ކޮވިޑް-19 ބަލީގައި އިއްޔެ ނިޔާވި މީހާ ވަޅުލައި ނިންމާފައި، ޖަމާއަތްތެރިޔާ އަހުމަދު މުނައްވަރު އޮފީސް ބަޔަށް ވަދެ، ފުރަތަމަ ވެސް ބޭލީ ލައިގެން ހުރި ކޯޓާއި ފޭސް ޝީލްޑް ފަދަ ބަލިން ރައްކާތެރިކުރުމަށް އަޅާފައިވާ ސާމާނެވެ. ކޯޓުގެ އެތެރެއިން ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެކެވެ. އަރައިގެން ހުރީ ގަން ބޫޓަކަށެވެ. ހުޅުމާލެ ސަހަރާގައި ހުރި މުނައްވަރު ފުރަތަމަ ވެސް ކައިރިއަށް އައިސް ހަމަނޭވާއެއް ލާފައި ހަމަޖެހިލިއެވެ. އެއީ މެންދުރުގެ އެންމެ އަވި ގަދަ ގަޑިއެވެ. މުނައްވަރު ހުރީ ގައިން ފޭބި ދަލުން ފޯވެފައެވެ. ހަމަޖެހިލާފައި ފުރަތަމަ ވެސް ޓީޝާޓުން ދާތައް ފެލާލީއެވެ.
ޖަމާއަތްތެރިކަމަކީ މުނައްވަރަށް އާ ކަމެއް ނޫނެވެ. ސޯޅަ އަހަރު ދުވަހު އެކަމުގައި އުޅުނު އިރު ވެސް ވަރުބަލި ކަމަކަށް ނުދައްކައެވެ. ރާއްޖެ އަށް އެރި އެންމެ ވަރުގަދަ ކޮވިޑް މި ރާޅުގައި އެތައް ބައެއްގެ ފުރާނަ ވަކިވެގެންދާ މި ދުވަސްވަރު، މުނައްވަރުގެ ގެއަކަށް ހުޅުމާލެ "ސަހަރާ" ހަދައިފިއެވެ. އެތަނުގައި ހުންނަ ކޮޓަރިއެއްގައި މެއި އަށް ވަނަ ދުވަހުން ފެށިގެން އޭނާގެ ދިރިއުޅުން ވަނީ ބަދަލުކޮށްފައެވެ. ކައި ބޮއެ ހަދަނީ ވެސް އެ ތަނުގައެވެ. ގާތްގަނޑަކަށް 36 ގަޑިއިރު "އަރާމް" ނުކޮށް ކުރި މަސައްކަތަކީ އިހަކަށް ދުވަހު ތަޖުރިބާކާރު ކުރަން ޖެހުނު ކަމެކެވެ.
މާލޭގެ އާ ސަހަރާގައި މަސައްކަތްކުރަމުން އައި މުނައްވަރު "ކައްވަޅު ކޮންނަން" ފެށީ ގަލޮޅު މަދަރުސާ އިން އޯލެވެލް ނިންމާފައެވެ. ކަށްވަޅު ކޮންނަ މީހެއްގެ މަސްއޫލިއްޔަތު އޭނާ އުފުލީ އެންމެ ހަ މަސް ދުވަސް ވަންދެނެވެ. އޭގެ ފަހުން ހަ މަސް ދުވަހުގެ ކޯހެއް ފުރިހަމަކޮށް، މީހުން ހިނެވުމުގެ ޒިންމާއާ ހަވާލުވިއެވެ. އޭރުއްސުރެ މިހާރު ވެސް އޭނާގެ މަސްއޫލިއްޔަތަކީ ބޮޑަށް މީހުން ހިނެވުމުގެ ޒިންމާއެވެ. ކަންނެތްކަމާއި ވަރުބަލިކަމެއް ނެތިއެވެ.
މިއަދު މުނައްވަރަކީ އެތައް ބައެއްގެ ލޯބި ލިބިފައިވާ ޒުވާނެކެވެ. އެންމެ ހިތްދަތި ވަގުތު އާންމުންގެ އެހީތެރިޔާއެވެ.
ރާއްޖެ އަށް މި މަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ވަރަށް ހިތްދަތި މަހެކެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑް ބަލީގައި 132 މީހަކު ނިޔާވެފައިވާ އިރު، މި މަހު ރިކޯޑު އަދަދަކަށް މީހުން ނިޔާވެފައިވެއެވެ. އެގޮތުން 59 މީހުން ވަނީ ނިޔާވެފައެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހަށް ބަލާއިރު ކޮންމެ ދުވަހަކު އެވްރެޖްކޮށް ތިން މީހުން މަރުވެއެވެ. އަދި ބައެއް ދުވަސް ދުވަހު، ހަތަރު މީހުންނާއި ފަސް މީހުން ވެސް ނިޔާވެފައިވެއެވެ.
ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް އާދަޔާ ހިލާފަށް ގިނަވެފައިވާ މި ދަނޑިވަޅުގައި މުނައްވަރާއި ނުވަ ބައިވެރިންގެ ޓީމަށް ރަނގަޅަށް އަރާމްކޮށްލަން ވެސް ވަގުތެއް ނުލިބެއެވެ. ކޮވިޑް ބަލީގައި މީހަކު ނިޔާވާ ހަބަރު ލިބޭ އިރަށް ޖެހެނީ މަސައްކަތް ފަށާށެވެ. ރޭގަނޑެއް، ދަންވަރެއް، ފަތިހެއް އަދި ވިއްސާރަ އާއި ގަދަ އަތްވަކަށް އެ ހިދުމަތްތެރިން މިއަދު ނުބަލައެވެ. ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ގިނަ ކަމުން މިހާރު ހުންނަނީ ވަޅުތައް ދުރާލައި ކޮނެފައެވެ. ހުޅުމާލެ ސަހަރާގެ ޖާގަ ތަނަވަސްކަމުން، ޖާގައިގެ ދަތިކަމެއް އަދި އިހްސާސް ކުރަން ނުޖެހެއެވެ.
"އަޅުގަނޑުމެން އާންމުކޮށް މިހާރު ހަތަރު ވަޅު ކޮނެފައި ބައިންދަނީ. ހުސް ވަގުތެއް ލިބޭ އިރަށް ކުރާ ކަމަކީ އެއީ. މިހާރު އެކަމަކު އެއް ވަޅު ބާކީ އޮތީ. އިތުރު ވަޅުތައް ކޮންނަން ޖެހިފައި އެ ހުރީ،" ސަހަރާގައި ހުރެ މުނައްވަރުގެ ވާހަކަތައް ފެށިއެވެ.
ސަންދޯއް ހުންނަނީ "ފޫ އަޅައި ބަންދުކޮށްފައި"
ނުރައްކާތެރި ކޮވިޑް-19 ރޯގާ އައުމުގެ ކުރިން، އެކިއެކި ބަލިތަކުގައި ނުވަތަ އެ ނޫން ވެސް ކަންކަމުގައި ނިޔާވާ މީހުން ވަޅުލުމަށް ބޭނުން ކުރަނީ ތިން ފިލައަކުން ގުޅުވާލާއިގެން ހަދާފައިވާ ސަންދޯކަކުންނެވެ. އެކަމަކު، ކޮވިޑް-19 ގައި ނިޔާވާ މީހުންގެ ސަންދޯއް ވަރަށް ތަފާތެވެ. ކޮވިޑް-19 ގައި ނިޔާވާ މީހުންލުމަށް ސަންދޯއް ހުންނަނީ "ފޫ އަޅައި" ބަންދުކޮށްފައެވެ. މާނައަކީ ކުރިން ސަންދޯކުގައި ތިން ފިލައެއް ބޭނުން ކުރިޔަސް، މިހާރު ބޭނުން ކުރަން ޖެހޭނީ ހަތަރު ފިލައެވެ. ކޮވިޑް-19 މަރުތަކަށް ހާއްސަކޮށް ޖަހާފައިވާ ސަންދޯއްތަކުގެ ފުލުގައި ފިލައެއް ޖަހައި ބަންދު ކުރާނެއެވެ.
އަދި ހިންމިތަކަށް ސިލިކޯން އަޅައި ލީކް ނުވާ ވަރު ކުރެއެވެ.
ސަންދޯކަށް މައްޔިތާ ލަނީ ބޮޑީ ބޭގަކަށްލުމަށްފަހުއެވެ. އެހެންވެ، އެހެން ސަންދޯއްތަކާ ހިލާފަށް މި ސަންދޯއްތައް ބޮޑެވެ.
ކޮވިޑުގައި މަރުވާ މީހުން މާގިނައިރު ބޭއްވެން ނޯންނާތީވެ، މައްޔިތާ ސަހަރާ އަށް ގެނައުމާ އެކު މަސައްކަތް ފަށައި، ވީ އެންމެ އަވަހަކަށް ވަޅުލުމުގެ ކަންކަން ކުރުމަކީ މުނައްވަރުއާ ހަވާލު ކުރެވިފައި އޮތް ޒިންމާއެވެ. ވަޅުލުމުގެ ކަންކަން ކުރާ އިރު، މުނައްވަރާއި އޭނާގެ ޓީމުން އުޅެން ޖެހެނީ ވާރޭކޯޓު ލައި، އަތަށް އަންގި ލައްވައި އަނގަމަތީ މާސްކު އަޅައި އަދި އޭގެ މަތިން ފޭސް ޝީލްޑެއް އަޅުވައިގެންނެވެ.
ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ މޫނު ބެލުމުގެ ކަންކަން މާ ގިނަ އިރަކު ނޯވެއެވެ. އާއިލާގެ ހުރިހާ މެމްބަރުން މޫނު ބަލައި ނިމިއްޖެ ނަމަ، ވަޅުލުމުގެ އިންތިޒާމުތައް ވީހާވެސް އަވަހަށް ހަމަޖައްސައެވެ. އަދި ވެލި ބޭނުންކޮށްގެން ތަޔައްމަމް ކުރުމަށް ފަހު، ބޮޑީ ބޭގް ސަންދޯކަށް ލައި މަތި ޖަހައެވެ. އެ މަންޒަރު އާއިލާގެ އެއްވެސް މެމްބަރަކަށް ނުދައްކާނެއެވެ. ސަންދޯއް ނެރެގެން ކަށު ނަމާދު ކުރަންދާ އިރު ވެސް ސަންދޯކުގައި ހިފުމަށް އާއިލާގެ މެމްބަރަކަށް ފުރުސަތެއް ނުދޭނެއެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ކަށު ނަމާދު ކުރަން މައްޔިތާ މިސްކިތް ތެރެއަކަށް ނުވައްދާނެއެވެ. ކަށު ނަމާދު ކުރާނީ މިސްކިތް ކައިރީގައި ހިޔާކޮށްފައި އޮންނަ ބައިގައެވެ. ކަށު ނަމާދު ކުރާ އިރު ވެސް ކުރީގައި ތިބޭނީ ޖަމާއަތްތެރިންނެވެ. އޭގެ ފަހަތުގައި އާއިލާގެ މެމްބަރުންނާއި އެހެނިހެން މީހުންނެވެ.
ކަށުނަމާދުކޮށްގެން ވަޅު ކައިރިއަށް ގެންދާ އިރު ވެސް ސަންދޯކުގައި ހިފަހައްޓައިގެން ތިބޭނީ ޖަމާއަތްތެރިންނެވެ. ސަންދޯއް ހިފައިގެންދާ އިރު ކުރީގައި އަބަދުހެން މުނައްވަރު ހުންނާނެއެވެ. ވަޅަށް ތިރިކޮށް، ވަޅުލުމުގެ ކަންކަން ނިމެންދެން އިސް މީހަކަށް ހުންނަ މީހަކީ ވެސް މުނައްވަރެވެ. ވަޅުލުމުގެ ކަންކަން ނިމުމުން، ކޯޓާ ހުރިހާ އެއްޗެއް ބާލައި ޑިސްއިންފެކްޓް ނޫނީ ދޮވެފައި ނޫނީ ދެ ވަނަ ފަހަރަށް ބޭނުމެއް ވެސް ނުކުރެއެވެ.
ހދ. ކުޅުދުއްފުއްޓަށް އުފަން މުނައްވަރު 36، "ވަގުތަށް" ބުނީ މިހާރު އެންމެ ބޮޑު ބުރައެއް އުފުލަން ޖެހިފައި ވަނީ ވަރަށް އަވަސް އަވަހަށް ކޮވިޑްގައި ނިޔާވާ މީހުން ސަހަރާ އަށް ވަޅުލާން ގެންނަމުންދާތީ ކަމަށެވެ. މީގެކުރިން، ހަ މީހުން މަސައްކަތު މީހުންގެ ގޮތުގައި އުޅުނު ނަމަވެސް މިހާރު އެ އަދަދު ވަނީ ނުވައަކަށް އިތުރުކޮށްފައެވެ. އިތުރު ބަޔަކު މިކަމުގައި ބައިވެރި ކުރަން ޖެހުނީ މުނައްވަރު ބުނި ގޮތުގައި "ބާރު ބޮޑު" ވެގެންނެވެ.
ސަހަރާ އިން ފެންނަނީ ވަރަށް ހިތްދަތި މަންޒަރެއް!
ކޮވިޑް-19 ބަލީގައި ނިޔާވި 100 އަށް ވުރެ ގިނަ މީހުންގެ އާއިލާތަކާ މުނައްވަރާ ހުރީ ބައްދަލުވެފައެވެ. ސަހަރާ އަށް އަންނަ ކޮންމެ މީހެއްގެ އިހްސާސްތައް އެންމެ ރަނގަޅަށް ފެންނާނެ އެކަކަށް މުނައްވަރު ވާނެއެވެ. އާއިލާގެ މެމްބަރުން ސަހަރާ އަށް އައިސް އެ ބާލާ ކަރުނަތައް އަސަރާ އެކީގައި ބަލަން ފެން ކަޅިވެފައި ހުރި އެކަކަކީ މިއަދު މުނައްވަރެވެ. ރާއްޖޭން މަރުވި ގިނަ މީހުންގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިޔަ މީހާ ކިޔައި ދިން ގޮތުގައި ކޮވިޑުގައި ނިޔާވާ ގިނަ މީހުންގެ ފުރާނަ ނެތް މަސްގަނޑު އާއިލާ އަށް ފެންނަނީ، އެ މީހަކާ ބައްދަލުނުވެ އެތައް ދުވަހެއް ވެފައި ހުއްޓައި ސަހަރާއިންނެވެ. އެހެންވެ އެ ނިޔާވާ މީހުންގެ އާއިލާގެ މެމްބަރުން ކުރާ ހިތާމަ މާ ބޮޑު ކަމަށް އޭނާ ބުންޏެވެ.
"ގިނަ މީހުން ކޮވިޑް ޖެހިގެން ފެސިލިޓީ އަށް މި ގެންދަނީ. ގެންދާ ފަހުން ނުއެއް ފެނޭ. ނުފެނި ހުރެފައި މަރުވެެގެން ހަށިގަނޑު ސަހަރާ އަށް ގެނައީމަ އެވާ އިހްސާސް އަޅުގަނޑަށް ފެނޭ. އާއިލާގެ މެމްބަރުން ވަރަށް ބޮޑަށް ރޮއެ ހަދާނެ،" މުނައްވަރު ކިޔައި ދިނެވެ.
"އެ މަންޒަރަކީ މާލެ އިން ފެނުނު މަންޒަރާ ބަލާ އިރު ތަފާތު ބަލަން އުނދަގޫ މަންޒަރެއް،"
ކޮވިޑްގައި ނިޔާވާ މީހުންގެ ޖަނާޒާތައް ކުރިން ފާހަގަ ކުރިހެން ތަފާތެވެ. މައްޔިތާ ބޮޑީ ބޭގެއްގައި ސަހަރާ އަށް ގެނެސް މޫނު ބެލުމުގެ ކަންކަން ކުރިއަށް ގެންދާ އިރު، އެކަށީގެންވާ ކައިރި ހިސާބެއްގައި ތިބެ، މޫނު ބެލުމުގެ ފުރުސަތު މިހާރު ވަނީ ދީފައެވެ. މޫނުބަލާއިރު އެއްވެސް މީހަކަށް މައްޔިތާގެ ހަށިގަނޑުގައި އަތެއް ނުލެވޭނެއެވެ. ހިނެވުމުގެ ބަދަލުގައި ތަޔައްމަމް ކުރާ އިރު މައްޔިތާގެ ހަށިގަނޑުގައި ހިރަފުސް ވެލިން ހާކާލުމަށް ފަހު ބޮޑީބޭގުގެ ބޭރުން ކަފުނަށް ލުމަށް ފަހު ސަންދޯކަށް ލައި ވަޅުލަނީއެވެ.
ކޮވިޑުގެ ސަބަބުން މިދިޔަ އަހަރު އަންހެނުންނާއި ހަތަރު ކުދިން ރަށަށް ބަދަލުކޮށްފައިވާ މުނައްވަރު ބުނި ގޮތުގައި މިއީ މަސައްކަތަށް ވުރެ ބޮޑަށް ސިކުނޑިއަށް ބުރަ، ހާސްކަން ބޮޑު ކަމެކެވެ. އަދި ކުރާ މަސައްކަތަށް ވުރެ ހަށިގަނޑަށް ލިބޭ ބުރަ މާ ބޮޑު ކަމަށް އޭނާ ބުންޏެވެ.
މުނައްވަރަށް މި ފަހުން އެންމެ ބޮޑު ބުރައެއް އުފުލަން ޖެހުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އެއީ ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވި ދުވަހެވެ. އެ ދުވަހު އެކަނި ވެސް މި ބަލީގައި ހަތް މީހަކު ވަނީ ނިޔާވެފައެވެ. މުނައްވަރު ބުނީ އެ ދުވަހު މަސައްކަތް ކުރަން ޖެހުނީ "ލޮލު ފިޔައެއް" ވެސް ނުޖަހާ ކަމަށެވެ.
"އެ ވާ ގޮތަކީ މީހަކު މަރުވެގެން ނުގެނެ ލަސްވިޔަސް އަޅުގަނޑުމެން ތިބެން ޖެހޭނީ ސްޓޭންޑް ބައިގައި" މުނައްވަރު ބުންޏެވެ.
މުނައްވަރެކޭ އެއްގޮތަށް ހުރިހާ ދިވެހިންގެ ހެޔޮ ދުއާއަކީ ކޮވިޑްގެ ވޭދަނަތައް ދަށްވެ، ބަލީގައި ނިޔާވާ މީހުން ހުއްޓުމަކަށް އައުމެވެ. 24 ގަޑިއިރުތެރޭ ހަތް މީހުން ވަޅުލާން ޖެހުނު ހިތާމަވެރި ދުވަސް ދެކެން ދެ ވަނަ ފަހަރަށް މުނައްވަރު ބޭނުމެއް ނުވެއެވެ. އޭނާގެ އެދުމަކީ ހުރިހާ އެންމެން ވެސް ފަރުދީ ޒިންމާ އަދާކުރުމެވެ. މޫނު ބަލަން އަންނަ މީހުން ވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމެވެ.
އާއިލާގެ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ތިބި މީހުން މޫނު ބަލަން އައި ކަމުގައި ވިޔަސް، ފައްސި ނުވާ މީހުންނާ ކައިރިނުވުމަކީ މުނައްވަރުގެ އެދުމެކެވެ. އެހެން ނޫން ނަމަ، ނުރައްކަލަށް ހުށަހެޅެނީ މުނައްވަރާއި މޫނު ބަލަން ގޮސް ތިބި އެހެން މީހުންނެވެ.
މިސަރުކާރުން ވަރަށްދުރާލާ ކޮވިޑަށް ތައްޔާރުވި ، މާނަޔަކީ ކޮވިޑު ބަލިމަޑުކަމުގައި ލިބޭ އެހީން ވަށްކަންކުރަން ، ރައްޔިތުން އަތްދޮންނަން ގޭގަ ބައިތިއްބާފަ ވެރިމީހަ ދައުލަތުގެ ހަޒާނާ ދޮވެލަން ، ފިނޭންސް މިނިސްޓަރ ގައުމުގެ ހަރުމުދާތަށް މޯގޭޖުކޮށް ބިލިޔަން ބިލިޔަން ޑޮލަރ ހޯދާ އެހުރިހާ ޑޮލަރ ފެންފޮދެއް ސައިބޯނި ކޮޅެއްނުލާ ދޮވެ ދިރުވާލުން ފަސްމާމުލު ފަސްވަގުން ގައުމު ދަވާލައިފި
ހަމަ ކޮންމެ ކަމެއް ސަރުކާރުގަ ނުޖައްސަބަލަ
ﷲ ގެ ކުޅަދުންވަންތަކަން ގަބޫލް ނުކުރަނީތަ
ﷲ އޭ ފުރާނަ ގެންދަވަނީ
މިއައްވުރެން ބޮޑެތި ގައުމު ތަކުގަވެސް ކިތައްމީހުން އެމަރުވާނީ
ބުނާބަސް އަހާ މީހަކުވެސް މިތާގަ ނޫޅެ
ސާބަހޭ މުނައްވަރު.ތިޔަ ފަދަ ޒުވާނަކު ރާއްޖެއިން ނުފެންނާނެ ކުރިއަށް އޮތް 20 އަހަރުވެސް.ތިޔަކުރާ ހިތްވަރު އެއީ ގައުމުގެ އެންމެ މަތީ ޝަރަފު ހައްގު ގުރުބާނީއެއް.ވަޅު ކޮންނަން ތިބި މީހުން އަތަށް އަންގިއެއް ވެސް ނުލައްވާ އަދި ހުސްފައިގަ ވަޅުތެރޭގަ އުޅޭ އުޅުން އިސްލާހްކޮށްލުން އެއީ ރަނގަޅު ކަމެއް ކަމުގަ ދެކެން.ވ.ވެދުން
މުޅި ޤައުމު ލޮކްޑައުން ނުކޮށް މިޤައުމު ދެން ސަލާމަތެއެް ނުކުރެވޭނެ. ހުރިހާ ރައްތަކަށްވެސް މިބަލީގައި އެހީވާން ޑޮކްޓަރު ނަރުހުން އަދި އެހެނިހެން ކަންކަމަށް ބޭނުންވާމީހުން އަވަހަށް ފޮނުވާދީ ޤައުމު ލޮކްޑައުން ކުރޭ ކިތައްމެ ނަސޭހަތެއް ދިނަސް މިޅޮސް ކޮހަށް އެކައްޗެއްވެސް ނޭގޭނެ. ހަމަ ގަސްތުގައި މިކަން ކޮންޓްރޯލް ކުރެވެން އޮއްވާ އިންޑިޔާ މީހުން ގެނެސްގެން އިންޑިޔާއަށްވުރެ ބޮޑަ ކޮވިޑް ފަތުރާލީ މިކަމުގެ ހިތި ފެންނާނެ މަރުގެ ކޮވިޑްގައި ނިޔާވާ މީހުންގެ އާއިލާތަކަށް މަރުގެ ދިޔަ އިބޫ ދޭން ޖެހޭނެ މީ ހަމަ ގަސްތުގައި ކުރިކަމެއް
އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރިމީހަކު ތިގޮތަށް ވާހަކަ ނުދައްކާނެ. ސިޔާސީވިއަސް ތީ ބޮޑުވަރު
ޤައުމު މިއޮތްގެން ނުރައްކާތެރި ކަމުގެ އެލާމް އަޅާ އަޅާ ނިމެނީ މީހުން މަރުވުން ގިނަވަނީ ކޮންޓްރޯލް ގެއްލިއްޖެ. ސަހަރޯ މިއިބޫ އަމިލްޔަށް ބަލި ޤަބޫލް ނުކުރާނެ ޕާޓީ އަކުން ނޫން ރައްޔިތުން ނިކުމެ މީނާ ބާލަންވީ މިގޮތަށް ރައްޔިތުން ލައްވާ ހަދުވަން މީނާ މިމަޑުކުރަނީ ދުނިޔޭގެ މީހުން ކުރިމަތީގައި އެއިރުން މީނަޔަށް ނުވެގެން ނިކުރެވިގެން ވެރިކަން ދޫކޮށްލީ ކަމަކަށް ނުވާނެނޫންތޯ! މީ ބޮޑު ބީތާއެއްތަ މިޤައުމު މިއޮތް ބިރުވެރިކަމަށް ވައްޓާލީ އެގިހުރެގެން ގަސްތުގައި.
ޝިރޯމެން އަދި ޅައީ. ތީ ވަރަށް ދަށުދަރަޖައިގެ މީހުން ދައްކާ ކަހަލަ ވާހަކަ. ބަލަ މީހުން ބަލިވުމާއި މަރުވުން އެއީ އިލާހީ ގާނޫގަ ވާކަންކަން. ޢެ ކިތަންމެ ވަރަކަށް ބަދަލު ކުރަން އުޅުނަސް ނުކުރެވޭނެ. ޢެއީ ގައުމުގަ ޢޭރަކުހުންނަ ވެރިއަކު ކުރާކަމެއްނޫން. ޥެރިމީހާ އެއޮތީ ކަލޭމެން މިހާލަތުގަ ކަންކުރަންވީގޮތް ބުނެދީފަ. ޢެގޮތަށް އަމަލު ކުރެވޭތޯ ބަލާބަލަ ހަޅޭއް ނުލަވާ. ގައުމުގެ ވެރިމީހާ ޖެހޭނެ ރައްޔަތުން ބަނޑަށް ނުޖައްސާވޭތޯވެސް ބަލަން. ކަލޭމެން ކަހަލަ މުއްސަނދި ތަނަވަސް މީހުންނަށް ލޮކްޑައުން ކޮށްގެން އުޅެވުނަސް ގިނަ ދިވެހި ރައްޔަތުންނަށް ލޮކްޑައުން ކޮށްގެން އަނގަޔާ އަތާ ދިމާނުވޭ. މީވެސް ވެރިމީހާ ވިސްނަންޖެހޭ ކަންކަން.
އަޖައިބެއް. މީގެ ކުރިން ދުވާލަކު މީހަކު މަރުނުވަނީތަ؟
ދެއަހަރުތެރޭ 100 މީހުންގެ މަރުގެ ރިޕޯޓު ކުރަން ޖެހުނު މީހާ ލިޔެ ލިޔެ އިގިލި ފާވެގެން ހަދާނެ ގޮތެއް ނެތިފަޔޯ. 02 އަހަރު ތެރޭ 100 މީހުން ވަޅުލަން ޖެހިގެން ތަން ހުސްވެ، ވަޅުލަން ތިބި މީހުން ބުރާންތިވެ، މޮޔަވަނިއްޔޯ. ސިކުޑިއެއް ހުރިމީހަކު މިކަހަލަ ދެއުޅި އެއްނުވާ އެއްޗެހި ލިޔެފަ ހުންނަ ތަން ފެނުނީމަ މޮޔަވާނީ.
ތިހިރީ ހަމަ ރަގަޅަށް މޮޔަވެފަ. މި ދައްކަނީ ދެ އަހަރުގެ ވާހަކައެއް ނޫން. މި ދައްކަނީ މިމަހު މިހާތަނަށް 60 އަށްވުރެ ގިނަ މަރު ވީވާހަކަ. މިއަދު އެކަނި މިހާތަނަށް 8 މަރު ވީ ވާހަކަ. ދޭބަލަ 8 ވަޅު ކޮނެ 8 ޤަބުރު ވަޅުލަން ބުރާންތި ނުވޭތޯ.
މުނައްވަރުގެ މަސައްކަތަށް ހަމަ ސާބަހާއި ޝުކުރިއްޔާ! ތި މަސައްކަތުގައި ކީރިތި ﷲ ބަރަކާތްލައްވައި މި ބަލިމަޑުކަމުން އަޅަމެންނާއި މުޖުތަމަޢު އަދި ދުނިޔެ ސަލާމަތް ކުރައްވާށި! އާމީން.
ވައްކަމަކަށް ފަހު ވައްކަމެއް، ރައްޔިތުން ދާ އޮހޮރުމުގަ!*
މުނައްވަރު ފަދަ ހިތްވަރު ގަދަ ޒުވާނަކު ތިތާގަ ހުރި ކަމަށްޓަކައިވެސް އުފާކުރަން. ޢަޅުގަޑު މިއަހަރު އެންމެ ފަހުން އ.ޖަމާޢަތްތެރިއަކަށް ޢިއުލާން ކުރުމުން އެކަމަށް އެދުނިން، ތައުލީމީ ޝަރުތު ހަމަވިޔަސް ތަޖުރިބާ ނެތުމާއި އިންޓަވިއުންދަށުން މާކްސް ލިބިގެންނުހޮވުނު. އޭ2 ފޯމް ގައިވާގޮތުން ހޮވުނީ އެދުނު އެންމެންގެ ތެރެއިން އެންމެ ދުވަސްވެފައިވާ، ވަޤުތީ ގޮތުން އެތާ އޭރުވެސް އުޅޭ 60 އަހަރު ވެފައިވާ ކުރީގެ މެމްބަރެއްގެ މަންމަ، ޑިގުރީ ފެންވަރު ކުދިންވެސް ތިބި، އިންޓަވިއު އަކީ މިހާރު މީހުން ވަޒީފާއަށް ނެގުމުގައި އެންމެ މަކަރުވެރި ހަތިޔާރު
ވާރޭކޯޓު! ކޮންކަހަލަ ނޫސްވެރިކަމެއް!