ތިބި ނުރައްކާތެރި މީހުންނަށް ފާރަވެރިވެ، މި ގައުމުގެ އަމާންކަަން ގާއިމް ކުރުމަށް ދައުލަތުގެ ހުރިހާ މުއަސަސާތައް ގުޅިގެން މަސައްކަތް ކުރައްވަމާ ހިންގަވާށެވެ.

މި އީދުގައި މާޔޫސްވެ، ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުނަސް އަންނަ އީދެއްގައި މަގުތައް މައްޗަށް ނިކުމެ، މިނިވަންކަމާއެކު ބިރެއްނެތި، އީދު އުފާ ފާހަގަކޮށްލެވޭނެ ހާލަތަކަށް ގައުމު ގެންދިއުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައްތާރުބޭ

    މި އިބޫ އައި ފަހުން މި ގައުމައް ހަމަ ޖެހުމެއް އައި ދުވަހެއް ދިމާނުވޭ، މީ ސުންޕާ ނުބައި ނުލަފާ ވެރިއެއް

    5
    1
  2. އަބްސީ

    ޤައުމަށް މި ބިރުވެރިޙާލަތު ސަރުކާރުން (އެޗްޕީއޭއިން) އެނގިހުރެ ގެނައީ، ވީމާ ސުރުޚީ ރަގަޅު ކޮށްލުން އެދެން