ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި އާންމުން ބޭނުންވާ ވަރަށް މައުލޫމާތު ހާމަނުކުރެވިގެން އުޅޭނީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ހެއްޔެވެ؟ މިހާތަނަށް ހާމަކުރި މައުލޫމާތުތަކުން ހައްޔަރުކުރި މީހުންގެ ވަނަވަރާއި ބޮންގޮއްވާލުމަށް ފަހު އެމީހުން ހަރަކާތްތެރިވިގޮތާއި ބޮންގޮއްވާލަން ބޭނުންކުރި ތަކެތި ވަނީ އެނގިގެން ގޮސްފައެވެ. ބޮންގޮވި މަންޒަރު ފެންނަ ފޫޓޭޖްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. ބޮންގޮއްވާލި މީހާއާ އޭނާއާ ގުޅުން އޮތް ދެ މީހާކާ އެކު ޖުމްލަ ތިން މީހަކު ފުލުހުންގެ ހައްޔަރުގައި އެބަތިބިއެވެ. އައިއިޑީ ގޮއްވާލީ އަތަމާ ޕެލެސް ތެރޭގައި ހުރި ރިމޯޓެއް ބޭނުން ކޮށްގެންކަންވެސް ވަނީ ހާމަވެފައެވެ.

މި މީހުންނަކީ ހަރުކަށިފިކުރުގެ ބައެއްކަމަށް ތުހުމަތު ކުރެވެއެވެ. އިތުރު ބަޔަކު ތިބުން އެކަށީގެންވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަތަރު ވަނަ މީހަކުގެ މައުލޫމާތު އެއްކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި އޮސްޓްރޭލިޔާގެ ފުލުހުންވެސް ދަނީ ދިވެހި ފުލުހުންނާއެކު މަސައްކަތްކުރަމުންނެވެ.

މި މައުލޫމާތުތަކަށް ވުރެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކަށް ބަލާއިރު ހާދިސާގެ ކުރީކޮޅު ލިބޭ މައުލޫމާތުތައް މިހާރަށްވުރެވެސް މަދެވެ. ޝާމިލްވާ ބަޔަކު ހައްޔަރުކުރެއެވެ. އެއަށް ފަހު ފެންނަނީ މައްސަލަތައް ނުނިމި ދިގުލައިގެންދާ ތަނެވެ. މީގެ ތެރޭގައި ބޮޑެތި އެތައް މައްސަލައެއްވެސް ހިމެނެއެވެ.

މި ބޮމުގެ ހަމަލާގައި ފުލުހުން މިހާތަނަށް ނޫސްވެރިންގެ ތިން ބައްދަލުވުމެއް ބޭއްވިއިރު ގިނަ މައުލޫމާތެއް ނޫން ކަމަށްވިޔަސް މުހިއްމު މައުލޫމާތުތަކެއް ހާމަކުރިއެވެ.

މައްސަލައިގެ ތަހުގީގުން ތިލަވަމުންދާ މައުލޫމާތުތަކުން ހޯދޭ ކުރިއެރުމުގެ މައުލޫމާތު ރައްޔިތުން ބޭނުންވެއެވެ. ތަހުގީގަށް ހުރަސްނޭޅޭނެ ހެން ފުލުހުންނަށް މައުލޫމާތު ހާމަކުރެވިދާނެއެވެ.

''ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މީޑިއާއަށް މައުލޫމާތު ދިނުން ހުއްޓާލާފައިވަނީ ބޭރުން އައި އޮސްޓްރޭލިޔާ ފުލުހުންގެ އެދުމުގެ މަތިންނެވެ. އެއީ އެހެން ގައުމުތަކުގައި މިފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތް ކަމަށްވެސް ވެދާނެއެވެ. އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުން ބޮންގޮއްވާލާން ބޭނުންކުރި ސައިކަލު ނީލޯފަރު ހިނގުމުގައި ޕާކް ކޮށްފައިވަނީ އެ ދުވަހުގެ ވަގުތެއްގައިކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. މި ސައިކަލު ބެހެއްޓީ މި ތިން މީހުންގެ ތެރެއިން މީހެއް ކަމެއް ނުވަތަ ނޫންކަމެއް ސާފެއްނުވެއެވެ. މި މައްސަލައަށް ފަންޑުކުރި މީހުންނަކީ ކޮންބައެއްތޯ ބަލަންވެސް ރައްޔިތުން ބޭނުންވެއެވެ.

އެހެން ނަމަވެސް މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް ބަލާއިރު، އެ މައްސަލައިގެ ތަހުގީގަށް ޔޫއޭއީންވެސް އެހީވާން ވަނީ ނިންމާފައެވެ. އެގޮތުން އެ ހަމަލާއަށް ފަންޑް ކުރި ބަޔަކު ހޯދަން އެ ގައުމުން އެހީވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

ހަމަލާއާ ގުޅުން ހުރި ބައެއް މައުލޫމާތުތައް އަދި ފަހަރެއްގައި ފުލުހުންގެ އަތުގައި ނުހުރެދާނެއެވެ. ލިބޭވަރަކުން އެ މައުލޫމާތުވެސް ހާމަކުރުން މުހިންމެވެ. މިކަމުގެ މައުލޫމާތު ރައްޔިތުން ބޭނުންވަނީ އެކަމުގެ ބޮޑުކަމުންނެވެ. އިތުރު ހަމަލާއެއްދީފާނެ ކަމުގެ ބިރުވެސް ރައްޔިތުންގެ ހިތުތެރޭގައި އޮތުމުންނެވެ. މައުލޫމާތުތައް ލިބޭވަރަކުން ހާމަކުރުމުން ރައްޔިތުންގެ ހިތަށް ތަސައްލީއެއް ލިބިގެންދާނެކަމާއި މެދު ޝައްކެތްވެސް ނެތެވެ.

މިކަމާއި ފުލުހުން އިތުރަށް ވަކި އެއްޗެއް އަދި ވިދާޅުނުވާއިރު، މައްސަލައިގެ ތަހުގީގު ދަނީ ކޮން ސްޕީޑެއްގައި ކަމެއް ނޭނގެ އެވެ. އަދި ތަހުގީގާއި ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ރައްޔިތުންނަށް އެނގެން ބޭނުންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހިމް

    ތިޔަ މައްސަލަ ކުރިޔަށް ބާރަށް ކުރިޔަށް ބާރަށް ގެންދެވޭނީ އެމްޑީޕީ ހަރުގެއާއި ހަވާލުކޮށްގެން. ދެން ރީކޯމޫސަގެ މަގުމަތީ ކޯޓުން ހުކުމްޖަހީމާ އެނިމުނީ. އޭރުން ހޯބޯލަވައި ޤައުމުގެ ހަރުދަނާ ބޭފުޅުންނަށް އައޮގުރާނަ ގޮވާނެ މީހަކުވެސް ނުހުންނާނެ.

    8
    1
  2. އެމަންޖެ

    ވަގުތު މީހުނައް ނަޝީދު ކިހާވަރެއްދޭތޯ...؟؟؟

    8
    5
  3. އަބްދޫ

    ކުރަތްޕަކީ ދިޔާކޮށް ފައިބާ ގޮތަށް ލޭ ހުންނަ އެއްޗެއްނޫން .އިންސާނައަކީ ގައިގެ ކިތަންމެ ކުޑަ ތަންކޮލެއްހަލާކުވިޔަސް ދިޔާލޭ ހަށިގަޑުން ބޭރުވާ މަހްލޫގެއް.ޓެރަރިސްޓް ހަމލާތައް އަމާޒުވާ ފަރާތްތަކުގެ ހަށިގަނޑުން ގިނައަދަދަކަށް ލޭ ފައިބަފަ ހުންނަތަން ފޮޓޯތަކުންނާ ވީޑިއޯ ތަކުން ފެނޭ .ނަމަވެސް މާލެގަ ހިގި ޓެރަރިސްޓް ހަމަލާ އަމަޒުވި ފަރާތްތަކުގެ ޒަހަމްތަކުން މަގުމައްޗަށް ލޭއެޅިފަ ނެތުމަކީ ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމެއް.

    3
    1