ހދ. ކުޅުދުއްފުށި ލާޖަހާގެ، ފާތުމަތު މިޝްކާ މުހައްމަދު 10، ކޮވިޑް ބަލީގައި ނިޔާވި އިރު، އެންމެ ހިތްދަތި އަދި އަސަރެއް ކުރުވާނީ އޭނާގެ މައިންބަފައިންނަށެވެ. އޭގެ ފަހުގައި އިމާދުއްދީން ސްކޫލުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް ހިންގާ ޖުވެލް ސެންޓަރުގައި ތިބި އޭނާގެ ރަހްމަތްތެރިންނާއި ޓީޗަރުންނަށެވެ. ކޮވިޑަށް ފައްސިވިތާ ހަފްތާއެއް ފަހުން، މިޝްކާ ވަކިވީ ހަމަ ކުއްލިއަކަށް ހާލު ގޯސްވެގެންނެވެ.

ކޮވިޑް ބަލީގައި ރާއްޖޭން ނިޔާވި އެންމެ ހަގު ކުއްޖާގެ މަރާ އެކު، ރާއްޖެ މިވަނީ ފުން ހިތާމައެއްގެ ތެރޭގައެެވެ. ދެމަފިރިއެއްގެެ ދެ ލޮލުގެ ނޫރު ފަދަ އެ ކުއްޖާ ދުނިޔެެ ދޫކޮށްފައި ވަނީ ރޭ މެންދަމު 12:10 ހާއިރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މިޝްކާއަކީ އިމާދުއްދީން ސްކޫލްގެ ގްރޭޑް 4އޭ ގެެ ދަރިވަރެކެވެ. މިޝްކާގެ ވަކިވެެދިއުމަށް ފަހު ސްކޫލަށްވެސްް ވަނީ މޮޅިވެެރިކަން ވެރިވެފައެެވެ.

ނޮވެމްބަރު 2019 ގައި ދުނިޔޭގައި ފެތުރެން ފެށި ކޮވިޑް-19 އާ އެކު ރާއްޖޭގެ ހާލަތު ވެސް ވަރަށް ގޯހެވެ. މީގެ ކުރިން ހަމައެކަނި މާލޭގައި ފެެތުރެމުން ދިޔަ ކޮވިޑް މިހާރު ވަނީ މުޅި ރާއްޖެއަށް ފެތުރި އަތޮޅު ތެރޭގެ ކުދި ރަށްރަށުގެ ތެރޭގައިވެސް ބާރަށް ވަކި ހިއްޕާލައިފައެެވެ. ސިއްހީ ނިޒާމަށް ވަނީ ބާރު ބޮޑުވެފައެވެ. ސިއްހީ ހިދުމަތްތެރިން މިއަދު ތިބީ ޗުއްޓީއެއް ނުލިބި ވަރުބަލިވެފައެވެ.

ފާތުމަތު މިޝްކާ މުހައްމަދު

މި ކުޑަކުޑަ އާބާދީގެ ތެރެއިން ދުވާލެެއްގެ މައްޗަށް ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެެ ކުރިން ގަބޫލުކުރެވިފައި އޮތީ މި ބަލީގަ ނިޔާވަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުން ކަމަށެވެ. މި ވިސްނުން ބަދަލުކޮށްލީ މިޝްކާގެ ވަކިވެ ދިއުމާއެކުއެވެ.

އިމާދުއްދީން ސްކޫލާ 2018 ވަނަ އަހަރު ގުޅުނު މިޝްކާއަކީ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވަމުން އަންނަ އަހުލާގު ރަނގަޅު މޮޅު ދަރިވަރެކެވެ. މިޝްކާ އަކީ ޖުވެލްސް ދަރިވަރެކެވެ. އެންމެ ފަހުން ސްކޫލްގައި ބޭއްވި އިންޓަކްލާސް މަދަހަ މުބާރާތުގައިވެސް މިޝްކާ ބައިވެރިވިއެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހް "ވަގުތު"އަށް ވިދާޅުވީ މިޝްކާ އަކީ ބައިވެރިވާ މިފަދަ ކޮންމެެ ހަރަކާތަކުންވެެސް ގަދައަޅާ މަސައްކަތްކޮށް ވަނަ ހޯދަމުން އަންނަ ދަރިވަރެއް ކަމަށެެވެ. މިޝްކާ އަކީ ލިޓިލްމެއިޑްގައި ހިމެނޭ ދަރިވަރެކެވެެ. ޕްރިންސިޕަލް ވިދާޅުވި ގޮތުގައި މިޝްކާ އަކީ ސްކޫލްގެެ ހާއްސަ އެސެމްބްލީތަކުގައި ޅެމާއި މަދަހަ ކިޔައިދޭ ކުޅަދާނަ ދަރިވަރެކެވެ.

މިޝްކާގެ މޫނު ބަލަން ގޮސް ތިބި އާއިލާގެ މެމްބަރުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެންމެެ ފަހުން ސްކޫލްގައި ބޭއްވިގެން ދިޔަ "ސްޓޯރީ ޓެލިން އެެންޑް ކްރިއޭޓިވް ރައިޓިން ކޮމްޕެޓިޝަން"ގައި ބައިވެރިވި ދަރިވަރުންގެ ތެެރެއިން މިޝްކާ ވަނީ ގަދަ ފަހެއްގައިވެސް ހިމެެނިފައެވެ. އޯޓިޒަމް ދުވަހުގެ ލަވަކިއުމުގެ ހަރަކާތުގައި މިޝްކާ ވަނީ ބައިވެެރިވެެފައެވެ. ޕްރިންސިޕަލް މަމްދޫހް ފާހަގަކުރެެއްވި ގޮތުގައި މިިޝްކާއަކީ އިތުރު ހަރަކާތްތަކުގައި ބައިވެެރިވަމުން ސްކޫލަށް ގަވައިދުން ހާޒިރުވާ މޮޅު ދަރިވަރެކެވެ.

"މިޝްކާ އަކީ ގަވައިދުން ސްކޫލަށް ހާޒިރުވާ ރަނގަޅު ކުއްޖެއް. އަބަދުވެސް ބައިވެރިވާ ކޮންމެ ހަރަކާތަކުންވެސް ގަދައަޅާ މަސައްކަތްކޮށް ވަނަ ހާސިލްކުރާ ދަރިވަރެއް" މަމްދޫހް ވިދާޅުވިއެެވެ.

މިޝްކާގެ ޖަނާޒާ ކުރިއަށް ދަނީ.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިޝްކާގެ ކިޔަވަމުން އަންނަ ގްރޭޑްގެ މެންދުރު ފަހު ދަންފަޅީގެ ލީޑިން ޓީޗަރ ފައުޒިއްޔާ މަހްމޫދު "ވަގުތު" އަށް ވިދާޅުވީ މިޝްކާ އަކީ އަބަދުވެސް އުފާވެރިކަމާ ހިނިތުންވުމުގެ މޫނެއް ހުންނަ ސަކަ މިޒާޖެެއްގެ ދަރިވަރެއް ކަމަށެވެ. މިޝްކާ އަކީ ފައުޒިއްޔާއާ ވަރަށް ގާތް ކުއްޖެެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑާ ވަރަށް ގާތްކޮށް އުޅޭނީ. ކޮންމެ ދުވަހަކުވެސް ނިންމާފަ ދަމުން ހަމަ އަޅުގަނޑު ހޯދައިގެން ސަލާމްކޮށްލާފަ ގުޑްބާއީ ކިޔާފަ ދާނީ. އަބަދުވެސް ބުނާނެ ފައުޒިއްޔާ މިސްދެކެެ ވަރަށް ލޯބިވެޔޭ. ވަރަށްް ހަނދާންވާނެ މިޝްކާ މަތިން" މިޝްކާގެ ލީޑިން ޓީޗަރ ފައުޒިއްޔާ ވިދާޅުވިއެވެ.

ފާތުމަތު މިޝްކާ މުހައްމަދު

ފައުޒިއްޔާ ވިދާޅުވި ގޮތުގައި އަބަދުވެސް ޓީޗަރަކަށް ވާން ބޭނުންވާ ވާހަކަ މިޝްކާ ދައްކާ ކަމަށެވެ. މިޝްކާ އަކީ ކްލާހުގެ ހުރިހާ ދަރިވަރުންނާވެސް ގުޅޭ ކިޔެވުމުގައި ވާދަވެރި ކިޔެވުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ދަރިވަރެކެވެ. ކްލާހުގެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނޭ މިޝްކާ އަކީ ކްލާހުގެ ހުރިހާ ކުދިންގެ ވެސް ރަހުމަތްތެެރިއެކެވެ.

ކިޔެވުމުގެ ކަންކަމަށް ބަލާއިރު މިޝްކާ އަކީ އިނގިރޭސި މާއްދާއަށް ޝައުގުވެރިކަން ހުންނަ ދަރިވަރެކެވެ. އިނގިރޭސި ވާހަކަތައް ކިއުމާއި ލިއުމަކީ މިޝްކާ ކުރާހިތްވާ ކަމެކެވެ. ބައެއް ހާއްސަ ދުވަސްތަކާ ގުޅުވައިގެން ރައިވަރާ ބަނދި އަދި ޅެމާއި މަދަހަ ހުށަހެޅުމުގައި ވެސް މިޝްކާއަކީ ފާހަގަކޮށްލެވޭ ދަރިވަރެކެވެ.

"ބައެއް ފަހަރު އަޅުގަނޑުމެން މަދަހައެއް ނުވަތަ ރައިވަރެއް ހާއްސަ ކަމަކާ ގުޅިގެން ހުށަހަޅަން ބުންޏަސް މިޝްކާ ހުންނާނީ ތައްޔާރަށް. އަބަދުވެސް ބަލާނެ ވީ އެންމެ ފުރިހަމައަކަށް އެކަން ކުރެވޭތޯ" ފައުޒިއްޔާ ވިދާޅުވިއެވެ.

ހެނދުނު ދަންފަޅީގެ ލީޑިން ޓީޗަރ ރަހުމާ އީސާ މިޝްކާ ފާހަގަކުރެއްވީ "އުދުހޭ ކޮކާލެއްގެ" ގޮތުގައެވެ. މިޝްކާގެ ވަށައިގެން ވަނީ އުފާވެެރިކަން ކަމަށް ރަހުމާ ފާހަގަކުރެއްވިއެވެ. އަދި އެއީ ޖުވެލްސްގެ ދިރުން ކަމަށް ރަހުމާ މިސް ފާހަގަކުރެއްވިއެެވެ. މިޝްކާ އަކީ "ވަރަށް ލައިވް މަންޖެއެއް" ކަމަށް ރަހުމާ ފާހަގަކުރެއްވިއެވެ.

"އަބަދުވެސް ވަރަށް އުފަލުން ހުންނާނީ. ކޮންމެ މީހަކަށްވެސް އަމިއްލައަށް ގޮސް ގްރީޓްކޮށްލާނެ. އަދި މިއީ މިޝްކާއޭ ކިޔާފަ އިންޓްރޮޑިއުސް ވެލާނެ. މިޝްކާ އާ ބައްދަލުވާ ކޮންމެ މީހަކަށްވެސް އެކުއްޖާ ހަނދާނުން ފޮހެލަން ދަތިވާނެ. އެހާ މަޖާ ރަނގަޅު ކުއްޖެއް އެއީ" ރަހްމާ ވިދާޅުވިއެވެ.

ރަހުމާ ވިދާޅުވީ މިޝްކާ ވަކިވެ ދިއުމުގެ ހަބަރު އެެހީ ފުން ހިތާމައާ އެކު ކަމަށާ އަބަދުވެސް މިޝްކާ މަތިން ހަނދާން ވާނެ ކަމަށެވެ.

މިޝްކާގެ ސްކޫލުން ފާހަގަކުރި ގޮތުގައި މިޝްކާ އަކީ އަމިއްލައަށް ކުރިއެެރުމަށް ގަދައަޅާ މަސައްކަތްކުރާ ދަރިވަރެއްގެ އިތުރަށް މައިންބަފައިންގެވެސް އެެއްބާރުލުން ފުރިހަމައަށް ލިބޭ ދަރިވަރެކެވެ. ސްކޫލްގެ ކޮންމެ ކަމެއްގައިވެސް މިޝްކާގެ މަންމަ އާއި ބައްޕަ އެއްބާރުލުން ދޭ ކަމަށާއި، މިޝްކާގެ ކުޅަދާނަކަމުގެެ ފަހަތުގައި ވަނީ ބައެއްގެ ނުހަނު ލޯތްބާއި އަޅާލުން ކަމަށް އެ ސްކޫލުން ފާހަކޮށް މިޝްކާގެ މައިންބަފައިންނަށްް ޝުކުރު އަދާކުރިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައިޝާ

    އަސަރުގަދަ ލިއުމެއް. ކިޔާލާފަ ރޮވިއްޖެ. ފުރާނައަށް ހެޔޮ ރަހުމަތްލައްވާ ސުވަރުގެ މިންވަރު ކުރައްވާށި.

    106
    2
  2. 😢

    😢

    64
    2
  3. ކޮވިޑް

    މިޝްކާ ގެ ފުރާނައަށް ހެޔޮ ރަހުމަތްލައްވާ ސުވަރުގެ މިންވަރު ކުރައްވާށި.

    88
    1
  4. ޕޮގުބާ

    ވަރަށް ރީތި ކުއްޖެއް ލަވްޔޫ

    28
    3
  5. އަހުމަދު

    ކެރަފާ ނަސީމު އިސްތިއުފާ

    29
    5
  6. ޣުރެ

    ﷲ އެތުއްތު ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާށި.އާމީން

    45
    3
  7. Anonymous

    ފެއިލްވެފައިވާ ލާދީނީ ސަރުކާރު މީހަރުން މިހާރައް އިސްތިއުފާ

    36
    4
  8. Anonymous

    ލާދީނީ ކެރަފާ މުޅި އާއިލާ އިސްތިއުފާ

    23
    3