ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި އެކީ ސިއްހީ މާހިރުންނާއި އާއްމުން ގޮވާލަމުން އައީ ބޮޑުވަރު ނުވަނީސް ފިޔަވަޅު އެޅުމަށެވެ. އެއީ ބަލީގެ ނުރައްކާ ރާއްޖެއަށް އޮތްކަން އެނގި، ބަލި ހަލުވި ކަމާއި އެކީ ފެތުރެން ފަށައިފިނަމަ، ފަރުވާ ދެވޭނެ އިންތިޒާމު ރާއްޖޭގައި ނެތްކަން އެނގުމުންނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ބަލި އިތުރުވާން ފެށުމާއި އެކީ ސަރުކާރުން ވަނީ ކޮންމެ ވެސް ވަރަކަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެހެން ނަމަވެސް އެ ފިޔަވަޅުތަކަށް ނުގުޑާ ބަލި ޖެހޭ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުން ރާއްޖޭއަށް ވަނީ 'އަނދިރި' ދުވަސްތަކެއް ކުރިމަތިވެފައެވެ. ސަރުކާރުގެ ދޯހޮޅި ސިޔާސަތު ސަބަބުން އަތޮޅު ތެރޭގައި ވެސް ބަލީގެ ވޭދަނަތައް ވަނީ އިތުރުވެފައެވެ.

ފަހަކަށް އައިސް ރައްޔިތުން ކަންބޮޑުވެފައިވަނީ މީހުން ފައްސިވާތީ އެއް ނޫނެވެ. ފައްސިވުމުގެ އިތުރުން ބަލީގައި މަރުވާ މީހުންގެ ރޭޓު ވަނީ ބޮޑުތަނުން އިތުރުވެ، ބިރުވެރިކަން އުފެދިފައެވެ. ސިއްހީ މާހިރުން ވަރުބަލިވެ، އެނދުމަތިކުރާނެ ތަނެއް ނެތުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ރާއްޖޭގައި މިވަގުތު ވެސް ބަލި ޖެހިގެން 294 މީހަކަށް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 20 މީހަކަށް މިވަގުތު ވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 10 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ރާއްޖޭގައި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ މިއަހަރު ފެށުނު ފަހުންނެވެ. އެހެން ކަމުން ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މި އަދަދު އިތުރުވެފައިވަނީ އިންޑިއާއިން ފެނުނު ކޮވިޑްގެ ވައްތަރު ރާއްޖޭގައި އުޅޭތީއެވެ. އެއި ސިއްހީ މާހިރުން ގަބޫލު ކުރާ ގޮތުގައި ނުރައްކާތެރި ވައްތަރެކެވެ.

ރާއްޖޭއިން ބަލީގެ އާ ވައްތަރުތައް ފެނުނު ނަމަވެސް، އެއީ ކޮން ވައްތަރެއްތޯ ބެލޭނެ އިންތިޒާމެއް ހަމަ ޖެހިފައެއް ނުވެއެވެ. ދެފަހަރެއްގެ މަތިން ސަރުކާރާއި އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުން ވެސް ބުނެފައިވަނީ ޓެސްޓް ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ފަހުން އެ ޓެސްޓުތަކަށް ވީ ގޮތެއް ނޭނގެއެވެ.

ރާއްޖޭގައި 6 ސަރަހައްދެއްގައި ކޮވިޑް ބަލީގެ ބަލި މީހުންނަށް އެނދުމަތި ކޮށްގެން ފަރުވާ ދެމުން އެބަ ދެއެވެ. އޭގެ ތެރެއިން އެންމެ ނިިކަމެތި ހާލުގައި ތިބީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ތިބި މީހުން ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ ބަލި މީހުންނަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ފެސިލިޓީއެވެ.

އެތަނުން ފެންނަނީ ބިރުވެރި މަންޒަރެކެވެ.ފުރިފައި އޮތް ފެސިލިޓީގައި ބަލި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައި ވުމުން، އެކަށީގެންވާ ގޮތެއްގައި ފަރުވާ ދޭން ނަރުހުންނަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

"ނަރުހުން ދެކޮޅަށް ދުވާ މަންޒަރު ފެންނަނީ. މީހުން ގިނަވެ، އެންމެނަށް ފަރުވާ ދިނުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައިކަން ފެންނަ މަންޒަރުތަކުން އެނގޭ." އެތަނުގައި ހުރި މީހަކު "ވަގުތު" އަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެތަނުގައި ތިބޭ އުމުރުން ދުވަސްވީ މީހުންގެ ރުއިމުގެ އަޑު ނުކެނޑެއެވެ. އެއީ އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، އާއިލާތަކުގެ މީހުންނަށް އެމީހުން ނުފެނި ދުނިޔެއިން ވަކިވެގެން ގޮސްދާނެ ކަމަށް ވިސްނި އެކަމާއި ދެރަވެގެންނެވެ.

ބަލި މީހުންގެ ހާލަތާއި ކުރެވޭ ބޭހުގެ މައުލޫމާތު އާއިލާތަކާއި ހިއްސާ ނުކުރާ ކަމުގެ ޝަކުވާ އަކީ އިވޭ ޝަކުވާއެެވެ. ޝަކުވާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެފަދަ ފަރުވާގެ މައުލޫމާތު ހިއްސާ ނުކޮށް ހަމަ އެކަނި ނިޔާވުމުން އަންގާ މައްސަލައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ ދަނޑިވަޅެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއަދުގެ ބައްދަލުމުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް މާރިޔާ ސައީދު ވިދާޅުވީ، ބަލި މީހާގެ އާއިލާތަކަށް އެމީހާގެ ހާލަތު އަންގަން އެބޭފުޅުން ވެސް ބޭނުންފުޅު ވާ ކަމަށެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ނުކުރެވޭ ކަމަށް މާރިޔާ ވަނީ ގަބޫލު ކުރައްވާފައެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ފެސިލިޓީގައި އެކަނި ބަލި މީހަކު ބާއްވާފައި އޮންނައިރު، އާއިލާތަކުގެ ކަންބޮޑުވުންތައް އޮންނާނެއެވެ. އެހެން ނަމަވެސް މައުލޫމާތު ނުދެވިގެން ދަނީ އެމައުލޫމާތަށްވުރެ ބަލި މީހުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް މުހިންމު ސަމާލުކަމެއް ދެވިގެންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ބަލި މީހުންނަށް އަޅާލާފައި އާއިލާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނަގާ ވަގުތާއި އެކަން ކުރަން އެވަގުތު ނުލިބޭތީ ކްލިނިކަލް ފަރުވާ ކުރަން ތިބޭ މީހުންނަށް އެކަން ނުކުރެވިގެން މިހާރު މިދަނީ. އެއްގޮތަކަށް ވެސް ނުދޭކަށް ނޫން" މާރިޔާ ވިދާޅުވިއެވެ.

އެފަދަ ހާލަތަށް ކަން ގޮސްފައިވާއިރު ވެސް އާއިލީ ބޭފުޅަކަށް ބަލި މީހާގެ ކައިރީގައި ހާލު ކައިރިން ބެލުމަށް ބެހެއްޓޭނެ ގޮތެއް ނެތެވެ. ނުރައްކާތެރި ބައްޔެއް ކަމަށް ބުނެ ދެން ބުނަނީ އެތަނުގައި ޖާގަ ގެއްލޭނީ ކަމަށެވެ.

ބަލި މީހާގެ ހާލަތު އާއިލާތަކަށް އަންގަން ސަރުކާރުން ނުކުޅެދުންތެރިވުމާއި އެކީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަސް ވަނީ އަމާޒުވެފައެވެ. އެހެން ަނަމަވެސް އެ ފާޑުކިޔުންތައް ބަލައިގަނެ އެކަންކަން ސަރުކާރުން ރަނގަޅު ކުރަން އުޅޭތޯ އެއީ އުފެދޭ ސުވާލެކެވެ.

ރާއްޖެއިން މިހާތަނަށް 55،924 މީހަކަށް ބަލި ޖެހިފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 23،464 މީހަކަށެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 137 މީހަކު ނިޔާވެފައިވާއިރު، މިހާ ގިނަބަޔަކު ނިޔާވަމުން ދަނީ ފަރުވާ ނުވެވިގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ރާއްޖެއިން މިހާތަނަށް 137 މީހަކު ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 122 ދިވެހިންނާއި 15 ބިދޭސީންނެވެ. މިމަހުގެ ތެރޭގައި ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު މިޙާރު ވަނީ 62 އަށް އަރާފައެވެ. މިއަހަރަށް ބަލާނަމަ މަރުގެ އަދަދު ވަނީ 80 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ސަމާ މާލެ

  ކޮންކަހަލަ ފަރުވާ އެއްތޯ، މަރުވާ ފަރުވާ ތޯ.

  30
  5
 2. ކޮށިކޮށި

  ގައުމުގެ ހުރިހާ ތަނެއްގައި ކޮށީގެއިން ގެންގޮސް ކޮށިގަނޑު ޖެހީމާ ވާނީ ތިހެން.

  17
  1
 3. ރައްޔިތުން

  މީ ފަތިސްހަނދުވަރުގެ ހެޔޮ ވެރިކަން

  22
  1
 4. ޙަސަނު

  އުމުރުން ދުވަސްވީމީހުން ކޮވިޑު ޖެހުނަސް އެތަންތަނަށް ނުފޮނުވަންވޫ. ޢެތަނަށް ފޮނިވިޔަސް ފަރުވާނުދެވި އަޅާނުލެވި ނިމިގެން އެދަނޫ. ގޭގައޮތިއްޔާ މާހިތްހަމަޖެހޭނެ. މަރުވާވަގުތު އާއިލީމީހުން ކާރީގަތިބޭނޫ

  23
  2
 5. ހ މ ޒ

  ވައްކަމަކަށް ފަހު ވައްކަމެއް، ރައްޔިތުން ދާ އޮހޮރުމުގަ

  19
  1
 6. ޙިތާމަ

  މިހާލަތުގަވެސް ސަރުކާރުގެ އެހީގައި ކިޔަވަމުންދާ އެތައް ނަރުހުންނަކާ އަލަށް ކިޔަވާ ނިމެން ކާރިވެފަ ތިބި މީހުން މުސާރަ ދީފަ ގޭގަ ނުބައިތިއްބާ މަޖުބޫރުކޮށްގެން ނެރުން ވަރަށް މުހިންމު ކީއްވެތޯ މިހާލަތުގަ އެމީހުނަށް މުސާރަ ދީފަ ގޭގަ ބައިތިއްބަންވީ.

  17
  1
 7. އެމަންޖެ

  ފެސިލިޓީތަކައް އެއްވެސް ބޭފުޅެއް ނުގެންދެވުން އެދެން މިދުވަސްކޮޅު ސަރުކާރު އޮތީ ފެއިލްވެފަ. ފެސިލިޓީގަ ނެތް ފަރުވާޔައް އެހީތެރި ވެވޭ ވަރައް ނަރުހެއް ޑޮކުޓަރެއް ، ސަރުކާރުގެ ބޭފުޅެއްވެއްޖާ ފައްސިވާ ވަގުތުން ދަރުމަވަންތަޔައް އެ ހެޔޮ އަލާމާތެއް ނުފެނުނަސް.

  16
  1
 8. ޖާބެ

  ގެއިން ކޮވިޑް ފެސިލިޓީއިން ސަހަރާއައް

  10
  1
 9. ެއިއްސޭ

  ކޮބާތަ ނަސީމުމެން ގެންގުޅޭ ޓާގެޓް އަކީ ކިހާވަރަކައް މީހުން މަ ރާފަތޯ ރަނގަޅައް ތިކަމައް ވިސްނަނީ މިދުވަސްކޮޅު ތިޔަ ފާޑުފާދު އެއްޗިހި ނުބައި ތަންކޮޅެއްވިސްނަބަލަ ނޫނީ އިސްތިއުފާ ދީފަ ހުޅިމާލެ ފެސިލިޓީއައް ދުރުވެ ގިނޑިއެއްގައި ނުކައިނުބޮއި 12 ގަޑި އިރު އިނދެލަބަލަ....

 10. ވަހީދުބެ

  ތިމާމެންވަރުގެ ބަޔަކުނެތިގެން ކަންކުރެވޭލެއްމޮޅުކަމުގެ ވާހަކަދެއްކި އަނގަތައް މިއަދުކޮބާ؟ މިބަލިމަޑުކަން ފެށުނުހިސާބުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ރަނގަޅުގޮތުގައި އެޅުނުނަމަ މިޙާލަތަކަށް ނުދިޔައީސް. އަދި ފަރުވާއެއް ދެވެންނެތް ބައްޔެއްކަން އެނގޭއިރު ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށްވުރެ ބޮޑަށް އިސްކަންދިނީ ކަންދެއްކުމާއި ތައްޔާރުވެފަތިބިލެއް މޮޅުކަމުގެ ވާހަކަދެއްކުމަށް.

 11. ެައަލިބެއްޔާ

  ތިތާ ތިބި އިންޑިއާ ނަރުހުން ބޭރުކޮށްފަ އެހެން ބަޔަކު ތިތަނަށް ލާބަލަ.. ހެޔޮ ނުވާނެ.. އެއްވެސް ފަރުވާތެރި ކަމެއް ތި މީހުންގެ ނުހުރޭ..

  1
  2
 12. މުއްތު

  ފިޔަވަޅެއް އަޅާފިއްޔާ ސަރުކާރުކަމަކުދޭ ފިޔަވަޅެއް ނައަޅާފިއްޔާވެސް ސަރުކާރުކަމަކުނުދޭ އިދި ކޮޅުން މުޒާހަރާކުރީ ސަރުކާރުބުނެގެންތޯ ނިހުރިހާ ކަމެއްކުރީ އިދިކޮޅުން މުޒާހަރާކުރުމުގެ ސަބަބުންނޫންތޯ

  4
  1