އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާ ދިންތާ މަހެއްވެ، ދެ ވަނަ މަހަކަށް ދުވަސްތައް ގުނަމުންދާ އިރު ހަމަލާ ދިން ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެމްޑީޕީގެ އާންމު މެންބަރުން ގޮވަމުން އަންނަ އެއް ވާހަކައަކީ ހަމަލާއަށް ފަންޑު ކުރި ބަޔަކު ހޯދުމަށެވެ. ނަޝީދަށް އިންސާފު ހޯދައި ދިނުމަށެވެ. އެ ބަޔަކު އެކަން ކުރީ ކީއްވެ ކަން ބުނެ ދިނުމަށެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދިން ބޮމުގެ އެންމެ ވަރުގަދަ ހަމަލާގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދައިގެންނެވެ. ޖިނާއީ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ އިރު ވެސް ނިޒާމުގައި ހުރި މައްސަލަތައް ދެނެަތުމަސް ރައްޔިތުންގެ މަޖިލިހުން އިންކުއަރީއެއް ވެސް ފެށިއެވެ. މިހާތަނަށް ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި މިއީ ދީނީ ގޮތުން ހަރުކަށި ބަޔަކު ހިންގި އަމަލެކެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފުލުހުން "ބާރަށް" ކުރިއަށް ގެންދާ މި ދަނޑިވަޅުގައި މިހާރު މުޅިން ހެން ފެންނަނީ ސިޔާސީ އެހެން މަންޒަރެކެވެ. މައްސަލައިގެ "އަސްލު" އަކީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ކުރި ކަމެއްތޯ ނޫނީ ސިޔާސީ ގޮތުން ބަޔަކު ރޭވި ކަމެއްތޯ ވެސް ސުވާލު އުފެދޭ ހިސާބަށް ގޮސްފިއެވެ. މި ގޮތަށް ސުވާލު އުފެދެން ޖާގަ ލިބެނީ ސީދާ އެމްޑީޕީ އެތެރޭގެ މަސްރަހު ހޫނުވެގެން އެ އަންނަ ގޮތުގެ މައްޗަށެވެ.

"އެކި ދިމަދިމާލުން ވާހަކަ ދައްކަމުން ގޮސް މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް އެބަދޭ،" އެމްޑީޕީ އެއް އިސް ލީޑަރު އަދި ރައީސް ނަޝީދުގެ ވެސް އެންމެ ގާތް އެކުވެރިޔާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ތެރޭގައި "ހުޅު" ރޯވި އެންމެ ބޮޑު އެއް ސަބަބަކީ ބޮމުގެ ހަމަލައާ ގުޅިގެން މަޖިލިހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ނުފޮނުވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން މަޖިލިހަށް އެންގި ހިސާބުންނެވެ. އެއާއެކު ނުތަނަވަސްކަން އިތުރުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ފެކްޝަން" އާއި ރައީސް މުހައްމަދު ނަޝީދުގެ "ފެކްޝަން" ދެމެދު "ކަނޑި އާއި ކަނޑި"އެވެ.

ނަޝީދަށް ބޮމުގެ ހަމަލާދިނުމުގެ ކުރިން އާންމު މީހެއްގެ ފަރާތުން އެ މައުލޫމާތު އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވިއެވެ. އެމައުލޫމާތު ލިބިވަޑައިގަތުމުން ޑިފެންސް މިނިސްޓަރު މާރިޔާއަށް ހިއްސާ ކުރެއްވި ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ. އެ މައުލޫމާތު އިލްޔާސް، މާރިޔާއާ ހިއްސާ ކުރެއްވުމުން އެ މައުލޫމާތު ފުލުހަށް ހިއްސާކުރައްވަން އަންގަވާފައިނުވާ ކަމަށް އިލްޔާސް ވިދާޅުވެފައިވެއެވެ. އެކަމާއި ގުޅޭ ގޮތުން މާރިޔާ ވިދާޅުވެފައިވަނީ ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު މެންބަރެއްގެ ފަރާތުން ލިބިވަޑައިގެންނެވި ކަމަށެވެ.

އަދި ސެކިއުރިޓީ ވަރުގަދަ ކުރަން އެމްއެންޑީއެފް ގައި އަންގަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެ ވާހަކަތަކާ އެކު ނަޝީދުގެ ސަޕޯޓަރުންގެ ނުރުހުން މާރިޔާ އަށް އަމާޒުވިއެވެ. ހަމަލާއެއް ދޭން ކަމުގެ އިންޒާރު ލިބި އެންމެ އެކަށީގެންވާ ފިޔަވަޅު ނޭޅުނީ ކީއްވެތޯއޭ ބުނެ ސުވާލު އުފައްދަމުންނެވެ.

މާރިޔާގެ އިސްތިއުފާއަށް ގޮވައި އަޑުތައްވެސް ގަދަވާން ފެށިއެވެ. ޕާޓީ ތެރޭގައި "ރޯވެފައި" އޮއްވާ 241 ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީ އަށް ވަކި ވަކި ސިފައިން ނުފޮނުވޭނެ ކަމަށް ބުނެ ޑިފެންސުގެ ނައިބް ހަސަން ޒަމީލްގެ ސޮއިކޮށް މަޖިލީހަށް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީއާއެކު ޒަމީލް، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތް ކަމުގެ ދައުވާކުރަން ޕީޖީއަށް ފޮނުވިއެވެ. ނަޝީދު އަންގަވައިގެން މައްސަލަ ބަލަން މަޖިލީހުގެ އިމްތިޔާޒާ ސުލޫކީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މައްސަލަ ބޭރުކޮށްލިއެވެ.

ނަޝީދުގެ ތުހުމަތާއި ރައީސްގެ ރައްދު

ކޮމިޓީން މައްސަލަ ބޭރުކޮށްލަން މެންބަރުން ވޯޓު ދެއްވާފައިވަނީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމަށް މެންބަރުން ލިޔުއްވަން ފެއްޓެވިއެވެ. މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ "ކޯފާ އިސް ކުރައްވައި" ބިގޭ އުޅުއްވަނީ "މިކަން ފަނިކޮށްލަން" ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރެއްވިއެވެ. މައްސަލަ ފޮނުއްވެވި ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ސޯލިހަށް ތުހުމަތު ކުރައްވައި އިންކުއަރީ އަށް ރައީސް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުން ހުއްޓުވައި، މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އުޅޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ" ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.

ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ރައީސް މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުގެ ތުހުމަތުތަކާ ގުޅިގެން ރައީސަށް ސުވާލު އަމާޒު ކުރެވުނެވެ. އެ ވާހަކަތަކަށް ރައްދު ދެއްވީ ސާބިތުވެ ހުންނަވައެވެ.

"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ހުރަސް ނާޅާނެކަން، އެހެން އަދި ވިދާޅުވެފައި އޮތް ނަމަވެސް" ނަޝީދު ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިންކުއަރީ އަށް ސަރުކާރުން އެއްވެސް ހުރައެއް ނާޅުއްވާނެއެވެ. އެވާހަކަ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ

ގައުމީ މަޖިލީހުގައި ވަޒީރުން "ގެއްލިފައި"

އެހެން އެކަން އޮއްވައި ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތް ގާތުން ބަލައި ފާރަވެރިވާން ހާއްސަ ކޮމީޓީއެއް އުފެއްދުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުުހައްމަދު ވަހީދު (ވައްޑެ) އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި 100 މެންބަރުންގެ ވޯޓާއެކު ގަރާރު ފާސްކުރިއެވެ.

މަޖިލީހުގެ މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނާއެކު ކުރިއަށް ދިޔަ އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ވަޒީރުންގެ ތެރެއިން އެންމެ ހަތަރު ވަޒީރެވެ. ބަންޑާރަނައިބް އިބްރާހިމް ރިއްފަތު ހިމެނިވަަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ 10 ވަަޒީރަކު ކެބިނެޓްގައި އެބަ ތިއްބެވިއެވެ. ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ހުންނެވީ ރައީސް ސޯލިހު އަންގަވައިގެން މަގާމުން އެކަހެރި ކޮށްފައެވެ. ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ހަތަރު ވަޒީރުންނަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު އަދި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރު ފައްޔާޒު އިސްމާއީލްއެވެ. ވަޒީރުން ތިއްބެވީ ހަނެވެ.

ނަޝީދުގެ މައްސަލާގައި ދާއިރާތަކުގެ ރައީސުންނާއި މަޖިލީހުގެ މެންބަރުން ވާހަކަ ދެއްކެވިއިރުވެސް މިއިން އެއްވެސް ވަަޒީރަކު އެއްޗެއް ވިދާޅެއް ނުވެއެވެ. އެ ރޭގެ ގައުމީ މަޖިލީހަކީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ގައުމީ މަޖިލީހުގެ މެންބަރުންގެ އެކި ޝުއޫރުތަކާއި ހިޔާލުތައް ރައްދުކުރުމުގެ ޕްލެޓްފޯމަކަށް ވީނަމަވެސް އެޕްލޮޓްފޯމްގެ ބޭނުން ހިފުމުގެ ގޮތުން އެއްވެސް ވަޒީރަކު ޝުއޫރު ފާޅުކުރައްވާފައެއް ނުވެއެވެ.

ނަން ހާމަކުރަން ޝަރުތުކޮށް ވާހަކަ ދެއްކެވި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު "ވަގުތު" އަށް ވިދާޅުވީ، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހުރިހާ ވަޒީރުންވެސް ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ބައިވެރި ނުވުމަކީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދުގެ ހަމަލާއާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން ޝުއޫރު ފާޅުކުރެއްވިއިރު ހަމްދަރުދީވުމުގެ ގޮތުންވެސް އެއްޗެއް ވިދާޅުނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

ވަޒީރުން ވާހަކަ ނުދެއްކެވި ސީދާ ސަބަބެއް ނޭނގުނަސް އެއީ ވާހަކަ ނުދެއްކުމަށް ސަރުކާރުން އެންގި ގޮތް ކަން އެކަށީގެންވެއެވެ. ޕާޓީގެ ކޯޅުންގަނޑު ގޯސްވެފައިވާއިރު ވަޒީރަކު އެއްޗެއް ވިދާޅުނުވަންވީ ސަބާބަ މެދު އެހެން މެންބަރަކު ވެސް ވަނީ ސުވާލު އުފައްދަވައިފައެވެ.

ދެބައިވި ކަމަށް އެއްބަސްވެ އެމްޑީޕީ މެންބަރުން ނުކުތުން

މިއާއެކު އެމްޑީޕީގެ ދެބައިވެފައިވާކަން މިވަނީ ހަމަވެގެން ގޮސްފައެވެ.

ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިހްގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ އެމްޑީޕީގެ މަސައްކަތް ދެބައިވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެއާއެކު މީސް މީޑިއާގައި ޕޯސްޓް ކުރައްވައި އެމްޑީޕީގެ މެންބަރުން ގެންދަވަނީ ޕާޓީ ދެބައިވެގެން ދިޔަ ކަން އެއްބަސްވެވަޑައިގެން އެ ކަން ދިމާވި ސަބަބު އެ މެންބަރަކު ދެކެވަޑައިގަންނަވާ ގޮތަކަށް ހާމަކުރައްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވާ ގޮތުގައި މްޑީޕީ ދެބައިވެގެން ދިޔައީ ސަރުކާރުގާއި ޕާޓީއާއި ދެމެދު އޮތް ގުޅުން ހީނަރު ކޮށްލުމުންނެވެ.

"މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވާތީ، އެމްއެމްޕީއާރުސީއާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫގަޅަން ފެށުމުން،" ހަސަން ލަތީފް ކުރެއްވި ޓްވީޓްގައެވެ.

ހަސަން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ސޯލިހުގެ "ފެކްޝަން" ގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްއަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، ހަސަން ލަތީފް އެ ވަރުގެ އިތުރުފުޅެއް ހެއްދެވުމުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުން އެމްޑީޕީ އެކަހެރިކޮށްލި ކަމަށް ހަސަން ލަތީފް ވިދާޅުވި ވާހަކަ ރޮޒައިނާ ދޮގުކުރެއްވިއެވެ.

ކޯޅުންގަނޑު ބޮޑުވެފައިވިޔަސް އެއްވެސް ވާހަކައެއް ވިދާޅުނުވާން ބޭނުންވާ މެންބަރުން އެބަ ތިއްބެވިއެވެ. އަދި ވަކި ކޮޅެއްގައި ތިއްބެވިކަން ހާމަކުރައްވަން ބޭނުންނުވާ މެންބަރުން ވެސް އެބަ ތިއްބެވިއެވެ. އަދި ވަކި ކޮޅެއް ނުނަންގަވާ ވެސް ބައެއް މެންބަރުން އެބަ ތިއްބެވިއެވެ.

ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ އަކީ "ކެރަފާ އާއިލާއާ ކެނެރީގެ އާއިލާ" އާ ދެމެދު ޖެހިގެން އުޅޭ މައްސަލައެކެވެ. އެ މެންބަރު ވިދާޅުވި ގޮތުގައި ޕާޓީ ބައިބައިވުމުގެ އަސްލަކީ ވެސް އެއީއެވެ. އެ ކޯޅުންގަނޑު ހަމަ މިގޮތަށް ކުރިޔަށް ގޮސްދާނެ ކަމަށާއި، އެކަމަކު އޭގެ ސަބަބުން ވެރިކަމަށް މާބޮޑު އަސަރެއް ކުރާނެ ކަމަށް ލަފާނުކުރޭވޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

ނަން ހާމަކުރަން ޝަރުތުކޮށް ވާހަކަ ދެއްކެވި ރައީސް ސޯލިހުގެ ފެކްޝަންގެ މެންބަރަކު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި މައްސަލަ އުފެދި ބައިބައިވެގެން ދިޔުން އެއީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

"އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދިގެން ނުވާނެ" މެންބަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްކުރައްވާނީ އަބަދުވެސް ރައްޔިތުންގެ ފަޅިއެވެ. އެއީ މި ވެރިކަމަކީ ރައްޔިތުންގެ ބުރަ މަސައްކަތުގެ ގެނައި ވެރިކަމަކަށްވާއިރު ޕާޓީ ތެރޭގައި ބައިބައިވުން އުފެދުމަކީ އެއްވެސް ބަޔަކު ބަލައިގަންނާނެ ކަމެއް ނޫނެވެ.

އެމްޑީޕީ ވެރިކަމަށް އައީ އިންސާފު ހޯދައިދޭން ގޮވާލަމުންނެވެ. އިންސާފު ގާއިމްކުރުމަކީ އެންމެ މުހިއްމު އެއް ކަމަށްވާއިރު އަދި މި ފެންނަނީ ޕާޓީގެ ރައީސަށްވެސް އިންސާފު ނުލިބި ދާތަނެވެ. އެތެރޭގެ ކޯޅުންގަނޑު ބޮޑުވެ ޕާޓީ ބައިބައިވާން ފެށުމަކީ އެއީ ހަަމަ ގައިމުންވެސް އެ ޕާޓީއަށް ވޯޓު ދިން ބަޔަކު ބަލައިގަންނާނެ ކަމަކަށް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އުގުރި

    ނަޝީދަކީ ގައުމު. ގައުމަކީ ނަޝީދު. މި ދިވެހިރާއްޖެއާއި ، މި ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނާއި، އަދި އެމީހުންގެ މުދާތަކަކީީ ހަމަ ނަޝީދުގެ މިލްކު

    19
    15
  2. ބަސްމަގު

    ޢެމްޑީޕީގެ ޚުދުމުޚުތާރު ލީޑަރަށް ދިން ޓެރަރިސްޓް ހަމަލާ މިއަދުވެސް ކުށްވެރިކުރަން! މާވަރު ދައްކާފަ މިހަމަލާ ދިން މީހުންނަށް ފަންޑުކުރި ބަޔަކު ނުވަތަ ފަރުދާގެ ފުރަގަހުގައި ތިބި ބަޔަކު ހޯދަން ޙުދުމުޚުތާރު ލީޑަރު މިގޮވަނީ ސަބަބެއް ނެތިއެއްނޫން! މިރާއްޖޭގައި ފާއިތުވެ ދިޔަ ތަނުގައި ހިންގާފައިވާ ކަންކަމުގެ ފަހަތުގައި އުޅުނީ ކޮންބައެއްކަމާ މަދަދުވެރިވީ ކޮންބައެއްކަމާ އަދި އެމީހުނާ ހަމަޔަށް ވާސިލު ނުވެވުނީ ކިހިނެތް ވެގެންކަން އެންމެ ބޮޑަށް ވިސްނޭނެ އެކަކަށްވާނެ ޚުދުމުޚުތާރު ލީޑަރު! .އަފްރާޝީމް އާއިމެދު އޭރު ނަފްރަތު އުފައްދަމުންދިޔަ ގޮތާ އޭނާއަށް ހަމަލާދީގެން އޭނާގެ ފުރާނަ މިދުނިޔެއާ ވަކިކޮށްލީ ކޮންބަޔަކު އެހީތެރިވެދީގެން އެނގޭ ބަޔަކު ތިބިނަމަ އެގޮތަށް ޚުދުމުޚުތާރު ވެރިޔާއަށް ދިން ޙަމަލާގެ އެންމެފުނަށް ނުގޮސް ދޫކޮށްލަން ބޭނުންނުވާނެ!! އަފްރާޝީމުގެ ފުރާނަ ދުއްވާލަން ފައިސާގެ އެހީ ދިންކަމާ އެކަހަލަ ވާހަކަތައް އޭރުވެސް ދެކެވުނު!! އެފަރާތްތައް އަދިވެސް ނުހޯދޭ ހޯދޭނެ އަލިމަގެއް އޮތްހެނެއްވެސް ހީނުވޭ! އެހެންވީމަ ޚުދުމުޚުތާރު ވެރިޔާ ބޭނުންނުވާނެ އެގޮތަށް މިކަން ދުއްވާލާކަށް! ހަރުބަހެއްގައި އޮވޭ “އަމިއްލައަތުން ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރޭނެޔޭ”. އެހެންވީމަ އަބަދުވެސް ހަމަޔާ އިންސާފުން ކަންކަން ކުރަންޖެހެނީ އެންމެންވެސް! މީހުން މެރުމާ އެފަދަ ކަންކަމަށް ހިތްވަރު ދިނުމާ އަދި މީހުންނަށް އެއްވެސް ގޮތަކުން އަނިޔާވެރިވުމަށް ގޮވާލުމާ މިހުންނަނީ ގަބޫލުކުރެވޭނެ ކަންކަކަމެއްނޫން!

    40
    2
    • ދަރުމަ

      ރަގަނޅު ވާހަކައެއް. ތަޅާނެ ކުދިން ކޮޅެއްވެސް ނުލިބިގެން އުޅުނު ޒަމާނެއްދިޔަ. ފުލުހުންނާ ތަޅާނެ ކުދިން ކޮޅެއް އޭރު ހޯދަން އުޅުނީ. މިއީ އަނިޔާވެރިކަމަށް އޭރުވެސް ގޮވާލުން ނޫންތޯ؟ މިކަހަލަ ވާހަކަތަކަށް ފިޔަވަޅު އެޅޭތަންވެސް ފެންނަންޖެހޭ. ސިޔާސީ ބައެއް ވެރިން ދިން މިފަދަ ހިތްވަރުތަކުން ގައުމު ގޯސްވަނީވެސް. މިއަދު އެކަންކަމަށް ހިތްވަރުދިން މީހުގެ ފުރާނަތަކަށްވެސް ނުރައްކަލަށް ހުށަހެޅޭތަން މިފެންނަނީ. ދެރަކަމެއް.

      28
      1
  3. މާމިގިލީ މީހާ

    ރައީސް ނަސީދުމެންގެ މި ސަރުކާރުގަ، ނަސީދުގެ ތަހުގީގައް ވީ ގޮތް ބަލާބަލަ. ދެން އާންމު ރައްޔިތެއްގެ ތަހުގީގައް ވާނެ ގޮތް ބަލާބަލަ. ނަސީދައް އިންސާފު ނުލިބޭ އިރު، ދެން އާންމު ރައްޔިތަކަށް އިންސާފު ލިބޭނެ ތޯ. ފޫނެތް ފަޔައް، ދިޔަފެލާ ތަހުގީގު ކުރާ ބައެއް ފުލުހުން ތީ.

    18
    4
  4. ދަރަނި ދަންތުރަ

    ތިކަމަށް ނިމުމެއް އަންނަންވެއްޖެ ޔާ ﷲ އަޅަމެންނަށް ނަސްރުދެއްވާދޭވެ އާމީން

    27
    1
  5. ސެންޗޯ

    ޢެމްޑީ.ޕީ ރޮލެއްނުވާނެ ﷲ އިރާދަ ކުރެއްވީޔާ އަންނަ ރިޔާސީ އިންތިހާބުގައި އެކަން ފެނިގެން ދާނެ

    5
    29
  6. ސެންޗޯ

    އެމް.ޑީ.ޕީ ރޮލެއްނުވާނެ ﷲއިރާދަ ކުރެއްވީޔާ އަންނަ ރިޔާސީ އިންތިހާބުގައި އެކަން ފެނިގެން ދާނެ އިންސާﷲ

    2
    32
  7. ތުއްތުނާ

    ކޮންމެގޮތެ އްވި އަސް ތި އޮތީ ގޯޅިތެރެ އަށް ގޮވާފަ !

    23
    1
  8. ރައްޔަތުމީހާ

    މިގައުމުގައުޅެނީ އެންމެރަތްޔިތެށް އެރަތްޔަތުމީހާގެ ކަންތަށްކޮއްފަ ބަލަންވާއެޗެށްބާލާފަ ނޫނީސަރުކާރައް އެހެންކަމެއް ކުރާނެވަގުތު ނެތިމިދަނީ

    22
  9. ފްލޮޕު

    ކޮންމެ ގޮތަކައް ތިފިލްމް ކުޅުނަސް މިހާރުތިފިލްމް ދިވެހިރައްޔިތުން ނުބަލާނެ އެއީ ސްޓާރުންގެ ގޮތުގަތި ތިބީ މިހާތަނައް ކުޅުނު ފިލްމުތަކުން ފްލޮޕްވެފަތިބ ސްޓާރުން ސަބަބަކީ ކުޅުނު އެއްވެސް ފިލްމަކުން ރަނގަޅު އެކްޓެއް ނުދެއްކުން އާސްޓާރުން ނިކުމެގެން ނޫނީ ދެން މީހުން ނުބަލާނެ އަވަހައް ރަނގަޅު ސްޓާރުންހޯދާ

  10. ހަމަނާ

    ނުރައްކާ މޑޕ އައީ ފިތުނައުފައްދަމުން ޤައުމުބައިބައި ކުރަމުން ދީނައް ފުރައްސާރަކުރަމުން، މީހުނައް ހަޖޫޖަހަމުން މަލާމަތް ކުރަމުން.

    14
    1
  11. ކަލޯ

    މމމމޑޕ ގެސަރުކާރުގެ ނާގާބިލުކަން މިހާރު މޑޕ ގެއާއް މު މެ މްބަރުންނަށްވެސް ބުއްދިސަލާ މަތުން ހުރިއްޔާ ވިސްނެންވާނެ. މޑޕ ގެބާނީ ގެ މައްސަލަ އެއްނުބެލިގެން މިވަރުވާއިރު އާއް މު މީހުންގެ މައްސަލަ އާއް މުމ މީހުންގެހާލަތު ބެލޭނެވަރު ވިސްނަވާ!!!!

  12. ކާފަ

    ﷲ ގެ ދީނަށް ފުރައްސާރަ ކުރުމުކީ މަޑުކަށި ފިކުރުތޯ..؟؟

  13. ބަޑިއަބުދު ﷲ

    އަފުރާޝިމް،ރިލްވާނު،ޔަމިންރަޝީދުގެ މައްސަލަ ސާބިވީތޯ އެހެންވީއިރު ދުވާލުގެ އިރުފެންނަފަދައިން އެގޭ ހަގީގަތަކީ ތިކަންވެސް ސާބިތު ނުވާނޭ ކަމެކެވެ ކޯނީ ރިޕޯޓު ދިޔަގޮތަށް ބޭރުގައުމުން ގެނާ ތަޖުރިބާކާރުން އެއްމެ ފަހުވަގުތު ނެރޭ ރިޕޯޓުގައި ތިކަމަކީ ގުދުރަތީ ހާދިސާ އަކަށް ނިމިގެންދިޔުން ހަގީގީ ތަޖުރިބާ ބަދަލެއްނުކުރެވޭނެ ،