ޕައިލެޓުންނަކީ ވަރަށް ބޮޑު ޒިންމާއެއް ނަގައިގެން ވަޒީފާ އަދާކުރާ ބައެކެވެ. އެތައް އަހަރެއްގެ ތަމްރީން ތަކަކަށްފަހު ކުރާ ހިތްވަރުން ފްލައިޓް ދުއްވުމުގެ ލައިސަންސް ލިބޭއިރު ޕައިލެޓުންނަކީ ވަޒީފާގެ ގޮތުން އާއިލާއާ ދުރުގައި މަސައްކަތް ކުރަން ޖެހޭ ބައެކެވެ. އަދި އުދުހުމަކީ ޕްއިލެޓުންގެ ވަޒީފާގެ މުހިންމު އެއްބައެވެ.

ވެރިރަށް މާލެ އަށް އުފަން އުމުރުން 25 އަހަރުގެ ޒަޔާން ޝަކީބަކީ ކުޑައިރުއްސުރެ ބޮޑެތި ވެހިކަލްތައް ދުއްވުމަށާއި އޭވިއޭޝަން ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. އޭނާ ޕައިލެޓަކަށް ވުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށްވީ އަމިއްލަ ހިތްވަރުންކަން ޔަގީނެވެ.

ޒަޔާން ބުނީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާގެ މައިންބަފައިންގެ ފަރާތުންނެވެ. ގާތް ރައްޓެހީން އަދި އެކީގައި ކިޔެވި ކުދީންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު ކަމަށް ޒަޔާން ބުންޏެވެ.

ޒަޔާންއަކީ ޑޭޝް 8 ސީރީސް 200 އަދި 300 ގެ ޕައިލެޓެކެވެ. އޭނާ ކުރިޔަށް އޮތް ތަނުގައި ބޭނުންވަނީ މިއަށްވުރެ ބޮޑު ފްލައިޓެއް ދުއްވާށެވެ.

ޒަޔާން ބުނީ ގިނަ މީހުން ޕައިލެޓުންގެ މަސައްކަތުގެ އަގު ވަޒަން ކުރާ ކަމަށެވެ. އަދި ގިނަ މީހުންގެ ފަރާތުން ވަރަށް ފައްސި ހިޔާލުތައް ލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި މަދު ބަޔަކު ދެކޭ ގޮތުގައި ޕައިލެޓުންގެ މަސައްކަތަކީ ވަރަށް ފަސޭހަ މަސައްކަތެއް ކަމަށް ބުނެ ފާޑު ކިއާކަން ފާހަގަކުރިއެވެ.

"ބައެއް މީހުން ހީކުރާ ގޮތުގައި ޕައިލެޓުން ތިބެނީ އޮޓޯޕައިލެޓަށް ލައިގެން ގޮނޑީގައި އިށީންދެގެން. މީހުންނަށް ނޭނގޭ އަސްލު ހަގީގަތުގައި މި މަސައްކަތުގެ ބުރަކަން. އެގޮތުން މޫސުން ގޯސް ދުވަސްތަކުގައި ފްލައި ކުރުން އެއީ ވަރަށް ބޮޑު ޗެލެންޖަކަށްވޭ. އަދި ޕްލޭނާ އެއްގޮތަށް ކަންކަން ނުދާ ގޮތްވެސް ވޭ." ޒަޔާން ކިޔަދިނެވެ.

ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ވަރަށް ހިތްވަރާއި ބުރަ މަސައްކަތް ޒަޔާން ކޮށްފައިވާ އިރު ވަރަށް ހަގު އުމުރެއްގައި ފްލައިޓްގެ ކެޕްޓަނަކަށް ވުމީ ޒަޔާންއަށް ހޯދުނު ބޮޑު ކާމިޔާބީ އެކެވެ. އަދި މިއަދާ ހަމައަށް އައުމަށް ކިޔެވުމުގެ އިތުރުން ކުރި މަސައްކަތްވެސް ބުރަކަން ޒަޔާން ފާހަގަ ކުރިއެވެ. އޭނާއަކީ ރާއްޖޭގައި ހިމެނޭ އެންމެ ޒުވާން ޕައިލެޓުންގެ ތެރެއިން އެކަކެވެ.

ޒަޔާންގެ އެންމެ ހަނދާނުން ނުފިލާ ދެ ދުވަހަކީ ފުރަތަމަ ހދ. ކުޅުދުއްފުއްޓަށް ދިޔަ ދުވަހާއި ކެޕްޓަނަކަށް ވި ދުވަސް ކަމަށް އޭނާ ބުންޏެވެ.

ބައެއް މީހުން ދެކޭގޮތުގައި އުދުހުމަކީ ވަރަށް އުނދަގޫ އަދި ބިރުވެރި ކަމެކެވެ. ޒަޔާން ބުނީ އުދުހުމަކީ ތިއަރީއަށްވުރެ ފަސޭހަ ކަމެއް ކަމަށެވެ. އެންމެ އުނދަގުލީ ރެގިއުލޭޝަން ކިޔަވަން ކަމަށް ޒަޔާން ބުންޏެވެ.

މީގެ އެއް އަހަރު ކުރިން، 2019 އިން ފެށިގެން ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 ގެ އާލަމީވަބާގެ ސަބަބުން ގެއްލުން ލިބުނު އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. މިކަމުގެ އަސަރު އޭވިއޭޝަން ދާއިރާއަށްވެސް ކޮށްފައިވާއިރު މިހާރުގެ ހާލަތަށް ބަލައި ކުރިޔަށް އޮތް ތަނުގެ ހާލަތު ރަނގަޅުވެ އަލުން އުދުހުންތައް އޮޕަރޭޓް ކުރަން ފެށުމުން އިތުރު ޕައިލެޓުންނަށްވެސް ބޭނުންވާނެ ކަމަށް ޒަޔާން ބުންޏެވެ.

ޕައިލެޓަކަށް ވުމަށް ބޭނުންވާ ނަމަ ވަރަށް އަހުލާގު ރަނގަޅު މީހަކަށް ވާންޖެހޭނެ ކަމަށް ޒަޔާން ބުންޏެވެ. އަހުލާގަކީ ކޮންމެ ވަޒީފާއެއް އަދާކުރިކަމުގައި ވިޔަސް ކޮންމެ މީހެއްގެ ގައިގައިވެސް ހުންނަން ޖެހޭ މުހިންމު ސިފައަކަށް ވާއިރު މި ދާއިރާއިން ކުރިޔަށް ދިއުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ޒަޔާން ބުންޏެވެ.

ކުރީއްސުރެ ބައެއް މީހުން ދެކޭ ގޮތުގައި ޕައިލެޓްކަން ކުރެވޭނީ ފިރިހެނުންނަށް އެކަންޏެވެ. އަދި އަންހެނުން މި ދާއިރާއަށް ނުކުތުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބައެއް މީހުން ދެކެއެވެ. މިއީ ބޯދާ ވިސްނުން ގެންގުޅޭ މީހުންގެ ހިޔާލަކަށްވާ އިރު ޕައިލެޓުންގެ ގޮތުގައި ދިވެހި އަންހެން ޕައިލެޓުން ތިބިކަން އުފަލާއެކު ފާހަގަ ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޒަޔާން ބުނާ ގޮތުގައި ޕައިލެޓްކަން ކިޔަވާ އަންހެން ކުދިން ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އަދި މިއީ ރަނގަޅު ކަމެއް ކަމަށް އޭނާ ދެކެއެވެ. އަދި ޕައިލެޓްކަން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި އޮންނައިރު ވަކި ޖިންސެއް އެކަމުގައި ތަފާތު ނުކުރާކަން ވެސް ޒަޔާން ފާހަގަ ކުރިއެވެ.

ޕައިލެޓެއްގެ އިތުރުން ޒަޔާން އަކީ ކުރެހުމަށާއި ފޮޓޯނެގުމަށްވެސް ވަރަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. ޒަޔާން ކުރަހާފައިވާ ގިނަ ކުރެހުންތައް މިހާރު އަތުގައި ނެތް ކަމުގައި ވިޔަސް އޭނާ ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އޭނާގެ އިންސްޓަގްރާމުގައި އެބަ ހުއްޓެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކުގައި އުދުހުމުގެ ތެރޭގައި ނަގާފައިވާ ހިތްގައިމު މަންޒަރުތައް ހިމެނެއެވެ.

ޒަޔާން ނަގާފައިވާ ގިނަ ފޮޓޯތަކުގައި އިރުއޮއްސޭ މަންޒަރު ގިނައިން ފެނިގެންދާއިރު ޒަޔާންގެ ފޮޓޯ ނެގުމުގެ ކުޅަދާނަކަން ފޮޓޯތަކުން ހާމަވެއެވެ. އަދި ޕައިލެޓަށް ވުމުން ފްލައިޓުގައި ހުރެ އިރުއޮއްސޭ މަންޒަރާއި އިރުއަރާ މަންޒަރު ހަމަލޮލުން ރީއްޗަށް ބަލާލަން އެންމެންވެސް ބޭނުންވާނެކަން ޔަގީނެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހެޔޮދުޢާ

  މާ ޝާ ﷲ! ޒުވާން ޕައިލެޓް ޒަޔާނަށް، ﷲ ގެ ޙަޒްރަތުން ރައްކާތެރި ކަމާއި، އިތުރު ކާމިޔާބު މިންވަރު ކުރައްވަވާށި! އާމީން.
  ކޮންމެ ދަތުރެއްގައި ވެސް ފެށުމުގެ ކުރިންނާއި، ދަތުރުމަތީގައި ވެސް، ފުރުޞަތު ލިބުނު ވަރަކުން ދަތުރު ދުޢާ ކިޔަށްޗެވެ!

  45
 2. އައްޑޫ

  މާލެއަށް އުފަން ވިޔަސް އައްޑޫ ބައްޕައެއްކަން ޔަގީން

  14
  2
  • ޓްރަންޕް

   ކޮން އައްޑޫ އެއް ދިވެއްސަކަށް ވީތީ ފަހުރު ވެރިވަން

   12
   3
  • ގުނބޯ ހައްދޭ

   ގޫބައްޑާ އައިލެންޑް އެއީ މޮޔައިން އުޅޭ ތަނެއް.

 3. އައްސަލާމް އަލައިކުމް

  ކޮންބޭފުޅެއްތޯ

  • އިބޫ

   މޮޅު ކުއްޖެއް، ރަގަޅު ކުއްޖެއް އެހާމެ ބަސް އަހާ ކުއްޖެއް. ﷲ ޒަޔާން އަށް އިތުރު ކުރިއެރުން ދެއްވާށި. އާމީން.

 4. ﷲގެ އަޅާ

  މާޝާﷲ! ދަތު ރު ދުޢާ ކިޔައްޗޭ އިނގޭ 😊ޕް ރައުޑް އޮފް ޔޫ .

  20
 5. ވޭވިންސިލްވާސަމްތިން

  ޕްރައުޑް !! ލަވްޔޫ