އެއީ މެއި މަހުގެ 14 ވަނަ ދުވަހެވެ. ދިވެހި ފިރިހެނަކު ގެއްލިގެން ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނެއް ކޮށްފިއެވެ. އެއީ އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްގެންނެވެ. ހޯދަމުންދާ މީހަކީ ހދ.ނޮޅިވަރަންފަރު މޯނިންސަން، މިސްބާހު މުހައްމަދު (25އ) އެވެ.

އޭގެ ހަފްތާއެއް ފަހެވެ. މެއި މަހުގެ 22 ވަނަ ދުވަހު އިމިގްރޭޝަނާ ހަވާލާދީ ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ މީހާ ހުރީ ރާއްޖޭން ބޭރުގައި ކަމަށެވެ. އިމިގްރޭޝަނުން އިތުރަށް މައުލޫމާތު ސާފު ކުރުމުން އޭނާ ފުރާފައި ވަނީ ނޮވެމްބަރު 19، 2020 ގައެވެ. ފުރީ ދުބާއީއަށް ކަން އެކި މަސްދަރުން މައުލޫމާތު ލިބުނެވެ.

މިސްބާހު ބޭރަށް ދިޔަ ހަބަރާއާ އެކު މީސް މީޑިއާގައި އެކަމާ ގުޅޭ އެކި ކަހަލަ ވާހަކަތައް ދައުރުވާން ފެށިއެވެ. އޭނާ ރާއްޖޭގައި ހުރިކަމަށް ބުނެ ބަޔަކު ދިޔައީ ވާހަކަތަކެއް ފަތުރަމުންނެވެ. ފަތުރަމުން ދިޔައީ ކިހާ ވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ކަމެއް ނޭނގެއެވެ. މި ވާހަކަތަކާ އެކު އެކިވަރުގެ ކަންބޮޑުވުންތައް ވެސް އުފެދެން ފެށިއެވެ.

ކަންބޮޑުވުންތަކާއެކު ސީރިއަސް ތުހުމަތުތަކެއް

މިސްބާހަކީ ކުޑައިރު ބާރުގަދަ މަސްތުވާތަކެއްޗެއް ބޭނުންކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހާލު ސީރިއަސްވެ ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި މަރާއި ހަނގުރާމަކޮށް ކިރިޔަކިރިޔާ ސަލާމަތްވި މީހެކެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މެޔަށް ލިބުނު ޒަހަމްތަކެއްގެ ސަބަބުން މިސްބާހު ދުނިޔޭގައި ހުރެދާނެ ކަމަށް އާއިލާއިން ވެސް ތިބީ ޝައްކެއްގެ ތެރޭގައެވެ.

މިއީ މިސްބާހުގެ ވާހަކަ އޭނާގެ އާއިލާ މީހަކު ފެށި ގޮތެވެ. ނަން ހާމަ ނުކުރަން ޝަރުތުކޮށް ''ވަގުތު" އާ ވާހަކަ ދެއްކި މިސްބާހުގެ އާއިލާ މީހަކު ބުނީ، އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ދިމާވެފައިވާ މީހެއް ކަމަށެވެ. ކުއްލިއަކަށް ރުޅިގަދަ ވުމަކީ މިސްބާހުގެ ހުންނަ ސިފައެއް ކަމަށް އެ މީހާ ބުންޏެވެ. އާމްދާނީއެއް ހޯދަން މާ ބޮޑު މަސައްކަތެއް ވެސް އޭނާ ނުކުރެއެވެ. ކިރިޔާވެސް ފައިސާއެއް ލިބެނީ މަޖޫރީކަން ކޮށްދީގެންނާއި ކާށި ވިއްކައިގެން ކަމަށް ބުންޏެވެ.

ލިބޭ މަދު ފައިސާކޮޅަށް ވެސް ރަށްޓެހިންނާއެކު މިސްބާހު ދިޔައީ މަސްތުވާތަކެތި ބޭނުން ކުރަމުންނެވެ. އުޅެމުން ދިޔައީ ކުށުގެ ވެށީގައެވެ. ނޮޅިވަރަންފަރުން ވާހަކަ ދެއްކި އާއިލާ މީހާ ބުނި ގޮތުން ނަމަ އެ ރަށުން މިސްބާހު އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ކާށި ބަސްތާއެއް ހިފައިގެން ބޯޓަށް އަރައި ހުއްޓައި ފެނުނު ކަމަށް ރަށުގެ މީހުން ކިޔައި އުޅޭ ކަމަށް އޭނާ ބުންޏެވެ.

މޮސްޓާއަށް މިސްބާހުގެ ފޯނުކޯލެއް

މިސްބާހުގެ ރަށް ނޮޅިވަރަންފަރު ތަމްސީލު ކުރައްވާ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް މިސްބާހު ވީޑިއޯ ކޯލެއް ކުރިއެވެ.

"ވަގުތު" އާ ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ، އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭރު ނަންބަރަކުން ވަޓްސްއެޕުން ކޯލެއް ލިބުނު ކަމަށެވެ. އޭނާ ހުރީ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ކަމަށް، ކުރި ވީޑިއޯ ކޯލްގައި މިސްބާހު ބުނެފައިވާ ކަމަށް މޮސްޓާ ވިދާޅުވިއެވެ. އެ ހުރި ތަނަކަށް ދިޔައީ ކިހިނެއްތޯ މޮސްޓާ ސުވާލުކުރުމުން މިސްބާހު ބުނެފައިވަނީ "ރައްޓެއްސަކު ފޮނުވި" ޓިކެޓެއްގައި ކަމަށެވެ.

"ބުނީ ރާއްޖެ ދާންވެގެން ލާރި ނެތިގެންނޭ، އަޅުގަނޑު ބަލާލިއިރު އެއީ ޕާކިސްތާނު ނަންބަރެއް، ކައިރީގައި ދެ މީހަކު ވާހަކަ ދައްކާ އަޑު އިވުނު، އެ ދެ މީހުން ދިޔައީ އުރުދޫ ބަހުން ވާހަކަ ދައްކަމުން،" ނޮޅިވަރަންފަރަށް އުފަން މޮސްޓާ ވިދާޅުވިއެވެ.

މިސްބާހް ގުޅުމުން، ރަށުން އިތުރަށް ކަންކަން ސާފު ކުރި ކަމުގައި މޮސްޓާ ވިދާޅުވިއެވެ. މިސްބާހް ގެއްލިގެން އާއިލާއިން އުޅޭ ކަން އެނގުމުން، މޮސްޓާ ވެސް ފުލުހުންނަށް އެ މައުލޫމާތު ދެއްވިއެވެ. މެއި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފުލުހުން ގުޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގުޅާފައިވަނީ އެރޭ 22:30 ހާއިރުއެވެ.

އެކި ވާހަކަތައް ފެތުރެނީ، މިސްބާހު ރާއްޖޭގައި؟

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭ ފަޅުން 100 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި މިސްބާހު ހިމެނޭ ކަމަށް ކިޔައި ރަށު ތެރޭގައި ވާހަކައެއް ފެތުރުނެވެ. އެކަމަކު އެ ކަން ޔަގީން ކުރަން އާއިލާއިން ފުލުހުންނަށް ގުޅުމުން އޭނާ ފުލުުހުންގެ ބެލުމުގެ ދަށުގައި ނެތް ކަން ފުލުހުން ކަށަވަރުކޮށްދިނެވެ. މިއީ "ވަގުތު" އަށް ވެސް އެ މައުލޫމާތު ލިބިފައިވާ ގޮތެވެ.

މެއި މަހު ފުލުހުން ވަނީ އޭނާ ދުބާއީއަށް ފުރި ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިން ކަން އާއިލާއަށް އަންގައިފައެވެ. އެކަމަކު މިސްބާހުގެ އެތައް ނަފްސާނީ މައްސަލައެއް އޮތް އިރު، އޭނާ އެކަނި އަމިއްލައަށް މަސައްކަތް ކޮށްގެން، މީހެއްގެ އެހީ ނެތި، ރާއްޖޭން ބޭރަށް ފުރައިގެން ގޮސްދާނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރެއެވެ.

"މިސްބާހު ދުބާއީއަށް ހަމަ އެކަނި ހުރެފަ ދިޔަ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން، އޭނާ [ނޮޅިވަރަންފަރުން] ދިޔައީ އަންނައުނުވެސް ބަހައްޓާފައި، އައިޑީ ކާޑު ވެސް ނުލައި ދިޔައީ، ޕާސްޕޯޓެއް ވެސް އޭނާ އަތުގައި ނޯންނާނެ، އޭނާ އަތުގައި ފައިސާއެއް ވެސް ނުހުންނާނެ،" އާއިލާގެ މީހާ ކިޔައިދިނެވެ.

އާއިލާއިން ވާހަކަ ދެއްކި މީހާ ބުނާ ގޮތުން ނޮވެމްބަރު މަހު މިސްބާހު އޭނާގެ މަންމައަށް ގުޅިއެވެ. ރަށަށް ދާނެ ކަމަށް ވެސް މިސްބާހު މަންމަ ކައިރި ބުނި ކަމަށްވެއެވެ. އިމިގްރޭޝަނުން އެންމެ ފުރަތަމަ އާއިލާ މީހުންނަށް އެންގި ގޮތުގައި މިސްބާހު ރާއްޖެ ދޫކޮށް ދިޔައީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެކަމަކު، ފަހުން ދިން ތާރިހަކީ ނޮވެމްބަރު 20 އެވެ.

އެހެންވެ ފުލުހުންނަށްވެސް މިސްބާހް ފުރި ދުވަހެއް ސީދާ އާއިލާއަށް ޔަގީންކޮށްދީފައެއް ނުވެއެވެ. "ވަގުތު" އަށް ފުލުހުންގެ މީޑިއާ އޮފިޝަލް ދެއްވި ތާރީޚަކީ ނޮވެމްބަރު 19 އެވެ.

"އަދިވެސް ފުލުހުން ޔަގީންކޮށް ނުދޭ މިސްބާހު ރާއްޖޭގައި ހުރި ކަމަށް. އަދި ޔަގީންކޮށް އާއިލާއަކަށް ކަށަވަރުކޮށް ނުދޭ، ދުބާއީގެ އިމިގްރޭޝަނުން ވެސް ޔަގީންކޮށްނުދޭ ކަމަށް އެމީހުން ބުނި،" އާއިލާ މީހާ ބުންޏެވެ.

މާލޭގައި އުޅޭ ނޮޅިވަރަންފަރު ބައެއް މީހުން ވަނީ "ވަގުތު" އަށް ވާހަކަ ދައްކާފައެވެ. އެމީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި އިމިގްރޭޝަނުން މިސްބާހު ފުރިކަމަށް ބުނާ ތާރީހުގެ މާ ފަހުން ވެސް އޭނާ މާލޭން ފެނުނެވެ. ދާދި ފަހުން ރޯދަ މަސް ތެރޭގައި ބައްދަލުވެ ފިހާރައަށް ދިޔަ ކަމަށް މިސްބާހުގެ ރައްޓެއްސަކު ބުނި ކަމަށް ނޮޅިވަރަންފަރު މީހަކު ކިޔައިދީފައެވެ.

"ނޫހުގައި އެ ހަބަރު ފެނިގެން މިސްބާހާ އެކީގައި އުޅޭ ބައެއް މީހުން އޭނާ މި ފަހުން ރޯދަ މަހުވެސް މާލެއިން ފެނުނު ކަމަށް އެބަ ކިޔާ، ތެދެއް ހަގީގަތެއް ނޭނގެ،" ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާއިލާއާ މި ސުވާލު ކުރުމުން އާއިލާއިން ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. މިސްބާހު ފެނުނު ކަމަށް އޭނާގެ ރަށްޓެހިން ބުނެފައިވާ ކަމަށް އާއިލާ މީހާ ބުންޏެވެ. އެކަމަކު އެއީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ކަމުން، އެ މީހުން ދައްކާ ވާހަކަ އާއިލާއިން ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ.

އިތުރު ސަބަބެއްގެ ގޮތުގައި އާއިލާއިން ފާހަގަކުރީ، މިސްބާހުއާ އެކު އުޅޭ ބައެއް ރަށްޓެހިންގެ އާއިލާގެ މީހުންނަކީ މީގެ ކުރިން ސީރިޔާއަށް ހަނގުރާމަ ކުރަން ގޮސް އުޅުނު މީހުންނަށް ވާތީއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މިހާރު ވެސް ސީރިއާގައި ތާށިވެފައި ތިބި ބައެއް ކަން އާއިލާއިން ފާހަގަކުރިއެވެ.

"މިސްބާހަކީ ނަފްސާނީ މައްސަލަތަކެއް ހުރި ކުއްޖެއް، އޭނާގެ ސިކުނޑި ދޮވެލެވޭނެ، އޭގެ ބަޔަކުގެ އަވާގައި ޖެހިގެން އެ ބައެއްގެ އެހީގައި ގޮސްދާނެ." މިއަދު ކަންކަން ހިނގަމުންދާ ގޮތުން އާއިލާއަށް ގަބޫލު ކުރެވޭ ގޮތް ބުންޏެވެ.

ނުރައްކާތެރި ވިއުގައެއްގެ ސިގްނަލް

އާއިލާގެ މީހުންނާއި ފުލުހުންގެ އިތުރުން ރަށުގައި ދެކެވެމުންދާ ވާހަކައިގެ އިތުރުން މެމްބަރު މޮސްޓާގެ ވާހަކައިން ފާހަގަކުރެވޭ އެއް ކަމަކީ މިއީ "ގޮތް ނޭނގެ" ވިއުގައެއްގެ ތެރެއިން ހިނގާ ކަމެއް ކަމަށް ބެލެވެއެވެ. މިހާ ގިނަ ސުވާލުތަކެއް އެކަމުގައި އުފެދޭ ސަބަބަކީ އެއީއެވެ.

މިސްބާހު ރާއްޖެއިން ބޭރަށް ދިޔަ ކަމެއް އަދި ނުދާ ކަމެއް ފުލުހުންނަށް، އާއިލާއަށް ކަށަވަރުކޮށްދެވިފައެއް ނުވެއެވެ. އަމިއްލައަށް ދަތުރު ނުކުރެވޭނެ ހާލުގައި ހުރި މީހަކު ދުބާއީއަށް ދިޔަ ސަބަބެއް ސާފެއް ނުވެއެވެ. ޕާކިސްތާނަށް ދިޔައީ ކީއްކުރަން ކަމެއް ސާފެއް ނުވެއެވެ. ފުލުހުން މޮސްޓާގެ ފަރާތުން މާ ބޮޑު މައުލޫމާތެއް ހޯދަން މަސައްކަތް ނުކުރާކަން ވެސް ފެނެއެވެ.

ފުލުހުން އެ ބުނާ ތާރީހުގެ ފަހުން މިސްބާހު މާލެއިން ފެނުން ކަމަށް ބުނާ ވާހަކަތަކާއެކު އިތުރު ކަންބޮޑުވުންތައް އެބަހުއްޓެވެ. އާއިލާއިން ބުނާ ގޮތުންނަމަ މިސްބާހު ރާއްޖެއިން ބޭރަށް އެކަނި ފުރައިގެން ދިޔުމުގެ ފުރުސަތު ވަރަށް ހަންޏެވެ. އެހެން ކަމަށްވާނަމަ އޭނާ ފުރުވުމުގެ ފަހަތުގައި ތިބި ބަޔަކު ހޯދަން އެބަ ޖެހެއެވެ. މިކަން ސީރިއަސް ކޮށް ބަލަން ޖެހެނީ މީގެ ކުރީން ހިނގާފައިވާ މި ފަދަ ހާދިސާތަކުގެ ތަހުގީގު "ވާނުވާއެއްގެ" ތެރޭގައި ނިމިދާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮރަލް

    ސިޔާސީ އެންމެ މީހަކުހިމާޔަތް ކުރަން އުޅެ އާއްމުރައްޔިތުން މަތީން ހަނދާން ނެތުނީ އެވެ.

    156
    10
  2. ކައުންސެލަރު

    މިސްބާހަށް ވީ ކީއްތަ؟
    މިސްބާހު ހޯދާ!
    މިސްބާހު ގެއްލުވާނުލާ!
    މިސްބާހު ކޮބައިތަ؟

    71
    5
  3. ބަކުރުބެ

    އަޅެ ފުލުހުން އިމިގްރޭޝަން މެދުވެރިކޮށް ހޯދި މަޢުލޫމާތު ރާއްޖޭގަ އޭނަ ނެތްކަމާއި ފުރިކަން އެބަ އެނގޭދޯ. ދެން ދިވެހިރާއްޖޭ ކޮންމެ މީހެއް ރާއްޖެއިން ބޭރަށް ދަންޔާ އިންޓަވިއު ކުރަން އެބޖެހޭދޯ. ނޫނީ ޓެގް އަޅުވަން އެބަޖެހޭ ދޯ. މީ އެއްވެސް ދަޢުލަތަކަށް ވާނެކަމެއްތަ.

    43
    13
    • ޙަފީ

      ފުލުހުން އެހެންބުނިފަހުން އޭނަ މާލޭން ފެނުނީމަ މައްސަލައެއް ދޯ

      26
      7
    • އިބިލީސް

      ކޮންމެހެނަ ފުލުހުން ބަދުނާމް ކުރާކަށް ނޫން. އެކަމަކު ރިލްވާނާއި ދެންހުރި މީހަކާއު ގެއްލިގެން ހޯދަން އުޅޭހެން ނިކަމެތި މީހާ ގެއްލުނީމަވެސް އެވަރަށް ކޮމިޓްމަންޓް ދޭންވާނެ. އުފައްދައިފައި ހުރި ސުވާލުތަކުގެ ކޮންމެވެސް ބުރަދަނެއްހުރިހެން ފާހަގަވޭ. އެހެންވަންޔާ ތަންކޮޅެއް ސީރިއަސް ކޮށް ބެލެންވާނެ

      35
      3
  4. މީހާ

    އާއިލާ މީހުންގެ ޒިންމާ ތީގައި ވަރަށް ބޮޑު، އިހުމާލުވެސް ބޮޑު، ކޮންމެ ކަމެއް ދެންތިބެފައި ކަނޑާލާނީ ސަރުކަަރަށް.

    35
    7
  5. ބަބޫ

    ބަލަ އިމިގްރޭޝަނަށް ނޭގޭތަ ބުނާކަށް ޔަގީންކަމާއެކު. ޕާސްޕޯޓް ބޭރުވެއްޖިއްޔާ އެގެން ޖެހޭނެ. ނޭގެންޏާ އެތަން އުވާލަންވީ. ހުރުމުގެ އެއްވެސް ބޭނުމެއް ނެތް ތަނެއް. ހަމަ ޔަގީނުންވެސް މިވެނި ޕާސްޕޯޓެއް ވީ ބޭރުގައޭ ނޫނީ އެތެރޭގައޭ ބުނެވެންވާނެ.

    47
  6. ހމމ

    ހމމ މޮސްޓާ ދޯ

    3
    2
  7. ސުހަން

    އާއިލާއިން އެބަބުނޭ ޕާސްޕޯޓެއް ނޯނާނެޔޭ އައިޑިކާޑްވެސް ބާވަފައެ އޮތީ. ދެން އޭނަ ބޭރަށް ދާން އައިޑީކާޑައި ޕާސްޕޯޓް ހައްދަން އިމިގްރޭޝަނަށް ވަދެފަހުންނާނެތާ. ޕާސްޕޯޓް ދޫކުރި ތާރީހްތަކާ ދޫކުރި މީހުންވެސް ތިބެންވާނެ. އެތަންތަގެ ސީސި ކެމެރާތައް ކޮބާތަ. އެއާޕޯޓުގެ އެ ބުނާ ފުރި ދުވަހުގެ ސީސި ތަކަށް އަރާފަވެސް ހުންނާނެ. ރާއްޖެގަ ހުރިކަން ނޫނި ނެތްކަން ފުލުހުންނަށް ޔަގީންކުރެވެންވާނެ. ތިޔަ މައްސަލާގަ އެންމެ ބޮޑު އިހުމާލެއް އޮތީ އާއިލާގަ. ގެއްލިގެން އެންގީވެސް އެތައްދުވަހެއް ފަހުން.

    36
    2
  8. މޮސްޓާ ބުރޯ

    ވެދާނެ ޕާކިސްތާނުން ޝިޕްމަންޓެއް ގެންނަން މޯރގޭޖެއްގެ ގޮތުގައި ދިޔައީ ކަމަށްވެސް..

    21
    1
  9. ކަންއޮތްގޮތް

    އިމިގްރޭސަންގަ ހަރުކަށި ފިކުރު ހެސްކިޔާފަ އޮވޭ އެއީ ޕްލޭންކޮށްގެން ވަކި މަގުސަދެއް ހާސިލްކުރުމަށް އެތަނަށް ވެދެތިބޭބައެއް

    9
    8
  10. ﷲގެ އަޅާ

    ސުންނަތަށް ތަބާވެ ރަސޫލް ސައްލައްﷲ ޢަލައިހި ވަސައްލަމް އެންގެވި ގޮތަށް ތުނބުޅި ބަހައްޓާ ކޮންމެ މީހަ ކީ "ހަރު ކަށި" ފި ކުރުގެ މީހެއް ނޫން .

    20
    4
  11. ސަރީފް

    ތިބުނާތާރީހްގެސީސީޓީވީކެމެރާތައްވެސްޗެކްކޮއްލަންފެނޭ ޑިޕާޗާބައިގެ

  12. ަިަަައިބްރާހީމް

    އެއްވެސް ސަރުކާރަކުން މިކަން ހުއްޓުވާކަށް ބޭނުމެއްނުވާނެ އެ ހެން ނޫންނަމަ މަސްތުވާތަކެތި ސްމަގުލް ކުރުމާއި ވިއްކާ މީ ހުން މަރަން ޤާނޫނަށް ބަދަލު ނުގެންނަންވީ ކީއްވެ؟ މި ހާރު އެޅުނީ ރީ ހެބިލިޓޭޝަންވެސް އިންޑިޔާގެ ޣައިރު މުސްލުންގެ އްތްމައްޗަށް ދޫކޮށްލަން.

    3
    1
  13. ްއިސްލާހު

    ދުބާއީ އަށް ފުރި ވާހަކަ އާއި ޕާކިސްތާނަށް ދިޔަވާހަކަ އާއި ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ދިޔަވާހަކަވެސް އެއޮތީ ނޫން ހެއްޔެވެ. ޕާކިސްތާނުގެ ނަންބަރަކުން މޮސްޓާއަށް ގުޅިވާހަކަވެސް އެއޮތީނޫންހެއްޔެވެ. ދެން ވަގުތަށް އޮޅުން އަރައިގެން ތިޔައުޅެނީ ކޮންކަމެއް ހެއްޔެވެ؟؟؟؟؟؟

  14. ސަންތި

    ތިވާނީ އެހެން މީހުން ވެސް ނިޒާމުން ގެއްލުވާލި ގޮތައް އޭނަ ވެސް ގެއްލުވާލީކަމައް