1907 ވަނަ އަހަރު ދުނިޔޭގައި އުފެދުނު ސްކައުޓް ހަރަކާތް ރާއްޖޭގައި ތައާރަފްވެފައި ވަނީ 30 މެއި 1956 ވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ސްކައުޓް ހަރަކާތް ތައާރަފްކޮށްފައިވަނީ މަޖީދިއްޔާ ސްކޫލްގައެވެ. ރާއްޖޭގެ ސްކައުޓް ހަރަކާތަށް މި އަހަރު 65 އަހަރު ފުރޭއިރު މިހާރު ވެސް 11،000 އަށް ވުރެ ގިނަ މެންބަރުން ސްކައުޓް އެސޯސިއޭޝަންގައި އެބަތިބިއެވެ. އޭގެ ތެރެއިން އަބްދުﷲ ޔާފިޒްއަކީ މިއަދު އެ ހަރަކާތުގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބު ޒުވާނެކެވެ.

ދެކެމުން އައި ހުވަފެނުގައި ކުލަ ޖައްސައި އެ އަމާޒަށް ވާސިލްވުމަށް ކުރި މިންނެތް ބުރަ މަސައްކަތުން، ގައުމީ ފެންވަރުގައި ސްކައުޓުންނަށް ދެވޭ ޝަރަފުވެރި ދެ އެވޯޑެއް އޭނާއަށް އުމުރުން 19 އަހަރުގައި ލިބުނެވެ. އެއީ ޕްރެސިޑެންޓަލް ސްކައުޓް އެވޯޑް (ޕީއެސް) އާއި، ބޭޑެންޕަވަލް (ބީޕީ) އެވޯޑްއެވެ.

ޔާފިޒް "ވަގުތު" އަށް އިންޓަވިއު ދެނީ-- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ސްކާފް އަޅަން ކެތް މަދުވެފައި، ނަސީބު އަތުގައި ހިފީ!

އެއީ އޭނާގެ ޅަ ދުވަސްވަރުގެ ހަނދާންތަކެވެ. މާފަންނު މަދުރަސާގައި ކިޔަވަމުން ދިޔައިރު ސްކައުޓް ހަރަކާތުގެ ކުދިން ސްކާފް އަޅައިގެން އުޅޭ މަންޒަރު ބަލަން އޭނާ ހުރެއެވެ. އެކުދިންގެ ކަރުގައި އަޅާފައި އޮންނަ ކަހަލަ ސްކާފެއް އަޅާލުމުގެ ނަސީބު ލިބޭތޯ އެދިއެދި ހުރިއެވެ. މި އުންމީދުގައި މާފަންނު މަދުރަސާއިން ތާޖުއްދީން ސްކޫލަށް ބަދަލުވިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ގްރޭޑް އެކަކަށް ވަންނަ ދަރިވަރުންނަށް ސްކައުޓް ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ނޯވެއެވެ. ޔާފިޒު އިންތިޒާރު ކުރަމުން ދިޔައީ އެ އަހަރު އަވަހަށް ނިމި ގްރޭޑް ދޭކަށް ދާނެ ދުވަހަކަށެވެ.

މި ދިގު އިންތިޒާރަށް ނިމުމެއް އައީ ތާޖުއްދީން ސްކޫލްގެ ކަބް ސަކައުޓްއަށް ވަދެވުމާއެކުއެވެ. އޭރު ޔާފިޒް ކިޔަވަމުން ދިޔައީ ގްރޭޑް ދޭއްގައެވެ. ކަބް ސްކައުޓަށް ވަދެވި ކުރެވުނު ތަޖުރިބާތައް ކިޔައިދެމުން ޔާފިޒް ބުނީ އާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ގިނަ ކަންކަން ދަސްވި ކަމަށެވެ. އަދި ކަބް ސްކައުޓުގައި އުޅުނު އިރު އެންމެ ހަނދާން ވަނީ އޭރު ކޮންމެ މަހަކު ތާޖުއްދީންގައި ބާއްވަމުން އަންނަ ފްރެންޑްޝިޕް ސާކަލްގައި ޖަހާ ސަކަރާތުގެ މަތިންނާއި، ދުނިޔޭގެ ސްކައުޓް ހަރަކާތަށް 100 އަހަރު ފާހަގަކުރި ދުވަހުގެ ހަރަކާތުގެ މަތިން ކަމަށް އޭނާ ބުންޏެވެ. އެންމެ އުފާވި ދުވަހަކީ ކަބް ސްކައުޓް ހުވާ ކުރި ދުވަހު އެ ޔުނީފޯމް ލުމުގެ ނަސީބު ލިބުމުން ކަމުގައި ޔާފިޒް ބުންޏެވެ.

ޔާފިޒް ސްކައުޓް ޔުނީފޯމްގައި.-- ފޮޓޯ: މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ފޭސްބުކް ޕޭޖްއިން

ކަބް ސްކައުޓުން ސްކައުޓަށް، ތަފާތު ތަޖުރިބާއެއް

ގްޜޭޑް ހަޔަކާ ހަމައަށް ކަބް ސްކައުޓްގައި އުޅުމަށް ފަހު ސްކައުޓް ހަރަކާތަށް ބަދަލުވިއެވެ. ތާޖުއްދީންގައި ގްރޭޑް އަށަކާ ހަމައަށް ކިޔެވި އިރު ސްކޫލުން ބޭރަށް އެއް ކޭމްޕް ދިއުމުގެ ފުރުސަތު ލިބުނެވެ.

އެއީ ޔާފިޒްގެ ހަޔާތުގައި ދެވުނު ފުރަތަމަ ކޭމްޕްއެވެ. އޭނާ ބުނި ގޮތުގައި ކުރިން ކުރަން ނުޖެހުނު ގިނަ ކަންކަން ކޭމްޕްއަކަށް ދިއުމުން ކުރަން ޖެހުނެވެ. އޭގެ ތެރޭގައި ގެޒެޓް އެއްޗެހި ހަދަން ޖެހުނު ކަން ފާހަގަކުރިއެވެ. ޔާފިޒް ބުނީ އަލަށް ޓެންޓެއްގައި ނިދަން ޖެހުމުން ކުރެވުނު ތަޖުރިބާވެސް ވަރަށް ތަފާތު ކަމަށެވެ.

ސާނަވީ ތައުލީމް ހާސިލް ކުރުމަށް ޔާފިޒް މަޖީދިއްޔާއާ ގުޅުނީ ގްރޭޑް އަށަކަށެވެ. އެއަހަރު ތެރޭގައި މަޖީދިއްޔާ ސްކައުޓް ގްރޫޕް ފަސްޓް މާލެ ސްކައުޓް ގްރޫޕް (އެފްއެމްއެސްޖީ) އާ ގުޅުނެވެ. ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނު ސްކޫލްއެވެ. ޔާފިޒް ކިޔާދިން ގޮތުގައި ސްކައުޓް ހަރަކާތުގެ ތެރެއިން ގިނަ އެއްޗެހި ދަސްވެގެން ދިޔައީ މަޖީދިއްޔާ ސްކައުޓާ ގުޅުނު ފަހުންނެވެ. ތަފާތު އެކި ކަންކަން ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި ގިނަ ހަނަރުތަކެއް ސްކައުޓް ހަރަކާތުގެ ތެރެއިން ލިބުނުކަން އޭނާ ފާހަގަކުރިއެވެ.

އެންމެ ތަފާތު އެއްތަޖުރިބާއެއް ކުރެވުނީ ސަވައިވަލް ކޭމްޕްއަކަށް ގުރައިދޫ ކައިރީ އޮންނަ ފިނޮޅަށް ދިއުމުން ކަމަށްވެއެވެ. ބެކްވުޑްސްގެ ނަމުން ނަންދެވިފައިވާ ބެޖެއް ފުރިހަމަ ކުރުމަށް ކުރި މި ދަތުރުގައި އަލިފާންގަނޑެއް ރޯކޮށް ވިއްސާރައިގެ ތެރޭގައި އެ އަލިފާންގަނޑު ނިވިޔަ ނުދީ ހިފަހައްޓަން ކުރި މަސައްކަތްތައް އަދިވެސް ވަރަށް ހަނދާވާ ކަމަށް ޔާފިޒް ބުނިއެވެ.

އަދި ބޯހިޔާވަހިކުރެވޭނެ ތަންކޮޅެއް ހަދައިގެން އެ ކުޑަ ތަންކޮޅުގައި ފަސް ވަރަކަށް ކުދިން އުޅެން ޖެހުމުން ގިނަ ތަޖުރިބާތަކެއް ކުރެވިގެން ދިޔަކަމަށްވެއެވެ. މި ކޭމްޕްގެ އިތުރުން އެކްސްޕްލޯރޯ ބެޖް ހޯދުމަށް ދިޔަ ކޭމްޕްއަކީ ވެސް ވަރަށް ތާރީހީ ކޭމްޕެއް ކަމަށް ޔާފިޒް ކިޔައިދިނެވެ.

ސަވައިވަލް ކޭމްޕް -- ފޮޓޯ: މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ފޭސްބުކް ޕޭޖްއިން

މީގެ އިތުރުން ބޮޑެތި ހަރަކާތްތައް ރާވަން މުޅި ދުވަސް ސްކައުޓް ރޫމްގައި ހޭދަކުރާ އިރު އެ ކުރާ މަސައްކަތުގެ ތެރެއިން ޖަހާ ސަކަރާތްތައް ހިއްސާ ކުރަމުން ޔާފިޒް ވަނީ އެ ހަނދާންތައް ވެސް ކިޔައިދީފައެވެ.

"އޭރު މިހެން ބާއްވާ ބޮޑެތި ކޭމްޕްތަކަށް ތައްޔާރުވާން ސްކައުޓް ރޫމް ތެރޭ ތިބޭއިރު ޖަހާ ސަކާރާތްތަކުގެ މަތިން ވަރަށް ހަނދާންވޭ. މޮނަޕޮލީއާއި ތާސްބައި ކުޅުން ކަހަލަ ކަންކަންވެސް ކުރިއަށް ދާނެ. ދެން އެކަކު އަނެކަކަށް ދިމާކުރުމާއި ސްކައުޓް ޔެލް ހެދުމުގެ ކަންކަންވެސް ދާނެ. ކޮންމެއަކަސް ސްކައުޓް ރޫމަކީ ވަރަށް ގިނަ ތާރީހީ ހަނދާންތައްވާ ތަނެއް." ޔާފިޒް ބުންޏެވެ.

ޔާފިޒް ބުނާ ގޮތުން ސްކައުޓް ހަރަކާތަކީ ގިނަ ތަޖުރިބާތަކެއް ލިއްބައިދޭނެ އިތުރު ހަރަކާތެކެވެ. ކެޑޭޓާއި ހިލާފަށް ސްކައުޓް ތަފާތުވެގެން ދަނީ މަޖާ ވެއްޓެއްގެ ތެރެއިން ގިނަ ކަންކަން ދަސްވެގެން ދާތީއެވެ. އެކި ހިސާބުތަކުގެ ސްކައުޓުންނާ ގުޅުން ބަދަހިވެ، އެކުވެރިކަން އާލާވެގެން ދާތީއެވެ. އަދި ހަމައެއާއެކު ސްކައުޓް ހަރަކާތުގެ ތެރެއިން އެއްކޮށް ގުޅިގެން މަސައްކަތް ކުރުމަށް ދަސްވެގެން ދިއުމާއި އަނެކުންނަށް އިހްތިރާމް ކުރަން ދަސްވާތީކަން ފާހަގަކުރިއެވެ. ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބި، އެކި ކަންކަން ދަސްކޮށް ތިމާގެ ހުނަރުތައް ކުރިއެރުވުމަށް ސްކައުޓް ހަރަކާތަކީ ސްކޫލް ދައުރުގައި ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ޔާފިޒް ސިފަކުރިއެވެ.

ޔާފިޒްއާއި އެކު ޕްރެސިޑެންޓަލް ސްކައުޓް އެވޯޑަށް މަސައްކަތް ކުރި އިއުޖާޒާއި ޝިހާދު-- ފޮޓޯ: މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ފޭސްބުކް ޕޭޖްއިން

ސްކައުޓް ހަރަކާތުގެ ތެރެއިން ޓެންޑާފޫޓް ގްރޭޑް 6 ގައި ނިންމުމަށްފަހު ސެކަންޑް ކްލާސް ނިންމުނީ ގްރޭޑް ނުވައެއް ދިހައެއްގައި އެޅެމުން ކަމަށް ޔާފިޒް ބުނިއެވެ. އަދި ފަސްޓް ކްލާސް ނިންމުމަށްފަހު ރައީސް އަތުން ދޭ ޕްރެސިޑެންޓަލް ސްކައުޓް އެވޯޑް ހޯދުމަށް މަސައްކަތް ކުރީ ގްރޭޑް ދިހައެއް ނިންމުމަށްފަހުގައި ކަމަށްވެއެވެ. 18 އަހަރު ފުރުމުގެ ކުރިން މި އެވޯޑަށް ލުމަށް އޭނާއާއެކު އިއުޖާޒްއާއި ޝިހާދު މަސައްކަތް ކުރި ކަމަށްވެއެވެ.

ނަމަވެސް އެވޯޑަށް ލެވުނީ އިޖާޒަށާއި ޔާފިޒްއަށެވެ. ދެ މީހުންނަށްވެސް އެ ޝަރަފުވެރި އެވޯޑް 2017 ވަނަ އަހަރު ރައީސްގެ އަތްފުޅުން ލިބިފައިވެއެވެ.

އުމުރުން 18 އަހަރު ވުމާއެކު ޔާފިޒް ދެން ވަނީ މަޖީދިއްޔާގެ ރޯވާ ސްކައުޓަށެވެ. ރޯވާ ސްކައުޓުގައި ނިންމަން ޖެހޭ އެއްޗެހިތައް ނިންމުމަށްފަހު ބީޕީ އެވޯޑަށް 2019 ވަނަ އަހަރުގައި ލިއެވެ. މި ފަހަރުވެސް އޭނާ މަސައްކަތް ކުރީ އިއުޖާޒާ އެކުއެވެ. ދެ މީހުންނަށް މި އެވޯޑްވެސް ލިބުނެވެ.

ބީޕީ އެވޯޑާއި، ޕީއެސް އެވޯޑް ޔާފިޒްއަށް ދޭތަން -- ފޮޓޯ: މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ފޭސްބުކް ޕޭޖްއިން

މި ދަތުރުގައި ޔާފިޒްއަށް ދިމާވި ގޮންޖެހުންތައް ކިޔައިދެމުން ބުނީ އޭނާއަކީ ގެޒެޓް އެއްޗެހި ހެދުމުގައި ލޭޝިންތައް ޖެހުމާއި، އެކި ގޮށްތައް ޖެހުމުގައި ވަރަށް އުނދަގޫވި ކަމަށެވެ. ބޮޑެތި މަންކީ ބްރިޖްތަކާއި، ޓަވަރުތައް ހަދާއިރު އެކި ވައްތަރުގެ ގޮށްތައް ޖެހުމުގައި ޝިހާދާއި އިއުޖާޒާއި އެއް ފެންވަރެއްގައި ހިފެހެއްޓުމަށް އުނދަގޫވި ކަމަށް ބުނިއެވެ. ނަަމަވެސް "އެމީހުންނަށް ވަންޏާ ވަކި އަަޅުގަނޑަށް ނުވާނެ ސަބަބެއް ނޯންނާނެއޭ" ހިތައް އަރުވާލާފައި ހިތްވަރާއެކު މަސައްކަތް ކުރި ކަން ފާހަގަކުރިއެވެ.

ދެ ލަކުޑިކޮޅު ގުޅުވަން ޔާފިޒް ލޭޝިން ޖަހަން މަސައްކަތް ކުރަނިކޮށް-- ފޮޓޯ: މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ފޭސްބުކް ޕޭޖްއިން

ޔާފިޒް ބުނީ އެހެން ސްކައުޓް ގްރޫޕްތަކާ އަޅާ ބަލާއިރު މަޖީދިއްޔާ ސްކައުޓް ހަރަކާތް ތަފާތު ވާނެ ކަމަށެވެ. މަޖީދިއްޔާގައި ބެޖް ހޯދުމުގެ މަސައްކަތް އެހެން ސްކްއުޓް ގްރޫޕްތަކާ އަޅާ ބަލާއިރު އުނދަގޫވި ނަމަވެސް ލިބޭ ތަޖުރިބާ މާ ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ލިބޭ ތަޖުރިބާގެ ބޭނުން އާންމު ދިރިއުޅުމުގައި ހިފޭނެ ކަމަށް އޭނާ ބުންޏެވެ. ޔާފިޒް ބުނީ އެ ދެ އެވޯޑަށް އޭނާއަށް ވާސިލްވެނީ އެތައް ފަހަރަކު ނާކާމިޔާބުވެގެން ކަމަށެވެ. ނަމަވެސް ނާކާމިޔާބީއަކީ ކާމިޔާބުވުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ދެކިގެން މަސައްކަތް ކުރި ކަމަށް އޭނާ ކިޔައި ދިނެވެ.

"ވަރަށް ގިނަ ބެޖްތަކުން ފެއިލްވެފައި ހުންނާނެ. ދެރަވާ ފަހަރުތައް ވެސް ދިމާވޭ. އެކަމަކު ހިތްވަރާއެކު ޖެހިގެން އަންނަ ފަހަރު މަސައްކަތް ކުރަން. ނާކާމިޔާބަކީ ކާމިޔާބުވުމަށް ކުރާ މަސައްކަތަށް ލިބޭ އިތުރު ހިތްވަރެއް ކަމުގައި އަޅުގަނޑު ދެކެނީ. ނާކާމިޔާބު ވުމަކީ މަސައްކަތެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން." ޔާފިޒް ބުނިއެވެ.

2017 ވަނަ އަހަރު ޕްރެޒިޑެންޝަލް ސްކައުޓް ލިބިފައިވާ ރަސްމިއްޔާތުގެ ތެރެއިން ޔާފިޒްއާއި އިއުޖާޒް -- ފޮޓޯ: މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ފޭސްބުކް ޕޭޖްއިން

ތާޖުއްދީން ސްކޫލާއި، މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލު ކުރުމަށް ފަހު، 2017 ވަނަ އަހަރު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން މަތީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވާ އިރު ޔާފިޒް ސްކައުޓް ހަރަކާތާ ގުޅުނީ 2006 ވަނަ އަހަރުއެވެ. އެއަށްފަހު ރޯވަރ ސްކައުޓް ފެށީ މަޖީދިއްޔާ ސްކޫލުގައި 2017 ވަނަ އަހަރުއެވެ.

2017 ވަނަ އަހަރު ޔާފިޒް ވަނީ ސްކައުޓް އެސޯސިއޭޝަންގެ ބޭސިކް ލީޑަ ޓްރޭނިން ކޯސް ފުރިހަމަކޮށް މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރެއްގެ ގޮތުގައި ޚިދުމަތް ކުރަން ފަށައިފައެވެ. އަދި 2018 ވަނަ އަހަރު ސައުތު ކޮރެއާގައި ބޭއްވި، ވާލްޑް ޔޫތް ކޭމްޕުގައި، އެ އަހަރު ބޭއްވި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ސްކައުޓް ޔޫތް ފޯރަމް އަދި ސްކައުޓް ކޮންފަރެންސްގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވިއެވެ.

ސައުތު ކޮރެއާގައި ބޭއްވުނު، ވަރލްޑް ޔޫތް ކޭމްޕުގެ ތެރެއިން ޔާފިޒް -- ފޮޓޯ: މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ފޭސްބުކް ޕޭޖްއިން

މިކުޑަކުޑަ ރާއްޖޭގައި މިޙަރަކާތް އުފެދި، އަހަރަކަށްފަހު އަހަރެއް ކާމިޔާބުގެ ހަރުފަތްތައް ގިރާކުރަމުން ކުރިއަރަމުންގޮސް، މިއަދު މިކުޑަކުޑަ ރާއްޖެ މިވަނީ ސްކައުޓް ހަރަކާތުގައި، އޭޝިއާ ޕެސިފިކް ސަރަޙައްދުގައިވެސް ނަގާކިޔާ ގައުމަކަށް ވެފައެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ބޭއްވޭ ހުރިހާ ހަރަކާތެއްގައި، ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކެކޭ އެއްސަފެއްގައި، ގެންދަނީ ފައިތިލަ ސާބިތުކުރަމުންނެވެ. ދިވެހި ސްކައުޓުން ވަނީ ރަންވަނަތައްވެސް ހޯދާފައެވެ. ދުނިޔޭގެ މައި ސްކައުޓް ޖަމިއްޔާ އާއި އޭޝިޔާގެ ޕެސިފިކް ސަރަހައްދުގެ ސްކައުޓް އޮފީސްތަކުގައިވެސް ރާއްޖޭގެ ލީޑަރުން ޚިދުމަތްތައް ކޮށްދިން އިރު ސަރަހައްދީ ފެންވަރުގެ އެކިއެކި ކޮމިޓީތަކުގައިވެސް ރާއްޖޭގެ ލީޑަރުން މިހާރުވެސް ޚިދުމަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހިން

    ދިވެހި ދަރިއެއް

  2. Anonymous

    ރަނގަޅު ދަރިންވެސް އެބައުޅޭކަން މިހިރަ އެނގެނީ. މަގުމަތީގައި އުޅޭ ކުދިން ފެނި ހާދަ ހިތްދަތިވެއޭ. މިކަހަލަ ކުދިންގެ ޚަބަރު ކިޔާލީމަ ހިތަށް އުފާވެރިކަން ލިބޭ. ރަނގަޅު ކުދިން އަދި ހުސްނުވޭ. ހިތްވަރާއި އެކު ކުރިއަށް ދަރިފުޅާ. މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމާއި ޙިމާޔަތް ކޮށްދޭތި ދަރިފުޅާ.
    އަވަށްޓެރިންނަށް އެހާވަރަށް ބަރޯސާނުވާތި. އަވަށްޓެރި ކަމުގައިވެސް ލިމިޓެއް އޮންނަށްވާނެ.
    ބޮލަށް އަރާ ދަރަޖައަށް ގާތްނުކުރާތި ދަރިފުޅާ.
    ފަހުން ހިތާމަކުރަން ޖެހޭނެ.

    10
  3. ޔާ

    ތިގޮތުގައި ކުރިޔަށް އަބަދުވެސް!