ގެއްލިގެން ހޯދަމުންދާ މިސްބާހު މުހައްމަދު ހުރީ ޕާކިސްތާނުގައި ކަން މިވަނީ ޔަގީނާ ގާތަށް އެނގިފައެވެ. މިސްބާހު ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ މާޗް މަހު ދިޔަކަން ފޮރިން މިނިސްޓްރީން ކަށަވަރު ކޮށްދެއެވެ. ވިސާ ހަަމަވެގެން ދެން އަމަލުކުރަން ޖެހޭ ގޮތުގެ މައުލޫމާތު މިސްބާހު އޮޅުން ފިލުވި ކަމަށްވެއެވެ. އެމްބަސީގައި އިތުރު އެހީއަކަށް އޭނާ އެދިފައެއް ނުވެއެވެ.
ކުރިން ވެސް މިސްބާހު ޕާކިސްތާނުގައި ހުރިކަން "ވަގުތު" އިން ހޯދި މައުލޫމާތުތަކުން ވެސް ވަނީ ފާހަގަވެފައެވެ. އޭޕްރީލް މަހުގެ ތެރޭގައި އޭނާ ރާއްޖޭގައި ހުރި މީހަކަށް ޕާކިސްތާނު ނަންބަރަކުން ގުޅިއެވެ. ހާލުގައި ޖެހިފައި ހުރި ކަމާއި ރާއްޖެ ގެންގޮސްދޭން އެދުނެވެ. އެކަމަކު އޭނާ ސީދާ ހުރި ގައުމެއް ނުބުނެއެވެ. ގުޅީ ޕާކިސްތާނުގެ ނަންބަރަކުން ކަން ވަނީ ޔަގީންވެފައެވެ.
އެހެންވިޔަސް އޭނާ ޕާކިސްތާނަށް ދިޔަ ސަބަބެއް އަދި ނޭނގެއެވެ. އަދި އޭނާގެ މިހާރުގެ ހާލަތު ވެސް ސާފެއް ނުވެއެވެ. އެމްބަސީން ނުކުމެގެން ދިޔަ ފަހުން އޭނާއަށް ވެގެން ދިޔަ ގޮތެއް ވެސް ނޭނގެއެވެ. ޕާކިސްތާނުގައި ހުރި މީހެއްގެ ހަރަކާތްތަކެއް ދިވެހި ދައުލަތުގެ އިދާރާތަކަށް ނުވެސް ބެލޭނެތާއެވެ.
އެކަމަކު މަސްތުވާތަކެތީގެ ވިއުގައަކަށް ރަހުނުކޮށްގެން އެ ބަޔެއްގެ އަތް ދަށުގައި ހުރި މިސްބާހު އެހާ ފަސޭހައިން އޭނާގެ ގައުމުގެ އެމްބަސީއަށް ދާން އެ ވިއުގައިގެ މީހުން ފުރުސަތު ދޭނެ ހެއްޔެވެ؟ މި މައްސަލާގައި ހާމަވާ ކޮންމެ އާ މައުލޫމާތާއެކު އިތުރަށް ދަނީ ސުވާލުތައް ގިނަވަމުންނެވެ.
"ކޮނު ކޮނުނު ހެން ގިނަވަނީ ފަހޭ" ބުނާ އުސޫލުންނެވެ.
ފުލުހުން ޔަގީންކޮށްދޭ ގޮތުގައި މިސްބާހު ހުރީ މަސްތުވާތަކެތީގެ ވިއުގައެއްގެ އަތްދަށުގައެވެ. އެއީ އެ ވިއުގައަށް އޭނާ ރަހުނު ކޮށްފައެވެ. އޭނާ ރަހުނުކޮށްފައި ހުރީ ކޮން ގައުމެއްގެ ކޮން ތަނެއްގައި ކަމެއް ފުލުހުން ޔަގީންކޮށެއް ނުދެއެވެ. މިސްބާހް ހަމަ އަސްލަށް ވެސް ރަހުނު ކޮށްގެން ބޮޑު ވިއުގައަކުން ގެންދިޔައީ ހެއްޔެވެ؟
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެއްޗަށް މިސްބާހު ރަހުނު ކުރި ކަމުގެ މައުލޫމާތު ލިބެއެވެ. މިސްބާހު ދުބާއީއަށް ފުރަން ވެގެން އެއާޕޯޓަށް ދިޔައީ މައްސަލާގައި ފުލުހުން ހައްޔަރުކުރި އިރުފާނު ތަގިއްޔުގެ ކާރުގައެވެ.
ޑްރަގް ވިއުގަތަކުން ރަހުނުކުރެވޭ ގޮތް
ރަހުނު ކުރުމަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑު ދެ ހާލި، އިރާން އަދި ޕާކިސްތާނުގައި އާންމު ކަމެކެވެ. ރާއްޖެއަށް ވެސް މަސްތުވާތަކެތި އެތެރެ ކުރާ އެންމެ ބޮޑު ދެ ރޫޓަކީވެސް އިރާނާއި ޕާކިސްތާނެވެ. އިރާނުގެ ޗާބަހާރުގެ ވިޔަފާރި ބަނދަރު މެދުވެރިކޮށް ސްރިލަންކާއަށާއި، އިންޑިއާގެ ކެރެލާގެ އިތުރުން ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރެއެވެ.
އެތެރެ ކުރަން އުޅެނިކޮށް އެކި ފަހަރު މަތިން މަސްތުވާތަކެތި އަތުލައިގަނެފައި ވެސް ވެއެވެ. ޝިޕްމެންޓް ނުވަތަ ކޮންސައިންމެންޓް އައުމުގެ ކުރިން އެއްވެސް ވަރަކަށް ފައިސާ ނުދެއްކޭނަމަ ރަހުނުކުރާނެ މީހަކު ފޮނުވައެވެ.
އިރާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ، ޑްރަގްގެ ނެޓްވޯކްގެ ކަންތައް އެނގޭ މީހަކު ވަނީ ޕާކިސްތާނު އަދި އިރާނުގައި ޑްރަގުގެ "ގެރެންޓަރުންނާ" މެދު ކަންތައް ކުރެވޭ ގޮތްތައް "ވަގުތު" އާ ހިއްސާކޮށްފައެވެ.
ރާއްޖޭގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭ އެ މީހާ ކިޔައި ދިން ގޮތުން ނަމަ ކޮންމެ އަހަރަކު ކަހަލަ ގޮތަށް ރާއްޖެއިން ކޮންމެ ވެސް އެކަކު "ގެރެންޓާ" ގޮތުގައި ޕާކިސްތާނަށް ދެއެވެ. މީގެ ކުރިން ދިވެހި ދެ ގެރެންޓަރަކާ ދިމާވި ވާހަކަ ވެސް އެމިހާ ކިޔައިދިނެވެ. ދެ މީހުންނާ ވެސް ބައްދަލުވި ޕާކިސްތާނުގެ އިރާނާ ގުޅޭ ސިސްތަން/ބަލުޗިސްތާން ޕްރޮވިންސް ސަރަހައްދުންނެވެ.
އެ މީހާ ބުނީ، އެތަނުން އެކަކުގެ ރަހީނު ކުރި ފައިސާ ދެއްކުމުން އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށެވެ. ދެވަނަ މީހާ ހޯދަން ރާއްޖޭގޭ ބައެއް މީހުން ގުޅައި ވެސް އުޅުނު ކަމަށް މި މީހާ ބުންޏެވެ. އެކަމަކު އެ މީހާގެ މައުލޫމާތު ހޯދިއިރު ކޮވިޑް-19 ބަލީގައި މަރުވެފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. މިއިން އެއްވެސް މީހެއްގެ ނަމެއް އޭނާއަކަށް ނޭނގެއެވެ. އެކަމަކު އެއީ ދިވެހިން ކަން އޭނާއަށް ޔަގީނެވެ.
"ގެރެންޓާ" އެއްގެ ގޮތުގައި މީހަކު ދަނީ އެކަމުގެ މައުލޫމާތު އެނގިގެންނެވެ. ރަހުނު ކުރެވޭ މުއްދަތު ވެސް އެނގިގެންނެވެ. އާއްމު ގޮތެއްގައި ބައެއް މީހުން ދެ އަހަރު ނުވަތަ ތިން އަހަރަށް ރަހުނު ކުރެއެވެ. މުއްދަތު ދިގުލަނީ ފައިސާގެ ކަންތައް ހަމަނުޖެހޭތީއެވެ. ހެދިފައިވާ ޑީލްގެ ދަށުން ފައިސާ ލިބޭހާ އަވަހަށް ރަހުނުކުރާ މީހާ ދޫކޮށްލައެވެ. އެކަމަށް ދާ މީހާ ފުރަތަމަ ހުންނަން ޖެހެނީ ހޮޓަލެއްގައެވެ. އެއް ދުވަސް ހޮޓަލުގައި މަޑުކުރުމަށް ފަހު ހޮޓަލުން އެ މީހާ ބަލައި ބަޔަކު ދެއެވެ. އެއަށް ފަހު އެމީހާ ގެންދަނީ ޑްރަގް ވިއުގައިގެ މީހުންގެ ބެލުމުގެ ދަށަށެވެ. އާންމުކޮށް މި މީހުން ގެންގޮސް ބައިތިއްބަވަނީ ކަރާޗީ، އިސްލާމްއާބާދު ނުވަތަ ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޮޗިސްތާނުގައެވެ.
ރަހުނުކޮށްފައި ހުރި މީހަކު އެމަބަސީއަށް؟
މިސްބާހުގެ އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ އާއި އޭނާ ހޯދަން ބަޔަކު ގުޅިތޯ އެހުމުން ވާހަކަ ދެއްކި މީހާ ބުނީ އޭނާއަށް އެ ކަހަލަ އެއްވެސް މައުލޫމާތެއް ނޭނގެ ކަމަށެވެ. އެކަމަކު އޭނާ ޔަގީންކޮށްދޭ ކަމަކީ ރަހުނުކޮށްފައި ހުރި މީހަކަށް އެމްބަސީއަށް ނުދެވޭނެ ކަމަށެެވެ.
"ގެރެންޓަރަކަށް އެމްބަސީއަށް ދެވޭނީ އޭނާ ދޫކޮށްލީމަ" އެމީހާ ބުންޏެވެ.
އެހެން ބުނަން ޖެހުނު ސަބަބުތައް ވެސް ކިޔައިދިނެވެ. ރަހުނުކޮށްގެން ގެންދާ މީހުން ބައިތިއްބަނީ އެޕާޓްމެންޓެއް ނުވަތަ ނެޓްވޯކްގެ މީހުން އުޅޭ ފްލެޓެއްގައެވެ. އެމީހުންނަށް ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ.
"ހަތިޔާރާއެކު ފޯރިމަރަން ގާޑުން އަބަދުވެސް އެތަނުގައި ތިބޭނެ. ކިހިނެއް ބޭރަށް ދާނީ" އެ މީހާ ބުންޏެވެ.
އެއް ގައުމަކަށް ނިސްބަށްވާ ބައެއްނަމަ އެއް ތަނެއްގައި ބައިތިއްބާ ކަމަށްވެއެވެ. ރަހުނުގެ ގޮތުގައި ގެންދާ މީހުން ބިޑިއަޅުވާފައި ވެސް ބަހައްޓާފައި އެބަހުއްޓެވެ. އެމީހާ ބުނީ ފައިސާ ނުލިބި ދިގުލައިގެންދާނާމަ އަނިޔާ ވެސް ކުރާކަމަށެވެ. ފައިސާ ހޯދަންވެގެން އަނިޔާ ކުރާ ތަން ވީޑިއޯކޮށްފައި ފޮނުވާކަމަށްވެސް ވެއެވެ. ފައިސާ ނުލިބޭ ނަމަ ބައެއް ފަހަރު ރަހުނުކުރާ މީހާ ދޫވެސްކޮށްލައެވެ. އެކަމަކު އެއީ ވަރަށްވެސް މަދު ފަހަރެއްގައި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މާ ގިނަ ދުވަސް ވާނަމަ ވީނުވީއެއް ނޭނގި ބައެއް މީހުން ގެއްލިފައި ހުރި ކަމަށްވެސް ވެއެވެ. ދޫކޮށްލުމުން ބައެއް މީހުން ޕާކިސްތާނު މީހުންނާ ކައިވެނިކޮށްގެން އެ ގައުމުގައި ދިރިއުޅެމުންވެސް އެބަގެންދއެވެ. ވިއުގަގެ އަތް ދަށުގައި ތިބި ބައެއް މީހުން ފުލުހުން ސަލާމަތް ވެސް ކޮށްފައިވެސް އެބަ ހުއްޓެވެ.
އެ ހުރިހާ ވާހަކަތަކަކަށްފަހު އޭނާ ބުނީ، ބޮޑަށް ލަފާވަނީ ރަހުނުކުރި މީހުންގެ އަތްދަށުން މިސްބާހު މިނިވަންވި ކަމަށެވެ. އެއް ގޮތަކީ ލިބެންވާ ފައިސާ ލިބުމެވެ. ނޫންނަމަ ފައިސާ ނުލިބުނަސް އޭނާ ދޫކޮށްލީއެވެ
"100 އިންސައްތަ ޔަގީން އަހަންނަށް އޭނާ މިހާރު ހުރީ ދޫވެފައިކަން. ނޫންމަ އެމްބަސީއަކަށް ނުވެއް ދެވޭނެ" އޭނާ ބުންޏެވެ.
މިސްބާހް ސަލާމަތްވާން އޮތް އެއްގޮތަކީ އޭނާ ރަހުނު ކުރި މައްސަލައިގައި ހިމެނޭ މަސްތުވާތަކެއްޗަށް ދައްކަން ޖެހޭ ފައިސާ ރާއްޖޭގެ ޑްރަގް ނެޓްވޯކަށް ދެއްކުމެވެ. ނަމަވެސް އެމައްސަލައިގައި ގިނަ ބަޔަކު ރާއްޖެއިން ހައްޔަރު ކޮށްފައި ތިބުމުންނާއި، އަދި އެމައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ވެސް ފުލުހުން އަތުލައިގެންފައި ވާތީ މިސްބާހްގެ ރަހުނުގެ ބަދަލުގައި ދައްކަން ޖެހޭ ފައިސާ ރާއްޖެއިން ޕާކިސްތާނަށް ފޮނުވާފަިއ ވުން އެއީ ވަރަށް ދުރުކަމެކެވެ.
ރަހުނު ކުރި މަސްތުވާތަކެތި ވިއްކައިގެން ނޫން ގޮތަކަށް އެފައިސާ ހޯދައިގެން މިސްބާހް ސަލާމަތް ކުރަން ފައިސާ ފޮނުވާފައިވުން އެއީ ވަރަށް ދުރުކަމެކެވެ. އެއީ މިމައްސަލައިގައި ރާއްޖެ އިން ހައްޔަރު ކޮށްފައިވާ މީހުންގެ ލިބެން ހުރި މައުލޫމާތާއި އަދި މިސްބާހް އާއި ގުޅިގެން ލިބެން ހުރި މައުލޫމާތައް ބަލާއިރު ވެސް ރާއްޖޭގެ ޑްރަގް ނެޓްވޯކަށް މިސްބާހް އެހައި މުހިއްމުވެދާނެ ކަމަށް ނުބެލެވޭތީއެވެ.
ކޮންމެއަސްކަށް ޕާކިސްތާންގެ ޑްރަގް ނެޓްވޯކްތައް ހިނގާގޮތާއި މީހުން ރަހުނު ކުރާ ގޮތް އެނގޭ މީހަކު ބުނާ ވާހަކަތައް ތެދަކަށްވާނަމަ މިސްބާހު މިހާރު އެވަނީ ދޫވެފައެވެ. ނުވަތަ ދޫކޮށްލާފައެވެ. އެކަމަކު ދެން އުފެދޭ ސުވާލަކީ މިސްބާހު އޭނާގެ ހާލަތު އެމްބަސީއަށް ބުނެ ނުދިނީ ކީއްވެގެން ބާވައެވެ؟ މިސްބާހް ހުރީ އަދިވެސް ޑްރަގް ނެޓްވޯކެއްގެ އަތްދަށުގައި ކަމަށް ފުލުހުން ބުނަނީ ކީއްވެ ހެއްޔެވެ؟ ފުލުހުންނަށް މިސްބާހާއި ގުޅޭ ގޮތުން އެންމެ ފަހުން ލިބުނު މައުލޫމާތަކީ ކޮބައި ހެއްޔެވެ؟ މިސްބާހް ހޯދަން ފުލުހުން އިސްކަން ދޭހެއްޔެވެ؟ އެހެން ކަމަށްވާނަމަ މީޑިއާގައި މައުލޫމާތު ހާމަކުރުމުގެ ކުރިން މިސްބާހްގެ މައުލޫމާތު ފުލުހުން ހާމަނުކުރީ ކީއްވެހެއްޔެވެ؟
ރާއްޖޭގެ ޑްރަގް ވިޔަފާރިތައް ވެސް ބޮޑުވެ ފުޅާވަމުން ގޮސް ރަހީނުކުރަން، ނޫނީ މޯގޭޖް ކުރަން އިންސާނުން ފޮނުވާ ހިސާބަށް ކަންތައްތައް ދިއުން އެއީ ބިރުވެރި އިންޒާރެކެވެ. ޑްރަގް ނެޓްވޯކްތައް މިގޮތައް ބާރުގަދަވަމުން އަންނަ ނަމަ ޕާކިސްތާނާއި އަފްޣާނިސްތާނާއި އީރާނުން ފެންނަ ފަދަ މަންޒަރުތައް ނުވަތަ މެކްސިކޯ ފަދަ ގައުމުތަކުން ފެންނަ މަންޒަރުތައް ވެސް ރާއްޖެ އިން ފެނުން އެއީ ދުރުގައި އޮތް ކަމެއް ނޫނެވެ.
ނޫނޭ ހަންފަތުރަން ވަރައްމޮޅު ކަލޭނެން
ކޮންބައެއްގެ އަތުން ކޮން ޖަވާބެއްތަ ނުލިބިގެން ތިއުޅެނީ
ކޮބާ ކިހިނެއްވަނީ މިދަނީ ހަގުރާމައައްތަ މިވާހަކަ ދައްކާލާކައް ލާދީނީ ގުރޫޕަކައްނޭގޭތަ ކޮންހަރުކައްޓެކޭ ކިއާކައް މީ މިގައުމު ގެ ހަލާކު މަސްތުވާތަކެތީގެ ވަބާ ބޮއިގެން އޮރިޔާމުންތިއްބަސް އަތްލުންމަނާ..
އަދިނޭގެއެނު އޭނާއެއްބަސީއައް ފޮނުވިއި އޭނަ އަރައިގެއްހުރި ފައިވާނުކުލަ ކޮނުނުކޮނުނުހެއްފަސް
ހަގީގަތަށް ބުނާނަމަ ރާއްޖޭގެ އަކީ މަސްތުވާތަކެތީގެ ހާއްޔެއް
ޢޭނާ އެމްބަސީއަށް ފޮނުވީ އޭނާ ދިރިހުރިކަން ސާބިތުކޮށްދޭން! ފައިސާ ހޯދަން ކުރާ ޑިމާންޑް ވަރުގަދަ ކުރަން!
އެމްބަސީއައް ދިޔައިރު އޭންއަށް އަދި ރަހީނު ކުރި ކަމެއް އެގިފައި ނުވާނެ ވިސާ އާކުރުމުގެ ބޭނުމަކައް ވެދާނެ އޭނަ މެދުވެރިކޮށް އެހެން ޤައުމަކައް ޑުރަގު ސްމަގުލް ކުރުމުގެ ބޭނުމުގައިކަމަށް
ތިވާހަކަތައް އެކަންޏެއްނޫން. އާއިލާއިން ދައްކާވާހަކަވެސް ގަބޫކުރަންދަަތި. ބުނަނީ އޭނައެއީ ބަލިމީހެކޯ. އެކަނި ދަތުރު ނުކުރެވޭނެޔޯ!
"ބަލި"
އެއީ "ބަލިކުދިން" ވާހަކަ.
މަގުމަތީ ބިއްޖެހިފައި ތިބޭނު؟
އެއީ އެބުނާކަހަލަ "ބަލިކުދިން" ނަކީ.
ރަށްފުށު އުޅޭކުދިންގެ ކުދި ބޭނުންްތައް ފުއްދައިދީ އެކުދީން ލައްވައި ޑްރަގް ވިއްކުވައި ފައިދާ ވިޔަފާރި ކުރާ ބޮޑުންނަށް.. މީގެ ހައްލަކީ ޖީލުތަކަށް ވިސްނައި ދިނުން.. ޕޭރެންޓްސް އެބަޖެހޭ ސިޔާސީ ޕާޓީ ކުރިއަރުވަން މަސައްކަތްކުރާ ވަގުތުން އެކަހެރިވެ ކުދިންނަށް ދެވޭ ވަގުތު އިތުރުކުރަން.. ފައިސާ ލިބިދާނެ ދެދުނިޔޭން ގެއްލޭ ކުއްޖެއް އަނބުރާ ލިބުން ދުރު.. ހިތް ހަލާކު
ހޫ ކެއަރސް