ޒަމާނާއެކު ދިވެހިންގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް އައި އެއް ދާއިރާ އަކީ ފަންނުވެރިންގެ ދާއިރާ ކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ. ރެސްޓޯރެންޓުތަކާއި ހޮޓާތަކުން ފެންނަ ކަވި ކުރެހުންތައް މިކަމުގެ ހެއްކަކަށް ފުދެއެވެ. ކުރެހުންތެރިންގެ ފިހިތަކުން ކުރަހާފައިވާ ތަފާތު މަންރުތަކުން ޖަރީކޮށްފައިވާ ފާރުތައް މިކަމުގެ މިސާލަކަށް ފުދެއެވެ.

ނަމަވެސް މި ކުރެހުންތަކުގެ ފަހަތުގައިވާ ހުނަރުވެރި ކުރެހުންތެރިންގެ ވާހަކަ އަކީ ގިނަ ފަހަރަށް ބީރައްޓެހި ވާހަކަތަކެކެވެ. އެ މޫނުތަކަކީ ފަރުދާގެ ފުރަގަހުގައި ބުރަ މަސައްކަތްތަކެއް ކުރާ ބައެކެވެ. ށ. ކަނޑިތީމަށް އުފަން މުހައްމަދު ޒަމީރު (ބަނބޫ) އަކީ ރާއްޖޭގެ ހުނަރުވެރި ފަންނާނުންގެ ލިސްޓުގައި ހިމެނޭ މިފަދަ މޫނެކެވެ.

" ސްކޫލްގައި އުޅުނު އިރު އަބަދުވެސް އާޓް ޓީޗަރު ބުނާނެ ކުރެހުންތައް ވަރަށް ރީއްޗޭ. އެހެންވެ އަސްލު ހިތަށް އެރީ މިއީ ފެށިދާނެ ކަމެކޭ. ކުރެހުންތަކަށް މީހުންގެ ތައުރީފް ލިބެން ފެށީމައި ހިތަށް އެރި މިއީ އާމްދަނީ ހޯދަން ވެސް ކުރަން ރަނގަޅު ކަމެކޭ އަސްލު. އެއީ ފެށުނު ގޮތަކީ." ޒަމީރު ބުންޏެވެ.

ޒަމީރު "ވަގުތު" އާ ވާހަކަ ދައްކަނީ. --- ވަގުތު އިމޭޖަސް

ޒަމީރު ކިޔައި ދިން ގޮތުގައި ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އޭނާގެ އާޓް މުދައްރިސް ހަސަން ޒަރީރުއެވެ. އޭނާގެ ހުނަރު ދިރުވާ އާލާކޮށް ކުރިއަރުވާ އާޓިސްޓެއްގެ ގޮތުގައި އޭނާގެ ހުނަރު ތަރުތީބު ކޮށްދިނީ އޭނާ ކަމަށް ޒަމީރު ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ އާމްދަނީ ހޯދުމުގެ ގޮތުން ކުރެހުމެއް ކުރަހާފައި ވަނީ ސްކޫލް ދައުރު ނިމުމަށް ފަހުގައެވެ. އެއީ އާއިލާ މެމްބަރަކަށް އޭނާ ކޮށްދިން މަސައްކަތެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

" އެންމެ ފުރަތަމަ މަސައްކަތް ހަނދާން ހުރޭ. އެއީ ސްކޫލް ނިމުނުތަނާ ލިބުނު ފުރުސަތެއް. އެއީ އާއިލާ މީހެއްގެ ގޭގައި ފާރުގައި ކުރެހުމެއް ކުރަހަން ލިބުނު ފުރުސަތެއް އެއީ" ޒަމީރު ބުންޏެވެ.

ޒަމީރުގެ މަސައްކަތްތަކުގެ ތެރެއިން އޭނާ އަށް އެންމެ ހިތްހަމަޖެހިގެން ކުރެވުނު މަސައްކަތަކީ މާލޭގެ ރައިވެރިބޭ މައިޒާންގައި އޭނާ ކުރަހާފައިވާ ކުރެހުންތައް ކަމަށް އޭނާ ބުންޏެވެ. އެ މަސައްކަތުގެ ފުރިހަމަކަން ފެނި އެތައް ބައެއްގެ ތައުރީފު އޭނާ އަށް ލިބުނެވެ. މި ދާއިރާއިން ޒަމީރު ކުރާ އުންމީދަކީ ކުރެހުމާއި ފަންނުވެރި މަސައްކަތާ ގުޅުން ހުރި އަމިއްލަ ކުންފުންޏެއް އުފެއްދޭނެ ދުވަހެއް ފެނުމެވެ.

މުހައްމަދު ޒަމީރު (ބަނބޫ). --- ވަގުތު އިމޭޖަސް

"އެންމެ ބޭނުންވަނީ އަމިއްލަ ކުންފުންޏެއް އުފެއްދޭނެ ދުވަހެއް ދެކެން. އެއީ އަމިއްލަ ބްރޭންޑް އޮފް އާޓްސް އާ އެއްކޮށް." އޭނާ ބުންޏެވެ.

ކުރެހުމާއި އާޓް އާއި ހުރި ކޮންމެ މަސައްކަތަކީ ވެސް ތަފާތު މަސައްކަތެއް ކަމަށް ވާތީ ކޮންމެ ކްލައިންޓެއްގެ ބޭނުންތަކާއި އެއްގޮތަށް މަސައްކަތް ބައްޓަން ކުރަން ޚާއްސަ އިސްކަމެއް ދޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ކޮންމެ އާ މަސައްކަތަކީ އޭނާގެ ހުނަރު ދައްކާލަން ލިބޭ ފުރުސަތަކަށް ވާތީ އެ ހުނަރު އާއްމުންނާ ހަމައަށް ތަފާތު ފެންނާނެ ފަދަ ގޮތަކަށް ގެނެސްދެވޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

" ކޮންމެ މަސައްކަތަކީ ވެސް ތަފާތު މަސައްކަތެއް. އެއީ ތަފާތު އާޓެއް ދައްކާލަން ފުރުސަތު ލިބޭ. ކަސްޓަމަރުން ހިތްހަމަޖެހޭ ގޮތަށް ކަންކަން މެނޭޖު ކުރެވޭތޯ އަސްލު ވަރަށް މަސައްކަތް ކުރަން. އެ މީހުން އަހަރެންގެ މަސައްކަތް ބަލައިގަތުން މާ މުހިންމު އަހަންނަށް އެ މަސައްކަތެއް ކަމުދިއުމަށް ވުރެ ވެސް." ޒަމީރު ބުންޏެވެ.

ޒަމީރު ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ގިނަ ވަގުތު ހޭދަވާ މަސައްކަތަކީ ފާރުގައި އެކި ޑިޒައިންތަކަށް ކުރަހާ ކުރެހުންތަކަށް ނަގާ ވަގުތު ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އެގޮތުން އާއްމުކޮށް ފާރުގައި ކުރަހާ ބޮޑު ކުރެހުމެއް ކުރަހާ ނިންމާލަން 2-3 ދުވަސް ނަގާކަމަށް އޭނާ ވަނީ ބުނެފައެވެ.

ކުރެހުމުގެ މަސައްކަތް ކުރާ އިރު އެންމެ ބޮޑަށް އުނދަގޫ ވަނީ މަސައްކަތަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތައް ދިމާވުމުން ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެ ދަތިތަކާއެކު ވެސް މިއީ އާމްދަނީ ހޯދަން ކުރަން އެންމެ އެކަށީގެންވާ އެއް މަސައްކަތް ކަމަށް ޒަމީރު ބުނެއެވެ. އެހެންކަމުން މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް އޮތީ ކެރިގެން އެ މަސައްކަތާއި ކުރިމަތިލުން ކަމަށާއި، މިއީ ރަނގަޅު މުސްތަގުބަލެއް އޮތް ދާއިރާ އެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިނގޭ

  ޕިން ޕިން

 2. ވާސް

  ކޮންމެ ތަނެއްގަ ކުރެހިޔަސް އަދި ކުރެހުމުހެ ހުނަރުން ތަތްތެޅުނަސް، އިސްލާމީ މިންގަނޑުން ބޭރުގައި ކުރެވޭ ހުރިހާކަމެއް ވަނީ ބޭކާރެވެ. މީހާ މިދުނިޔެ ދޫކޮއްދާއިރު އެފަދަ ކަމަކުން ކުރާނެ ހަމަ އެއްފައިދާއެއްވެސް ނެތްތާގައި އެކަމުގެ ސަބަބުން ތިމާއަށް އާޚިރަތުގައި ވޭންދެނިވި އަޒާބު ކުރިމަތިކުރިވަފާނެއެވެ. ވީމާ ކުރާ ކޮންމެ ކަމެއްވެސް މާތް ރަސްކަލާނގެ ކަނޑައަޅުއްވާފއިވާ އިމުގެ ތެރެއިން ކުރެވޭތޯ މަސައްކަތްކޮއް އަދި ތިމާގެ މައްޗައް ވާޖިބު ކުރައްވާފައިވާ އެންމެހާކަމަކައް ހުރަސް ނޭޅޭގޮތައް ކުރާށެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މިއެވެ. ހަމަކަށަވަރުން އެކަމެއްގައި އިމެއް ކަނޑައަޅުއްވާފައި ނުވާ އެއްވެސް ކަމެއް މާތްރަސްކަލާނގެ އިންސާނުންގެ ހަޔާތަކު ނުލައްވައެވެ. އެ އިންތަ އިސްލާމްދީނުގެ ޝަރުއު ކުރެވިގެންވެއެވެ.

  7
  3
  • އާލީ

   އިންސާނަކު ކުރިއަރާތަން ފެނުމުން އެއީ ހަރާންކަމެއް! މިގައުމުގަ ތިބީ މުސްލިމުންނޭ ކިޔާފަ އެދީނަށް މީހުންގެ ހިތްތަކުގަ ނަފްރަތު އުފައްދަން ތިބި ބައެއް!

   5
   3
  • އަޒީޒާ

   ވަރައް ރަނގަޅު ނަސޭހަތެއް ވާސް..