ރާއްޖެއިން ކޮވިޑް-19 ޖެހޭ އުމުރުން ދުވަސްވީ މީހުން އެކަނި ފެސިލިޓީތަކަށް ނުފޮނުވުމަށް ފަހަކަށް އައިސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެގޮތަށް ގޮވާލަމުން އަންނަނީ ބަލީގައި ގިނަ އަދަދެއްގެ ބަޔަކު ނިޔާވަމުން އަންނާތީ ގިނަ ބައެއްގެ ކަންބޮޑުވުން އެކަމާއި ގުޅިގެން އޮތުމުންނެވެ.

ކޮވިޑް-19 ޖެހިގެން އެނދުމަތި ކުރެވޭ މީހުންގެ ކައިރީގައި އެހީތެރިއަކަށް ނުހުރެވެއެވެ. އެގޮތަށް ހަދާފައިވަނީ ބަލީގެ ނުރައްކާ އޮތުމުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ބަލި މީހުންގެ ކައިރީގައި ބައްޔަށް 'ފައްސި' ވެފައިވާ އެހީތެރިންނަށް ތިބެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އެފަދަ ގޮތަކަށް އުސޫލުތައް ހަދައި ބަލި މީހުންނަށް އަޅާނުލާ ވާހަކަ އަކީ ފަހަކަށް އައިސް ދެކެވޭ 'ދެރަ' ވާހަކައެކެވެ. މިފަދަ ވާހަކައެއް މީސްމީޑިއާގައި މީހަކު ވަނީ ހިއްސާ ކޮށްފައެވެ.

"އަލީ އާޒިމް" ނަމަކަށް ކިޔާ މީހަކު ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އޭނާ ކޮވިޑް ޖެހިގެން ހުޅުމާލޭ ފެސިލީޓީން 20 ދުވަސް ވަންދެން ފަރުވާ ހޯދި ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ. އެ ދުވަސްވަރަށް ބަލާއިރު، ޢާންމުގޮތެއްގައި އެތަނުގެ ޚިދުމަތްތައް ވަރަށް ރަނގަޅޭ ދަންނަވަން ޖެެހޭނެ ކަމަށާއި ނަމަވެސް، އެތަނުގައި ގިނައިން ޑިއުޓީގައި ތިއްބަވަނީ އިންޑިޔާ ނަރުހުންނާއި ބޭރު އެހެން ގައުމުތަކުގެ ޑޮކްޓަރުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބޭރުގެ ޑޮކްޓަރުން ތިބުމާއި އެކީ އުމުރުން ދުވަސްވީ، އިނގިރޭސި ނުވަތަ ހިންދީފަދަ ބަހެއް ނުދަންނަ، ފަރާތްތަކަށް އެތަނުގެ މާހައުލަކީ އެހާމެ ފަސޭހަ މާހައުލެއް ނޫން ކަމަށާއި ބަލިމީހާށް ވާގޮތް ދެނެގަނެ ބޭސް ފަރުވާއަށް ރިކުއެސްޓް ކުރާ ނަރުހުންނާއި ބަލި މީހާއާއި ދޭތެރޭ ރަނގަޅަށް މުޢާމަލާތް ނުކުރެވި ދޭންޖެހޭ އެކަށީގެންވާ ފަރުވާ ނުދެވިދާ އެތައް ޙާލަތެއް މެދުވެރިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑު އޮތީ ހަމައެކަނި ފިރިހެނުންނަށް ޚާޞަކޮށްފައިވާ ވޯޑެއްގައެވެ. އެތަނުގައި މުޅިންހެން ތިބީ އުމުރުން ދޮށީ މީހުންކަމުން ތަރުޖަމާނެއްގެ ދައުރު ވަރަށްގިނައިން އަޅުގަނޑުވެސް އަދާކުރަންޖެހެއެވެ. ބައެއް ފަހަރު ޖެހިގެން ހުންނަ އެދުގައިތިބޭ އުމުރުން ދޮށީ ބޭބެމެން ނަރުސް ނުވަތަ ޑޮކްޓަރު އައުމުން ނިދާފައި އޮތަސް އަޅުގަނޑު ހޭލައްވައެވެ." އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކާއެއްޗެހި ގެނައުމާއި ތަންސާފު ކުރުމުގެ ކަންކަން ކުރަނީ ބަންގްލަދޭޝް މީހުންގެ ގްރޫޕަކުންނެވެ. ޢާންމު ގޮތެއްގައި އެއްބާވަތެއްގެ ކާއެއްޗެހި ގެނަޔަސް، ކެއުން ގޯހޭ ދެންނެވުމަކީ އިންސާފެއް ނޫން ކަމަށާއި ނަމަވެސް ކާއެއްޗެހި ގެންނަ މީހުން އެހާ ފަރުވާތެރިއެކޭ ނުދަންނަވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކާ އެއްޗެހި ގެންނަ ގަޑީ ބަލިމީހާ އެނދުގައި ނެތުން ނުވަތަ ކާއެއްޗެހި ގެންނަ ގަޑީ ކާއެއްޗެހި ގެންނަ މީހާއަށް ސަމާލުކަން ނުދެވި، ބައެއް ފަރާތްތަކަށް ކާއެއްޗެހި ނުލިބިދާ ފަހަރު ގިނައެވެ. ނަަމަވެސް މިހެން ދިމާވާ ފަހަރު ނަރުހުންގެ ޖަގަހަޔަށް ގޮސް ދެންނެވުމުން އެމީހަކަށްވީ ޕާރސަލް ލިބެއެވެ." އޭނާ ބުންޏެވެ.

އަބަދު އެއްވައްތަރެއްގެ ކާ އެއްޗެހި ގެންނާތީއާއި ބައެއްކަހަލަ ރަހަތަށް ކަމުނުދާތީ ގެއިން ކާއެއްޗެހި ގެންނަ މީހުން ވަރަށް ގިނަ ކަމަށާއި ނަމަވެސް، އެ ތަކެތި ބަލިމީހާ ހަމައަށް ފޯރުކޮށް ދިނުމުގެ އިންތިޒާމްތައް އެހާ ރަނގަޅެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ގެއިން ފޮނުވި ޕާރސަލް ނުލިބިގެން ބައެއްފަހަރު ވަރަށް ގިނައިރު ތިބެންޖެހެއެވެ. އަދި ޕާރސަލް ނުލިބި ގެއްލޭ ފަހަރުވެސް އާދެއެވެ."

އޭނާ ބުނި ގޮތުގައި ހުޅުމާލެ ފެސިލިޓީއަކީ ވަރަށް ވެސް ބަންދުބޮޑު އެކަށީގެންވާ ވަޔާއި އަވި ލިބޭ ފަދައަކުން ފަރުމާކުރެވިފައިވާ ތަނެއް ނޫނެވެ. އެތަނުގައި ވަރަށް ވެސް ހާސްބޮޑެވެ. ކައިރީގައި ތިބޭ ބަލި މީހުންގެ ވޭނާއި ކެކުޅުމާއި އޮންލައިން ޚަބަރުތަކުން ލިބޭ މަޢުލޫމާތުން މީހާއަށް ހާސްކަމާއި ނަފްސާނީ ބަލި އިންތިހާޔަށް ބޮޑުވެއެވެ.

އެވާހަތައް ހިއްސާ ކުރަމުން އޭނާ ބުނީ ކޮރޯނާއިން އޭނާއަށް ވީވަރަށްވުރެ އެތަނަށް ގެންގޮސްގެން ނަފްސާނީ ގޮތުން ލިބުނު ގެއްލުން އެތައް ގުނައަކަށް ބޮޑުވި ކަމަށެވެ.

ފަރުވާ ހޯދި ދުވަސްވަރު ބޭބެއަކު ނިޔާވީ ނަމާދަށް ހުއްޓާ، ބިރުން ފިއްކަނޑައިގެން ދިޔަ!

އޭނާ ބުނީ، އޭނާ އެތަނުން ފަރުވާ ހޯދަމުން ދިޔަ ދުވަސްވަރު، އެވޯޑުގައި އޮތް މެދުއުމުރުގެ މީހަކު އެއްރޭ ނަމާދަށް ހުއްޓައި ވެއްޓި މަރުވި ކަމަށެވެ.

"ހަނދާންވާގޮތުގައި އެބޭބެއަށް 56 އަހަރެވެ. ބޭބެ ބަލާބެލުމަށް އުމުރަށްވުރެ މާސްމާޓެވެ. އެބޭބެ އާއި އެ ބޭބެގެ އަންހެނުންގެވެސް ތަރުޖަމާނަކީ އަޅުގަނޑެވެ. އެހެން، ކަމުން އެ ބޭބެ އާބެހޭ ގިނަވާހަކަތައް އަޅުގަނޑާ ޙިއްޞާކޮށް، ގާތް ގުޅުމެއް އުފެދުނެވެ." އޭނާ ބުންޏެވެ.

އެ ބޭބެ ކިޔައިދިން ގޮތުގައި ވިލިނގިލީގައި އުޅޭ ގެއިން ފެސިލިޓީއަށް ގެނައީ ކޮރޯނާ ޖެހުނުކަން އެންގިތާ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށާއި އެ ހަފްތާގައި ގޭގައި ހުއްޓާ ފިޓް ޖެހިގެން ފާހާނާއަށް ވެއްޓުނުކަމަށް ވެސް އެބޭބެ ބުނި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ގަދައަށް ހުންއައުމާއި ރޯގާގެ ސަބަބުން އެ ބޭބެ ގެނައި އިރުވެސް ވަރުދެރައެވެ. ބޭބެ ފެސިލިޓީއަށް ގެނެސް ފަރުވާދޭ ފެށުމުގެ ކަންކަން ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. ވަރަށްވެސް ދޯދިޔާ ކޮށެވެ. ކޮންމެއަކަސަް ބޭބެ ގެނެސް ދެތިން ދުވަސްތެރޭގައި ބޭބެ ނިޔާ ވެއްޖެއެވެ." އޭނާ ބުންޏެވެ.

އެ ބޭބެ ނިޔާވިރޭ ދަންވަރުވެސް "ހާސްވެގެން" ކަހަލަ ގޮތަކަށް ތެދުވެ އުޅުނު ކަމަށާއި ބޭބެ ނިޔާވީ ނަމަދުކުރާ ތަނަށް ގޮސް ހުއްޓައި ވެއްޓިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ބޭބެ ވެއްޓުނު ގަޑިއަކީ ފަތިސް ގަޑި ކަމުން އެތާންގައި އެކަށީގެންވާ ނަރުހުންނެއް ނެތް ކަމަށް އޭނާ ބުންޏެވެ. އަދި އަވަަސް ފަރުވާ ދިނުމަށް އެކަށީގެންވާ ވަގުތަށްވުރެ މާ ގިނައިރު ނެގި ކަމަށާއި އެބޭބެ ނިޔާވުމުން، މުޅި ފެސިލިޓީގައި ޖެހިގެން އައި ދެތިން ދުވަހު މުޅިން އޮތީ އެވާހަކަ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ މަރާގުޅިގެން މުޅި ފެސިލިޓީގައި ތިބި ބަލި މީހުންގެ ހާސްކަން އިންތިހާޔަށް ދިޔަކަން، ވާހަކަ ދައްކާލެވޭ ފަރާތްތަކުގެ ވާހަކައިން އެނގޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ އެންމެންނަށް ވުރެވެސް އޭނާގެ ހާސްކަން ބޮޑުވެ އިތުރުވިއެވެ. އެގޮތުން އުފެދުނު ބިރާއި އެކީ އެތަނަށް ނަމާދަށް ދާކަށް ވެސް އޭނާ އަށް ނުކެރުނު ކަމަށާއި ފަހުން ނަމާދުކުރީ ފެސިލިޓީގެ އެހެން ދިމާލެއްގައި ހުރި ހުސްތަނެއްގައި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ އާއި އެއްގޮތަށް އެމަރާ ގުޅިގެން އަތަނަށް ނަމާދަށް ދިއުން ހުއްޓާލި އެހެން ބަލިމީހުން ވެސް ތިބި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑަށް އެހާބޮޑު އަސަރެއްކުރީ، އެބޭބެ އާ ގާތް ގުޅުމެއް އުފެދިފައި އޮތުމުން ކަން ނޭގެއެވެ." އޭނާ ބުންނެވެ.

ހިދުމަތް ރަނގަޅަސް، ފަރުވާ ކުޑަ ނަރުހުން ގިނަ!

އޭނާ ބުނި ގޮތުގައި އެފެސިލިޓީގެ ޚިދުމަތްތައް އާންމު ގޮތެއްގައި ރަނގަޅަސް، ވަރަށް ފަރުވާ ކުޑަ ނަރުހުން އެތަނުގައި ގިނައެވެ. ޚާއްޞަކޮށް ބައެއް އިންޑިޔާ ނަރުހުން ފާހަގަ ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"ހުންބެލުމުގައިވެސް ރަނގަޅަކަށް ނުބަލައެވެ. އޮކްސިޖަން ވެސް ރަނގަޅަކަށް ނުބަލައެވެ. ހުންބަލާ އެތި ރަނގަޅަށް ކަންފަތަށް ނުލެވެނީސް ނަގައެވެ. އޮކްސޯ މީޓަރު ވެސް ބޭނުންކުރަނީ އެފަދައިންނެވެ. އިނގިއްޔަށް ރަނގަޅަށް ނުލެއްވެނީސް ނަގައެވެ." އޭނާ ބުންޏެވެ.

އޭނާ ބުނީ އޭނާ އާއި ޖެހިގެން އޮންނަ އުމުރުން ދުވަސްވީ ބޭބެއެއްގެ ހުން ބެލުމާއި އޮކްސިޖަން ބެލުމުގައި މިއެފަދައިން ފަރުވާ ކުޑަކުރާތީ، ނަރުހުން ލައްވައި ކިތަންމެ ފަަހަރަކު، ހުންބެލުމާއި އޮކްސިޖަން ބެލުން ތަކުރާރު ކުރުވާ ކަމަށެވެ.

އޭނާ ބުނީ އޭނާ ފެސިލިޓިއަށް ދިޔައިރު، ކަންފަތުން ހުންބަލާ އެއްޗަކާއި އޮކްސޯ މީޓަރެއް ގެންދިޔަ ކަމަށެވެ. އަދި އެދޭތީގެ މުހިންމުކަން އެގޮތަށް ކަންތައް ދިމާވުމުން ހިދުނު ކަމަށް އޭނާ ބުންޏެވެ.

"ހުން ހަމަ "ގަދަަޔަށް" ހުންނަ ކިތަންމެ ފަހަރަކު ހުންނެތޭ ނަރުހުން ބުނެއެވެ. އަދި މިފަދަ ހާލަތްތަކުގައި ބޭސް ނުލިބުން ފަދަ ކަންކަން ދިމާވެއެވެ. އެެހެންކަމުން، އަޅުގަނޑު އެކަށީގެންވާ ވަރަށް ބޭސް ގެއަށް ގުޅައިގެން ގެންނަމެވެ. ޕެނަޑޯލް ކާޑެއް ނުލިބިގެން ގެޔަށް ގުޅަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ." އޭނާ ބުންޏެވެ.

ފެސިލިޓީއަށް ގެންްގޮސް ދިހަވަރަކަށް ދުވަސް ވަަންދެން ވެސް އޭނާގެ ހުންއައި ކަމަށާއި އެހެން ނަމަވެސް އެކަމަށް ވުރެ ބޮޑަށް ހާސްވީ ވައިޓަލްސް ޗެކްކުރަން އަންނަ އިންޑިއާ އަންހެން ނަރުހެއް ބުނި އެއްޗަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެގޮތުން ނަރުސް މީހާ ބުނީ އޭނާ ނޫން އެހެން އެއްވެސް ބަލިމީހެއް އެހާ ގިނަ ދުވަހު ހުން ހުރި ކަމުގެ ވާހަކަތަކެވެ. "އައި ޑޯންނޯ ވައި ޔޫއާ ހޭވިން ފީވަރ ފޯ ދިސް ލޯންގް" ނަރުސް މީހާ މިހެން ބުނިފަހުން އޭނާ މި މަރުވަނީ ކަމަށް ވެސް އަމިއްލައަށް ނިންމާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އޭގެ ފަހުން ހާސްވާލެއް އިންތިހާޔަށް އިތުރުވިއެވެ. ޕެނިކް އެޓޭކް އަންނަނީ އަމަށަކު ވަރަކަށްނޫނެވެ. ހާޓް ބީޓްވެސް އަބަދުވެސް ހުންނަނީ އިންތިހާޔަށް މަތީގައެވެ. މި އަންހެން މީހާ، މިހެން ބުނީ އެންމެ ދުވަހަކު ނޫނެވެ. ދެ ދުވަހުއެވެ." އޭނާ ބުންޏެވެ.

މިކަންކަމުގެ އިތުރުން ފެސިލިޓީގައި ހުންނަނީ ޕޯޓެބަލް އެކްރޭ މެޝިނެއް ކަމަށާއި އޭގެން ނަގާ އެކްރޭ ވަރަށް ނުސާފު ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާގެ ނަގާ ކޮންމެ އެސްރޭ އެއްގެ ސޮފްޓް، ދަންނަ ބައެއް ޑޮކްޓަރުންނަށް ފޮނުވާ ލަފާ ހޯދާ ކަމަށާއި ފުރަތަމަ ލިބުނީ ވަރަށް ބިރުވެރި، ޚަބަރު ތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް، ބަލިން ރަނގަޅުވެގެން އައިސް އައިޖީއެމްއެޗް އިން ހެދި އެސްރޭއިން ހާމަވީ ފެސިލިޓީގައި ހުންނަ ޕޯޓެބަލް އެކްރޭ މެޝިން އެންމެ ރަނގަޅު ނޫންކަން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، މިވާހަތަކުގެ އިތުރުން ވެސް ދައްކަން ބޭނުންވާ ގިނަ ވާހަކަތަކެއް ހުރި ކަމަށާއި މިފަދަ ވާހަކަތައް ހިއްސާ ކުރި ނަމަވެސް އެތަނުގައި ވަރަށް ޚިދުމަތްތެރި، އޯގާތެރި ޑޮކްޓަރުންނާއި ނަރުހުން ވެސް މަދެއް ނޫން ކަމަށް އޭނާ ބުންޏެވެ. އެގޮތުން ދިވެހީން ފާހަގަ ކޮށްލެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެތަނުގައި އޭނާއަށް ލިބިފައިވާ ހިދުމަތް ތަކާއި ތަހައްމަލު ކޮށްފައިވާ އުނދަގޫ ދަތި ދުވަސްތަކުގެ ވާހަކަ ހިއްސާ ކުރަމުން އޭނާ އިލްތިމާސް ކޮށްފައިވަނީ ދުވަސްވީ މައިންބަފައިން، އެކަނި މާއެކަނި ފެސިލިޓީތަކަށް ނުފޮނުވުމަށެވެ.

"އެހީ ވެވޭ ފަދަ ގާތް ތިމާގެ މީހަކާ އެއްކޮށް ދިޔުމެވެ. ސަރުކާރުން ވެސް މިފަދަ އިންތިޒާމް ހަމަޖައްސައި ދެއްވުމެވެ." އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑބ

    ނިކަން ހުޅުމާލެ ފެސިލީޓީގައި ދިވެހި ޑޮކްޓަރުންގެ ތެރޭން ހަރަަކާތްތެރިވީ ކިތައް ޑޮކްޓަރުންތޯ ޓްވީޓަރގައި މޮޅެތި ވާހަކަ ދައްކާ ޑޮކްޓަރު ކިތައް ދުވަހު ކިތައް ގަޑިއިރު ހުޅުމާޅެ ފެސިލިޓީގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް އުޅުނުތޯ ނޫސްވެރިން ސާފޮކޮށްދީބަލަ. ކޮންމެ ވެސް ތާކު ރެޑޯޑް ހުންނާނެދޯ.

    31
    2
    • Anonymous

      ކޮބާހޭ ކެރަފާ ނަސީމު ސަރުކާރު އިސްތިއުފާ

  2. އަލިބެއްޔާ

    އިންޑިއާ ނަރުހުންނަކީ ފަރުވާ ކުޑަބައެއް.. ދިވެހި ސަރުކާރުން ނުކެރޭނެ އެމީހުންނަށް ފިޔަވަޅެއް އަޅަން.. މިހާލަތުގައި ދިވެހި ފުލުހުންނާއި ސިފައިން އެބަ ޖެހޭ އެތަނަށް ބަލި މީހުނަށް އެހީތެރިވާން ދާން.. މި ތޯތޯ ކަމެއް ނޫން.. 130 މީހުން މަރުވުމަކީ ސަމާސާއެއް ނޫން..

    68
    1
  3. މީޝާ

    ވަރަށް ހިތާމަވެރި އަދި އެހާމެ ދެރަ ވާހަކަ ތަކެއް. އެއީ ހަމަ ހަގީގަތް.ފެސިލިޓީ ތަކަށް ބަލިމީހާ ފޮނުވާތާ 3 ވަނަ ދުވަހު ގުޅަނީ މަރުގެ ޚަބަރު ދޭން. ސަރުކާރުގެ ދޯހަޅި ކަމުގެ ނަތީޖާ މިފެންނަނީ އާންމު ރައްޔިތުންނަށް. ސަރުކާރުން ބޭނުންވެގެން ކުރާކަމެއްކަމަށް މިކަން މިހާރު ސިފަވަނީ 65އަހަރުން މަތީގެ ގިނަމީހުން ޤައުމުން މަދު ކުރުން .

    45
    2
  4. ނަރުސް

    ދެން ކޮބާތަ ދިވެހި ނަރުހުންތައް ... އަޅެ އެ މީހުން ކީއް އެކުރަނީ .. އެކަމް ކޮވިޑް އެލަވަންސް ނުދީފިއްޔާ ދިވެހި ނަރުހުންތައް މީޑިއާތަކަށް އަރާނެ .. ބޮޑު ކަމެއް .. އެއްޗެކޭ ނުބުނެ ނުހުރެވުނީ ހަމަ ...

    38
    8
  5. ޖާބެ

    ފޮނުވާ މީހުން ހިތްދަތިވެގެންވެސް ނިޔާވަނީ ، އަޅާލުން ކުޑަކަމުން މިޔައްކިޔަނީ އިހުމާލުވުން ދިރިހުރުމުގރ ހައްގު ނިގުޅައިގަންނަނީ .. އާއްމު ހާލަތުގަވެސް ކަންކަން ހުންނަގޮތް ތަޖްރިބާކުރެވިފަ ތިބިމީހުން މަދެއްނުވާނެ ، ދެން މިހާލަތުގަ ވާނެގޮތް ނިކަން ވިސްނާ

    10
    2
  6. މަންމަ

    ކޮވިޑޭބުނިމަ އެންމެން ބިރުން ނުތެޅިގަނެ ޕެނަޑޯލް ކާންދީ ހުންމަޑުކޮށް ހަދަންވީ. ބޭހެއް ނެތް ބައްޔަކަށް ހަމަ ގޭގަވެސް ފަރުވާދެވޭނޭ. އެތަނަށް ދިޔަމީހެއް ބޮޑުވަރު ވެގެން އޮތީ ރަނގަޅުނުކުރެވިފަ. އަދި ކޮވިޑް ޖެހުނަސް އެންމެން އެއްވަރަކަށް ބައްޔެއް ނުވެ. އެހެންވެ ތެޅިގަންނަތީ މައްސަލައަކީ

    11
    4
  7. ކޫލް

    ފެސިލިޓީގަ އަޅުގަނޑުގެ ތަޖުރިބާއިން ބުނާނީ އެކަނި ނުފޮނުވަން. އެއީ ނޭވާލާން އުނދަގޫ ވެގެންވެސް ނަރުހަކައް ގޮވާލަން ބެލިޔަސް ވަރަށް މުހިންމު އެހީ ތެރިއެއް. ކޮންމެ ވަގުތެއްގަ ވެސް ހަމަ ކޮންމެ ކަމެއް ވެސް ވެދާނެ އެކަނި އޮންނައިރު

    26
    1
  8. ނިޒާމު

    ކީއްކުކުރާހާ ސިވިލްސާވިސް މުވައްޒަފުންނެއްތޯ..މުސަަ ރަދީފަ މަސައްކަތް ނުކުރުވާ ގޭގަ ބައިތިއްބަނީ މިތަނުން ބަޔަކު އެބަޖެހޭ އެ ބަލިމީހުންގެ އެހީތެ ރިކަން ފޯ ރުކޮއްދިނުމައް ފެސިލިޓީތަކައް ފޮނުވެން..މިހާު ރު މަސައްކަތް ނުކުރކުރުވާ ގޭގަގައި ބޮޑުމުސާ ރަ ދީފަ
    އެބައިތިއްބަނީ އަޖާބުވާވަރުލަމެއް..

    6
    1
    • މޮޔަ ނިޒާމު

      ބަލާ އެތަނުގަ އެއުޅޭ ދިވެހި ޑޮކްޓަރުންނާ ނަރުހުންނަކީވެސް ސިވިލް ސާވިސް މުވަޒަފުން. އެތަން މެނޭޖް ކުރާ މެނޭޖްމެންޓަކީވެސް އެތަނުގެ ސޮްޓޮކް ބަލަހައްޓާ ހަދަނީވެސް ސިވިލް ސާވިސް މުވަޒަފުން. ހޮސްޕިޓަލުތަކުގަ ވެސް އެތިބޭ ދިވެހިންނަކީ ސިވިލް ސާވިސް މުވަޒަފުން. ކިހިނެއް ސިވިލް ސާވިސް އެނގިގެން ތިޔާ ތެޅެނި؟؟؟ ސިވިލް ސާވެންޓުން އުޅެނި ހަމައެކަނި މިނިސްޓްރީ ތަކުގަ ކަމައްތަ ތިޔަ ހީކުރަނު؟؟

  9. ޖަރުމަނު

    ޖަޒީރާރައީސް ޗާޓަރުފުލައިޓްއެއްގަ ޖަރުމަނައްގޮސްވީ އާންމު ރައްޔިތުން ޖަޒީރާ ފެސިލިޓީގަ ތެޅެން ބަހައްޓާފަ.

    11
  10. ސުންކޫ

    ކޮވިޑް ފެސިލިޓީގެ ކޮއްތު ހަވާލުވެގެން ހުރި ފަރާތުން ކަމިޝަންގެ ގޮތުގައި ދުވާލެއްގެ މައްޗަށް ވަކި ޢަދަދެއްގެ ފައިސާ ޢިއްޒަތްތެރި މެންބަރު އަކަށް ދެމުންގެންދާ ވާހަކަ އެބަ ދެކެވޭ ނޫހުގެ ފަރާތުން ސާފު ކޮށްދެވިދާނެތޯ ހުޅުމާލެ ކޮވިޑް ފެސިލިޓީގެ ކޮއްތު ޙަވާލު ކޮށްފައި އޮތީ ކޮން ބަޔަކަށް ތޯ.މިހެން ސާފުކޮށްލަން ބޭނުންވަނީ ޚަބަރު ތައް ބުނާގޮތުން ކޮންމެ ދުވަހަކު 3000 ތިންހާސް ރުފިޔާ ކަމިޝަންގެ ގޮތުގައި ޢިއްޒަތްތެރި މެންބަރު އަށް ދެމުންދާ ކަމަށް ވާހަކަ ދެކެވެނީ އެހެންކަމަށް ވާނަ. ވަރަށް ގިނަ ފައިސާ ނޫންތޯ މިއީ.

  11. ނިމް

    "އަލީ އާޒިމް" ނަމަކަށް ކިޔާ މީހާ ކަމަށް ލިޔުމުގައި ބުނެފަތިވާ މީހާއަކީ ލޯޔަރެއް