މިދިޔަ ރޯދަ މަހުގެ ތެރޭގައި ފ. ނިލަންދޫ، މޯނިންގްސަން ސަމީއާ އަހުމަދު (ސަންމެ) މާލެ ގެނައީ "ބްލީޑް" ވަމުންދާތީ ޑޮކްޓަރަށް ދެއްކުމަށެވެ. މާލެ ގެނެސް ދެ ދުވަހެއް ވަރު ވަންދެން އެޑްމިޓްކޮށްގެން އައިޖީއެމްއެޗްގައި ފަރުވާ ދިނެވެ. އައިޖީއެމްއެޗްގައި ފަރުވާދީގެން ރަނގަޅުވުމާ އެކު، އެނބުރި ރަށަށް ދިޔައީ ފޮނި އުުންމީދާއެކުގައެވެ. އޭގެ ދުވަސްތަކެއް ފަހުން، އޭނާ އަށް ލިބުނީ ވަރަށް ހިތްދަތި ހަބަރެކެވެ. އަލަތު ދަރިފުޅަށް ބަލިވެ އިންތާ އަށް މަސް ފަހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އަދި ދުވަހެއް ދުވަހަކަށް ހާލު ދަށްވާން ފެށުމާ އެކު، ފަރުވާ ދިނުމަށް އަނެއްކާ ވެސް މާލެ ގެނައެވެ.

މާލެ ގެނެސް، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސަމީއާ މިއަދު ނިޔާވީ ވެންޓިލޭޓަރުގައި އޮވެއެވެ. އެންމެ ފަހުން، އޭނާ ނިޔާވީ އަލަތު ދަރިފުޅު ލޮލަށް ވެސް ނުފެނިއެވެ. ދަރިފުޅުގެ ފޮޓޯއެއްހާ ހިސާބު ވެސް ސަމީއާ އަށް ނުފެނުނެވެ.

ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލުގައި މިދިޔަ މަހުގެ 24 ގައި ސަމީއާ އެޑްމިޓްކުރީ ބަލީގެ އަލާމާތްތައް ފެނިގެންނެވެ. އެ ދުވަހު ކޮވިޑް-19 އަށް ސުންކު ނަގައި، ޓެސްޓް ކުރުމުން އޭނާ ކޮވިޑަށް ފައްސިވި ކަން އެނގުނީ ޖެހިގެން އައި ދުވަހުއެވެ.

ސަމީއާ އާއި ފިރިމީހާ ކައިވެނި ޕާޓީގައި ނަގާފައިވާ ފޮޓޯއެއް

ސަމީއާގެ އާއިލާގެ މެމްބަރަކު "ވަގުތަށް" މިއަދު ބުނީ ސަމީއާ ކޮވިޑަށް ޓެސްޓް ކުރީ ހުން އައިސް، ރޯގާ ޖެހި ކެއްސަން ފެށުމުން ކަމަށެވެ. އޭރު ސަމިއާގެ ބަނޑަށް އަށް މަސް ދުވަސްވެއްޖެއެވެ. ކައިވެންޏަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ސަމީއާ ވެސް ދިމާވީ ކޮވިޑުގައި ސީރިއަސްވާ އެހެން މީހުންނަށް ކުރިމަތިވާ ނޭވާލާން އުނދަގޫވުމެެވެ. ރަށުން މާލެ ފޮނުވާލަން ޖެހުނީ ވެސް އޮކްސިޖަން ގުޅައިފައެވެ.

ހާލު ސީރިއަސްވާން ފެށުމުން ސަމީއާ މާލެ ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. މާލެ ގެނައުމަށް ފަހު ފުރަތަމަ ވެސް ގެންދިޔައީ ހުޅުމާލެ ކޮވިޑް ފެސިލިޓީއަށެވެ. ފެސިލިޓީއަށް ގެންދިޔަތާ އެއް ދުވަސް ފަހުން، ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރިއެވެ. އޭރުއްސުރެ ވެސް ސަމީއާގެ ހާލު ދިޔައީ ދަށްވަމުންނެވެ. އާއިލާގެ މެމްބަރަކު ކިޔައި ދިން ގޮތުގައި ކޮވިޑް ބަލީގެ ސަބަބުން ސަމީއާގެ އޮކްސިޖެން ނުހިފެހެއްޓެއެވެ. ދަރިފުޅަށް އެންމެ ބޭނުންވާ ވަރަށް އޮކްސިޖަން ވެސް ނުދެވެއެވެ. އެހެންވެ ޑޮކްޓަރުން ލަފާ ދިނީ ވީހާވެސް އަވަހަށް ދަރިފުޅު ނަގާށެވެ.

"ހުޅުމާލެ ކޮވިޑް ފެސިލިޓީ އަށް ގެންދިޔަ ދުވަސް ނޫން އަނެއް ދުވަހު މެންދުރެއްހާ އިރު ބަދަލު ކުރީ ދަރުމަވަންތަ އަށް. ސިޒޭރިއަން ހަދަން ވެގެން. ވަރަށް ބޮޑަށް ސަކަރާތްވެފައި ހުރީ، އޮކްސިޖަން ދަށްވަނީ، އޮކްސިޖަން ނުހިފެހެއްޓެނީ އެހާ ވަރަށް،" އެމީހާ ކިޔައި ދިނެވެ.

އުމުރުން 25 އަހަރުގެ ސަމީއާ.

 

އޭރުގައި ރާއްޖޭގައި މާބަނޑު މީހުންނަށް ކޮވިޑް ވެކްސިން ނުދޭތީ، ސަމީއާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައެއް ނުވެއެވެ.

އެހާ ޒުވާން އުމުރުގައި، ކޮވިޑު ޖެހިގެން ކުއްލިއަކަށް ސަމީއާ ވަކިވެދިއުމުން އާއިލާ އާއި ނިލަންދުއަށް ވެސް ވަނީ ހިތާމަ އާއި މޮޅިވެރިކަން ކުރިމަތިވެފައެވެ. ސަމީއާ މިހާ އަވަހަށް ދުނިޔެއާ ވަކިވެދާނެ ކަމަށް އާއިލާ އާއި ރައްޓެހިން ވެސް ގަބޫލެއް ނުކުރެއެވެ.

އާއިލާގެ އެ މެމްބަރު ބުނި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަށް ސަމީއާ ބަދަލު ކުރި ފަހުން، އާއިލާ އާއި ރައްޓެހިންނާ ފޯނުން ވެސް ބައްދަލު ކުރުމުގެ ފުރުސަތު ނުލިބެއެވެ. އެކަމަކު، ފިރިމީހާ އަށް ސަމީއާ ފެނުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު، އޭރު އޮތީ ސަމީއާ އަށް ވާހަކަ ދެއްކޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ވީޑިއޯ ކޯލަކުން ސަމީއާ ފެނުން ފިޔަވައި އިތުރު ހިތްހަމަޖެހުމެއް ފިރިމީހާ އަށް ވެސް ނުލިބުނެވެ.

"ދެ ދުވަހަކު ވީޑިއޯ ކޯލް ކުރި ފިރިމީހާއާ. އެކަމަކު އޭރުގައި އޮތީ ހޭނައްތާފައި ނިންދަވާފައި އޮތީ. ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔައީ. އެހެންވެ ފިރިމީހާ އާއި ސަމީއާއާ ވާހަކަ ދެއްކޭ ގޮތެއް ނުވި. އެހާ ވެސް ހާލަތު ދެރަކޮށް އޮތީ،" އެމީހާ ކިޔައި ދިނެވެ.

ސަމީއާ

ސަމީއާއަކީ ކޮވިޑް ބަލީގައި ނިޔާވި އެންމެ ޒުވާން އަންހެން މީހާއެވެ. އުމުރުން 25 އަހަރުގައި ސަމީއާ ދުނިޔެއާ ވަކިވި އިރު އޭނާއަކީ ކޮވިޑް ޖެހިގެން ރާއްޖެ އިން ދެ ވަނަ އަށް ނިޔާވި އެންމެ ހަގު ޒުވާނާއެވެ. އެކަމަކު އޭނާއަކީ އެއްވެސް ބައްޔަކަށް ދާއީމީ ބޭހެއް ބޭނުން ކުރާ ޒުވާނެއް ވެސް ނޫނެވެ.

ސަމީއާގެ އާއިލާގެ މެމްބަރަކު ކިޔައި ދިން ގޮތުގައި އިއްޔެ ސަމީއާގެ ހާލު "ތަންކޮޅެއް ބޮޑަށް" ރަނގަޅުވި ކަމަށެވެ. އެކަމަކު، ސަމީއާ ވަކިވެގެން އެ ދިޔައީ ކުއްލި އަކަށް ހާލު ގޯސްވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"އިއްޔެގައި ތަންކޮޅެއް ބޮޑަށް ރަނގަޅުވީ، އިއްޔެއާ ހަމައަށް އެއް ލެވެލްގައި އޮންނަނީ. އޮކްސިަން ލެވެލް 90 އަށް ވެސް ދިޔަ. އޭގެ ކުރިން ގޯހެއް ވެސް ނޫން ރަނގަޅެއް ވެސް ނޫން. އެޑްމިޓްކުރީއްސުރެ ހެލިފެލިވެ ނުވެސް އުޅެވޭ،" އެމީހާ ބުންޏެވެ.

ސަމީއާގެ ދަރިފުޅު މިވަގުތު އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެ ކުއްޖާ ކޮވިޑަށް ނައްސިވެފައިވާ އިރު ހާލު ރަނގަޅެވެ.

"ފިރިމީހާ އަށް ވެސް ދަރިފުޅު ހަމަ ލޮލުން ބަލާލަން ފުރުސަތު ނުލިބޭ، އެކަމަކު ފޮޓޯ އެއް ފެނުނު،" އެމީހާ ކިޔައި ދިނެވެ.

އާއިލާގެ މެމްބަރު ކިޔައި ދިން ގޮތުގައި ސަމީއާއަކީ މީހުންނާ ގުޅޭ، މަޖާ، މީހުންނަށް ވަރަށް އެހީތެރިވެ އުޅޭ މީހެކެވެ. ސަމީއާ ދިރިއުޅެނީ ފިރިމީހާގެ ގޭގައި ކަމަށްވާ އިރު، އެގޭ އެންމެން ތިބީ ކަރަންޓީންގައެވެ. ސަމީއާގެ އާއިލާގެ ބައެއް މެމްބަރުން ވެސް ތިބީ ކަރަންޓީންގައެވެ.

އެމީހާ ބުނީ މިއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ވަރަށް ހަނދާން ވާނެ ސަމީއާ މަތިން، އެއީ ރަށުގައި އުޅޭ އިރު ކައްކައިގެން މޫދަށް ގޮސް ސަކަރާތް ޖަހާ މީހެއް ރައްޓެހިންނާ އެކު. އެކަހަލަ ކަންކަން މަތިން ހަނދާން ވާނެ،" އެމީހާ ބުންޏެވެ.

ސަމީއާ ރަށުގައި އޭ ލެވެލް ފުރިހަމަ ކުރުމަށް ފަހު، އެކައުންޓިން ދާއިރާ އިން ކޯހެއް ހެދުމަށް މާލެ ވެސް ބަދަލުވިއެވެ. މާލޭގައި ގާތްގަނޑަކަށް ފަސް އަހަރެއްހާ ދުވަހު އުޅުމަށް ފަހު، ރަށަށް ބަދަލުވިއެވެ. އޭނާ މާލޭގައި ހުރީ ސަމިއްޔާގެ އެއްބަނޑު އެއްބަފާ ދައްތަގެ ގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. 😢

    اناالله وانا اليه راجعون

    120
    1
  2. ل م

    انا لله وانا اليه راجعون
    اللهم اغفر لها و ارحمها

    72
    1
  3. ހިޔާލު

    اناالله وانا اليه راجعون

    65
    1
  4. Anonymous

    މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތްމިންވަރު ކުރައްވާށިއެވެ އާމީން

    75
    1
  5. ނަޝީދާ

    إنَّا ِللهِ وإنَّا إلَيْهِ رَاجِعُوْن
    މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަންދެއްވާށި!

    66
    3
  6. Anonymous

    إنّا لله وإنّا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!
    އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! اللهم آمین ياربّ العالمين 🤲

    66
    2
  7. ގަމާރު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

    54
    1
  8. ކަަފީ

    اناالله وانا اليه راجعون

    48
    1
  9. އަ×

    اناالله وانا اليه راجعون

    47
  10. އަޒާ

    اناالله وانا اليه راجعون

    42
  11. ހެޔޮއެދޭ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި, ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمین ياربّ العالمين 🤲

    41
  12. ރިޔާޝާ މުހަޢްމަދު

    اناالله وانا اليه راجعون

    32
  13. ޝަަ

    اناالله وانا اليه راجعون

  14. ޝަމްބެ

    لله وانا اليه راجعون
    اللهم اغفر لها و ارحمها
    މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގޭ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށި أمن

  15. ޒުހު

    إنَّا ِللهِ وإنَّا إلَيْهِ رَاجِعُوْن

  16. މަ

    اناالله وانا اليه راجعون