"ކޮވިޑް-19 މިއީ އާދައިގެ ބައްޔެއް ނޫން" މިއީ ސިއްހީ މާހިރުން އަބަދު ވެސް ދައްކަމުން އަންނަ ވާހަކައެވެ. މި ބައްޔާއި މެދު ފަރުވާތެރިވެ، ވަގުތު އޮއްވާ ރައްކާތެރި ފިޔަވަޅު އެޅުމަށް އެބޭފުޅުން އަންނަނީ ގޮވާލަމުންނެވެ. އެގޮތަށް ރައްކާތެރި ފިޔަވަޅު ނޭޅިއްޖެނަމަ، 'އަނދިރި' ދުވަސްތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު މީގެ ކުރިން އެކި ފަރާތްތަކުން ވަނީ ދީފައެވެ.

އެހެން ނަމަވެސް އެފަދަ ވާހަކަތަކަށް ސަރުކާރުން ބެލުމެއް ނެތި، އެބޭފުޅުންނަށް ފައިދާ ހުރި ގޮތަށް އުސޫލުތައް ހަދައިގެން އުޅުމުގެ ސަބަބުން މިއަދު ރާއްޖެއަށް ކޮވިޑްގެ ތިން ވަނަ ރާޅެއް އަރައި ގައުމު މިއޮތީ ހަލާކުވެފައެވެ. މިއީ ސިއްހީ މާހިރުން ދެއްކި ވާހަކަތައް އަޑު ނޭހުމުގެ ސަބަބުން ހިނގި ކަމެކެވެ.

300 އާއި ގާތްކުރާ އަދަދަކަށް މީހުންނަށް ފެސިލިޓީތަކުގައި ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ. މިފަދަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުން ވެސް ކުރަމުން އަންނަނީ ނުހަނު ބުރަ މަސައްކަތެކެވެ.

އެތަނުގައި ވާކަންކަން ފެންނާނީ އަދި އިހުސާސް ކުރެވޭނީ ވެސް މަދު ބަޔަކަށެވެ. އެހެން ނަމަވެސް އެތަނުގައި ހިނގާފައިވާ އެކި ކަހަލަ ކަންކަމުގެ ވާހަކަ މިއަދާއި ހަމައަށް މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ ދައްކާފައެވެ. ބައެއް ފަރާތްތަކުން ޑޮކްޓަރުންނާއި ނަރުހުންގެ ފަރުވާ ކުޑަ ވާހަކަ ދައްކާއިރު، ބައެއް ފަރާތްތަކުން އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ރީތި ބަސްތައް ބުނެއެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ފަރުވާ ކުޑަކޮށް ކަންތައް ކޮށް އުޅެނީ ބޭރުގެ ނަރުހުންނެވެ. ދިވެހި ނަރުހުން ބުރަކޮށް މަސައްކަތް ކޮށްއުޅޭ ވާހަކަ ދައްކައެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ 'ބ' ބްލޮކްގައި މަންމަ އަކު އެނދުމަތި ކޮށްގެން އެހީތެރިއެއްގެ ގޮތުގައި ހުރި މީހަކު ވަނީ އޭނާ އަށް އެތަނުން ފެނުނު މަންޒަރުތައް މިސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

އެވާހަކަތައް ފަށައިގަންނަމުން އޭނާ ވަނީ އޮކްސިޖަން ލެވެލް ދަށްވެ ބަލި މީހަކު ނިޔާވި ގޮތް ހިއްސާ ކޮށްފައެވެ.

"އޮކްސިޖަން ލެވެލް ބަލި މީހެއްގެ ދަށްވާން ފެށީ. ހުރިހާ ނަރުހުންނާއި ޑޮކްޓަރުން ދުއްވައިގަތީ އެމީހާއާއި ދިމާލަށް. އެވަގުތު އިތުރު ބަލި މީހަކު ގެނައީ. އެހާހިސާބުން ވަކި ބަޔަކު ދިޔައީ އަލަށް ގެނައި މީހާ ކައިރިއަށް. ބައެއް މީހުން މަޑު ކުރީ އެބަލި މީހާގެ ފުރާނަ ސަލާމަތް ކުރުމަށް. އެދިޔައީ އެ މީހާގެ އެންމެ ފަހު ނޭވާ" އޭނާގެ ވާހަކައިން ބުނެފައިވެއެވެ.

އޭނާ ބުނީ، އެވަގުތު އެތަނުގައި ހުރި ޑޮކްޓަރެއްގެ ލޮލުން ކަރުނަ ފައިބާ މަންޒަރު އޭނާއަށް ފެނުނު ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އިތުރު ބަލި މީހަކު ނިޔާވި ކަމަށާއި އެތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން އެކި ތަންތަނަށް ދުވާ މަންޒަރު ފެންނަ ކަމަށެވެ.

"އެއީ ރޮބޮޓުން. މިދައްކަނީ އިންސާނުން ވާހަކަ. އިށީންނާނެ ވަގުތެއް ނުވޭ. ކާނެ ވަގުތެއް ނުވޭ." އޭނާ އަށް ފެނުނު މަންޒަރުތަކުން އޭނާ ބުންޏެވެ.

އޭނާ ބުނީ، އެހުރިހާ ކަމެއް ހިނގިއިރު، އޭނާއަށް ފެނުނު ކަމަށާއި އޭނާ ހުރީ ނަރުހަކު އޭނާގެ މަންމަ ރީތި ކުރަން އަންނަންދެން ކަމަށެވެ. އެހެން ހުއްޓާ އިރުކޮޅެއް ފަހުން ނަރުހަކައި އައިސް ލަސްވި ކަމަށް މައާފަށް އެދުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑު ބުނިން އޯކޭ އޭ. ހުރިހާ އެއްޗެއް އެބަ ފެނެއޭ" އެގޮތަށް ބުނުމުން ނަރުސް ކުއްޖާ "ނޫނޭ ދައްތާ. ބައެއް މީހުން ރުޅި އައިސްގެން ހަޅޭއް ލަވައިގަންނާނެ ކިރިޔާ ލަސްވާއިރު" މިފަދައިން ބުނި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަރުސް ކުއްޖާ އޭނާގެ މަންމަ ރީތި ކުރުމަށް ބޭނުން ކުރާ ހުރިހާ އެއްޗެއް ހިފައިގެން އައިސް ހުއްޓާ އަނެއްކާ ވެސް އިތުރު މީހަކު މާ ބޮޑަށް ބަލިވެގެން 'ދައްތާ މިއަންނަނީ' މިހެން ކިޔާފައި ދިޔަ ކަމަށް އޭނާ ބުންޏެވެ. ނަރުސް ކުއްޖާ ދިޔައީ 39 އަހަރުގެ އަންހެނެއްގެ ކައިރިއަށް ކަމަށް އޭނާ ބުންޏެވެ.

އެވަގުތު އަޑުއިވިގެން ދިޔައީ 'ހާދަ ވޭނެއްގަ އުޅެފަ އޭ އެދިޔައީ އަޅެ' މިހެން ކަމަށް އޭނާ ބުންޏެވެ. އެއީ އެ ނިޔާވި މީހާގެ ކުއްޖަކު ބުނި އެއްޗެއް ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން އޭނާގެ ކައިރިއަށް އައިސް 'ދައްތާ. އެކުއްޖާ ވެސް ނިޔާވީ' މިހެން ނަރުސް ކުއްޖާ ބުނި ކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން މަންމަ ރީތި ކުރުމަށްފަހު، އެ ނަރުހުން ދިޔައީ ނިޔާވި މީހުންގެ ހަށިގަނޑުތައް ސާފު ކުރުމުން ކަމަށާއި އެކަމުގައި އުޅެނިކޮށް، އެނދުމަތިކޮށްފައި އޮތް އުމުރުން ދުވަސްވީ މީހަކު 'ހަޑި' ބަހުން އެއްޗެއް ގޮވަމުން ފެންތައްޓެއް ދޭން އެދުމުން ނަރުހުން ދުވެފައި ގޮސް އޭނާ އަށް ފެން ދީ އަރާމު ކޮށްދޭން މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެވަގުތުގައި ވެސް އެ އަންހެން މީހާ ދިޔައީ ހަޑި ބަހުން އެއްޗެއްހި ކިޔަމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެވަގުތުތަކުގައި ވެސް ނަރުހުން ދިޔައީ އެހީތެރިން ނެތް ބަލި މީހުން ފާހަނާއަށް ގެންދިއުމުގެ ކަންކަން ވެސް ކުރަމުންނެވެ.

"އެތަނުގައި ހުރި ދެ ނަރުހުން ބުނާ ގޮތުގައި ބަލި މީހުންގެ އާއިލީ މީހުންނަށް ވަރަށް ގިނަ ފަހަރު ވަނީ ގުޅާފައި. އެކަމަކު އެތަނުގައި މަރުވާ މީހުންގެ ހަށިތައް ހުރުމުން ގިނަ މީހުން އަންނަން ދެކޮޅު ހަދާ" އޭނާ ބުންޏެވެ.

އޭނާ ބުނީ، މަރުވާ މީހުންގެ ހަށިތައް ސާފު ކުރުމަށް ފަހު އޯރެންޖު ކުލައިގެ ކޮތަޅަކަށް އަޅައެވެ. އެއީ ބަލި މީހާގެ އެހީތެރިއާއާއި ނަރުހުންގެ ލޮލުން ކަރުނަ އަންނަ ވަގުތުއެވެ.

"ރޮމުން އެމީހުން ހުރިހާ އެއްޗެއް ޕެކް ކުރަނީ ގެއަށް ދާން ޖެހޭނީ އެކަނި ކަން އެނގި ތިބެގެން. ހަށިގަނޑުތައް ދާނީ ގަބުރުސްތާނަށް ކަން އެނގިތިބެ" އޭނާ ބުންޏެވެ.

އޭނާ ބުނީ، ނިޔާވެފައިވާ މީހުންގެ ހަށިގަނޑުތައް އެނދުމަތިން ނަގައިގެން އެމްބިއުލާންސަށް އެރުވުމަށް ނަރުހުން އެހީތެރިކަން ފޯރުކޮށްދެއެވެ.

މިކަހަލަ ކަންކަން ދިމާވުމުން އެތަނުގައި ތިބޭ ބަލި މީހުންނާއި އެމީހުންގެ އެހީތެރިންގެ އިތުރުން ފެސިލިޓީގެ އެހެން މީހުންނަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ ކަމަށާއި ގިނަ ފަހަރު އެހީތެރިއާ އިށީންނާނެ ތަނެއް ވެސް ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ގިނަ މީހުން ހަފްތާއެއް ވަންދެން ގޮނޑިއެއްގައި ނިދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިވާހަކަތައް ހިއްސާ ކުރަމުން އޭނާ ބުނީ، މިއީ އެއްދުވަހެއްގެ ތެރޭގައި އެތަނުގައި އޭނާއަށް ފެނިގެން ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންގެ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އޭނާ ވަނީ ދުއާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޖާބެ

  ވެންޓިލޭޓަރު ގެނައުމުގަ އިހުމާލުވިމީހުން އިހުމާލްވެފައި ވަނީ މީހުންގެ ފުރާނަޔާ ، ދަޢުވާ އުފުލާ މިމީހުންގެ މުދާ ނަގާ އުމުރައް ޖަލައް ލާންޖެހޭ ރައްޔިތުންގެ ފައިސާ ބައެއްގެ ފުރާނަ ސަލާމަތް ކުރުމައް ހުރަސްއެޅިކަމުގެ ދަޢުވާ ކުރަން ގޮވާލަން

  46
  4
 2. ރާއްޖެ

  ޑޮކްޓަރެއް ނަރުހެއް އޭނާގެ ބަލިމީހަކު ނިޔާވީމާ އެއީ ވަރަށް ދެރަވާ ކަމެއް. އެއީ އެގޮތަށް އެމަންޒަރު ކިތަންމެ ގިނައިން ފެނުނު ކަމުގައި ވިޔަސް.

  40
  2
 3. މުޙައްމަދު

  މާތްﷲ ހެޔޮނިޔަތުގައި މަސައްކަތްކުރައްވާ އެބޭފުޅުންނަށް ހެޔޮ ދަރުމަ ދެއްވާށި. އާމީން. މިލިޔުން ކިޔާލާފައި ވަރަށް ދެރަވެއްޖެ! ވަގުތު ޓީމުން ތިޔަކުރައްވާ މަސައްކަތަށްވެސް އައްސަރިބަހާއި ސާބަސް! އަމިއްލަފަރުދުންވެސް ވީހާ ބޮޑަކަށް ރައްކާތެރިވެގެން އުޅުމަށް މަސައްކަތް ކުރަމާ! އެހެން ޒިންމާދާރުވެރިން އެބޭފުޅުންގެ ޒިންމާ ފުރިހަމަޔަށް އަދާކޮށް އެންމެހާ ފަރުދުން މިބަލިން މިންޖު ކުރުމަށް ކުރަންޖެހޭ ކަންކަން އަވަހަށް ކޮށްދެއްވާ! އާދޭސް ދަންނަވަން.

  44
 4. ނުރަބޯ

  އަދިވެސް އައިނުހަދާ ފަ މިސްކިތަށް އަރާ ކުޅުތަޅާ އަނގަދޮވެ ހޯއްގޮވާ ފައި ފުހީގަ ދޫލާ ގިނައިން އޭރުން ހައްލުވާނީ

  3
  60
 5. ރުއް

  ކޮބާ އަނެއްކޮޅު

  11
  3
 6. Anonymous

  ވެރިމީހާ ލޮލުން ކަރުނަ ެެާެެެެާެެެާެެެެާެެާެެެެާެެެާެެެެެެާެެެެާެެެާެެެެާެެާެެެެާެެެާެ އާދޭ ބާ.
  މީއޭނަގެ ރައްޔިތުންނޭ.
  ކޮންކަހަލަ ވެރިއެއް. އިސްތިއުފާ ޙައްޤުވެއްޖެ

  23
  2
 7. ނިޒާމު

  ޑޮކުޓަރުން ލޮލުން ކަރުނަ އެކަމަކު ސިވިލްސާބިސް މުއައްޒަފުން ބޮޑިމުސާ ރަދީފަ ގޭގައި...ދެންމިކިޔަނީ ވޮލެންޒތިއަރުން ބޭނުމޭ މީ އަޅެ ތާކުންތާކު ޖެހޭ ސަ ރުކާރެއްތަ....ހަމަ އައްނި ބުނެގެންތޯ ތިޔަހެން ތިހައްދަވަނީ...

  15
  2
  • ދެރަވަރު

   ސިވިލް ސާވިސް މީހުންވެސް ނެރެންވީ އެމީހުންނަށް ވެވުނު ވަރަކުން އެހީވާން. މިއީ ސަރުކާރުގެ ދޯހަޅި ސިޔާސަތު. މިއަދު ތިޔަ ހުޅުމާލެ ބްރިޖާއި ދަރުމަވަންތަ އަލިފާންފޮށި ނެތްނަމަ ކުރާނީ ކީއް؟ ރަގަޅު ކޮންމެސް ގޮތެއް އޮންނާނެ. ޙުޅުމާލެ ފެރީތަކުގައި އުފުލަންޖެހޭނީ ބަލިމީހުންނާއި ގަބުރުތައް ވެސް. އަހަރެން ޔާމީނަކަށް ސަޕޯޓެއް ނުކުރަން އެކަމަކު އޭނަ ކޮށްފަހުރި މަސައްކަތް ހަމަ ހަބޭސް.

   10
   1
 8. ހ މ ޒ

  ކޮވިޑު-19 އަށް 3.4 ބިލިއަން ހަރަދު ކުރެވުނު އަދި ވައްކަމަކަށް ފަހު ވައްކަމެއް !

  15
 9. ބުރާންތި ސަރުކާރު

  އެ އިންޑިއާގަ އޮތީއްޔާއޮތްހާ ކޮވިޑެއް އޮތީ މިހާރު ރާއްޖެއަށް ގެތުރިފަ. ވަރަށް ދެރަ.

  18
 10. ގޭގަތިބެބަލަ

  ސަރުކާރު އެކަންޔެއްނޫން ދިވެހިންނޯ މާލޭގެ އެއްވުންތައްނުބާއްވާ އިރެއްނުދޭ. ރައްޔިތުންގޭގަ މަޑްތިބިނަމަ މިހެންނުވިސް ސަރުކާރުންބުނި ގޭގަ މަޑުކުރަން. ޙުސް ސަރުކާރު މައްސަލައެއްނޫން މާލޭގަ އުޅާ ޒުވާންކުދިން އެކުދިންގެ ގެއަށް ގެނައީ ސޯސަލްމީޑިޢާއިން އިނގޭނެ އުޅޭގޮތް އޮރިޔާމަށޭ ބުންޔަސް ރަނގަޅުވާނެ ފޮޓޯނަގާފަހުންނަނީ.

  2
  10
 11. ޠަސަނު

  ބަލިޖެހުމަށްފަހު ދެން ދުނިޔޭގަ އެހެންްްގައުމު ތަކުގަވެސް ދިމާވާ ހުރިހާކަމެއް ދިމާވާނެ. މުއްސަދި ގައުމަކަށްވެސް ބާރުގަދަ ގައުމަކަށްވެސް ވަކި ވެވުނުމޮޅެއްނެތް. ބަލިންރައްކާވެވެން އޮތީ ރައްޔިތުން ކުރާމަސައްކަތަކުން. ސިއްހީމާހިރުންގެ އިރުޝާދައް ބޯލަނބަނީ މަދުބައެއް.

  4
  1
 12. ާހައިރާން

  އެއްބަޔަކު ( ނަރުހުންނާ ޑޮކްޓަރުން) ބުރަ މަސައްކަތުގަ ރެޔާ ދުވާލު ފިރިން ،އަނބިން، ދަރިން ކާރިޔަށް ނުގޮސް ހިދުމަތުގަ ޖިހާދު ކުރަމުން ދާއިރު މިފަދަ ދަނޑިވަޅުގަ އަނެއް ބަޔަކު ( ގިނަ ނަރުހުން) ހަމަ މުސާރަޔާއެކު ގޭގަ ހަމަޖެހިގެން... ކޮބާތޯ އިންސާފް..

  8
  1
 13. ސަމާ

  ރާއްޖޭގައި މައްސަލަޔަކީ ވަގުން ގިނައީ.

 14. ޚާރު

  ޥެރި ކަމުގެ ނިޒާމެއް ނެތް...ދިވެހި ސިފައިން އަދި ފުލުހުން ގުޅިގެން ވެރިކަމާ ހަވާލުވެ ގައުމު މިކަމުން މިންޖު ކުރަން ގޮވާލަން ..

  2
  1
 15. ާއާނާ

  ނަރުހުން މަދުވެގެން ހެލްތް މިނިސްޓްރީ އާ އެޗްްޕީއޭ އަކުން ނޫޅޭ. ބައެއް ރީޖަނަލް ހޮސްޕިޓަލް ތަކުން ނަރުހުން މާލެގެންގޮސް ފެސިލިޓީއަށް ނުނެރެ އެބަތިބި.ތިހާ ނަރުހުން މަދުވެގެން އުޅޭނަމަ ހަފްތާއެއްވާއިރު ނުކުންނަން އަންގާނެ ދޯ

  2
  1