ކޮވިޑް-19 ބަލީގައި އިއްޔެ ނިޔާވި ފ. ނިލަންދޫ، މޯނިންސަން، ސަމީއާ އަހުމަދު (ސައްމެ) 25، ގެ މަރާއެކު ލިބުނީ ބޮޑު ޝޮކެކެވެ. ގަބޫލުކުރަން ވެސް ދަތިވިއެވެ. އެހާ ގާތް މީހަކު، އެހާ ޒުވާން އުމުރުގައި ވަކިވެދާނެ ކަމަށް ހީވެސް ނުކުރެވުނެވެ. މީހެއްގެ އެންމެ ފަހު ނޭވާ ލާނީ ކޮން އިރަކު، ކޮން ވަގުތަކު ކަމެއް ނޭނގޭނެއެވެ. ތިމާގެ އެންމެ ގާތް މީހާ މު ދުނިޔެއާ އަލްވަދާއު ކިޔާނީ ކޮން ދުވަހަކުކަން ނޭނގޭނެއެވެ. އެއީ ތަގްރީދު އޮތް ގޮތެވެ. އެކަން ބަދަލުވާން ނެތެވެ. އެކަން ހުއްޓުވެން ވެސް ނެތެވެ.

ސައްމެ އަކީ ޖަވާހިރެއް ފަދަ އެކުވެރިއެކެވެ. އޯގާތެރި، އެންމެންނަށް ވެސް ވަރަށް އަޅާލާ ހިތްހެޔޮ މީހެކެވެ. ވަރަށް މަޖާ މީހެކެވެ. ސަކަރާތުގައިވެސް އުޅެއެވެ. ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ.

ސައްމެއާ ފެނުމުގެ ނަސީބު އެތައް ދުވަހަކު ލިބުނު!

އެއީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅެވެ. ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށްޓަކައި، މާލެ އައި އަހަރެވެ. މާލެ އައިސް ހުރީ ސައްމެގެ ބޮޑުދައިގެ މެން ގޭގައެވެ. އެ ގެއިން ސައްމެ އާ ފުރަތަމަ ދިމާވީ އަހަރެންނާއި ސައްމެ އާއި އެއް ގަޑިއެއްގައި ކްލާހަށް ދާން ނުކުތް ވަގުތެވެ. ޗާންދަނީ މަގުގައި ހުންނަ އެ ގެއިން ދެ މީހުން ދިމާވީ ސިޑި މަތިންނެވެ. ސައްމެ ކައިރިން އަހަރެން ކިޔަވަނީ ނޫސްވެރިކަން ކަމާއި، ސައްމެ ކިޔަވަނީ ކޮން އެއްޗެތޯ ސުވާލު ކުރީމެވެ. ޔަގީނުންވެސް އެ ދުވަހު އޭނާ ކައިރިން ނަން އަހާ ނުލެވެއެވެ.

ނަމަވެސް ކޮންމެވެސް ވަރަކަށް ވާހަކަދެކެވުނު ހަނދާން ވެއެވެ. ސައްމެ އާއި ފޭރުމާގެ އެ އާއިލާއަކީ މީހުންނާ ވަރަށް ގުޅޭ އާއިލާއެކެވެ. ފޭރުމާގެ އާއިލާއަކީ ސައްމެގެ މާމަމެންގެ އާއިލާއެވެ. އެގޭގައި ދެން އެންމެ ހަނދާންވަނީ އެންމެން އެކުގައި މޯލްޑިވިއަން އައިޑޮލް ބެލި ހަނދާނެވެ. އައިޑޮލް ބަލަން އެންމެން ތިބި ގަޑީގައި އިނީ ސައްމެ ގާތުގައެވެ. އޭރު އެގޭ މީހުންނާ އެއްވެސް ވަރަކަށް ގާތެއް ނޫނެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ގުޅުން ދިޔައީ ބަދަހިވަމުންނެވެ.

އޭގެ ފަހުން އެގޭގެ މީހުން މައްޗަށް ގޯޅީގެ ގެއަކަށް ބަދަލުވިއެވެ. އެގޭގައި ކުރާ ހުރިހާ މަސައްކަތެއްގައި ސައްމެގެ ބައިވެރިން އޮވެއެވެ. ކެއްކުމާއި، މަޖާ ކުރުމާއި، އެއްޗެހި ދޮވުން ފަދަ ކަންކަމުގައި ސައްމެ ވަރުބަލިވި ތަނެއް ނުފެނުނެވެ.

ސައްމެ އާއެކު އެންމެ ހަނދާންވާ ދުވަސް ދުވަހަށް ބަލާއިރު، އެކުގައި ކާން ތަންތަނަށް ދާ ހަނދާން ވެއެވެ. ގޭގައި ތާސް ކުޅުމާއި، މަޖަލާއި ސަކަރާތުގައި ވަގުތު ހޭދަކުރާ ހަނދާން ވެއެވެ. އަދި އެކުގައި ފިހާރަތަކަށް ދާ ހަނދާންވެސް ވެއެވެ.

ސައްމެ އާއި ރީއާން

ދެހާސް ނަވާރަ ވަނަ އަހަރުގެ މެދަކާ ޖެހެންދެން އެ އާއިލާއާއެކު މާލޭގައި އުޅުނީމެވެ. އެންމެ ފުރަތަމަ ނިލަންދޫއަށް ކުރި ދަތުރުގައިވެސް، ސައްމެ އާއި އެ އާއިލާއާއެކު ކަންކަން ކުރެވުނެވެ. އާއިލާއިން ބާއްވާ ކޮންމެ ބޮޑުކަމެއްގައި އޭނާގެ ބައިވެރިވުން އޮވެއެވެ.

ސައްމެއާ އޭގެ ފަހުން ދެން ބައްދަލުވީ ހުޅުމާލޭގައި އޮތް ބާބަކިއުއަކުންނެވެ. މާލޭގައި ތިބި އާއިލާ މީހުންނާއެކު ބޭއްވި އެ ބާބަކިއުގައި ވެސް ސައްމެ އެހާ މަޖާ ކުރިއެވެ.

ސައްމެއަކީ މަޖާ، މީހުންނާ ގުޅޭ އެހީތެރި މީހެއް

ސައްމެ އަކީ މީހުންނަށް ވަރަަށް ހެޔޮ މީހެކެވެ. މީހުން ބުނާހާ ކޮންމެ ކަމެއް އުފަލާއެކު ކޮށްދޭ މީހެކެވެ. އަދި އޭނައަކީ އޭނާގެ ގާތް އެކުވެރިންނާ ވަރަށް ރަނގަޅު މީހެކެވެ.

ސައްމެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި އާއި ވަރަށް ގާތް އާއިލާ މެންބަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފާތިމަތު މުޖީބާ (މުޖީ)ބުނީ، ސައްމެ އަކީ އާއިލާއިން އޭނާގެ އެންމެ ގާތް މީހާ ކަމަށެވެ. އަދި ދެ މީހުންވެސް ދިރިއުޅުމުގައި އެއްކޮށް ވަރަށް ގިނަ ކަންކަން ހިއްސާ ކޮށްފައިވާނެ ކަަމަށް މުޖީ ބުންޏެވެ.

"މާލޭގައިވެސް އުޅުނީ އެއްކޮށް ހަމަ، ސައްމެ ކައިވެނި ކޮށްގެން ރަށަށް ބަދަލުވި ފަހުންވެސް ގުޅުމަށް ބަދަލެއް ނާދޭ، ހަމަ ހުރިހާ ކަމެއް ދިޔައީ ހިއްސާ ކުރަމުން، ވަަރަށް އަސްލު ހަނދާންވޭ ހުރިހާ ކަމެއް ވެސް. ސްޓިލް ކާންޓް ބްލީވް ޝީ އިޒް ގޯން". މުޖީ ބުންޏެވެ.

މުޖީ ބުނީ، އޭނާ މެއި މަހު މާލެ ދިޔަ އިރު، ސައްމެ ވެސް ހަމަ އޭރު ބްލީޑްވެގެން މާލެ ދިޔަ ކަމަށެވެ. ނަމަވެސް އޭރު ކަންތައް ހުރި ގޮތުން ދެ މީހުން ތިބެން ޖެހުނީ ދެ ގެއެއްގައިކަން ފާހަގަކުރަމުން، މުޖީ ބުނީ، ދެ މީހުން ދިމާވެސް ނުވާ ކަމަށެވެ.

"އެކަމަކު ކޮންމެ ދުވަހަކުވެސް ދެ ގަޑިއިރު ވަންދެން ގުޅައިގެން ވާހަކަ ދައްކަން، ރަށުގައި އުޅޭއިރުވެސް ކޮންމެ ދުވަހަކު ދިމާ ނުވިޔަސް، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގުޅާނެ". މުޖީ ބުންޏެވެ.

ސައްމެ އާއި މުޖީ

މުޖީގެ ވާހަކައިން އެނގޭ ގޮތުގައި، އޭނާއާ ސައްމެ އާ އެންމެ ފަހުން ދިމާވެފައި ވަނީ މެއި ފަސް ވަނަ ދުވަހުގެ ކުރިންނެވެ. އޭގެ ފަހުން ބައްދަލުވެފައެއް ނުވެއެވެ. ނިލަންދޫން ކޮވިޑް ފެނިގެން ރަށް މޮނީޓަރިންގައި އޮތުމުން ދެ މީހުން ވެސް ބޭރަށް ނުކުމެ ނޫޅޭތީ ބައްދަލު ނުވީއެވެ. އެކަމަކު ވާހަކަ ދައްކާ ހެދިއެވެ. މުޖީ ބުނީ، އެންމެ ދެރަވަނީ އެހާ ދުވަސް ވަންދެން ބައްދަލު ނުވެ، އޭނާ މި ދުނިޔެއާ އަލްވަދާއު ކިޔުމުން ކަމަށެވެ.

"އެންމެ ފަހުން ދިމާވީ މެއި ފަހެއްގެ ކުރިން، އަސްލު އެހާ ދުވަސްވީ މެއި ފަހެއްގައި އަހަރުން ރަށުން ކޮވިޑްގެ ފުރަތަމަ ވޭދަނަ ފެނިގެން، ދެ މީހުންނަކީވެސް މާބަނޑު މީހުންކަމުން، އާއިލާއިން ބޭނުން ނުވީ ބޭރަށް ނުކުމެ އުޅެން، ޕްރެގް ވެގެން ފަސްޓް ސްކޭން ކުރަންވެސް ދިޔައީ އެއްކޮށް ލާމަށް، މިހެން ގޮސް ހުރިހާ ކަމެއްގައިވެސް އުޅެނީއެއްކޮށް". މުޖީ ކިޔައި ދިނެވެ.

ސައްމެ އާއި މުޖީގެ ގުޅުން އާއިލާގެ އެންމެންނަށްވެސް އެނގޭނެއެވެ. އެ ދެ މީހުން ދެ މީހުންނަށް ވާހަކަ ދައްކާ ހަދާއިރު، އާއިލާ މީހުން ދިމާކޮށްވެސް ހަދައެވެ.

"ރަށުގައި އުޅޭއިރުވެސް ސައްމެ މެން ގެއަށް ދާއިރަށް، ދެން އަހަރުން ދެ މީހުން ވަކިން ތިބެގެން ވާހަކަދައްކަން ފަށާއިރަށް އެންމެން ދިމާ ކުރަން ފަށާނެ، މި ދެ މީހުންގެ ވާހަަކަ އޮވެޔޭ ކިޔާފައި". އަސަރާއެކު މުޖީ ބުންޏެވެ.

ސައްމެ އާއި މުޖީ އެންމެ ފަހުން ވާހަކަދެއްކުނީ މެއި 28 ވަނަ ދުވަހުއެވެ. އެއީ ސައްމެ ކޮވިޑަށް ފައްސިވެގެން ނިލަންދޫ ހޮސްޕިޓަލްގައި އޮވެފައި މާލެ އަށް ފޮނުވާލި ދުވަހެވެ. އެ ދުވަހު ވެސް ކެއްސާ ވަރުން ވާހަކަ ނުދެއްކިގެން އޭނާއަށް މެސެޖް ކުރި ކަމަށް މުޖީ ބުންޏެވެ.

ސައްމެ އާއި މުޖީ އެއްކޮށް ނަގާފައިވާ ފޮޓޯއެއް

މުޖީ އާއި ސައްމެގެ ފަހު މެސެޖްތައް

ސައްމެ: އަހޭ

މުޖީ: އޯއި

ސައްމެ: އަނެއްކާ މާލެ ދާން ބުނެފި

މުޖީ: އާ ދެންމެ އަަހަރެންގެ މަންމަ ގުޅާފައި ބުނި ތިގޭ މަންމަ ބުންޏޭ ކިޔާފައި

މުޖީ: ކިހިނެއް ވަނީ

މުޖީ: ޔޫއަށް ވާހަކަ ނުދެއްކޭތީ މަ ނުގުޅީ

ސައްމެ: ރަނގަޅު ނުވާތީވެ ޑޮކްޓަރު ބުނީ ރިފާ ކުރާނެއޭ އައިޖީއެމްއެޗްއަށް ގުޅާފައި ބުނެފީމޭ

މުޖީ: ވާހަކަ ދެއްްކެންޏާ މަށަށް ގުޅާ

ސައްމެ: އާ މަށަށް ނުދެއްކޭ ވާހަކައެއް

މުޖީ: ކާކު އަންނަނީ

ސައްމެ: ނަބީލް، އެކަކަށް ދެވެނީވެސް

މުޖީ: ފުރަންވީމަ ހަބަރެއް ވައްޗެއް

ސައްމެ: އާ

މިއީ މުޖީ އާއި ސައްމެ އެންމެ ފަހުން ދެކެވުނު ވާހަކަތަކެވެ.

ސައްމެގެ ގާތް އެކުވެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އައިޝަތު އީނާޒް (ނާޒް) ބުނީ ސައްމެގެ ހަނދާންތައް ދުވަހަކުވެސް ހިތަކުން ފިލައިގެން ނުދާނެ ކަމަށެވެ. އަދި ރަށުގެ ސްކޫލްގައި ކިޔަވަން އުޅުނުއިރުވެސް އުޅެވިފައި ހުރީ ސައްމެއާ އެއްކޮށް ކަން ނާޒް ފާހަގަކުރިއެވެ. އަދި މާލެއަށް ކިޔަވަން ގޮސް އެއް އަހަރާއި ބައި ވަންދެން އުޅުނުއިރު ވެސް އެއްކޮށް އެއް ކޮޓަރިއެއްގައި އުޅުނުއިރު، ދުވަހަކުވެސް މައްސަލައެއް ނުޖެހޭ ކަމަށް ނާޒް ފާހަގަކުރިއެވެ.

ސައްމެއަކީ އަބަދުވެސް ވަރަށް މަޖާ، ސަކަރާތް ޖަހާ ކަންކަން ވަރަށް ހިއްސާ ކުރާ މީހެއް ކަމަށް ވެސް ނާޒް ބުންޏެވެ.

ކޮވިޑް-19 ގައި ނިޔާވި 25 އަހަރުގެ ސައްމެގެ ޖަނާޒާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަރަށް ކެތްތެރި ހިތްތިރި، ކުދި ބޮޑު ހުރިހާ އެންމެންނާ ވެސް ވަަކިން ހާއްސަކޮށް ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ވަރަށް ހިތްހެޔޮ ހެޔޮ ލަފާ ރައްޓެއްސެއް އަދި އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދަ ކުއްޖެއް ގެއްލިގެން ދިޔައީ". ނާޒް ބުންޏެވެ.

ނާޒް ބުނީ، ސައްމެ އާއެކު މާލޭގައި އުޅުނުއިިރު އެންމެ ހަނދާންވަނީ ހުކުރު ދުވަހު، ހުކުރަށް ގޮސް އެންމެން އަންނަން ވާއިރަށް ކައްކަން އުޅޭ އުޅުން ކަމަށެވެ. އަދި ސައްމެ ވަރަށް މީރުކޮށް މެގްނަމް ޕުޑިންގ ތައްޔާރުކުރާކަން ނާޒް ފާހަގަކުރިއެވެ.

"ރަށަށް އައި ފަހުންވެސް ސައްމެ އަށް ގުޅިން ރެސިޕީ އަހަން". ނާޒް ބުންޏެވެ.

ސައްމެގެ އާއިލާ މެންބަރެއް ކަމަށްވާ މުނީޒާ އަލީ ބުނީ، އޭނާއާ ސައްމެގެ ގުޅުމަކީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި، އަބަދުވެސް ދިމާވެއްޖެ ނަމަ ވަރަށް މަޖާކޮށްފައި އުޅޭ ކަމަށެވެ.

"ދެ މީހުން އެއްކޮށް ކެފޭގައި ވޯކް ކުރިއިރުގައި ވެސް އޭނާ ހެނދުނު ޑިއުޓީ ވިއްޔާ ގުޅާނެ، ބުނާނެ އަވަހަށް އަންނާށޭ، ނެތީމަ ވަރަށް ފޫއްސޭ"،.

މުނީޒާ ބުނީ، ސައްމެ މަތިން އެންމެ ބޮޑަށް ހަނދާން ވާނީ އެއްކޮށް ކައްކައިގެން ކާ ގަޑީގައި އާއި އެއްކޮށް ތަންތަނަށް ދާ ގަޑީގައި ކަމަށެވެ.

"އަހަރުމެން ކަރަންޓީންގައި ތިއްބާ އެންމެ ފުރަތަމަ ވެސް ސައްމެ ބްލީޑްވެގެން ގެންދިޔައީ، އޭގެ ފަހުން އަސްލަށް ސައްމެ ނުދެކެން، އެކަމަކު އޭގެ ފަހުން ސަކަރާތްވި ފަހުން މިކޮޅު ހޮސްޕިޓަލްގައި އޮއްވާ ގުޅައިގެން ވާހަކަދެއްކިން". މުނީޒާ ކިޔައި ދިނެވެ.

ސައްމެއާ އެއްކޮށް މާލޭގައި އެއް ގެއެއްގައި އުޅުނު ސައްމެގެ ބޭބެއެެއް ކަމަށްވާ މުނާޒް ބުނީ، ސައްމެ އަކީ ކިޔަވަންެސް ވަރަށް މޮޅު މީހެއް ކަމަށާއި، ހާއްސަކޮށް އެކައުންޓިން އަށް އޭނާ ވަރަށް މޮޅުވާނެ ކަމަށެވެ.

"ބޭބެއެއް ވިޔަސް އެއްޗެއް ނޭނގިގެން އަހާލިޔަސް ކިޔާދޭނެ" މުނާޒް ބުންޏެވެ.

މުނާޒް ބުނީ، ސައްމެއަކީ މުޅި އާއިލާގައި ހުރި އެންމެ ރީއްޗަށް ގުރުއާން ކިޔަވާ ކުއްޖާ ކަމަށެވެ. އަދި އޭނާ ވަރަށް ގިނަ މުބާރާތްތަކުގައި ބައިވެރިވެ ވަނަތައްވެސް ހޯދާފައި ހުންނާނެ ކަމަށް ބުންޏެވެ. ސައްމެ އާއިލާ އެންމެން ދެކެވެސް ވަރަށް ލޯބިވާނެ ކަމަށާއި، ހާއްސަކޮށް އާއިލާ ކުޑަކުދިންނާއި ސައްމެގެ ވަރަށް ގާތްވާނެ ކަމަށް މުނާޒް ބުންޏެވެ.

ސައްމެގެ ކައިވެނީގެ ހަފްލާގެ ތެރެއިން މުނާޒް އާއި އޭނާ އަންހެނުން

ސައްމެ ކޮވިޑްގައި ނިޔާވިއިރު އެކަން އަދިވެސް ގަބޫލެއް ނުކުރެވެއެވެ. އެހާ ގާތްކޮށް އުޅެފައި، މިފަދަ ބޮޑު ބައްޔެއްގައި ވަކިވެގެން ގޮސްދާނެ ކަމަށް ހީވެސް ނުކުރެވެއެވެ. ސައްމެ ކޮވިޑަށް ފައްސިވެ، މާލެ ގެނައި ފަހުން ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް އޭނާގެ ހާލު އަހާލެވެއެވެ. ކޮންމެ ދުވަހަކުވެސް ލިބޭ ޖަވާބަކީ ހާލު ރަނގަޅެއް ނޫން، ހާލު ގޯހެއްވެސް ނޫން ކަމެވެ. ނަމަވެސް ސައްމެގެ ދަރިފުޅުގެ ހާލު ރަނގަޅު ވަމުން އަންނަ ކަމުގެ އުފާވެރި ހަބަރުތައް ދިޔައީ ލިބެމުންނެވެ.

ސައްމެ ރަނގަޅުވެގެން އެނބުރި އަންނާނެ ކަމުގެ އުއްމީދުގައި އެތައް ބަޔަކު ތިއްބެވެ. ސައްމެ އެ ބަލިން ސަލާމަތްވާނެ ކަމަށް އުއްމީދުވެސް ކުރިއެވެ. ނަމަވެސް އެންމެންގެ އުއްމީދު ވެއްޔާއި މޮޑެވި ދިޔައީ އިއްޔެ މެންދުރު 12:43 ގައި އޭނާ ލި ފަހު ނޭވާއާ އެކުގައެވެ.

ކޮވިޑް-19 ގައި ނިޔާވި 25 އަހަރުގެ ޒުވާނާގެ ޖަނާޒާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ފަނާވަނިވި ދުނިޔެއާ ސައްމެ އެ ދޫކުރީ އެތައް ބަޔަކު ރޮއްވާލާފައެވެ. ފިރިމިހާ އާއި އަލަތު ދަރިފުޅު އެކަނި ކޮށްފައެވެ. ދަރިފުޅު ލޮލަށްވެސް ނުފެނިއެވެ.

ސައްމެގެ އެ ވަކިވުމާއެކު އެތައް ބައެއްގެ ލޮލުން ކަރުނަ ނުހިކެއެވެ. ހާއްސަކޮށް ގާތް އެކުވެރިންނެވެ. އޭނާގެ ހަނދާންތައް އަބަދުވެސްް އެ އެކުވެރިން ކުރާނެއެވެ. އެ އެކުވެރިން ސައްމެގެ ވާހަކަތައް މިހާރު ކިޔާދެނީ ލޮލުން ކަރުނަ އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢަބްދުﷲ

  ސައްމެގެ އާއިލާއަށް މާތްﷲ ކެއްތެރި ކަމާއި ސާބިތު ކަން ދެއްވާދޭ.

  69
  1
  • ސަމާ

   ﺁﻣِﻴْﻦُ ﻳَﺎ ﺭَﺏَّ ﺍﻟْﻌَﺎﻟَﻤِﻴْﻦ

 2. މިތުރާ

  ސައްމެގެ ފުރާނަ ސުވަރުގެ މިންވަރު ކުރައްވާދޭވެ! އާއިލާ އަށް ކެތްތެރިކ ކަން ދެއްވާދޭވެ ! އާމީން! އެތަ ކެއް އާއިލާ އެއްބި ކަވެ ކުޑަ ކުދިން ނި ކަމެތިވީ، ގައުމު ހިންގަން ހަވާލު ކުރެވުނު މީހުން އިހުމާލުން .މިވެސް ބަލަންޖެހޭ މައްސަލައެއް، ކެރަފާ ނަސީމު، އިބޫ އިސްތިއުފާ!

  26
  5
 3. އަސަރޭ 0196

  ސައްމެގެ އާއިލާއަށް މާތްﷲ ކެއްތެރިކަން ދެއްވައި ސައްމެގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާދޭވެ.
  އާމީން...

  17
 4. މުޙައްމަދު މަންޞޫރު އާދަމް

  މަހާނަމަތީގައިވާ ނަންބޯޑުގައި ލިޔެފައިވާ ހިޖްރީ ތާރީޚު ރަގަޅެއް ނޫން!

 5. ފާތުން

  އަސްލުގަވެސް ސަމްމެ ނުފެންނަތާ ވަރަށް ދުވަސް ވެއްޖެ ނޭންގެ ވަރަށް ދެރަވޭ... ރޮވޭ ހަމަ ... ސަމްމެގެ ޕޯސްޓެއް ވީޔާ ނުކިޔަ ހިތް ހަމައެއް ނުޖެހޭ... އެކުގައި ކިޔަވަން އުޅުނު ދުވަސް ތަށް ވަރަށް ހަދާނަށް ގެނުވާ... ގަބޫލް ވެސް ނުކުރެވޭ ... ސަމްމެގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.. ﺁﻣِﻴْﻦُ ﻳَﺎ ﺭَﺏَّ ﺍﻟْﻌَﺎﻟَﻤِﻴْﻦ