އިންޑިއާ އާއި ޗައިނާ ދެ ހަތުރުންގެ ގޮތުގައި ތިބި ކަމުގައި ވިޔަސް، ރާއްޖެ އަށް އެކަމުން ލިބޭ ގެއްލުމެއް އަދި ނެތެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އެކުވެރި، ބަދަހި ގުޅުމެއް އޮތް ފަދަ އިން ޗައިނާއާ އެކު ވެސް އޮތީ ހަމަ އެފަދަ ގުޅުމެކެވެ. ދެ ގައުމުން ރާއްޖެ އަށް ދިން އެހީތައް މަދެއް ވެސް ނޫނެވެ. ރާއްޖެ އަށް ޗައިނާ އާއި އިންޑިއާ އިން ދިން އެހީ އާއި ހިންގި ތަރައްގީގެ މަޝްރޫއުތަކާ ފައިހަމަކޮށްލެވޭ އިތުރު ގައުމެއް ނެތެވެ.

އެކަމަކު، އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ މި ވަރުގަދަ ގުޅުމާ އެކު ވެސް، ގިނަ ދިވެހިންގެ ނުތަނަވަސްކަންވީ އިތުރެވެ. އެއީ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލައިފައެވެ. އިންޑިއާގެ މަލާބާރީން ރާއްޖެ އިން "ފޮހެލި" ގޮތް ދިވެހިން ހަނދާނެއް ނުނެތެއެވެ. އިންޑިއާގެ ޖީއެމްއާރުގެ "އަތްދަށުން" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) "މިނިވަން" ކުރަން ކުރި މަސައްކަތް ދިވެހިންގެ ބޮލުގައި ހުރީ ހަރުލައިފައެވެ.

މި ހުރިހާ ކަމަކާ އެކު ވެސް އިންޑިއާ އިން ރާއްޖެއާ މެދު ވެފައިވާ "ލޯބި" ވަކި ކުޑައެއް ނުވިއެވެ. ހާއްސަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައި ވަނީ ވަކި ނުކުރެވޭ ގުޅުމެކެވެ. ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އިންޑިއާ އިން އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ޕެކޭޖެއް ވަނީ އިއުލާންކޮށްފައެވެ. އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް ގައުމެއްގެ ގޮތުގައި ހެދިއެވެ. ހަމައެގޮތަށް އިންޑިއާގެ ފުރަތަމަ ސިޔާސަތަކީ އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުން ކަމުގައި ހެދިއެވެ.

މި ހުރިހާ ކަމަކާ ހެދި، ބައެއް ދިވެހިން އަދިވެސް ގަބޫލު ކުރަނީ އިންޑިއާ އިން އުޅެނީ ރާއްޖެ "އަޅުވެތި" ކުރަން ކަމުގައެވެ. ރާއްޖެ އަށް ވެރިވެގަނެ، އިންޑިއާގެ ބައެއްގެ ގޮތުގައި ރާއްޖެ ހެދުމަށް އިންޑިއާ އިން މަސައްކަތް ކުރާ ކަމަށް ބުނެ އެ ގައުމަށް އަބަދުވެސް "އިނގިލި" ދިއްކުރެއެވެ. އެކަމަކު، މިހުރިހާ ތުހުމަތުތަކެއް އިންޑިއާ އިން އަބަދުވެސް ދޮގުކުރެއެވެ. ދިވެހި ސަރުކާރުން ތަކުރާރުކޮށް ބުނަނީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

މި ފަހުން، އިންޑިއާ މެދުގައި ބައެއް މީހުންގެ ނަފްރަތު ބޮޑުވީ ބޭރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ސަރުކާރުން ގެނައި އިސްލާހާ ގުޅިގެންނެވެ. އިސްލާހުގައިވާ ގޮތުން ކުރިން އޮތް ގޮތަށް އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެއެވެ. އެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމާއި އެއާޕޯޓު އަދި އެއާ ޓްރެފިކް ކޮޮންޓްރޯލް ކުރުމާއި ގްރައންޑް ސާވިސް ހިދުމަތް ވެސް ފޯރުކޮށްދެވޭނެއެވެ. ފަހުން ސަރުކާރަށް އައި ބޮޑެތި ފާޑުކިއުންތަކާއެކު އެ ކަން އެ ގޮތަށް ނޯންނާނެ ކަމަށް ބުންޏަސް، ލިޔުމުގައި އޮތީ އޭރު އެ ގޮތަށެވެ.

އެއް ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިއީ އިންޑިއާގެ ކުންފުނިތަކަށް އެއާޕޯޓު ދިނުމަށް ކުރަން އުޅޭ ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި ހުރި ވިޔަފާރި ބަނދަރެއް ނުވަތަ ވައިގެ ބަނދަރެއް ވިޔަސް ބޭރު ބައެއްގެ ކޮންޓްރޯލްގެ ދަށަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށާއި އެއީ ދިވެހި ރައްޔިތުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ އިސްލާހެއް ނޫން ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވިއެވެ.

ނަމަވެސް، އިންޑިއާ އަށް އެއްވެސް ވައިގެ ބަނދަރެއް ނުދެއްވާނެ ކަމުގެ ޔަގީން ކަން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދެއްވާފައިވުމުން އެކަމުގައި ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އެކަމަކު، އުމަރު ކަންބޮޑުވެވަޑައިގަންނަވަނީ، އިންޑިއާ އިން ރާއްޖެ އަށް ވެރިވެގަންނަން ކުރާ މަސައްކަތާ މެދުގައެވެ. އިންޑިއާ އިން ރާއްޖޭގެ ހަތަރު ސަރަހައްދެއްގެ ކަނޑުއޮޅި އަށް ފައިބާނެ ކަމުގެ އިންޒާރު ދެއްވިއެވެ.

"އިންޑިއާގެ ލަޝްކަރު ބޮޑުކޮށް، މިސައިލް ހަމަލާދޭނެ"

އުމަރު ވިދާޅުވި ގޮތުގައި އިންޑިއާ އިން ދެ ހެލިކޮޕްޓަރު ދީ، ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވެގެން އުޅެނީ ހަމަ އެންމެ ބޭނުމެއްގައި ކަމަށެވެ. އެއީ ރާއްޖޭގެ ހަތަރު ސަރަހައްދަކުން ވަދެ، އިންޑިއާ ސިފައިންގެ ލަޝްކަރުތައް ބޮޑު ކުރަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ކ. ކާށިދޫއަކީ ވެސް އިންޑިއާ އިން ބޭނުންވާ ތަނެއްގެ ގޮތުގައި ހަދައި، ކާށިދޫ އަށް ވެސް އެމީހުން "ފައިބާނެ" ކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ.

އޭގެ ބޭނުމަކީ، އިންޑިއާގެ ކަނޑުގެ ސަރަހައްދުންނާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުފަހަރު މޮނިޓަ ކުރުން ކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ރާޑަރު ސިސްޓަމާއި ސަވައިލަންސް ސިސްޓަމް އޮތީ އިންޑިއާ އަށް ބަލައި ދިރާސާކުރެވޭ ގޮތަށް ކަމަށެވެ. އަދި މިގޮތަށް ކަންކަން ކުރިއަށްދާ ނަމަ، ކުރިއަށް އޮތް ތަނުގައި ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އިންޑިއާގެ ޑޯނިއާ ފްލައިޓެއްގައި ކުޅުދުއްފުށިން މާލެއަށް ބަލި މީހަކު ގެންނަނީ. - ފޮޓޯ: އެމްއެންޑީއެފް

"އިންޑިއާ ކަނޑުން ދަތުރު ކުރާ މަނަވަރުތަކާއި ސަބްމެރިންތައް އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހުރަސް މި ކުރަނީ. ރާއްޖޭގެ ކަނޑު ހުރަސް ކުރާނެ، ރަޝިއާ ޗައިނާގެ އުޅަނދު ފަހަރު ވެސް. ކަނޑު އަޑިން ވެސް ހުރަސް ކުރާ އުޅަނދުތައް ހުންނާނެ. އެކަންކަމަށް އިންޑިއާ އިން ފާރަވެރިވެ، ބަޑި ޖަހަން ޖެހިއްޖެ ހާލަތެއްގައި ބަޑި ޖަހައި މަނަވަރު ނޫނީ ސަބްމެރީން ވެސް ފައްތާލާނެ އެމީހުން ބޭނުންވެއްޖެއްޔާ، އެ މަގްސަދުގައި އިންޑިއާގެ ލަޝްކަރުތައް އެ ބޮޑު ކުރަނީ ރާއްޖޭގައި،" ސިފައިން ގޭގައި ގިނަ ހިދުމަތްތަކެއް ކުރެއްވި އުމަރު ވިދާޅުވިއެވެ.

އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ (އައިޑީޕީ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި އުޅުއްވުމަށް ފަހު، ދާދި ފަހުން ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ނަމުގައި ސިޔާސީ ހަރަކާތެއް އުފެއްދެވި އުމަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިންޑިއާ އިން އިތުރު ހެލިކޮޕްޓަރުތަކާއި ބަޑިތަކާއި ސަބްމެރީންތައް ވެސް ރާއްޖެ އަށް ގެންނާނެ ކަމަށެވެ. އެ މަގަށް ކަންކަން މިހާރު ބައްޓަންވަމުންދާ އޭނާ ކަމަށް ވިދާޅުވިއެވެ.

"މިސައިލް ބޭނުންކޮށްގެން ހަމަލާދޭނެ އިންތިޒާމު ވެސް ކުރިއަށް އޮތް ތަނުގައި އިންޑިއާ އިން ހަމަޖައްސާނެ. އިންޑިއާ އިން ސަމްބެރިން އެއް ގެނެސް ބާއްވައިގެން އެ ސަބްމެރީން އިން ވެސް ހަމަލާ ދީފާނެ. މުސްތަގުބަލުގައި އެއްގަމުގައި ތިބެގެންނާއި އުދުހިފައި ގޮސް ހަމަލާދިނުމުގެ ގާބިލްކަން އެ ހޯދަނީ ރާއްޖޭގައި ތިބެގެން،" އުމަރު ވިދާޅުވިއެވެ.

އުމަރު ތަކުރާރުކޮށް ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާ ބޮޑު ކުރަނީ ރާއްޖޭގެ ރައްޔިތުންނަށް ހަމަލާއެއް ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ބޮޑަށް އެމީހުން ބަލަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ތިބެ ޗައިނާ އަށް ހަމަލާދޭން ކަމަށް ތުހުމަތު ކުރެއްވިއެވެ.

އިންޑިއާ އިން އުޅެނީ ދުޝްމަނުންގެ ބާރުގަދަވިޔަ ނުދޭން: ފައްޔާޒް

އުމަރު އެގޮތަށް ވިދާޅުވި ނަމަވެސް، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު އެކަން ދޮގު ކުރައްވައެވެ. ސެޕްޓެމްބަރު 17، 2020 ގައި "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ އިން ރާއްޖެ ހިފަން އުޅޭ ކަމަށް ބުނެ، ބައެއް މީހުން ދައްކަމުން އަންނަނީ އެއްވެސް ހަގީގަތެއް އަދި އަސާސެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ހަތިޔާރު އެޅި ސިފައިން ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް "ވަގުތަށް" ހާއްސަ އިންޓަވިއުއެއް ދެއްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ރާއްޖޭގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ވަނީ އިންޑިއާގެ ދުޝްމަނުން ރާއްޖޭގައި ބާރުގަދަ ވިޔަ ނުދިނުމަށް ޓަކައި، އެ ގައުމުގެ މަސްލަހަތު ރާއްޖޭގައި އެބައޮތް ކަމަށް ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ، އިންޑިއާގެ ސަރުކާރާއި ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އެބައޮތް ކަމަށެވެ. ރާއްޖޭގެ ތަރައްގީ އަށް އިންޑިއާގެ ވަރަށް ބޮޑެތި އެހީތަކެއް ލިބޭ ކަމަށާއި އެ ގުޅުމަކީ އަޅުވެތިކަމާ އެކުގައި އަންނަ ގުޅުމެއް ނޫން ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ މަސްލަހަތު ރާއްޖޭގައި އޮތީ އެ ގައުމުގެ ދުޝްމަނުން ރާއްޖޭގައި ބާރުގަދަ ވިޔަ ނުދިނުމަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"އެ ބޭފުޅުންގެ ސްޓްރެޓެޖިކް އިންޓްރެސްޓް އެބަހުރި އެ ބޭފުޅުންގެ ދުޝްމަނުން މިތާ އެތެރޭގައި ބާރު ގަދަ ނުވުން އަޅުގަނޑު ދެކޭ ގޮތުގައި. އެ ހުރިހާ ކަމަކާ ވެސް އެއްކޮށް އަޅުގަނޑުމެން ބޭނުންވާ ކަންކަމަށް އެހީތެރިވެގެން އެ ދަނީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒްގެ ވާހަކަތަކުގައި ވެސް އެ އިޝާރާތް ކުރަނީ އިންޑިއާ އާއި ޗައިނާއާ ދެމެދު އޮތް "ތަޅާފޮޅުމަށް" ކަމަށް ބެލެވެއެވެ.

"ދެ ގެރި ތަޅާނަމަ ފިތި، ފުނޑޭނީ އަހަރުމެން،"

އިންޑިއާ އިން ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއު އާއި ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމުގެ މަޝްރޫއު އާއި ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް ގާއިމު ކުރުމާއި ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އާއި އައްޑޫގެ މަގުތައް ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުން ފަދަ ކަންކަން ހިމެނެއެވެ.

ފައްޔާޒްގެ ވާހަކަތަކަށް ތާއީދު ނުކުރައްވައި އުމަރު ވިދާޅުވީ އެއީ ދިވެހިން ރުއްސަން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ. އޭގެ ފަހުގައި، އޭނާ މިސާލު ނެންގެވީ އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކަޑަމީއަށެވެ. އުމަރު ފާހަގަ ކުރެއްވި ގޮތުގައި ޕޮލިސް އެކަޑަމީ އެޅުމަށް އިންޑިއާއާ ހަވާލު ކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން ނުވަ އަހަރު ފާއިތުވެގެން ދިޔަ އިރު، އަދިވެސް އެ މަސައްކަތް ނިންމާނުލައި ތިބެނީ ގަސްދުގައި ކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ.

"އެ ތަނުގައި ފުލުހުންގެ ތަމްރީންތައް ހިނގާނެ. އަދި ހަމައެގޮތަށް އެމީހުންގެ މަސައްކަތް ވެސް ހިނގާނެ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑަކީ އަބަދުވެސް "ސުލްހައިގެ ކަނޑުގެ" ގޮތުގައި ދުނިޔެ ބަލައިގެންފައިވާ ކަމަށެވެ. އެކަމަކު، އެމްޑީޕީން ވެރިކަމަށް އައިސް އިންޑިއާއާ ކޮޅަށް ބުރަވުމުގެ ނަތީޖާއެއްގެ ގޮތުން ފުރުސަތު މި ދެވެނީ ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޖާގައެއް ކަމަށް ވިދާޅުވިއެވެ. އެންމެ ފަހުން ޗައިނާ އާއި ރާއްޖެއާ "ތަޅައިގަތީމަ ފުނޑޭނީ" ރާއްޖެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު "ވަގުތަށް" އިންޓަވިއު ދެއްވަނީ.؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ރަސްރަސްކަލުން ފެށިގެން މިތަނުގައި އަސްކަރީ ކަންކަން ހިންގުމަށް ޖާގަ ނުދެނީ އެހެންވެ. މި ދެ ގެރި ތެޅިޔަ ނުދޭން ހުރިހާ ކަމެއް މީގެކުރިން ކުރި. ޗައިނާއަކީ އިންޑިއާ އަށް ވުރެ ފަސް ގުނަ ބާރުގަދަ ގައުމެއް އަސްކަރިއްޔާގެ ގޮތުން. އިންޑިއާއަކީ ވެސް ވަރުގަދަ އަސްކަރިއްޔާއެއް އޮތް ގައުމެއް. ޗައިނާ އަށް ވަކި ދުލެއް ދޭން ބޭނުން ނުވާނެ. މި ދެ ގެރި ތަޅާ ނަމަ އަހަރުމެން ފިތޭނީ، އަހަރުމެން ފުނޑޭނީ،" އުމަރު ވިދާޅުވިއެވެ.

ނަމަވެސް އެ ވާހަކަތައް މީގެކުރިން ސަފީރު ދޮގު ކުރައްވާފައިވެއެވެ. އިންޑިއާ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއާ އަވަށްޓެރި ގައުމެއްގެ ގޮތުގައި އިންޑިއާ އޮވެ، ދިވެހި އިގްތިސާދު ވަރުގަދަ ކުރުން ކަމަށް ސަފީރު ވިދާޅުވިއެވެ. އިންޑިއާގެ ބޭނުމަކީ ދިވެހި އިގްތިސާދު އާރާސްތުކޮށް ދިނުމުގައި ބައިވެރިއަކަށް ވުން ކަމަށް ވިދާޅުވިއެވެ. އިންޑިއާ އެހީ ނުވާ ނަމަ، އިތުރު ބަޔަކު ރާއްޖެއަށް އެހީވާން ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ގިނަވާ ނަމަ، ދިވެހި ސިފައިންނާއި ފުލުހުންނާއި އަދި ދިވެހި ރައްޔިތުންނާ މެދު މައްސަލަތައް އުފެދުން ގިނަވާނެ ކަމަށެވެ. އެއް މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ހަނިމާދޫގައި ކާފިއު ގަޑީގައި އިންޑިއާ ސިފައިން ބޭރުގައި އުޅޭ މައްސަލައިގައި އާންމުން ކަންބޮޑުވުން ފާޅު ކުރަން ފެށުމުންނެވެ. އުމަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މިފަދަ އެތައް ފްރިކްޝަނެއް އަންނާނެއެވެ.

"ސައިކަލެއް ރޫޅާލައިގެން ގެންނަ ހެން ފަހަރަކު ބައެއް އެ ގެންނަނީ ރާއްޖެ އަށް. ފުރަތަމަ ފުރޮޅު ގެންނާނީ. ދެން އިންޖީނާއި ސައިކަލްގެ އެހެނިހެން ބައިތައް، ކަވަރާއި ލައިޓް ފަދަ ތަކެތި ގެނެސް ހުރިހާ އެއްޗެއް ހަމަ ކުރާނެ އަދި،" އުމަރު ވިދާޅުވިއެވެ.

"އެ ހިސާބަށް ކަންތައް ދިޔައީމަ، އައްޑޫ މޭޔަރަކަށް ހުންނެވި އަލީ ނިޒާރު މިއަދު އިންޑިއާއާ އެއްކޮޅަށް ވާހަކަ ދެއްކިޔަސް، މާދަމާ ޖެހޭ މައްސަލައަކުން އަދި އެ ދުވަހުން އިންޑިއާ އާ ދެކޮޅަށް ވާހަކަ ދައްކަން ފެށީމަ ނިޒާރު ކަނޑުފައްތާ މަރާލާނެ އެމީހުން. މީގައި މުސްތަގުބަލްގައި ގެއްލުން ވާނީ ދިވެހިންނަށް،" އުމަރު ވިދާޅުވިއެވެ.

"ކޮރަޕްޓް ނުވާނެ، ވަރުގަދަ ލީޑަރެއް ބޭނުންވޭ"

އުމަރު ވިދާޅުވި ގޮތުގައި އިންޑިއާ މި ގައުމުން ބޭލޭނެ "ލޯންގް ޓާމް" ހައްލަކީ އެމްޑީޕީ ރިޔާސީ އިންތިހާބުން ބަލިކޮށްފައި ގައުމީ ސަރުކާރެއް އެކުލަވާލުމެވެ. އިންޑިއާ އިން "ކިތަންމެ ފުނަށް ވަން ކަމުގައި ވިޔަސް" ވަރުގަދަ ލީޑަރެއް ވެރިކަމާ ހަވާލުވެވަޑައިގެންފި ނަމަ، އިންޑިއާ ބޭލުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި އިންޑިއާއާ ހަނގުރާމައަކަށް ދާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮރަޕްޓް ލީޑަރެއް އަނެއްކާ ލައިފި ނަމަ، އިންޑިއާ އިން އެ ލީޑަރު އަނެއްކާ ވެސް ގަންނާނެ. ހަގީގަތުގައި ވަރުގަދަ ލީޑާޝިޕެއް ބޭނުން ވަނީ،" ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި އުމަރު ވިދާޅުވިއެވެ.

އުމަރު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް އެހީވަނީ އިންޑިއާގެ އަސްކަރިއްޔާގެ ހަރަކާތްތައް މި ގައުމުގައި ފުޅާ ކުރުމަށް ކަމަށެވެ. އެހެންވެ، އެކަމަށް މަގުފަހި ކުރުމުގެ ގޮތުން މި ގައުމުގައި ތަރައްގީގެ މަޝްރޫއުތައް ފުރިހަމަކޮށް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެން ނޫނީ ކީއްކުރަން އެމީހުން އެހީވާންވީ؟ އިންޑިއާގައި ފެން ނުލިބި، ނުކައި، ކަރަންޓު ނުލިބި އެތައް މިލިއަން ބަޔަކު އެބަތިބި. އެމީހުންނަށް އެހީ ނުވެ ރާއްޖެ އަންނާނީ ބޭނުމެއް އޮވެގެން. ޕްރޮޖެކްޓުތައް ހިންގާ މީހުން އެތައް އަހަރެއް ވަންދެން ތިބޭނެ. އެއީ ގަސްދުގައި ކުރާ ކަމެއް،" އުމަރު ވިދާޅުވިއެވެ.

އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖެ އިން ބޭރު ކުރުމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އުމަރު ވިދާޅުވީ އައްޑޫގައި އަޅާ ޕޮލިސް އެކަޑަމީގެ މަސައްކަތް ނިންމަން ބޭނުން ނަމަ، އިންޑިއާ އިން ދޮޅު އަހަރުގެ ތެރޭގައި އެ ތަން ނިންމީސް ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖޭގައި ފަށަން އުޅޭ މަޝްރޫއުތައް 15 އަހަރު ނޫނީ 30 އަހަރަށް ދަންމާނެ ކަމުގެ އިންޒާރު ވެސް އުމަރު ދެއްވިއެވެ.

"އެއީ އެމީހުންގެ މީހުން ތިބުމަށާއި ކަންކަން ފެތުރުމަށް،" އުމަރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގްގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ މަޖިލިހުގެ މެމްބަރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ އިންޑިއާ އިން އެ ގައުމުގެ އަސްކަރިއްޔާގެ ހަރަކާތްތައް ފުޅާ ކުރުމުގެ ވިސްނުމެއް ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އިންޑިއާ އިން ބޭނުން ވަނީ ގާތް ރަހްމަތްތެރި ގައުމެއްގެ ގޮތުގައި އޮވެ، ރާއްޖެެ އަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ އިން އެވަރު ބޮޑު ލަނޑެއް ރާއްޖެ އަށް ދޭނެ ކަމަކަށް މިހާރު ގަބޫލެއް ނުކުރަން. މިއީ މުސްތަގިއްލު މިނިވަން ދައުލަތެއް، މި ދައުލަތުގެ ތެރެއަށް ވެރިވެގަންނަން އުޅޭ ނަމަ އިންޑިއާ އިން މިހާރު އޮންނާނީ ވެރިވެގެންފައި، އުމަރު ދައްކަވާ ވާހަކަތަކަކީ ހަގީގަތުގައި ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލު ކުރާނެ ކަމެއް ނޫން، އުމަރު ހަމަޖެހޭ ވާހަކައެއް ނުދައްކަވާނެ،" އެ މެމްބަރު ވިދާޅުވިއެވެ.

އެމްޑީޕީގެ އެ މެމްބަރު ވިދާޅުވީ އިންޑިއާ އަސްކަރިއްޔާ އިން އެހާ ފުޅާކޮށް ރާއްޖޭގައި މަސައްކަތް ކުރާ ނަމަ، އެކަން ބަޔަކަށް ނޭނގި ނުދާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި އިންޑިއާގެ ބާރު ފޯރުވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މެމްބަރު ވިދާޅުވި ގޮތުގައި މިވަގުތަކީ ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްކައިރިކޮށް، ގައުމު އަލުން ނަގާ ކޮޅަށް ނަގަން ޖެހޭ ވަގުތު ކަމަށެވެ. އަދި އިދިކޮޅު ލީޑަރުން ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެއްބާރުލުން ދޭން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަމަކު ހަގީގަތަކީ، ކުރިއަށް ވުރެ ބޮޑަށް ރާއްޖޭގައި ހިނގާ އެކި ކަންކަމަށް އިންޑިއާގެ ބައިވެރިވުން ފުޅާވެފައި އޮތް ކަމެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އިންޑިއާ ސިފައިން އެބަތިބިއެވެ. އެމީހުންގެ ނުފޫޒާއި ބާރު ފޯރުވަން ފަށައިފި ނަމަ، ދިވެހި ރައްޔިތުން ހަމަގައިމުވެސް މަޑުން ނުތިބޭނެ ކަން ޔަގީނެވެ. އިންޑިއާ އާއި ޗައިނާއާ ދެމެދު އޮތް "ހަނގުރާމަ" ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގަން ފަށައިފި ނަމަ، އެއީ ދިވެހިންނަށް އޮތް ނުރައްކަލެކެވެ. ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ބިރުވެރިކަމެކެވެ. އެ މަގުން ކަންކަން ހިނގަން ދިވެހި އެއްވެސް ރައްޔިތަކު ބޭނުން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކެހިވެރި އެޖެންޑާ 19

    މަދު ލާރި ކޮޅަ ކަށް ވި ކިފަ ތިބޭބަޔަކަށް ގައުމެއް ބޭނުމެއް ނުވާނެ..

    55
  2. ކޯރި

    ރާއްޖޭގެ ހުރިހާ ވިޔަފާރިއެއް ދިވެހިންގެ އަތުންބީވެއްޖެ. މިހާރު ދިވެހިންނިކަމެތިކޮށް އެވިޔަފާރިތަށް ދަނީ އިންޑިޔާގެ ބޮޑެތިމަހުޒަނުން ކޮންޓްރޯލްކުރަމުން. މިކަމުގެ ސަބަބުން ދިވެހިންނިކަމެތިވާނެ. ކޮންމެދިވެއްސަކުވެސް ވިސްނަންވީ ދިވެހިންނަށް ވަޒީފާދީ ދިވެހިވިޔަފާރިވެރިންކުރިއަރުވަން. މިހާރު އިންޑިޔާ މީހުން ރިސޯޓް އަދި އިންޕޯޓް އެކުސްޕޯޓް ވިޔަފާރިތެރޭގައި އަދި ހޯލްސޭލް އަދި ރީޓްވިޔަފާރީގެ ތެރޭގައި . ދިވެހިން ދެންޖެހޭނީ ދަމާކަޑާން. މީތޯދިވެހިންގެ ވިސްނުމަކީ ދިވެހިންނިކަމެތިކުރުންތޯ . ދިވެހިންނަށް ބާރުފޯރުވާ އަމުރުމައުރޯފުކުރާނޭ ކާފަރުންތަކެއް ދިވެހިންގެ މައްޗަށް އިސްކުރުންތޯ.

    48
  3. މިތުރާ

    ފިތޭނެ،، ރާ އްޖެ އަކީ 2ޕާން ފޮތިމެދުގަ އޮތް މަސްކޮޅެ އް، 1ފަރާތުގަ ޗަ އިނާ އަނެ އްފަރާތުގަ އިންޑިޔާ،

    30
    1
    • ޢަހުމަދު1

      މެދުމިނުގަ އި ހިފެހެ އްޓިފަ އި އޮތުން ރަނގަޅު

  4. ޝަގޫ

    އިންޑިޔާ ޗައިނާ ތަޅާފޮޅުމެއް ރާއްޖެއަކު ނެތް. އެއީ މިހާރު ހަގީގަތް ފޮރުވަން ނެރެގެން އުޅޭ ވާހަކަގަނޑެއް. ހަގީގަތަކީ މިމީހުން ވެރިކަމައް އައީ ރާއްޖޭގެ އެކިއެކި ކަންކަން އިންޑިޔާއަށް ދޭން އެމީހުންނަށް ހުށައަޅައި އެމީހުން އަތުން ފައިސާއަދި ސިޔާސީ އެހީ ހޯދައިގެން ކަމައްވާތީވެ އޭގެ ބަދަލުދެނީ ވެރިކަން ނުވެއްޓެނީސް. މިއީ ދިވެހިންގެ ތެރެއިން ނިކުންނަ ވެރިންގެ ހުރިފެންވަރަކީ. ފައިސާ އާއި ވެރިކަމައްޓަކާ އަމިއްލަ އަނބިދަރީންވެސް ވިއްކާހިސާބުގަ ތިބެނީ.

    43
  5. މަރޭ

    އބަދުވެސް އިންޑިޔާ އާ ޗައިނާ ތަޅަ ފޮޅަ އެކަމަކިު މިގައުަމަކަށް އެމަމެއް ނެގޭ. މިހާރު މިއެގެނީ މިގައުމުގެ ވަކިގޮތްތަކަށް ދީއްލޭތި އެހެން ނުންނަމަ އެއީ މައްސަލަ އެއްނުން.އަހަރެމެން 30 އަހަރުވެސް ދެކިފިން އެކަމަކު މިކަހަލަ ވާހަކަ ދައްކާކަށްނުހެޖެހޭ.

    26
  6. ޢުމަރާ ބުނަން...

    ޝައްކެއްވެސް ނެތެވެ! ބޮޑު ދެގެރި ތަޅަންޏާ ކަށްގަލައް ބާރުކުރާނެ އެވެ! އެކަމަކު މަގޭ ތަޖުރިބާގެ އަލީގައި މަށަށް ބުރަވެވޭނީ އިންޑިއާ ކޮޅަށެވެ. ސަބަބުތައް ބައިވަރެވެ. ބައެއް ކަންކަން ހާމަކޮއްލާނަމެވެ. ޒަމާނުއްސުރެ އޮތް ގާތްކަމެވެ. ޗައިނާއަށް ވުރެ ދިވެހިން އިންޑިއާ އަށް ފަރިތަ ވުމަކީ މީގެ މިސާލެކެވެ. ތަޢުލީމް ހޯދުމަށާއި، ބޭސްވެރިކަމަށް ދިވެހިން އިންޑިއާ އިޚްތިޔާރު ކުރާތީއެވެ. ނޮވެމްބަރު 3 ގެ ހަމަލާއިން ރާއްޖެ ސަލާމަތް ކޮށްދިނުން، ބޯފެނަށް ޖެހުމުން ފުރަތަމަ ރާއްޖެއަށް ފެން ފޯރުކޮށްދިނީ އިންޑިއާ އެވެ. ޢުމަރެއް ކަމަކު ކަންކަން އޮޅުވާލައް ނޫޅޭށެވެ! ތެދެކެވެ. އިންޑިއާ ގައި ކަރަންޓާއި، ކާންބޯން ނުލިބި އެތައް ބައެއް އެބައުޅެއެވެ. އެކަމަކުވެސް ރާއްޖެއަށް އެހީވަނީ އެވެ. އެމެރިކާ ގައި ވެސް ވަޒީފާ އާއި، ގެދޮރު ނެތް އެތައްބައެއް މަގުގެ އެއްފަރާތުގައި ޓެންޓް ޖަހައިގެން ދިރިއުޅެއެވެ. އެކަމަކުވެސް އެއީ ދުނިޔޭގެ އެންމެ ބޮޑު ބާރެވެ. އަބަދުވެސް ޤައުމުތަކަށް އެހީ ފޯރުކޮށްދެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާވެސް ކުޅުނީ ހަމަ އެއް ގޭމެކެވެ. އިތުރު ދައުރަކަށް ރައީސް ޔާމީން ނުހޮވުމުގެ ސަބަބުން ޗައިނާއަށް އެ ފުރުޞަތު ގެއްލުނީ އެވެ. ޢުމަރުވެސް ޤަބޫލުކުރާ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ހަމަލާއެއް ދޭކަށެއް ނޫޅެއެވެ. އެހެންވީއިރު ފިޠުނަވެރި ވާހަކަތައް ނުދައްކާށެވެ! މިބުނީ "މާދަމާ ޖެހޭ މައްސަލަޔަކުން، ދެކޮޅަށް ވާހަކަ ދައްކަން ފެށީމައި، އައްޑޫގެ މިހާރުގެ މޭޔަރު ނިޒާރު ބުނުން ފަދަ ވާހަކަ ތަކެވެ.

    1
    24
  7. އަބޫ އިބްރާހިމް

    އިންޑިޔާގެ ދުސްމަނުންނަކީ ރާއްޖޭގެ ދުސްމަނުންނަށް ވާކަށް ނުޖެހެއެވެ. ރާއްޖެއަކީ މިނިވަން ދައުލަތެއްކަމަށް އދ ގައިވެސް އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައިވެސް ހާމަކޮށް ބަޔާން ކޮށްފައިވެއެވެ. ކަން މިހެން ވާނަމަ އިންޑިޔާއިން އެމީހުންގެ ދުސްމަނަކާ ކުރާ ހަނގުރާމައެއްގެ މެދަށް ރާއްޖެ ލައިގެން އިންޑިޔާގެ ހަނގުރާމަ ރާއްޖޭގައި ކުރަން ފުރުސަތު ދިނުން އެއީ ކުރަން ޖެހޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
    ނާމް ނުވަތަ ނޮން އެލައަންސް މޫމެންޓް އުފެދުނު އިރު ރާއްޖެއަކީ އެ ހަރަކާތުގައި ބައިވެރިވެ ވަކިފަރާތަކަށް ބަސް ނުކިޔާ ގައުމެއްގެގޮތުގައި ދެމި އޮތެވެ. އަދި ބޭރުގެ އެހީތެރިކަންވެސް ރާއްޖެއަށް ލިބެމުން ދިޔައެވެ. ނަމަވެސް މިހާރު ގެންގުޅެން ޖެހެނީ އެއްވެސް މީހަކު ރުޅިއަރުވާ ނުލާ އެންމެނަށްވެސް އެއްވަރެއްގެ ގާތްކަމެކެވެ.
    އެއްވެސް މީހެއްގެ ހަނގުރާމައިގެ މައިދާނަކަށް ރާއްޖެ ވާންޖެހޭކަމަކަށް އެއްވެސް ދިވެއްސަކު ގަބޫލުކުރާނެ ކަމަކަށް ނުވިސްނެއެވެ.

    13
    1
  8. އިންޑިޔާ

    އިންޑިޔާ ޗައިނާ ވާދަވެރިކަމޭ ކިޔަސް ޗައިނާ އިން ރާއްޖޭގަ އެ ޤައުމުގެ ސިފައިން ބާތިއްބާފައެއްނެތް. ތަރައްގީގެ މަޝްރޫއު ތަކަށް ލޯންދޭއިރު ހަދާ އެޤްރީމެންޓް ރައްޔަތުންނަށް ދެއްކުން މަނަލެއްނުކުރެ. ޙުރިހާ ކަމެއްކުރަނީ ދެފުއްފެއްބަގޮތަށް. ޢިންޑިޔާ އިން މަސައްކަތް ލުރަނީ އަވައްޓެރި ޤައުމުތައް ތަރައްޤީ ވިޔަނުދޭން.

    16
  9. ރާއްޖޭގެ

    އެމްޑީޕީ އިން ރާ އްޖެ ވި އްކާލަނީ. ބޮޑުންގެ ޖީބުތަ އް ފުރަނީ. ލާދީނި އްޔަތު ފަތުރަނީ

    17
  10. ކިން

    އެމްޑީޕީ ހިސާބަށްވުރެ ގަމާރީ ނޫނީ ބޮޑު އަގުގަ ވިކިފަ ތިބީ. މިކަހަލަ ކަންކަމުގަ ދުރުވިސްނުން ނެތުމަކީ މުޅި ގައުމު ހަލާކުކޮށްލުމަށް މަގުފަހިކުރން. އިންޑިއާއިން އެކުޅޭ ކުޅިގަނޑު ޚުދު މިގައުމުގެ ވެރިންނަށްވެސް އިންޑިއާ މީހުން ނާންގާނެ. އެކަން ދެނެގަތުމުގެ ގާބިލްކަން ނެތް ބަޔަކު ބުނާނީ އުމަރު އެ ދައްކަނީ ބޯގޯސް ވާހަކަކަމަށް. އެކަމު އިންޑިއާއިން މިގައުމުން ފޭބުމުގެ އެއްވެސް ޚިޔާލެއްނެތްކަން އެއޮތީ ހެލިކޮޕްޓަރާ ހިސާބު ކުރިއްސުރެން ފެށިގެން ފެންނަން. އަދި މިހާރު ވިކޭ ބަޔަކު ނޫނީ ގަމާރު ބަޔަކު ވެރިކަމުގަ ތިބީމަ އެކަމުގެ ފުރިހަމަ ފައިދާ އިންޑިއާއިން ނަގަމުން އެދަނީ.

    17
  11. ޕީޖޭ

    އިންޑިޔާއިން އަބަދުވެސް އެހީވާކަމަށް ޤަބޫލުކުރަން.. މިސާލަކަށް ނޮވެމްބަރ3، ފެން އެކަން ދިވެހިން ވ ލޯބިން ބަލައި ގަންނަން..
    އުމަރުގެ ވާހަކަ އަކީ ވ ބޮޑަށް ޤަބޫލު ކުރެވޭ ވާހަކަތައް.. އެއީ ޤުރުޢާނުގައި ވާރިދުވެފައިވާ ބަސްތަކުން އެނގޭ ކާފަރުން މުސްލިމުންނަށް ހެވެއް ނޭދޭނެ…ކަޝްމީރު މަލިކަށް ވިސްނާލުމުން ބޮޑު މަންޒަރު ފެނޭ..
    މިހާރުން ފެށިގެން ގުޅުންތައް ވަކި މިންގަނޑަށް ފައްތަން ފެނޭ..

  12. ސސ

    ސޯލިހް ބޭގެ ކެމްޕޭނަށް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ހަރަދު ދިނީ އިންޑިޔާ ދެން އޮންނާނީ ގޮޑި ކޮއްކޮ ސަރުކާރެެއްތާ ؟

  13. އިބްރާ

    އަސްލު ވާގޮތަކީ ޗަ އިނާ އާ އި ގުޅިގެން ރާ އްޖެ ތަރަ އްޤީ ވެދާނެތީ އެކަން އިންޑިޔާ އަށް ހަޖަމްނުވީ.

  14. #އިންޑިޔާއައުޓް

    މި ޒަމާނުގައި ކާކު އަމިއްލަ އެދުމެއް ނެތި ތާކުން ތާކު ނުޖެހޭ ސަބަބަކާއި ނުލައި ތިހާ ހެޔޮވެގެން އުޅޭނީ؟؟ ހާއްސަކޮށް އެ އިންޑިޔާ؟؟؟؟

    ކޮންމެ ބަޔަކަސް އެމްޑީޕީން މާ ބޮޑަށް ކަންނޭނގެ ތި އިތުބާރު ކުރެވެނީ..... ބަޔަކު ކަމެއް ކުރާނީ ބުނެފައެއް ނޫން ފޯ....

  15. Anonymous

    ހަސަންތަކުރުގެ އިބިރާ އަ އް ވަާނުވާ ނޭގޭނެ އިބިރަާ ނުކިޔަވަާ

    1
    1
  16. ސަރު

    ޗައިނާއާ އިންޑިއާ ދެމެދު މައްސަލަތަކެއް އޮތަސް ކޮންމެހެން ރާއްޖޭގެ ތަންތަން ބޭރުގެ އަސްކަރިއްޔާ ތަކަށް ދޭކަށް ރައްޔިތުންބޭނުމެއްނުވާނެ އިންޑިއާއަކީ މުސްލިމުންނަށް ލޯއަޅާ ގައުމެއް

  17. ބަލާމީހަގެދަރި

    ޖީއެމް އާރް ކިޔާ ބަޔަކައް ހިބައިން ކަހަލަ ގޮތަކައް އެއަރ ޕޯޓް ދިނީމަ އެތަނުން އެމީހުންނައް ލިބުނު ޑޮލަރތައް އެނގުނީމަ އިންޑިއާއިން އައްގަދަ ކުރީ މީހަކު ބުންޏެއްނޫންތޯ 2 ރިސޯޓް އާ ލެފްޓޮޕަކުން ރާއްޖެ ހިންގިދާނޭ ކޮންމެ ރައްޔިތަކައް ސައިކަލެއް ދީގެންވެސް އެއީ ތެދެއްކަން މިއިނގުނީ ބޭރުބަޔަކައް އެއަރޕޯޓްދީގެން އެތަނުން ބޭރުކުރި ޑޮލަރތަކުން