ކޮވިޑް-19 އާ ހެދި އެތައް އުފަލަކުން މަހުރޫމްވެއްޖެއެވެ. ލޯބިން އެކުގައި އުޅުނު އެތައް ބަޔަކު، މި ނިކަމެތި ދުނިޔެ ދޫކޮށްފިއެވެ. ކޮވިޑް-19 ވަނީ ފަހުގެ ތާރީހެެއްގައި މިހާ ގިނަ ބަޔަކު އެއްފަހަރާ މަރުވަމުން އަންނަ ބައްޔަކަށް ވެފައެވެ. މިއީ މިހާރު މި ދުނިޔެ އަށް ކުރިމަތިވެފައިވާ ބޮޑު އާލަމީ ވަބާއެކެވެ. ކުޑަ މުއްދަތެއްގެ ތެރޭގައި މުޅި ދުނިޔެއަށް މި ބަލި ބިޔަ ރާޅެއް ފަދައިން ފެތުރިންގެ ގޮސްފައިވާ އިރު، އެއްވެެސް ގައުމަކުން އަދި މި ބަލިމަޑުކަމުން އަރައިގަނެވިފައެއް ނުވެއެވެ.

މި ބަލީގައި މި ކުޑަކުޑަ ރާއްޖެއިންވެސް 146 މީހަކު ދުނިޔެ ދޫކޮށްފިއެވެ. މަރަަކަށް ފަހު މަރެކެވެ. ބައެއް ދުވަސްވަހު ހަ މީހުންނެވެ. ދުވަހަކަށް ވުރެ ދުވަހެއް އަދަދުތައް އިތުރުވަމުން ގޮސް މި ބަލީގައި 13 މީހުން ނިޔާވީ ހަމަ އިހަށް ދުވަހަކުއެވެ.

މި ފަހުން އިންޑިއާގައި ފަރުވާދެމުން ދިޔަ ދިވެއްސަކު ވެސް ކޮވިޑް ބަލީގައި ވަނީ ނިޔާވެފައެވެ. އެއީ ލ. އަތޮޅު ހިތަދޫއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ، އަބޫބަކުރު މުހައްމަދެވެ. އަބޫބަކުރު މި ބަލީގައި ނިޔާވެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ގޮސް އެކަން ނިމި އެނބުރި ރާއްޖެ އައުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ތިން ކުދިންގެ ބައްޕައެއް ކަމަށްވާ އަބޫބަކުރުގެ ކިޑްނީ ބަދަލުކޮށްފައި ވަނީ މި އަހަރުގެ މާރިޗް މަސް ތެރޭގައެެވެ. ހޯދަން ދިޔަ ފަރުވާ ކާމިޔާބުވެ އަބޫބަކުރު ހުރީ އަމިއްލަ ފަސްގަނޑަށް އެނބުރި އައުމަށް ކެތްމަދުވެފައެވެ. އުފާވެރި ދިިރިއުޅުމަކައިގެން ކުރިއަށްދިއުމުގެ އުއްމީދުގައެވެ. އިސާހިތަކު ދިގު ދަތުރަކަށް ފަހު މަންްޒިލަށް ވާސިލުވި އަބޫބަކުރުގެ ފޮނި މުސްތަގްބަލަށް ހުރަސްއެޅީ ކޮވިޑް-19އެވެ. ކޮވިޑް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ ހޯމަ ދުވަހު އިންޑިއާ ގަޑިން 10:45 ހާއިރުއެވެ.

"އާއިލާ ގިނަ މީހުންގެ ކިޑްނީ މައްސަލަ ހުރޭ"

ސިކްސް ސެންސެސް ލާމު ރިސޯޓްގައި މަސައްކަތް ކުރަމުންދިޔަ އަބޫބަކުރަކީ 2018 ވަނަ އަހަރުގެ މެދު ތެރެއިން ފެށިގެން ކިޑްނީ ބައްޔަށް ފަރުވާ ކުރަމުންދިޔަ މީހެކެވެ.

އޭނާގެ ބޭބެ އަދި މީގެ ކުރިން ހިތަދޫ ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ އަހުމަދު މުހައްމަދު "ވަގުތު"އަށް ވިދާޅުވީ، ރިސޯޓްގައި މަސައްކަތް ކުރަމުން ދަނިކޮށް ކޮއްކޮ ފުރަތަމަ އުޅުނީ ބަނޑަށް ތަދުވެގެން ކަމަށާއި، ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު އޭރު ލަފާ ދިނީ ގިނައިން ފެން ބުއިމަށް ކަމަށެވެ. އެގޮތަށްވެސް އެކަން ރަނގަޅު ނުވިއެވެ. އެހެންވެ ފަހުން މާލެ ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ނަމަވެސް އެކޮޅަށް ދައްކައިގެން ބޭސް ކައިގެންވެސް ދިމާވަމުން ދިޔަ މައްސަލަތަކަށް ހައްލެއްް ނުލިބުނެވެ.

"ފެންބޮއެގެންވެސް ރަނގަޅު ނުވެގެން ދެން ދިޔައީ މާލެ، މާލެ ދެއްކީމަ ބުނީ ކިޑްނީގެ ހިލަ އުފެދިފައޭ ހުރީ، ކިޑްނީ ބައްޔަށާއި، ހިލައަށް ބޭސް ދީފައި ބުނީ އެއް މަސް ފަހުން ދައްކަން،، އެއީ 2018 ގެ މެދުތެރޭގައި، ދެން ރަށަށް އައިސް މަސް ދުވަހު ބޭސް ކައިފައި ވަކި ރަނގަޅެއް ނުވާތީ އަނެއްކާ ދިޔައީ، އަމިއްލަ ޓިކެޓްގައި ދިޔައީ އިންޑިއާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލަށް، ޓެސްޓު ހެދީމަ ބުނެފި ކިޑްނީ ބަލި ސްޓާޓް ވެފައޭ އިނީ".

އެއީ އާއިލާ ތެރޭގައި އުޅޭ މައްސަލައެއްކަން އަހުމަދު ފާހަގަކުރެއްވިއެވެ. އެގޮތުން 2014 ވަނަ އަހަރު ތެރޭގައި އަހުަމަދު އަންހެން ކޮއްކޮއެއް ވަނީ ކިޑްނީ ބައްޔަށް ފަރުވާ ހޯދާފައެވެ. އޭނާ ބުނި ގޮތުގައި އަންހެން ކޮއްކޮ ކިޑްނީ ފެއިލްވުމުގެ ސަބަބުން އޭރު ޓްރާންސްޕްލާންޓް ހެެދިއެވެ.

އަބޫބަކުރު އަމްރީތާ ހޮސްޕިޓަލަށް ދެއްކުމުން ދިނީ ބޭހެވެ. ކިޑްނީ ގިނަ ދުވަހު މެއިންޓެއިން ނުކުރެވިދާނެ ކަމަށް ޑޮކްޓަރުން އޭރު ވެސް ވިދާޅުވަމުން ދިޔައެވެ. އެގޮތުން 2018 އިން ފެށިގެން އޭނާ ދިޔައީ ބޭސް ކަމުންނެވެ. އަދި ހަ މަހުން އެއް ފަހަރު އިންޑިއާއަށް ދައްކަމުން ދިޔައެެވެ.

ނަަމަވެސް 2020 ވަނަ އަހަރު ކޮވިޑާއެކު ވަޒީފާއަށް އަސަރު ކުރުމުން އެ އަހަރު ފުރަތަަކޮޅު އަބޫބަކުރަށް އިންޑިއާއަށް ދެވޭ ގޮތެއް ނުވިއެވެ. އަދި މާލެ ސަރަހައްދު ފުރަބަންދުކޮށްފައި އޮތުމުން މާލެވެސް ނުދެވުނެވެ. ނަމަވެސް އޭނާ ދިޔައީ އަމްރީތާއިން ދިން ބޭސް ކަމުންނެވެ.

އެ އަހަރު ޖުލައި، އޮގަސްޓް ހިސާބުގައި މާބޮަޑަށް އުދަނގޫތަކެއް ވާން ފެށިއެވެ. އޭރު ވެސް އޭނާ ދިޔައީ ރިސޯޓްގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭރު ކޮވިޑްގެ ދަތިކަމާ ހެދި ރިސޯޓްތަކުން ރަށަށް ދާން އޮތް ދަތިކަމާއެކު ޓެސްޓުތައް ހެދުނީ އެފަހަރު އުނދަގުލުންނެވެ. އޭރު ހެދި ޓެސްޓުން އިންފެކްޝަން ހުރި ކަން އެނގުނެވެ. އަދި ސްކޭން ހަދަން ޖެހުނެވެ. އެންމެ ފަހުން މާލެ ދާން ޖެހުނީއެވެ.

އަބޫބަކުރާއެކު އެފަހަރު މާލެ ދިޔައީވެސް ބޭބެ އަހުމަދެވެ. އަދި އޭނާ ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމުން ކިޑްނީގެ ހާލަތު ގޯސްކަން އެނގުނެވެ. އަދި އެންމެ ފަހުން ޑަޔަލިސިސް ހަދަން ފަށަން ޖެހުނެވެ. އިތުރު އެހެން ގޮތެއް ނެތުމުންނެވެ. އިންޑިއާގެ ޑޮކްޓަރުވެސް ލަފާ ދިނީ އެގޮތަށެވެ. އޭރު ހުރީ ދެ ކިޑްނީގެ 95 އިންސައްތަ ފެއިލް ވެފައެވެ. އެހެންކަމުން ގިނަ ޑޮކްޓަރުންގެ ލަފާގެ މަތިން ޑަޔަލިސިސް ހަދަން ފެށިއެވެ.

ކިޑްނީ ހަދިޔާ ކުރީ އަނބިމީހާ"

ދެ މަސް ދުވަސް ވަންދެން އަހުމަދާއި، އަބޫބަކުރު މާލޭގައި ހޭދަކުރިއެވެ. ދެން ބެލީ ބަޖެޓެއް ހޯދައިގެން ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާ އަށް ދެވޭތޯއެވެ. އެންމެ ފުރަތަމަ އަބޫބަކުރަށް ކިޑްނީއެއް ދިނުމަށް އިސް ނެގީ މަންމަ އާއި ބައްޕައެވެ. ނަމަވެސް މަންމަގެ ޓެސްޓުތައް ހެދުމުން މަންމަ ހުރީ ކިޑްނީ ދެވޭނެ ފަދަ ހާލާތެއްގައި ނޫން ކަމަށް އަހުމަދު ވިދާޅުވިއެވެ. ދެން އިސްނެގީ ބައްޕައެވެ. އެކަން އެގޮތަށް ކުރުމަށް އަބޫބަކުރުގެ އަނބިމީހާ ސަލްމާ އަބްދުއް ރަހްމާން ހިތަކަށް ކުޅަދާނައެއް ނުވިއެވެެ. ލޯބިވާ ފިރިމީހާއަށް އިތުރު މީހަކު ކިޑްނީ ދޭން ވާނީ އޭނާގެ ކިޑްނީ ބޭނުންނުކުރެވިއްޖެ ހާލަތުގައި ކަމަށް ބުނެ އަބޫބަކުރަށްޓަކައި ސަލްމާގެ ދެ ކިޑްނީ އިން އެއް ކިޑްނީ ހަދިޔާކުރިއެެވެ.

އަބޫބަކުރާއި އަންހެނުން

"ކޮއްކޮގެ އަންހެނުން މި ބުނީ، ބައްޕަގެ ކިޑްނީ ބަލާނީ، ތިމަންނަ ފިޓް ނޫނިއްޔާ ކަމަށް، ބައްޕަ އިހަށް މަޑުކުރާށޭ، ސަލްމާ އެދުނު އެދުމާއެކު، އާއިލާއިން ވެސް ނިންމީ ކޮއްކޮ އަންހެނުންނަށް އެ ފުރުސަތު ދޭން. ދެން ކޮއްކޮ އަންހެނުން މާލެ ގެނެސްފައި ޓެސްޓުތައް ހަދާފައި، ކޮއްކޮ އަންހެނުން ފިޓްވީމަ އެކަން ކުރިއަށް ގެންދަންވީ".

މިއާއެކު އެހީ ހޯދުމުގެ މަސައްކަތްވެސް ފަށައިގަތެވެ. އެގޮތުން ރަށުގައި ފަންޑް ފޮށި ބެހެއްޓިއެވެ. އަދި އެތައް ބައެއްގެ އެހީއާއެކު އެކަން ވޭތޯ ބެލިއެވެ. އެގޮތުން އަބޫބަކުރު މަސައްކަތް ކުރި ރިސޯޓުގެ މެނޭޖްމެންޓާއި މުވައްޒަފުންގެ ފަރާތުން އޭނާއަށް 6500 އަށްވުރެ ގިނަ ޑޮލަރު ލިބުނެވެ. އަދި އަހުމަދު ޝާކިރު ކިޔާ ހެެޔޮއެދޭ ބޭފުޅަކު އޭނާގެ ފައުންޑޭޝަން މެދުވެރިކޮށް 4000 ޑޮލަރު ދިނެވެ. ބޭނުންވާ ވަރަށް ފައިސާ ލިބުމުން އެތައް އުންމީދަކާ އެކު އަބޫބަކުރުގެ ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނަށް އިންޑިއާއަށް ފުރިއެވެެ. މި ފައިސާއަކީ ހުރުމާއި، ކެއުމުގެ ހަރަދަށް ދާނެ ކަމަށް އަންދާޒާ ކުރި ވަރެވެ. އިތުރު ހަރަދުތައް ހަމަޖައްސާދިނީ އާސަންދަ އާއި އެންސްޕާއިންނެވެ.

އޮޕަރޭޝަނަށް އިންޑިއާއަށް"

އަބޫބަކުރާއި އާއިލާ އިތުރުބަޔަކާއެކު އިންޑިއާއަށް ފުރީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައެވެ. ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މާރިޗް މަސް ތެރޭގައެވެ. އަހުމަދާއި އަމްރީތާ ހޮސްޕިޓަލާއި ގާތް ގުޅުމެއް އުފެދިފައިވުމުން ވަރަށް ރަނގަޅަށް ކަންކަން ހަމަޖެހިގެން ދިޔައެވެ.

"އެކޮޅުން ހުރިހާ ޓެސްޓުތަކެއް ހަދައި، ލީގަލް ވޯކްތަކާއި އެއްޗެހި ނިންމާފައި މާރިޗް 1 ވަނަ ދުވަހު އޮޕަރޭޝަން ކުރީ، އޮޕަރޭޝަން ސަކްސެސްފުލްވެގެން ހަތަރު ވަނައަށް ވީ ދުވަހު ޑޯނަރ ގެއަށް ދޫކޮށްލީ، ދެން ކޮއްކޮ ދޫކޮށްލީ ހަތް ވަނަ އަށް ވީ ދުވަހު". އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވި ގޮތުގާ ފަހުން ކޮންމެ ދެ ދުވަހުން އެއް ދުވަހު ޓެސްޓުތައް ހަދައި، ބަލަމުންދިޔައިރު، ކޮއްކޮ އަބޫބަކުރު ދިޔައީ ރަނގަޅުވަމުނެވެެ. އަދި އެހެން ގޮސް ފަހުން ހެދި ހުރިހާ ޓެސްޓަކުން އަބޫބަކުރުގެ ހާލު ރަނގަޅުކަން ޔަގީންވެ، އެނބުރި ރާއްޖެ އައުމަށް ހުއްދަ ލިބުނު ކަން އޭނާ ފާހަގަކުރެއްވިއެވެ. ޑޮކްޓަރުން އަބޫބަކުރު ރާއްޖެ ފޮނުވަންް ހުއްދަ ދިނީ ރާއްޖެ އައުމަށް ފަހު ގަވައިދުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދީފައެވެ.

"ކޮވިޑަށް ފައްސިވުން"

އަބޫބަކުރު ހުރީގަދަކޮށެވެ. ހުރިހާ ކަމެއް ރަނގަޅުވީ ކަމަށް އުއްމީދުކޮށްގެންނެވެ. ހުރިހާ އުންމީދެއް ވެއްޔާ މޮޑެވުނީ އަބޫބަކުރު ނުރައްކާތެރި ވައިރަސް ކޮވިޑް-19 އަށް ފައްސިވިކަމުގެ ބިރުވެރި ހަބަރުންނެވެ. މިކަންތައް ވެގެން ދިޔައީ ރާއްޖެ އައުމަށް ހުރިހާ ތައްޔާރީތަކެއް ވަމުން ދަނިކޮށެވެ. ކޮވިޑަށް ފައްސިވި އިރު އެނބުރި އައުމަށް ޓިކެޓުވެސް ވަނީ ނަގާފައެވެ. ނަމަވެސް އޭޕްރިލް 26 ވަނަ ދުވަހު އަބޫބަކުރާއި ދެން ދިޔަ އާއިލާ ދެން ތިބި މީހުންގެ ގައިން ބަލީގެ އަލާމާތްތައް ފެނުނެވެ. އަދި އެ މީހުން ކޮވިޑަށް ޓެސްޓު ކުރުމުން އެކަކު ފިޔަވާ އެންމެން ކޮވިޑަށް ފައްސިވިއެވެ.

އަބޫބަކުރަކީ ބަލީގެ ހިރާސް ބޮޑުމީހެކެވެ. އެންމެ ފަހުން އޭޕްރިލް 29 ވަނަ ދުވަހު އޭނާގެ ހާލަތު ގޯސްވާން ފެށުމުން އެޑްމިޓްވާން ޑޮކްޓަރުން ލަފާ ދިނެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ޓެސްޓުތައް ހަދަން ފެށިއިރު، އޭނާގެ ހާލަތު ދަށްވަމުންދާކަން ޑޮކްޓަރުންނަށް އެނގެން ފެށިއެވެ.

"ކޮވިޑްގެ އަސަރުކޮށްގެން ވީކްވަމުން ދިޔައީ، ދެން އޮކްސިޖަން 15 ޕަސަންޓަށް ގުލައިގެން ދެމުން ދެމުން އައިސް 15 ޕަސަންޓުންވެސް ނުހިފެހެއްޓުނީމަ އަނެއްކާ 40 ޕަސަންޓަށް އޮކްސިޖަން ދީގެން، ދުވާލަކު ހަތަރު ލީޓަރުވަރު ދީގެން، ދެންއަނެއްކާ ބަދަލު ކުރީ ފަސް ލީޓަރަށް، ފަސް ލީޓަރަށް ނުހިފަހައްޓައިގެން 15 ލީޓަރުގެ އޮކްސިޖަން 100 ޕަސަންޓަށް ދޭން ފެށީ، 100 ޕަސަންޓަށް ދީގެން މާސްކް ނާޅާ އެއްވެސް ވަގުތުކޮޅަކަށް ނުހުރެވޭ".

"ނިޔާވީ ވެންޓީލޭޓަރުގައި އޮވެ"

ކޮވިޑް ޖެހުމާ ގުޅިގެން އަބޫބަކުރަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އަދި އޭނާ ނިޔާވެގެން ދިޔައީ ވެސް ވެންޓިލޭޓަރުގައި އޮވެއެވެ.

"ޑޮކްޓަރުން ބުނި، ތިމަންނަމެން ވަރަށް މަސައްކަތްކޮށްފީމޭ، އެކަމަކު ރިވަކަވާއެއް ނުވެއޭ، ޑޭބައިޑޭ ދަނީ ދަށަށޭ، އެޑްމިޓް ކުރި ފަހުން ކިޑްނީ ކަންތައް ރަނގަޅު، ނަމަވެސް ކޮވިޑްގެ ކަންތަކުގެ ފުއްޕާމޭ މަސައްކަތް ނުކޮށް، ނިއުމޯނިއާއަށް ބަދަލުވެގެން ލަންގްސް ޑެމޭޖް ވީމަ ޑޭބައިޑޭ ދިޔައީ ދަށަށް".

ޑޮކްޓަރު ދިޔައީ، އަހުމަދަށް، އަބޫބަކުރުގެ ހާލަތު ބަޔާންކޮށްދެމުުންނެވެ.

"ޑޮކްޓަރުން ފަހުން އައިސް ބުނަނީ، މަސައްކަތޭ ކޮށްދެވޭނީ، ހަމައެކަނި ދުއާއޭ އިނީ، އެ ހިސާބުން އަޅުގަނޑަށް އެނގިއްޖެ ޑޮކްޓަރުވެސް އުއްމީދު ގެއްލިއްޖެކަން، އެހެން ގޮސް ދަމުން ދަމުން ގޮސް އެއްކޮށް ނޭވާ ހުއްޓުނީ".

އަބޫބަކުރު ވަޅުލުގެ ކަންކަންވެސް ކުރިއަށް ގެންގޮސްފައި ވަނީ އެ ސިޓީގައެވެ. އެ ސިޓީގައި މަސައްކަތް ކުރާ މިސްކިތެއް ހިންގާ ޖަމިއްޔާއަކާއި ގުޅިގެން އެެ މީހުންނަށް 20،000 ރުޕީސް ދީގެން އޭނާ ވަޅުލުމުގެ ކަންކަން ވަނީ ކޮށްފައެެވެ. އަބޫކަރާއެކު ދެން އެ ގައުމަށް ދިޔަ މީހުންގެ ހާލު ރަނގަޅެވެ. އަބޫބަކުރުގެ ކުށްފާފަތައް ފުއްސަވައި އޭނާއަށް ސުވަރުގެ މިންވަރު ކުރައްވާށި. އާއިލާއަށް ކެތްތެރިކަން ދެއްވާށި.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސަޓޯ

    ގަޑި ޖެހުނީމަ އެއްވެސް ޕުލާންޓެއް ނޯންނާނެ ހަމަ ދާންވީ... ހަޔާތަކީ އެކަހަލަ އެއްޗެއް

    28
    3
  2. އިއްބެ

    މަރުހޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمیـــــن يارب العالمين🤲

    78
    1
  3. ޝަރީފު

    ޢާމީން

    31
  4. _

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن🤲

    48
    1
  5. ދެރަ

    އާމީން... ވ އެކުވެރި ގުޅޭ އާއިލާެއް.. ޚެޔޮ ދަރުމަ ދެއްވާށި..

    45
  6. ސަކޫން

    މަރުހޫމްގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އާމީން !

    38
  7. ޮކހގ

    އާމީން

    23
  8. މޫމިނު

    އާމްދަނީ ހޯދަންވެސް އެބަޖެހޭ. ދަރިން ބަލަންވެސް އެބަޖެހޭ. ފައިސާ ރައް ކާކ ކޮށް ނުލެވޭ. އަނެއް ކާ މަރު ވުމުން ދާން އޮތީ ކޮންތާ ކަށް ކަމެއް ނޭގޭ.
    ﷲގެ އިރާދައިގައި އޮތް ގޮތެއް ނޭގެ.
    އެއްގޮތެއް ވެސް ނޭގުނޭ. ނޭގުނޭ ނޭގުނޭ

    18
    3
  9. Anonymous

    މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن💔💔💔🙏

    31
  10. ގައުމުގެ ދޫ

    އަސްލު މި ބައްޔާމެދު އާންމުން ދެކޭގޮތް އަދިވެސް ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭ. މީ ނުރައްކާތެރި ގެއްލުންބޮޑު ބައްޔެކަން ގަބޫލުކޮށް ބަލި ޖެހެންހުރި މަގުތަކާ ދުރުގަ އުޅެން ދަސްކުރަންޖެހޭ. ކޮންމެ ކަމެއް އިރާދައާ މަތަކުރުން އެއީ ރަނގަޅުގޮތެއްނޫން. އިރާދައާ މަތިކުރަންވާނީ ސަބަބުތަކުގައި ހިފަހައްޓައިގެން.
    މައްޔިތާގެ ފާފަފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބުމަށް އެދި ދުޢާކުރަން. އާއިލާއަށް ކެއްތެރިކަން މިންވަރުކުރައްވާށި!

    20
  11. Anonymous

    ހަމަ ރޮވިއްޖެ. މާތްﷲ އަބޫބަކުރު ގެ ފާފަތައް ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.
    އަބޫބަކުރު ބޭފުޅުންނާއި ހުވަފަތް އަނބިކަނބަލުންނަށް ޢާއިލާއިން އަބޫބަކުރަށް ދޭންވީ ލޯތްބާއި ހެޔޮކަން ބަހައްޓަންވާނެ.ވ. ބޮޑު ޤުރުބާނީއެއް އަނބިކަނބަލުން އެވީ. އެކަމަކު ކީއްކުރާނީ. ހެޔޮލަފާ މީހަކާއިއެކު އަލުން ދިރިއުޅުމެއް ފަށަންވީ. އެކަނި ކުދިން ބޮޑު ކުރުމަކީ ވ. ހިތްދަތި ކަމެއް

    10
    1
  12. ަްއަހުމަދު

    އާމީން

  13. ޖާބިރު

    މަރުޙޫމަށް މާތްﷲ ސުވަރުގެ މިންވަރު ކުރައްވާށި. މަރުހޫމްގެ އަނބިކަނބަލުންނަކީ ހާދަހާވާ ހުޅްްޤް ހޮޔޮ އިންސާނެކެވެ. އުޙުތާއެވެ ކެތްތެރި ވާށެވެ. ކޮންމެ ކަމެއްވެސް މާތް ﷲ މެދުވެރިކުރަށްވާނީ އެއްމެ މޮޅަށެވެ.

  14. ޢަހްމަދު

    ,انا لله وانا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین🤲