ފުރާވަރު އުމުރަކީ ކުދިންގެ އުޅުމަށް އިންގިލާބެއް ގެނުވާ އުނދަގޫ ދުވަސްވަރެކެވެ. މި އުމުރުގައި ކުދީންގެ އުޅުމަށް ހާއްސަ ސަމާލުކަމެއް ނުދެވިއްޖެނަމަ، ކުއްޖާގެ އަހްލާގަށް ބޮޑެތި ބަދަލުތަކެއް އައިސް ގޯސް މަގުން ކައްސާލައިގެންދާ މަންޒަރު ވެސް ފެނެއެވެ.

ރަހީނުކޮށްގެން ގެންގުޅުމަށްފަހު މަރާލާފައި، ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮތް ކުއްޖާގެ ދިރިއުޅުމަށް ވެސް ބަދަލުތަކެއް އައީ މިފަދަ ހާލަތެއް މެދުވެރިވުމުންނެވެ.

އެއީ މާލޭގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ ކުއްޖެކެވެ. ކުދިންނާއި ގުޅޭ، ސަކަ މިޖާޒެއް ހުއްޓެވެ. ލިޔެ އުޅުމަށް އުނދަގޫވިޔަސް ބަސް ބޭނުން ކުރުމުގައި ފަށުވި ހުނަރުކަން ލިބިފައިވެއެވެ.

މި ކަންކަމުގެ އިތުރުން ކުޅިވަރަށް ވެސް އޭނާގެ ޚާއްސަ ލޯތްބެއް ދެވިފައިވެއެވެ. މި ގޮތުން ކްރިކެޓް ފާހަގަކޮށްލެވެއެވެ. ކްރިކެޓަކީ އޭނާ ވަރަށް ގަޔާވާ ކުޅިވަރަކެވެ. ބޯޅަ އުކުމުގައާއި، ބޯޅަ ހިފުމުގައި އޭނާގެ ހުރި ހުނަރު ސްކޫލް މުދައްރިސުން ފާހަގަކުރެވެއެވެ. އަދި ކްރިކެޓް ބެޓަށްވެސް އެހާމެ ގަދައެވެ.

ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކުއްޖާގެ ކްރިކެޓް ކޯޗު ވަނީ މި ވާހަކަތައް "ވަގުތު" އާ ޚިއްސާކޮށްދީފައެވެ.

ކޯޗު ބުނި ގޮތުގައި އެ ޙަބަރު ލިބުމާއެކު ސްކޫލް ޓީމުގެ އެހެން ކުޅުންތެރިންނަށް ވެސް ހިތްދަތިކަން ގެނުވި ޚަބަރެކެވެ. އެއީ ޓީމުގެ އެހެން ކުޅުންތެރިންނާއި ގުޅިގެން ކުޅިވަރުގެ ރޫހާއެކު ކުޅެމުންދާ ނަމޫނާ ކުއްޖެއް ކަމުގައި ކޯޗު ސިފަކުރިއެވެ. އަދި ކްރިކެޓްގެ މައިދާނުގައި "ލީޑާޝިޕް ކުއާލިޓީ" ވެސް އެ ކުއްޖާގައި ހުރި ކަމުގައި ކޯޗު ސިފަކުރިއެވެ.

"އޭރު އެއީ ޓީމުގައި ހުރި އެންމެ ހުނަރުވެރި އެކަކު، އޭރު އެހެން ކުދިންނަށް އިރުޝާދު ދޭން ވެސް އެންމެ އިސްކޮށް ހުރި ކުއްޖަކީ އެއީ،" ކޯޗު ބުންޏެވެ.

އެ ކުއްޖާގެ ކްރިކެޓް ހުނަރުތައް ވަނީ 2019 ވަނަ އަހަރުގެ އިންޓާ ސްކޫލް މުބާރާތުން ވެސް ފެނިގެން ގޮސްފައެވެ. އެއަށް ފަހު، ގައުމީ ޓީމުގެ ޖޫނިޔާ ކްރިކެޓު ސްކޮޑުން އޭނާއަށް ޖާގަ ލިބުނެވެ.

ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދު ބަންދު ކޮށްފައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ ސްކޫލް އިތުރު ޓީޗަރަކު ވެސް "ވަގުތު" އަށް މި ކަންކަން ޚިއްސާކޮށްދިނެވެ.

އެ ޓީޗަރު ބުނި ގޮތުގައި އެންމެ ފަހުން އޭނާ ސްކޫލަށް އައިސްފައި ވަނީ ނިމި ދިޔަ މާޗު މަހު މާލެ ސްކޫލްތައް ބަންދު ކުރުމުގެ ކުރިންނެވެ. އޭގެ ކުރިން އޭނާ ބަރާބަރަށް ސްކޫލަށް ދެއެވެ. ކްރިކެޓްގެ އެކި ހަރަކާތްތަކުގައި ބައިވެރިވާ "މަޑުމައިތިރި ހިތްހެޔޮ" ކުއްޖެއްގެ ގޮތުގައި ސިފަކުރިއެވެ.

"އެއީ ވަރަށް ކުދިންނާ ގުޅޭ، މަޑުމައިތިރި، ހިތްހެޔޮ ކުއްޖެއް، އެއީ މެދު ފަންތީގެ ދަރިވަރެއް، ހިނގާ ދިޔަ ކަންކަމަކީ ވަރަށް ހިތާމަ ހުރި ކަންކަން،" ޓީޗަރު ކިޔައިދިނެވެ.

ޓީޗަރު ވެސް އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ކްރިކެޓް ކުޅުމަށް އޭނާ ހުރި ޝައުގެވެ. ސްކޫލަށް އައި ދުވަސްވަރުގައި އެ ކަމަށް އެ ކުއްޖާ ކުރި މަސައްކަތެވެ. އަދި އެހެން ކުދިންނަށް އެ ކުޅިވަރު ކުޅުމަށް ދިން އިރުޝާދުތައް ވެސް ފާހަގަކުރިއެވެ.

މަރާލާފައި އޮތް ކުއްޖާގެ ހަށިގަނޑު ފެނުނު ތަނުގައި މިހާރު ޖަހާފައި ހުރި ދަނޑިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ކުއްޖާގެ ހަށިގަނޑު ފެނުނު ތަނުގައި ޖަހާފައި ހުރި ދަނޑިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޭގެ ފަހުން އޭނާގެ ހަޔާތަށް އައި "ބަނަ" ދުވަސްތަކާއެކު މިހާރު މި ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ.

މި ކުއްޖާ ގެއްލުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ކުއްޖާ ނުފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އާދިއްތަ ދުވަހުއެވެ. އެއާއެކު ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ވަނީ ރަހީނު ކޮށްފައެވެ. ފުލުހުން ކުރި މަސައްކަތުން އެ ކުއްޖާ ފެނުނުއިރު އޮތީ މަރުވެފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. ދެ މީހުންނަކީ ވެސް ދިވެހިންނެވެ. މި ދެމީހުން ފެނިފައި ވަނީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއަކުންނެވެ.

އެ ގެސްޓު ހައުސްގެ ކޮޓަރިއަކުން އެ ދެ މީހުން ހައްޔަރު ކުރިއިރު އެ ކޮޓަރީ އެނދު ކައިރިން ލޭ ފެނިފައިވާ ކަމަށްވެއެވެ. އަދި އެ ކޮޓަރި ތެރެއިން ކަރުދާސް ކޮތަޅުގައި އެއްޗެހިތަކެއް ފުލުހުން ގެންދިޔަ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބަސްކް

  ތީ ކޮން ވާހަކައެއްތަ. ގެއްލިގެން އެ ދިޔައި ދިވެހި ދަރިޔެއް! ޕީރިއްޑް! އެކުއްޖާ ކްރިކެޓް ހުނަރު ހުރިއްޔަ ހެން ހީވާނީ ހިތާމައަކައް ވަނީ!

  11
  3
 2. ނަން

  ތިކަން ފުލުހުންގެ އިންޓެލްއަށް އިނގޭ ނަމަވެސް ރަހީނުކުރި ކުއްޖާ ސަލާމަތްކުރަންބެލިއިރު އޮތީ މާ ލަސްވެފައި

  16
  2
 3. ޔޫން

  ޥަރަ ރަންގަލު މޮލު މޮލު