މިދިޔަ އަހަރުގެ މާޗް މަހު، ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13،757 މީހުންނެވެ. ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވެފައި ވަނީ 48 މީހުންނެވެ. އަހަރު ނިމުނު އިރު، ރާއްޖެ އިން ފެނުނީ އުފާވެރި މަންޒަރެކެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް މަދުވެ، ބަލީގައި ސީރިއަސް ހާލަތުގައި ތިބި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވިއެވެ.

މި އަހަރު ފެށުނު އިރު، ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ހުރީ 50 އިން ދަށުގައެވެ. ނިޔާވާ މީހުންގެ އަދަދު ވެސް ކޮންޓްރޯލް ކުރެވިފައިވެއެވެ. އެކަމަކު ޖެނުއަރީ މަސް ނިމެން ދިޔަ އިރު، ކޮވިޑްގެ ވޭދަނަތައް ދިޔައީ އިތުރުވަމުންނެވެ. ކޮވިޑް-19 ގެ ވޭދަނަތައް 100 އިން މައްޗަށް ޖެހިލި އިރު، ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގެ ބާރު ދިޔައީ ބޮޑުވަމުންނެވެ.

ފެބްރުއަރީ މަސް ފެށުނީ އާ އުންމީދަކާ އެކުގައެވެ. އެ މަހުގައި ވެކްސިން ޖަހަން ފެށުމާ އެކު، ބަލިން އަރައިގަނެވޭނެ ކަމުގެ ސިގްނަލް ލިބުނެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށިތާ ތިން މަސް ވާން ކައިރިވާ އިރު ވެސް ވެކްސިންގެ "އަސަރެއް" ނުކުރިއެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތަކަށް މަޑުޖެހުމެއް ނައެވެ. ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 200 އަދި 300 އާއި 400 އަށް އެރިއެވެ. އެންމެ ފަހުން ގޮސް މިހާރު ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުރީ 1،000 އިން މަތީގައެވެ.

ކޮވިޑްގައި ނިޔާވާ މީހުންގެ ކަށުކަމާއި ކެމީގެ ކަންކަން ކުރިއަށްގެންދަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ޒުވާނުންވެސް ކޮވިޑަށް ފައްސިވެ ބޮޑު ވަރުވާން ފެށިއެވެ. ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫތައް ފުރެން ފެށީއެވެ. މާރިޗު މަސް ނިމުނު އިރު، ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 67 އަށް އެރިއެވެ. އޭޕްރިލް މަސް ނިމުނުއިރު، 73 މީހަކު ވަނީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވެފައެވެ. މި މަހުގެ މިހާތަނަށް ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 45 އަށް އަރައިފައެވެ.

މި އަހަރު މިހާތަނަށް 70 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާ ގޯސްވެފައި މިވަނީ ކޮވިޑްގެ އާ ވައްތަރުތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ. ހާއްސަކޮށް އިންޑިއާގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑްގެ ވޭރިއަންޓު ރާއްޖޭގައި ވަރަށް ބޮޑަށް އޮތް ކަމަށް ސިއްހީ ބައެއް ތަޖުރިބާކާރުން ގަބޫލު ކުރައްވައެވެ.

ކޮވިޑްގައި ނިޔާވި މީހެއް ވަޅުލުމުގެ ކަންކަން ކުރިއަށް ދަނީ ؛- ވަގުތު އިމޭޖަސް:-މުހައްމަދު އަފްޒަލް

މެއި މަހު ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތަފްސީލް:

  • މެއި އެއް ވަނަ ދުވަހު އެކަކު ނިޔާވި.
  • މެއި ފަސް ވަނަ ދުވަހާއި ހަ ވަނަ ދުވަހާ ދެމެދު ތިން މީހަކު ނިޔާވި.
  • މެއި ހަތް ވަނަ ދުވަހާ ހަމައަށް އައިއިރު ހަ މީހަކު ނިޔާވި.
  • މެއި 11 ވަނަ ދުވަހަށް އައިއިރު އިތުރު ފަސް މީހަކު ނިޔާވި.
  • މެއި 14 ވަނަ ދުވަހު އެކަނި ވެސް ފަސް މީހަކު ނިޔާވި.
  • މެއި 15 ވަނަ ދުވަހު ދެ މީހަކު ނިޔާވި.
  • މެއި 16 ވަނަ ދުވަހު ތިން މީހަކު، 17 ވަނަ ދުވަހު ފަސް މީހަކު ނިޔާވި.
  • މެއި 18 ވަނަ ދުވަހު ދެ މީހަކު ނިޔާވި.
  • މެއި 19 ވަނަ ދުވަހު ހަތް މީހަކު ނިޔާވި. (ރިކޯޑެއް)
  • މެއި 20 ވަނަ ދުވަހު ހަތަރު މީހަކު ނިޔާވި.
  • މެެއި 21 ވަނަ ދުވަހު މިހާތަނަށް ދެ މީހަކު ނިޔާވި.
ކޮވިޑްގައި ނިޔާވި މީހަކު އެމްބިއުލާންސް އިން ބާލައިގެން ގެންދަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަަލް

މީގެ ކުރިން ގިނަ ބަޔަކު ނިޔާވަމުން ދަނީ މާލެ ސަރަހައްދުގެ ފެސިލިޓީތަކާއި ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނިކޮށެވެ. އެކަމަކު ފަހުން އައިސް ފާހަގަވާން ފެށީ އަތޮޅު ތެރެއިން ވެސް ގިނަ ބަޔަކު މި ބަލީގައި ނިޔާވާ ކަމެވެ.

އެހެންކަމުން ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް މި ވަނީ ނުރައްކާ މިންވަރަކަށް އިތުރުވެފައެވެ. އެ އަދަދުތަކުން އެތައް ބަޔަކު ސިހި، ބިރުން ފިއްކަނޑައިގެން ދާ ވަރު ވެއެވެ. ބަލީގެ ބިރުވެރިކަން ބޮޑެވެ. ނުރައްކާ ބޮޑެވެ. އެކަމަކު ބައްޔާ އެކީ އުޅެން ދަސް ކުރަން އެބަ ޖެހެއެވެ. ހާއްސަކޮށް އުޅުމަށް ބަދަލު ގަންނަން އެބަ ޖެހެއެވެ. މީހުންނާއި ބައްދަލު ކުރުން ހުއްޓާލަން އެބަ ޖެހެއެވެ. ގައިދުރުމާއި، ގިނައިން އަތް ދޮވުމާއި ސާފްތާހިރު ކަމަށް ވިސްނަން އެބަ ޖެހެއެވެ. ބަލީގައި ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުން ނޫންކަން ދަންނަން އެބަ ޖެހެއެވެ.

ކޮވިޑްގެ މަރުތައް މި މަސް ތެރޭގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފައި - ވަގުތު ގްރެފިކްސް: މުހައްމަދު އަފްޒަލް

މިހާރު ރާއްޖޭން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 118 އަށް އަރައިފައެވެ. ކުއްލިއަކަށް ގޮސް އަދަދު ވަރަށް ބޮޑަށް މަތިވީއެވެ.

ކޮވިޑްގައި ނިޔާވާ މީހުން ވަޅުލަނީ ހުޅުމާލެ ސަހަރާގެ ވަކި ސަރަހެއްދެއްގައި - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ވިދާޅުވީ އެހެން ގައުމުތަކުގެ ކޮވިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ވެސް މިހާރު ކޮވިޑްގެ ވޭދަނަތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން އެކަކު އަނެކަކާ ބައްދަލުވާ ގޮތަށް ބާއްވާ ބައްދަލުވުންތައް އެއްކޮށް ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ބަލި ފެތުރޭ ސަބަބު ހޯދަން ޖެހޭ. ވެދާނެ ބަލީގެ އާ ވައްތަރެއްގެ ސަބަބުން ކަމަށް، ނުވަތަ މީހުން އުޅޭ ގޮތުގެ ސަބަބުން ކަމަށް" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ކައިރި ކައިރީގައި އެތައް މަރެއް، ސިއްހީ ހިދުމަތްތެރިންނަށް އުނދަގޫ ވަގުތުތަކެއް!

ކޮވިޑް ޖެހި ބޮޑު ވަރުވާ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެންމެ ގާތުން މަސައްކަތް ކުރާނީ ޑޮކްޓަރުންނާއި ނަރުހުުންނެވެ. ބަލި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވުމަކީ އެ ހިދުމަތްތެރިންގެ ހިތައް ވަރަށް އުނދަގޫވާ ވަގުތުކޮޅެކެވެ. ދެރަވެ، ރޮވޭ ވަގުތުކޮޅެކެވެ.

އައިޖީއެމްއެޗުގެ ކްލިނިކަލް އެޑްވައިޒަރީ މެނޭޖުމެންޓް ޓީމުގެ މެންބަރު އަދި އެތެރެހަށީގެ ޑޮކްޓަރު ޑރ. މޫސާ މުރާދު "ވަގުތު"އަށް ވިދާޅުވީ، އެފަދަ ހާލަތްތަކަކީ ވަރަށް އުނދަގޫ ދަތި ވަގުތުތަކެއް ކަމަށެވެ.

ނަރުހުންތަކެއް މަސައްކަތުގައި - ވަގުތު އިމޭޖްސް

"އަޅުގަނޑުގެ ދަށުން މަސައްކަތް ކުރާ ޑޮކްޓަރުން އެކޮޅުގައި މަސައްކަތް ކުރަނީ އެފަދަ ހާލަތްތަކާއި އެކުގައި، ވަރަށް ގިނަ ޑޮކްޓަރުން ދެރަވެފައި، ތިބެނީ ވަރަށް ގިނަ މީހުން ވަރަށް ބަލިކޮށް ތިބީމަ، އެ މީހުންގެ ކުރިމަތީގަ ތި ވިދާޅުވިހެން ނިޔާވެގެން އެ ދަނީ، ހަމަ ވަރަށް ގާތް ގާތުގައި އެބޭފުޅުންނަށް އެމޯޝަނަލީ ވަރަށް ބޮޑަށް ޑިސްޓާބްވެފައި އެ ތިބެނީ، އެހެން ނަމަވެސް އަޅުގަނޑުމެންނަކީ ކުރިމަތިލައިގެން މަސައްކަތް ކުރައްވާ، ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދެމިތިބޭ ބަޔަކަށް ވާތީ، އެކަންތައް ކުރަމުން އެ ގެންދަނީ، އެ މީހުންްނަށްވެސް ވަރަށް ނަފްސާނީ ގޮތުން އަސަރުތައް ކުރޭ، އެހާ ގިނަ ބަޔަކު ކުރިމަތީގައި ނިޔާވަމުންދާތީ،" މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވި ބައެއް މުހިންމު ޕޮއިންޓްތައް - ވަގުތު ގްރެފިކްސް: މުހައްމަދު އަފްޒަލް

ކޮވިޑްގެ އާ ވައްތަރު ޖެހޭ މީހުން ބޮޑަށް ބަލިވޭ!

މުރާދު ވިދާޅުވީ، މިހާރު ނިޔާވާ ގިނަ މީހުންނަކީ ހިރާސްބޮޑު ކެޓެރަގީއަށް ނިސްބަތްވާ ބަލި މީހުން ކަމަށެވެ. އަދި މިހާރު ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެފައި ވަނީ ކޮވިޑްގެ ވައްތަރެއްގެ ސަބަބުން ކަމަށް ބެލެވުނު ނަމަވެސް، އެއީ ކޮން ވައްތަރެއްގެ ސަބަބުން ކަން ބުނަން ނޭނގޭ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

"އެކަން އައިޑެންޓިފައިވެގެން އެނގިފައި ނެތަސް، މިހާރު ވަރަށް ބޮޑަށް އެބަ އެނގޭ، މިއީ ކޮންމެވެސް ކަހަލަ ވޭރިއެންޓެއްކަން، މި ވޭރިއެންޓްގައި ތަންކޮޅެއް ބާރަށް ފެތުރޭކަން އެބަ އެނގޭ، އަނެއްހެން ޖެހޭ މީހުންވެސް ތަންކޮޅެއް ބޮޑަށް ބަލިވަމުންދާކަންވެސް ފާހަގަކުރެވޭ، މި ފަހަރުގެ މި ވޭވްގައި".

ޑރ. މުރާދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ޑރ. މުރާދު ވިދާޅުވަނީ، ކޮވިޑްގެ މި އާ ވައްތަރަކީ ވަރަށް ބާރުގަދަ، ވައްތަރެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެގޮތުން އާ ވައްތަރު ގިނަބަޔަކަށް ޖެހެމުންދާއިރު ހިރާސްބޮޑު މީހުންނަށްވެސް އެ ވައްތަރު ޖެހި، މަރުގެ އަދަދުތައް އިތުރުވާނެ ކަމަށް ބެލެވޭކަން ފާހަގަކުރެއްވިއެވެ.

"އެއީ ކަންނޭނގެ އަޅުގަނޑަށް ހީވަނީ ގިނަ ނަމްބަރުތައް މިވަގުތު، އަދަދުތައް ގިނަވަމުންދާ ސަބަބަކީ". ޑރ. މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން އާ ވައްތަރުން އަވަހަށް ފުއްޕާމޭ ހަލާކުވެގެން ދިއުމާއި، އޮކްޖިސަން ނުހިފެހެއްޓިގެން ދާ ދިއުން ފަދަ ކަންކަން ފާހަގަކުރެވޭ ކަމަށް މުރާދު ވިދާޅުވިއެވެ.

ކޮވިޑްގައި ހާލު ދެރަވެ، ނިޔާވާ މީހުންނަކީ ސިއްހީ މައްސަލަތައް ހުރި މީހުން!

ޑރ. މުރާދު ވިދާޅުވީ، ކޮވިޑްގައި ނިޔާވާ ގިނަ ބަލި މީހުންނާއި، އައިސީޔޫގައި ފަރުވާދޭ ގިނަ ބަލި މީހުންނަކީ ކޮންމެވެސް ކަހަލަ ސިއްހީ މައްސަލަތަކެއް ހުރި މީހުން ކަމަށެވެ. އޭގެ ތެރޭގައި، ހަކުރު ބަލީގެ މީހުންނާއި، އާދަޔާ ހިލާފަށް ހަށިގަނޑު ފަލަކޮށް ތިބޭ މީހުން ބޮޑަށް ބަލިވެގެން ދާކަން ޑރ. ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރަށް ދާއިމީ ގޮތެއްގައި ގިނަ ބަލިތަކަށް ބޭސް ބޭނުން ކުރާ މީހުންނާއި، އުމުރުން މަތީ މީހުންނަކީ މި ރާޅުގެ ތެރޭގައި ކޮވިޑް ޖެހިގެން ހާލަތު ގޯސްވާ މީހުންކަން ފާހަގަކުރެވޭ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

މިހަރު މިއީ ކޮވިޑްގެ ތިން ވަނަ ރާޅެވެ. މި ރާޅާއެކު އާ ކަންތައްތަކެއް ޑޮކްޓަރުންނަށްވެސް ދަނީ ފެންނަމުންނެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މީހަކަށް ފަރުވާ ދެނީ - ފޮޓޯ: ޕީއެސްއެމް
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މީހަކަށް ފަރުވާ ދެނީ - ފޮޓޯ: ޕީއެސްއެމް

"ކުރީގެ ވޭވްތަކުން ނުފެންނަ ވަރަށް ވުރެ އުމުރުން ދަށް، މީހުން މި ފެންނަނީ ގާތްގަނޑަކަށް 50 އާއި 60 އުމުރުގެ މީހުންވެސް ވަރަށް ބަލިވޭ މިފަހަރު، އެއީ ކުރީގެ ވޭވްތަކުގައި ނުފެންނަ ކަމެއް". ޑރ. މުރާދު ވިދާޅުވިއެވެ.

ކުއްލިއަކަށް ބައެއް މީހުންގެ ހާލު ދަރަވޭ!

ކޮވިޑްގެ އާ ރާޅާއެކު ބަދަލު ތަކެއް އައިސްފިއެވެ. ކުރިން ފެނިފައި ނުވާ އެތައް ކަމެއް ތަޖުރިބާ ކުރަން ޖެހިއްޖެ އެވެ. ހާއްސަކޮށް ގާތްގާތުގައި މީހުންގެ ހާލު ދެރަވުމާއި، މީހުން ކައިރި ކައިރީގައި ނިޔާވުން ފަދަ ކަންކަން ފާހަގަކުރިއެވެ.

ޑރ. މުރާދު ވިދާޅުވީ، ކޮވިޑް ޖެހިގެން ފަރުވާދޭ ބައެއް ބަލި މީހުން ކުއްލިއަކަށްވެސް ހާލު ދެރަވެގެން ނިޔާވާ ކަމަށެވެ. އަދި ބައެއް މީހުން ބަލި ނޫންކޮށް ތިބެފައި ކުއްލިއަކަށް ހާލު ދެރަވާކަން ފާހަގަކުރެވޭ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

"މިއީ ފެށުނީއްސުރެވެސް ކޮވިޑްގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެމުން އައި ކަމެއް،އެހެން ނަމަވެސް އެއިރުގައި، ވޭރިއެންޓްގެ ނުރައްކާތެރިކަން އެހާ ބޮޑު ނުވަނީ ކަންނޭނގެ އެހާގިނައިން އަޅުގަނޑުމެންނަށް ފެންނަން ނެތީ، އެހެން ނަމަވެސް މިފަހަރުގެ މި ވޭވްގައި ތަންކޮޅެއް ގިނަ، ދެން ނަމްބަރުތައް ގިނަވީމަވެސް ގިނަވި، އެގޮތަށް ބަލާއިރު، ތަންކޮޅެއް ގިނައިން ފެނޭ ކުއްލިއަކަށް ހާލު ދެރަވާ، ނުވަތަ އޮކްސިޖަން ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށް ވުރެ ދަށްވާ މީހުން މި ވޭވްގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ". ޑރ.މުރާދު ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހުނު މީހަކަށް ފަރުވާދެނީ. ---

ކޮވިޑް ޖެހުމުން ލޭގަނޑުވާ މައްސަލަ، ފުއްޕާމެއަށް ގެއްލުންވޭ!

ކޮވިޑް ޖެހުމުން ސިއްހީ އެތައް މައްސަލައެއް ދިމާވެއެވެ. އެ ބަލި ޖެހުމުން ކާ އެއްޗެހީގެ ރަހަ ނުލުމާއި ކަންކަން ދިމާވެއެވެ. ޑރ. މުރާދު ފާހަގަކުރެއްވީ ކޮވިޑް ޖެހިގެން ލޭގަނޑުވާ މައްސަލައެވެ. ޑރ. މުރާދު ވިދާޅުވީ، ކޮވިޑް ޖެހުމުން ލޭގަނޑުވާ މައްސަލަ ވަރަށް ގިނަ މީހުންނަށް ދިމާވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ކަމެއް ދިމާވެގެން ކުއްލިއަކަށް ނިޔާވުމުގެ ފުރުސަތުވެސް ވަރަށް ބޮޑު ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

"މިސާލަކަށް އެހާބޮޑަށް ބަލި ނޫންކޮށް ތިބޭ މީހުންގެ ހަށިގަނޑުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލޭގަނޑުވުން ފަދަ މައްސަލައެއް ދިމާވުން އެކަށީގެންވޭ، ސީދާ ބަލި މީހާ ހިތްހުއްޓުމަށް މެދުވެރިވާ ސަބަބަކަށް ވާނެ އެކަހަލަ ކަންތައްތައް، މިއީ ކޮވިޑްގައި ފެށުނީއްސުރެ އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާ ކަމެއް". ޑރ. މުރާދު ވިދާޅުވިއެވެ.

ލޭގަނޑުވުމަކީ ކޮވިޑްގެ ހާއްސަ ސިފައެކެވެ. އެހެންވުމުން ބަލި ޖެހޭ މީހުންގެ ތެރޭގައި މިހަލަ ކަމެއް ދިމާވެގެން ކުއްލިއަކަށް ނިޔާވަނީ ކަމަށް ލަވޭ ކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ބަލީގައި ފަރުވާދޭ ބައެއް މީހުން ދަރުމަަވަންތަ ހޮސްޕިޓަލްގައިވެސް ފަރުވާދޭ - ވަގުތު އިމޭޛްސް: އަމީން ފަހުމީ

"އެހެން ނަމަވެސް މިކަހަލަ އެއްޗަކީ ސައިންޓިފިކް ވަރަށް ތަހުލީލު ކުރެވިގެން ސީދާ ޔަގީނާއި އެކީގައި ބުނަން ޖެހޭނެ އެއްޗެއް ކަންނޭނގެ". ޑރ. މުރާދު ވިދާޅުވިއެވެ.

އަދި މިފަހަރުގެ ކޮވިޑްގެ އާ ވައްތަރަކާއެކު ކޮވިޑްގައި ނިއުމޯނިއާށް ދާ ވަރު ތަންކޮޅެއް އަވަސްވާ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އެގޮތުން ނިއުމޯނިއާއަށް ބަދަލުވެ، ފުއްޕާމޭގެ ދެފަރާތް އެއްކޮށް ހުއްޓޭލެއް އަވަސްވާއިރު، ކޮވިޑް ޖެހޭތާ ވަރަށް ކައިރީގައި އެ މައްސަލަ ދިމާވާ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ވާހަކަދައްކަމުން، ޑރ. ނަޒްލާ މުސްތަފާ މީގެ ދެ ރޭ ކުރިން ވިދާޅުވީ، މި މަސް ތެރޭގައި ނިޔާވެފައިވާ މީހުންގެ ތެރެއިން 64 އިންސައްތަ މީހުންނަކީ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަމަށެވެ. އަދި މީގެ ތެރެއިން 1 އިންސައްތައަކީ ވެކްސިން ޖަހާފައި 14 ދުވަސް ހަމަވެފައި ތިބި މީހުން ކަަމަށާއި، 12 އިންސައްތަ މީހުންނަކީ ދެ ޑޯޒް ހަމަކޮށްފައިވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހިކަމަށް ބަލަނީ ދެ ޑޯޒް ޖަހާފައި 14 ދުވަސް ފަހުން ކަމަށެވެ.

މީހަކަށް ކޮވިޑް-19 ވެކްސިން ދެނީ؛- ވަގުތު އިމެޖަސް- މުައްމަދު އަފްޒަލް

ޑރ، މުރާދު ވިދާޅުވީ، ވެކްސިންގެ އެއް ޑޯޒް ޖަހާފައިތިބި މީހުން ވަރަށް ގިނައިން ކޮވިޑަށް ފައްސިވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ފައްސިވިވިޔަސް، ބޮޑުވަރުވާ ނިސްބަތް އެހާ ގިނަ ނޫންކަން ޑރ. މުރާދު ފާހަގަކުރެއްވިއެވެ.

"ފާހަގަކުރެވޭ އެކަމަކު އެއް ޑޯޒް ޖަހާފައި ތިބޭ މީހުންވެސް އެޑްމިޓް ކުރަން ޖެހޭކަން، ދެ ޑޯޒް ޖަހާފައި ތިބި މީހުން ކޮންމެވެސް ވަރަކަށް އެޑްމިޓް ކުރަން ޖެހޭ އެެހެން ނަމަވެސް ބަލި ބޮޑުވަރު ވަނީ އެއްވެސް ޑޯޒެއް ނުޖަހާ ނުވަތަ އެއް ޑޯޒް ދީފައި ތިބި މީހުންގެ ތެރޭގައި ފާހަގަކުރެވޭ މީހުން،" ޑރ. މުރާދު ވިދާޅުވިއެވެ.

މިހާ ގިނަ މަރުތަކާއެކު، ރާއްޖޭގެ މިސްރާބު އަނދިރިކަމުގެ ތެރެއަށް!

ޑޮކްޓަރުން ވިދާޅުވާގޮތުން، މިހާރު ރާއްޖޭގެ ހާާލަތު ދަނީ ގޯހުން ގޯހަށެވެ. މިގޮތަށް ގޮސްފިނަމަ ރާއްޖޭގެ މިސްރާބު މާ އައްޔެއް ނޫނެވެ. ވަރަށް އަނދިރިއެވެ. އަނދިރިކަމުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ. އެހެންކަމުން ޑޮކްޓަރުން ނަސޭހަތްތެރިވަނީ ނަމްބަރުތައް ތިރިކުރާށެވެ.

"މި ދަށް ނުކުރެވޭކަމުގައިވާ ނަމަ ބަލި ހާލު ބޮޑުވަމުންދާ މިހުން ދާނީ، ނިޔާވާ މީހުންގެ އަދަދުތައް ގިނަވަމުންދާނީ، ހުރިހާ ކަމެއް މި ބިނާވަނީ ޕޮޒިޓިވްވާ ނަމްބަރުތަކުގެ މައްޗަށް،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވިގޮތުގައި، މި ފައްސިވާ އަދަދުތައް ކޮންޓްރޯލް ކުރެވިގެން ނޫނީ މިކަމުގައި ނެރެން ޖެހޭ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެއެވެ. ނަމްބަރުތައް ގިނަވާނަނަ ހިދުމަތްތަކަށް ބުރޫ އަރާނެއެވެ. ފަރުވާ ދޭން ޖެހޭ މީހުންނާއި ދޭން ބޭނުން ކުރާ އާލާތްތައް ބާރުބޮޑޮވެގެން ދާނެއެވެ.

ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމަށް ވަޅެއް ކޮނެފައި ؛- ވަގުތު އިމޭޖަސް:-މުހައްމަދު އަފްޒަލް

"އަނެއްހެން ފަރުވާދޭން ހުންނަ އާލާތްތަކާއި ފަރުވާ ދޭންތިބޭ މީހުންނާއި ތަންތަނަކީ ލިމިޓްވެފައި ހުންނަ އެއްޗެއްތާ، ނަމްބަރުތައް ދަށް ކުރެވިގެން އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް މެނޭޖް ކުރެވޭވަރަށް ހިފެހެއްޓިގެން ނިޔާވާމާ މީހުންގެ އަދަދުތައް ދަށް ކުރެވޭނީ، އެހެން ނުވާކަމުގައި ވަންޏާމުން އަޅުގަނޑުމެންނަށް ކުރިއަށް ފެންނަން އޮތީ އަނދިރި ދުވަސްތަކެއް، ހަމަ ގިނަބަޔަކު ބަލިވެ ހަމަ ގިނަބަޔަކު ނިޔާވުމުގެ ފުރުސަތު ބޮޑު ދުވަސްވަތަކެއް ކުރިއަށްއޮތީ". ރާއްޖޭގެ އެންމެ ތަޖުރިބާކާރު ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުރާދު ވިދާޅުވިއެވެ.

ކޮވިޑްގެ އާ ވައްތަރެއް ރާއްޖޭގައި އުޅޭކަން ސިއްހީ މާހިރުން ގަބޫލު ކުރެއެވެ. ކުއްލިއަކަށް ބައެއް މީހުން ނިޔާވަނީވެސް އަދި ބަލި މިހާ ބޮޑަށް ފެތުރިގަތީ އެހެންވެ ކަމަށް ގަބޫލު ކުރެއެވެ. ނަމަވެސް ރާއްޖޭގައި މި އުޅެނީ ކޮވިޑްގެ ކޮން ވައްތަރެއްކަމެއް އަދި ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ލަޔާލް

    ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ވަރިހަމަ، މިހާރު މިއޮތީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ދުވަހަކު ނުދާހާ މައްޗަށް ގޮސްފައި. ލޮކްޑައުންއަކަށް ނުގޮސް މިކަމުން އަރައިގަތުމެއް ނެތް. މިއީ ވަރަަށް ހިތްދަތި ކަޅު ދުވަސްތަކެއް. ބޭނުންވަނީ އަވަސް ހައްލެއް. މިކަމުގައި ގަނަތެޅޭކަށް އެއްވެސް ރައްޔިތަކު ބޭނުމެެއް ނުވޭ.

    49
    1
  2. މީތޯ

    ކޮންޓެކްޓް ޓްރޭސިން އެއް ނުހެދޭ! ޓެސްޓެއް ކުރެވެނީ އެހާ އުދަގުލުން! ޙެދޭ ޓެސްޓް ގެ ނަތީޖާ ލިބެނީ އެތަށް ދުވަހެއް ފަހުން! ޖެހޭ މީހުނަށް ފަރުވާ އެއް ދެވެނީކީ ނޫން! ފްލޫކްލިކްގައި އެތަށް އިރެއް ވަންދެން ކިޔޫގައި ޖެހިގެން ހުރެވޭނީ ވެސް ކަންޑިޝަން ރަގަޅު ނަމަތާ! ބަލިޖެހޭ މީހުން ކަރަންޓީނު ވުމެއްނެތި އެތަށް މިތާ އެބުރެނީ! ކާފިޔު ވަގުތު މީހުންތަށް ތޮއްޖެހި ތެޅިފޮޅެނީ!ޖަމާއަތުގައި މުދިމް މީހާ ނެތަސް މިސްކިތް ތަކުގައި ފަޔާ ފައިޖައްސާ ނަމާދު ޖަމާއަތް ހަދަމުން ދަނީ! މަގުމައްޗަށް ކުޅުޖަހަ އެހަދަނީ ބިދޭސިން!މާސްކް؟؟؟

    32
  3. ދިދަ ދަނޑި

    އަނދިރިވެ ތަންދޮރު ނުފެންނަވަރު ވިޔަސް ލޮކްޑައުން އެއް ނުކުރާނެ.. މިހާރު މިއޮތީ އަތުނުވާވަރު ވެފަ..

    28
  4. ކެހި

    ރައްޔިތުންގެ އަޑުއައްސަވާ

  5. ހޫ

    ފުލް ލޮކްޑައުން އަކަށް ދާނީ އަދި ކިހާވަރެއްވީމަބާ.

  6. ޙހހ

    މީކީ ވެކްސިން ޖަހައިގެން ނުޖަހައިގެން ވާކަމެއްނޫން. ޢެންމެން ﷲ އަށް ބިރުވެތިވެ އެކަކަުަނެކަކަށް އިހްތިރާމްކޮށް އަދުލު އިންސާފް ގާެިމްކުރަންވީ .

    18
  7. ޙހހ

    މީކީ ވެކްސިން ޖަހައިގެން ނުޖަހައިގެން ވާކަމެއްނޫން. ޢެންމެން ﷲ އަށް ބިރުވެތިވެ އެކަކަުަނެކަކަށް އިހްތިރާމްކޮށް އަދުލު އިންސާފް ގާެިމްކުރަންވީ . ރާއްޖޭގެ ލާރިގަނޑު އެއްބަޔަކު ކައިހުސްކޮށްފި ފައިސާއެއްނެތް ރިސޯސްއެއްނެތް . އަދިވެސް ބޮޑުމީހާއަށް ބޮޑުގޮތް.

    15
  8. ނާޅި

    ކިތަންމެ ގިނައިން ކޮވިޑް ގައި މީހުން މަރުވިޔަސް ކުރަންވީ ކަމަކީ ހަޤީގީ މާނައިގަ ﷲ ތައުބާވެ ނަމާދު ޖަމާޢަތުގައި ކުރަން ފެށުން، ނަމާދުގެ ޖަމާޢަތް ދޫކޮށްލައިގެން ތިބުން ރަގަޅެއްނޫން، އެންމެ ބޮޑު ޒިކުރާއި ދުވާއަކީ ޖަމާޢަތުގައި ނަމާދު ޤާއިމް ކުރުން .

    15
  9. ނާރު

    އޮފީސްތައް ހުޅުވައިގެން ގަދަކަމުން މުވައްޒަފުން ނެރެގެން މަސައްކަތް ކުރުވާއިރު ގެއިން ނުނިކުމެ ތިބެވޭތަ؟ އަނގަ ޔަކަސް ނުވާނެ. ޓީވީތަކަށް އަރާ މޮޅު ވާހަކަ ދައްކާފަ ހަދަނީ ހަދާނެ އެއްޗެއް.

    12
  10. ނާރު

    ޑރ. މުރާދު ވިދާޅުވީ، ކޮވިޑްގައި ނިޔާވާ ގިނަ ބަލި މީހުންނާއި، އައިސީޔޫގައި ފަރުވާދޭ ގިނަ ބަލި މީހުންނަކީ ކޮންމެވެސް ކަހަލަ ސިއްހީ މައްސަލަތަކެއް ހުރި މީހުން ކަމަށެވެ. މީ ހަމަ ނުކުޅަދުން ތެރިކަން ކީއްވެ މުއްސަދި މީހާ ހުޅުމާކެ ފެސިލިޓީގައި ނުބާއްވާ ދަރުމަވަންތައަށް ގެންދަނީ ނިކަމއތިންތަ މަރަން އެތަނަށް ގެންދަނީ ރައްޔިތުންނޭ ވިސްނާ

  11. Anonymous

    މިކަމުގައި އިހުމާލުވި ފަރާތްތަކެއް އެބަތިބި. އެބައިމީހުން އިސްތިއުފާދޭންޖެހޭ. އެއީ އިސްސަފުގައި ތިބި މީހުން.

  12. Anonymous

    ސިޔާސީވެރިންގެ ބަހަށް ޤައުމު އޮޔާލާފަ ތިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.

  13. މަހާ

    ކިތަންމެ ވަރަކަށް ނިކަމެތި ރައްޔިތުން މަރުވަމުން ދިޔަސް މިސަރުކާރުގެ ބޮޑުން ކަންބޮޑެއްނުވާނެ، މަޖުލިސް މެމްބަރަކު މަރުވެއްޖިއްޔާނޫނީ.

    10
  14. ޙަފީ

    މި ގުންޑާ. ސަރުކާރު. ބައިގަނޑު. ގަންނަނީ. ޢެހެ ންގަނޑެކޭ. ޢސްތިއުފަާ. ދިފައި ރައްކާވެ

  15. ނަޖާޙު

    ވަރަށް ދެރަ މަރަކަށް ފަހު މަރެއް އެޗް.ޕީ.އޭއިން އިއުލާން ކުރަމުންދާއިރު ސަރުކާރަށް ހީނުވޭ ކަހަރުވަކެކޭވެސް، 14 ދުވަހަށް ފުރަބަންދުކޮށް މިކަމަށް ހައްލެއް ނުގެނެސްވާކަށް ނެތް. ކުރިއާ ހިލާފަށް ޑެލިވެރީގެ ހިދުމަތްތައްދީ.. ފިހާރަތައްވެސް ހުޅުވާފަ ޑެލިވަރީ ކުރާގޮތަށް ވެސް ހަމަޖެއްސިދާނެތާ.. މީގަ މުހިއްމީ އިޤްތިސާދަށް ކުރާ އަސަރުތަ ނުވަތަ މީހުންގރ ފުރާނަތަ؟

  16. ފަރިޔާލ

    އެހެން ވަލިތަކުގަ މަރުވާމީހުން މާގިނަ

  17. އުމަރު

    މިސަރުކާރަކީ ވަރަށް ފިނޑި ދޯހަޅި ސަރުކާރެއް، ނަގަންވީ ވަގުތު ޑެސިޝަނެއް ނުނެގޭ، ކުރަންވީ ޥަގުތު ކަމެއް ނުކުރެވޭ..

  18. ވާގޮނުސްކޮ

    އަދިވެސް ބޯޑަރު ހުޅުވާގެން އަނގަޗޭކޮޑްގެން ތިބޭ!!! ވޭރިއަންޓް ތައްގިނަކޮށް ރައްޔިތުން ހަނާއަރުވާގެން ރައްޔިތުންއަތުގަ ލޯލާރިއެއް އޮތަސް އެވެސް ދަމާގަނެވޭތޯބަލާ!!! ކަމެއްއޮތިއްޔާ ރައްޔިތުން ބޮލުގަ އަޅުވާފަ ޓެކްސް ފައިސާއިން ބޮޑެތިމުސާރަނަގާ ބޮޑެތިމަގާމްތައް ހަދާ ބޮޑުންގެ
    ޖީބުތައް ފުރާބަރުކުރޭ!!! މިވަރު ވެރިކަމެއް ނުދެކެން
    ނުވަންޏާއިދްތިއުފާދީބަލަ!!! ބޮޑުބަލާ މުސީބާތެއް.